ގދ. ތިނަދޫ: ރޯދަ މަހު ތިނަދޫގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުހިންގަން ކައުންސިލުން ވަނީ އަންގާފައި.
26 ޖެނުއަރީ 2025 - 13:33
ރޯދަ މަހުގެ އަޅުކަމަށް އިސްކަން ދިނުމުގެ ގޮތުން، ގދ. ތިނަދޫގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބާއްވަން އެ ރަށު ކައުންސިލުން އަންގައިފި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވޭތުވެދިޔަ އަހަރުތަކުގައި ވެސް ރޯދަ މަހު ތިނަދޫގެ ރައްޔިތުންގެ ފަރާތުން ރީތި މިސާލެއް ފެނުނު ކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާކޮށް، އެ ބަޔާނުގައި ވަނީ އަންނަ ރޯދަ މަހު ވެސް ދުވާލުގެ ވަގުތުތަކާއި ވަކިން ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތެއް ނުބޭއްވުމަށް އަންގާ ކަމަށެވެ.
"ދުވާލުގެ ވަގުތު ވެސް، އަދި ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމްކޮށް ނުހިންގުން،" ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނިގޮތުގައި އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ކައުންސިލުން ދޫކޮށްފައިވާ ބިންތަކާއި އެ ނޫން ވެސް ތަންތަނުގައި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރާކާތްތައް ނުހިންގޭނެ އެވެ. އަދި ގޭގޭގައި ވެސް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބޭއްވުމަށް އެ އިއުލާނުގައި އަންގާފައިވެ އެެވެ.
ކައުންސިލުން ބުނީ ކުޅިވަރާއި މުނިފޫހިފިލުވުމަށް ހަރަކާތެއް ކަމަށް ނުބެލެވޭ ރަސްމީ ހަރަކާތެއް ވިޔަސް، ކޮންމެހެން ހިންގަންޖެހޭ ހާލަތެއްގައި ނޫނީ ނުބޭއްވޭނެ ކަމަށެވެ. ނަމަވެސް ރޯދަ މަހާ ގުޅުން ހުރި ދީނީ ހަރަކާތްތައް ބޭއްވިދާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
ތިނަދޫ ކައުންސިލުން ބުނިގޮތުގައި ރޯދަ މަހާ ގުޅުން ހުރި ކަމެއް ރާވާ ނަމަ، ދުރާލައި ރޭވުމުގެ އިތުރުން އެކަން ކަމާ ގުޅޭ ހުރިހާ ފަރާތަކަށް އަންގަން ޖެހޭނެ އެވެ. އަދި އެކަންކަން ވެސް ކުރަންވާނީ އަޅުކަމުގެ ވަގުތަށް ދަތިނުވާނެ ގޮތަށް އަދި އާންމުންނަށް ވެސް ބުރައަކަށް ނުވާނެހެން ކަަމަށް އެ އިދާރާ އިން ބުންޏެވެ.
އެ ކައުންސިލުން ބުނީ ކަސްރަތާއި ސިއްހީ ބޭނުންތަކަށް ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހަދާފައިވާ ކުޅިވަރު މައިދާންތަކާއި ދަނޑުތަކާއި ޓްރެކް ފަދަ ތަންތަން ރޯދަ މަހު ދުވާލާއި ރޭގަނޑު ހުޅުވާފައި ހުންނާނީ ވެސް ވަކި ގަޑިތަކެއްގައި ކަމަށެވެ.
ތިނަދޫ ކައުންސިލުން އަންގާފައިވާ ކަންކަމަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި ގަސްދުގައި އުސޫލުތަކާއި ހިލާފަށް އަމަލުކުރާ ފަރާތްތަކަށް ކައުންސިލުން އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި އެފަރާތްތަކަށް ފިޔަަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅު އަޅާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
ތިނަދޫ ކައުންސިލުން ބުނާ ގޮތުގައި މިއަހަރުގެ ރޯދަ މަހަކީ ވެސް ވީހާވެސް ބޮޑަށް އަޅުކަމަށް އިސްކަންދީ، ރައްޔިތުންގެ މެދުގައި އިސްލާމީ އާދަތަކާއި އުސޫލުތައް އާލާވާން ފުރުސަތު ލިބޭ ދުވަސްތަކަކަށް ހެދުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަވަަހަކަ
28 January 2025
މޮޔަވާހަކަ
އަންދަލޫސިޔާ
28 January 2025
އަފްޣާނިސްތާނަށް މިތަން ބަދަލުކުރަން ނޫޅޭ!
ކޮސް ވާހަކަ
27 January 2025
މިދިޔަ އަހަރު ރޯދަމަހުވެސް ތިހެން އިއުލާން ނެރެފަ އޮތްވާ ކައުންސިލްގެ މެންބަރުން ބައިވެރިކޮށް ބެޑްމިންޓަން މުބާރަތެއް ރޯދަމަހު ކުޅުނުއިރު ތިނަދޫ ކައުންސިލުން ކުރެވުނު އެއްވެސް ކަމެއް ނެތް. ތިމާމެން ނެރޭ އިއުލާންތަކާއި ދެކޮޅަށް އުޅޭ ބަޔަކު މިނޫންނިއްޔާ ނެތް. ރައްޔިތުން މޮޔަ ހައްދަން އިއުލާން ނެރަފަ ތިމާމެން ބޭނުންހާ ކުޅިވަރެއް ރޯދަމަހުގައިވެސް ކުޅެނީ.
ޙަސަން އަޙްމަދު
27 January 2025
ފުރަތަމަ ކަމަކަށް ރޯދައަށް ހުރުމަކީ ވެސް އަޅުކަމެއް. ދެން އެމަހު އެމީހެއްގެ ހިއްމަތާއި މިންނަތުން އަޅުކަމުގައި ކުރިޔަށް ދާންވީ. މުނިފޫހި ފިލުވުމަކީ މުންކަރާތެއް ނޫން. އެއީ ހުއްދަކަމެއް. އެކަން ދިވެހި ރައްޔިތުންނަށް މާނަކުރުމުގެ ބާރެއް އެއްވެސް ކައުންސިލަކަށް ލިބިގެނެއް ނުވޭ. މުންކަރާތެއް ނަމަ މަނާވާން ޖެހެނީ ވަކި ރޯދަ މަހަކަށް ވެސް ނޫން. ދީނީ މިނިސްޓްރީއެއް އޮވެމެ ދީނީ ކަންކަމުގައި އަމިއްލަ މޮޅު ގޮތް ހަދަން އުޅެގެން މަގުފުރެދޭނީ.
އޮަޓޯ
27 January 2025
ރޯދަމަހަކީ ހަށިދުޅަހެޔޮކަމަށް ކުޅިވަރު ކުޅުން ހުއްޓާލަންޖެހޭ މަހެއް ނޫން. ނަމަވެސް، ރާއްޖޭގައި ރޯދަމަހު އެކަން ހިނގަނީ ރޯދަމަހަކީ އަޅުކަމާއި ތަޤްވާގެ މައްސަރުކަމަށް ބަލައިގެނެއް ނޫން. އާންމުގޮތެއްގައި ފެންނަނީ ކުޅިވަރާއި މަޖަލާއި ކެއުމުގެ މައްސަރެއް ބައެއް މީހުންނަށް އައިސްގެން އުޅޭ ކަހަލަ ގޮތަކަށް. ކުޅިވަރުވިޔަސް އެހެން ހަރަކާތެއްވިޔަސް ބޭއްވުން ހުއްޓުވުމަށްވުރެ ރަނގަޅުގޮތަކީ އެ ހަރަކާތްތައް ރޯދަމަހު ބާއްވާނެ ރަނގަޅު އުސޫލެއް އާންމުކުރުން.
ހުޅުޖެހިގޭ
27 January 2025
ރޯދަމަހު ކުޅިވަރުކުޅޭ މީހުންގެ ގޭގެއަށް ގޮސް ތަށި ތެލި ތަޅާލާ އެގޭމީހުންގައިގަ ހައްދުޖަހަން ފެނޭ!
ވެރިން
27 January 2025
އިއުލާން މަގުސަދު ރަންގަޅު އެކަމަކު ބަސް މޮށުން ތެރިކަން ހުރި ގޮތުން މީހުން ގާތަށް ރުޅި އައްނާނީ
ރަސްކަތީމު
27 January 2025
ތިނަދޫ ހާދަ ސަޅިއޭ، މަވެސް ބޭނުން ތިނަދޫއަށް ރަށްވެހިކަން ބަދަލުކުރަން. ކައުންސިލް ކުއްޖެ ނިކަން ބުނެދީބަލަ މަހަކު ކިހާވަރެތަ ދޭން މި ޖެހެނީ..
އުސްތާޒު
27 January 2025
ފަސް އޮތް، ފައިގަ ތަޅާ، ބަށި، ފުޓްބޯޅަ ވެސް ރޯދަ މަސް ވެގެން މަނާތަ؟؟؟ ކޮބައިތަ ތީގެ ހުއްޖަތަކީ؟؟؟ ކައުންސިލު ސޭހު ކޮބާތޭ؟؟؟
އިދިކީލި
27 January 2025
އަބަދުވެސް އިދިކީއްޔަށް އުޅޭ ބައެއް ތިރަށު މީހުންނަކީ. ވަކި ދައުލަތް ހަދައިން، ވަކި ފަތުވާ ނެރެ. ބޮއި ހަލާކު!!