އެމެރިކާގެ ރައީސްކަމާ ދެ ވަނަ ދައުރަކަށް ހަވާލުވެ ވަޑައިގަތް ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ބައެއް ގަރާރުތަކުގައި ސޮއިކުރައްވަނީ: ސަރުކާރުގެ ހަރަދު ކުޑަކުރުމަކީ ޓްރަމްޕުގެ އެންމެ ބޮޑު އެއް އަމާޒު. -- ފޮޓޯ: އޭއެފްޕީ
29 ޖެނުއަރީ 2025 - 06:06
އެމެރިކާގެ ފެޑެރަލް މުވައްޒަފުންގެ އަދަދު މަދުކޮށް ހަރަދު ކުޑަކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފެއްޓެވި މަސައްކަތުގައި، ވަޒީފާ ދޫކޮށްލަން ބޭނުންވާ މީހުންނަށް އަށް މަހުގެ މުސާރައިގެ ޕެކޭޖެއް ހުށަހަޅައިފި އެވެ.
ޓްރަމްޕުގެ އެޑްވައިޒަރު، އީލޮން މަސްކް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައިވާ މި ނިންމެވުމާ ގުޅޭ އީމެއިލް ފެޑެރަލް ހުރިހާ މުވައްޒަފުންނަށް ފޮނުވާފައިވާ ކަމަށް އެމެރިކާގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. އެއީ ދެ މިލިއަނެއްހާ މީހުންނެވެ.
އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު އެންބީސީ ނިއުސްއަށް ވިދާޅުވެފައިވާ ގޮތުގައި ފެޑެރަލް މުވައްޒަފުންގެ ތެރެއިން 5 - 10 ޕަސެންޓާ ދެމެދުގެ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. މި އަދަދަށް މީހުން ވަޒީފާއިން ވަކިވެއްޖެ ނަމަ ނަމަ ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އީމެއިލްގައި ބުނެފައިވަނީ އިސްތިއުފާ ދޭން ބޭނުންވާ މީހުންނަށް މި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމަޔަށް ފުރުސަތު އޮންނާނެ ކަމަށެވެ.
މި ނިންމެވުމާ އެކު ޓްރަމްޕް ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ފެށި، އޮފީހަށް ނުގޮސް އޮންލައިންކޮށް މަސައްކަތްކުރުމަށް ދީފައިވާ ހުއްދަތައް ވެސް ބާތިލްކޮށް އެންމެން އޮފީހަށް ނުކުންނަން ވެސް އަންގަވައިފަ އެވެ.
މިއީ ޓްވިޓާ ގަތުމަށް ފަހު ކުންފުންޏަށް ބޮޑެތި ބަދަލުތައް ގެނައި މަސްކް އޭނާގެ މުވައްޒަފުންނަށް ފޮނުވި ކަހަލަ ނިންމުންތަކެކެވެ. ޓްރަމްޕާއި ރިޕަބްލިކަން ޕާޓީގެ އެހެން މެމްބަރުންނަށް އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް 270 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުކުރެއްވި މަސްކަކީ ފެޑެރަލް ހަރަދުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ އާ އިދާރާ، ޑިޕާޓްމަންޓް އޮފް ގަވަމަންޓް އެފިޝިއެންސީ ހަވާލުކޮށްފަ އެވެ.
އެމެރިކާ ސަރުކާރުގެ އީމެއިލްގައި ބުނެފައިވަނީ ވަޒީފާ ދޫކޮށްލަން ބޭނުންވާ ނަމަ "ރިޒައިން" ލިޔެ ޖަވާބު ދިނުމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެނެޑީ
29 January 2025
ރިޒައިން
ދިލްމާ
29 January 2025
މީނާގެ ވެރިކަން ހާދަ ވައްތަރޭ އަހަރެމެންގެ ފުލެޓްދޮންބޭގެ ވެރިކަމާ.
މަހިނު
29 January 2025
ރިޒައިން. ކޮބާ މަގޭ ޕެކޭޖު
މަގޭހިނި
29 January 2025
މަހިނުމެން ރިޒައިން ޕެކޭޖު ނަގައިގެން ބޮޑުލާރިގަނޑަކާއެކު ވަޒީފާއިންވަކިވެ އަނެއްކާ ދެން އަންނަސަރުކާރެއްގެ ވަކިވި ވަޒީފާއައް ނުކުމެ ހުންނަނީ ދެން ކިހިނެއް ޕެކޭޖުދޭނީ.