އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގުއަންޓަނަމޯ ބޭ ޖަލަށް ގެންދަން ނިންމާފައިވާ ކަމަށް ވަނީ ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ
30 ޖެނުއަރީ 2025 - 07:00
އެމެރިކާގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ 30،000 މީހަކު، އެމެރިކާއިން ޓްވިން ޓަވަރު ގޮއްވާލި 9/11 ހަމަލާއަށްފަހު، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުން ބަންދުކުރަން ބޭނުންކުރާ ގުއަންޓަނާމޯ ބޭ އަސްކަރީ ޖަލުގައި ބަންދުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.
މި އާދަޔާ ހިލާފް ނިންމުން ޓްރަމްޕް އިއުލާނުކުރެއްވީ ލިޔެކިޔުން ނެތް ބިދޭސީން ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ ހާލަތުގައި ޝަރީއަތުގެ ކުރިން ވެސް ބަންދުކޮށްގެން ގެންގުޅުމުގެ ހުއްދަ ލިބޭ ގޮތަށް ފާސްކުރި ބިލް ތަސްދީގުކުރެއްވުމަށް ފަހުގަ އެވެ. އެއީ ވެނެޒުއޭލާއިން އެމެރިކާއަށް ވަގަށް އެތެެރެވެން އުޅުނު މީހެއްގެ ހަމަލާގައި މަރުވި އެމެރިކާ ދަރިވަރެއްގެ ނަމުން ނަން ދީފައިވާ ބިލެކެވެ.
ވައިޓް ހައުސްގައި ޓްރަމްޕް ވިދާޅުވީ ޕެންޓަގަން އާއި ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓަށް "ގުއަންޓަނާމޯ ބޭގައި 30،000 ޖާގައިގެ، ބިދޭސީންގެ ފެސިލިޓީ ތައްޔާރު ކުރުމުގެ މަސައްކަތް ފަށަން" އެގްޒެކެޓިވް އަމުރެއްގައި ސޮއި ކުރައްވާނެ ކަމަށެވެ.
"އެމެރިކާ ރައްޔިތުންނަށް ބިރަކަށްވާ، ގަވައިދާ ހިލާފަށް އުޅޭ މީހުން ބައިތިއްބަން ގުއަންޓަނާމޯގައި 30،000 އެނދު އެބަހުރި. އޭގެ ތެރެއިން ބައެއް މީީހުންނަކީ އެހެން ގައުމަކާ ހަވާލުކޮށްގެން ވެސް ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން ނެތްހާ ނުރައްކާ މީހުން. އެ މީހުން އެނބުރި މުޖުތަމައަށް އައިސްގެންނުވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރިޔާސީ ދެ ވަނަ ދައުރުގައި ވީ ވައުދު ފުއްދުމަށް، ފެސިލިޓީތަކުގެ ކެޕޭސިޓީ މިކަމުގެ ސަބަބުން ދެ ގުނަ އިތުރުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ "ގުއަންޓަނާމޯ އަކީ ނުކުންނަން އުނދަގޫ ތަނެއް" ކަމަށާއި މިއީ ނުރައްކާތެރި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާ ގާތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
އެމެރިކާއިން ކިއުބާގެ ގުއަންޓަމޯ ބޭ ގައި ޖަލު ހުޅުވީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ނުރައްކާތެރި ހަމަލާއަށް ފަހު އެވެ. އެތަން ބޭނުންކުރަން ފެށީ އަފްޣާނިސްތާނާއި އިރާގު ހަނގުރާމައިންނާއި އެހެން އޮޕަރޭޝަންތަކުގައި ހައްޔަރުކޮށް ކުށުގެ ދައުވާ ދުވަހަކުވެސް އުފުލާފައި ނުވާ މީހުން މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބައިތިއްބާށެވެ.
ކިއުބާގެ އިރުމަތީ ކޮޅުގައި އޮންނަ ގުއަންޓަނަމޯގައި އެންމެ ގިނައިން މީހުން ހައްޔަރުކޮށްފައި ތިބި އިރު ގާތްގަނޑަކަށް 800 އެއްހާ މީހުން ތިއްބެވެ. އެތަނުގައި މީހުންނަށް ދޭ ބޮޑެތި އަނިޔާތަކުގެ ވާހަކަ މީހުން ކިޔައިދީފައި ވާއިރު އެ އަނިޔާވެރިކަމަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސަމީރޯ
30 January 2025
އިހުސާން ޓުރަމްޕުއާއެކު އެމްއޯޔޫއެއް ހަދައިގެން މިއުޅޭ ގަވާއިދާހިލާފަށް އުޅޭ ބަނގަލަދޭސީންތައްވެސް ގުއަންޓެނާމޯބޭ އަށް ފޮނުވަންވީނު
މާނުސް
30 January 2025
މުޅި ދުނިޔެ އެމެރިކާއާއި އެމެރިކާމީހުން ދެކޭ ގޮތާއި ބަލައިގަންނަ ގޮތަށް ބޮޑު ތަފާތެއް އަންނާނެ. ޗައިނާޔާ ދިމާޔަށް ރުހުމުގެ ލޮލުން ބަލާ މީހުންނާއި ގައުމުތައް ގިނަ ވާނެ. މި ފެންނަނީ އެމެރިކާގެ ނުފޫޒުގެ ނިމުން
ސިއްތި
30 January 2025
ޓުރަންޕޫ. މިގައުމުގާ ނުގަވާއިދުން އުޅޭ ބަންގާޅީންތައްވެސް ގުއަންޓަނާމޯއަށް ގެންގޮސްދީބަލަ. މިގައުމުގާ އޮންނަނީ ނުގަވާއިދު މީހާ ހިފާއްޓާބަހައްޓާފާ ގަވާއިދަށް ފެއްތުން. މީ ކިހާ ދެރަކަމެއް.
މާލު
30 January 2025
ތިތަނަށް ލާންވީ އެމެރިކާގެ ވެރީންނާ އިޒްރޭލްގެ ވެރީން
އެޑްމުންޑޯ
30 January 2025
އެއީ އެމެރިކާގެ ހާލަތު ، ދުނިޔޭގެ ހުރިހާކަމެއްގައި އެންމެކުރީގައި އުޅޭ ގައުމުކަމަށް ބުނެވެނީ ، އެކަމަކު އެއުޅެނީ ގަވާއިދާ ޚީލާފަށް އެތެއްހާސް ބަޔަކު އެތެރެވެ ، ކުރާނެކަމެއްނޭގި ނުބެލިހެއްޓިގެން ، ދެން މިރާއްޖޭގެ އުޅޭ ގަވާއިދާ ޚިލާފްމީހުންގެ ވާހަކަ ކިހިނެއް ދައްކާނީ ،