02 ފެބުރުއަރީ 2025 - 06:53
(ބުދަ ދުވަހާ ގުޅޭ)
ޒަފާ ޖެހޭނީ ދުރުކުރާށެވެ. ޒަފާއަށް ކުރެވުނީ ތޫބާ ހިތްހަމަނުޖެހޭ އެންމެ ކަމެއް ނޫނެވެ. އެއް ފަހަރަކު ޒަފާ އާއި ރާއިދު އެކަނި ވެސް ފޮޓޯއެއް ނެގިއެވެ. ތޫބާގެ ނަޒަރުގައި ޒަފާ އެ ކަން ކުރީ، ކުރެވޭނެ އެންމެ ހަޑި ގޮތަށެވެ. ތޫބާ އެންމެ ލަދުގަންނާނެ ގޮތަށެވެ. ތިން މީހުން އެއްކޮށް ފޮޓޯއަށް ހުއްޓުމުން، އެ ފޮޓޯ ނަގަން ބޭނުންވަނީ ޒަފާ އާއި ރާއިދުއޭ ބުނެ، ތޫބާއާ ތަންކޮޅެއް ދުރަށް ޖެހި، ތޫބާ "އެކަހެރިކޮށް ލަދުގަންނަވައިލާފައި" އެވެ. ތޫބާގެ ހެދުމުގައި ޖަހާފައި ހުރި ޓައީއެއް ރަނގަޅު ކުރަން އެތެރެއަށް ވަދެފައި ނުކުތް އިރު ނަޖާތު އާއި ރާއިދު ދެ ފަރާތުގައި ބައިތިއްބައިގެން ޒަފާ ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. ތޫބާ ނިންމި ގޮތުގައި އެއީ ޒަފާ ކުރުވި ކަމެކެވެ. ރާއިދު ފެންބޮވައިގަނެގެން އުޅުމުން ތޫބާ ފެންތަށި ބަލައިދިޔަ ދަނޑިވަޅު، ތޫބާއަށް ވުރެ ކުރިން ޒަފާ ފެން ގެނެސްދިނެވެ. ޒަފާގެ ފަރާތުން ތޫބާއަށް ފެނުނު "ޖެއްސުންތައް" ގިނަވެގެން އެންމެ ފަހުން ތޫބާ ގުނުން ހުއްޓައިލިއެވެ. އެ ހުރިހައި ކަމެއް ހިނގަމުންދިޔައީ ސަލްވާގެ ލޯ ކުރިމަތީގައެވެ. ތޫބާ ބަދަލު ހިފާނެއެވެ. ދެބެން ދުރުކުރާނެއެވެ. ކުރިއްސުރެ ތޫބާއަށް ޝައްކު ކުރަމުން ދިޔަ ސަލްވާ އެ ވަގުތު ވެސް ހިތަށް އެރިއެވެ.
ގެއަށް އައި ގޮތަށް ރާއިދާ އެކުގައި ޒަފާ ވެސް ކޮޓަރިއަށް ވަނެވެ. އެއީ ވެސް ތޫބާއަށް ޖެއްސުމަށް ކުރި ކަމެކެވެ. ވަން ގޮތަށް ޒަފާ ނުކުންނާކަށް ނޫޅުނެވެ. އެއް ވާހަކައެއް ނިމޭ އިރަށް އަނެއް ވާހަކައެއް ފަށައެވެ. ތޫބާ ހުރީ ވަރަށް މުހިންމު ކަމަކަށް ތައްޔާރު ވެގެންނެވެ. ރޭގަނޑު ވަކި ވަގުތެއްގެ ކުރިން ރާއިދަށް ފޮނި އެއްޗެއް ކާންދޭން ޖެހެއެވެ. އިރުވަރު ކަޓައިފި ނަމަ ތޫބާގެ އަތުން ރާއިދުގެ ލަގަން ދޫވެދާނެއެވެ. ނަތީޖާއަކަށް ވާނީ ތޫބާގެ ޖާދޫއިން ރާއިދު މިނިވަންވުމެވެ. ފަރުދާތައް ކެހި ތޫބާ ބޭޒާރުވުމެވެ. ތޫބާގެ ހަގީގީ ސިފަ ހާމަވުމެވެ. ތޫބާ ހެދިގެން އުޅެނީ އޯގާވެރި ފަހަރިއަކަށެވެ. ފޫހީގެ މަތީގައި ހިނިތުންވުމެއް ކުރަހައިގެން ލައްކަ ހިތްވަރުކުރުމަށް ފަހު، އެންމެ ފަހުން ތޫބާގެ ކެތްތެރިކަން ފަހަނައަޅައިދިޔައެވެ.
"ހިނގާ ނިދަމާ ދޯ؟" ރާއިދުއާ ދިމާއަށް ތޫބާ ބުނެލިއެވެ.
އޭގެ މާނަ ރާއިދު އާއި ޒަފާއަށް ވެސް ވިސްނުނެވެ. ރީތިކޮށް އެ ބުނެވުނީ ޒަފާ ނުކުންނާށޭއެވެ.
"ދައްތަ ހިތްވަރުގަދަ،" ބުނާނެ އެއްޗެއް ނޭނގިގެން ޒަފާ ބުންޏެވެ. "އަހަރެން މީ ދައްތަ ނަމަ މިހާރު ދައްތަގެ އަތުގަ ހިފައި ދަމައި ނެރެފީމުސް."
އެހެން ބުނެފައި ހެމުންހެމުން ޒަފާ ނުކުތެވެ. ހަމަ ނުކުތުމާ އެކު ތޫބާ ދޮރު ތަންޑު އެޅިއެވެ. ހިތްހަމަނުޖެހުނުކަން އަންގާލަން ތޫބާ ބޭނުންވީ އެ ގޮތަށެވެ. ރާއިދު ދެނަހުރި ކަމަކަށް ނެހެދުނެވެ. އެ ރޭ ނިދަން އުނދަގޫވީ ނަޖާތަށެވެ. ލޯ މަރައިގެން ދެ ގަޑިއިރު އޮވެގެން ވެސް ނިންޖެއް ނައެވެ. މައްސަލައަކީ ރާއިދު އެހެން ކައިވެންޏެއް ކުރުން އެކަންޏެއް ނޫނެވެ. ހަފުލާ ތެރޭގައި ނަޖާތު ފެންނަ ކަމަށް ނަހަދަން ރާއިދު އުޅުނުހެން ނަޖާތަށް ހީވާތީއެވެ. ނަޖާތު އެހައި ދުރުކޮށްލަން ރާއިދަށް ޖެހުނީ ކީއްވެގެން ހެއްޔެވެ؟
ކިތަންމެ ނުރުހޭ އަންހެނަކަސް، ޅީދަރިއަކަށް ވެގެން ގެއަށް އައުމުން މަސްލަހަތު އިސްކުރަން ޖެހެއެވެ. ސަލްވާ އާއި ހާޝިމް ވެސް އެހެން ނިންމައި، އެ ހަގީގަތް ދިރުވާލުމުގެ މަސައްކަތް ފެށިއެވެ. އާންމު ދިރިއުޅުމާ ކުރިމަތިލީ، ކަމެއް ވީ ކަމަށް ވެސް ނަހަދައެވެ. ދަރިއެކޭ ތޫބާއެކޭ ތަފާތެއް ނުކުރެއެވެ. ތެދަށް ބުނާ ނަމަ، ދަރިއަކަށް ވުރެ ވެސް ރަނގަަޅަށް ތޫބާއަށް ކަންކަން ކޮށްދިނެވެ. ދަރިޔަކު ވެސް ގޯސްކަމެއް ކޮށްފި ނަމަ، އެ ކަން ރަނގަޅު ކުރުމަކީ ސަލްވާ ކުރާ ކަމެކެވެ. މަނާ ކުރަންޖެހޭ ކަހަލަ ކަމެއް ނަމަ މަނާ ވެސް ކުރެއެވެ. އެހެނަސް ތޫބާއަކަށް ހާޝިމް ވެސް އެހެނެއް ނަހަދައެވެ. ގާތްކޮށް ވާހަކަ ދެއްކިއެވެ. ލޯބިވިއެވެ. އުފަންދުވަހު ދަރީންނަށް ހަދިޔާ ދޭ ފަދައިން ތޫބާއަށް ވެސް ދިނެވެ. ބައްޔެއް ވެއްޖެ ނަމަ ހަމަ އެ ފަދައިން އެހީތެރި ވެސް ވިއެވެ. ހިތުގައި ޖެހުނު ލައްގަނޑު ބޮޑުވަމުން ދިޔައީ ތޫބާގެއެވެ. ރާއިދުގެ މައިބަފައިން ތޫބާއާ ކިހައި ނުގަބޫލުކަން ތޫބާ ހަނދާނެއް ނުނެތެއެވެ. ވީމާ، ލިސްޓުގައި ތަރުތީބު ކޮށްފައިވާ ގޮތަށް ބަދަލު ހިފިއެވެ.
ދޭތެރެޖެއްސުމަށް ވުރެ ހިތުގަ ޖައްސައިގެން މަގުސަދު ހާސިލު ކުރުމަކީ ތޫބާ މޮޅަށް ދަސްކޮށްފައިވާ ފަންނެކެވެ. އެއްދުވަހަކު ރާއިދު އޮފީހަށް ދާން ތައްޔާރު ވެގެން ނުކުމެ، ސައިކަލު މަތީގައި އިނދެއިނދެ ވަރުބަލިވީ އިރު ވެސް ތޫބާއެއް ނުނިކުތެވެ. ރާއިދު ހީކުރީ އެންމެ ފަހު ވަގުތު ކޮންމެވެސް ކަމެއް ޖެހިގެން ކޮޓަރިއަށް ވަނީކަމަށެވެ. ގަޑި ޖެހެން ފަސް މިނެޓަށް ވުމުން ތޫބާއަށް ގުޅިއެވެ.
"ކޮބާ؟" ރާއިދު ބުންޏެވެ. "އަވަސްކުރޭ!"
"... މީނީ އޮފީހުގަ." ތޫބާގެ ޖަވާބުއައީ އިރުކޮޅެއް ފަހުންނެވެ.
"އޭނ؟" ރާއިދަށް ބުނެވުނެވެ. "ހިނގާފަ ދިޔައީ؟ އެއީ ކީއްވެ؟"
ތޫބާ ޖަވާބެއް ނުދީ ފޯނު ބޭއްވިއެވެ. ދެމަފިރިން އުޅެނީ އެއް އޮފީހުގައެވެ. ކައިވެނީގެ ފަހުން ތޫބާ އޮފީހަށް ދަނީ ރާއިދުއާ އެކުގައެވެ. ދުވަހަކު ވެސް ތޫބާ އެކަންޏެއް ނުދެއެވެ. ރާއިދު ވަރަށް ކަންބޮޑުވެގެން އިނދެގެން އޮފީހަށް ދިޔައެވެ. އޮފީހަކު ތޫބާއެއް ނެތެވެ. ރާއިދު ޖެހުނީ ތޫބާއަށް ގުޅާށެވެ. އޭނަ އިނީ ކައިރީގައި ހުރި ކޮފީ ޝޮޕެއްގައެވެ. އެކަނިމާއެކަންޏެވެ. ރާއިދު އެ ތަނަށް ދިޔައެވެ.
"ކިހިނެއްވީ؟" ރާއިދު ހައިރާންވެފައި އެހިއެވެ.
"ކަމެއް ނުވޭ!" ފެންކަޅިވެފައި، ގަދަކަމުން ހިނިތުންވަމުން ތޫބާ ބުންޏެވެ.
ވީ ގޮތް އޮޅުންފިލުވުމަށް ޓަކައި އެތައް ފަހަރަކު، އެތައް ގޮތަކަށް ރާއިދު ސުވާލު ކުރަން ޖެހުނެވެ. ތޫބާ އުޅެނީ ނުބުނަން ވެގެންނެވެ.
"އަހަރެން ބޭނުމެއް ނޫން ފެމެލީ ތެރޭގަ އަހަންނާ ހެދި މައްސަލަ ޖެހޭކަން،" ތޫބާ ބުންޏެވެ. "އެކަމަކު ތި ވަރަށް އަހާތީ މި ބުނަނީ. ރާއިދު ބުންޏޯ އަހަރެން އުޅެނީ ބޯވައެއްހެން ރާއިދު ގައިގަ ތަތްކޮށްލައިގެންނޯ!"
"ނުބުނަން!" ހީނގެންފައި ރާއިދު ބުންޏެވެ.
"އަހަންނަށް އެނގެޔޭ ނުބުނާނެކަން،" ތޫބާ ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "ދެން ކީއްކުރަން ޒަފާ އެހެން ކިޔަނީ؟"
"ޒަފާ އެހެނެއް ނުބުނާނެ،" ހަމަ އެހައި ޔަގީންކަމާ އެކުގައި ރާއިދު ބުންޏެވެ. "ތީ އޭނަގެ ބަހުރުވައެއް ވެސް ނޫން."
"އޭރު ވެސް އެނގޭ ރާއިދު ގަބޫލެއް ނުކުރާނެކަން،" ކުރިޔަށް ވުރެ ހިތުގަޖެހިފައި ތޫބާ ބުންޏެވެ. "އެހެންވެ މި ވާހަކަ ނުބުނަން އުޅުނީ ވެސް. ޒަފާ ފޯނުން ކޮންމެވެސް މީހެއް ގާތުގަ އެހެން ބުނަނިކޮށް އަހަރެންގެ މި ދެ ކަންފަތުން އަޑުއެހީ. ދެން ރާއިދު ބުނޭ އަހަރެން ހަދަނީ ދޮގޭ!"
ގޮތެއް ނިންމަން ރާއިދަށް އުނދަގޫވިއެވެ. އެއްކޮޅުގައި އަނބިމީހާއެވެ. އަނެއް ކޮޅުގައި ކޮއްކޮއެވެ.
"ތޫބާ ދޮގެއް ނަހަދާނެ!" ރާއިދަށް ބުނަން މަޖުބޫރުވީ އެހެންނެވެ. "މި ގުޅަނީ ޒަފާއަށް."
ތޫބާ އެ ކަން މަނާކުރިއެވެ. އެ ވާހަކަ ތޫބާ ބުނީ ބޮޑު މައްސަލަގަނޑަކަށް ހަދާކަށް ނޫނެވެ. ހިތުގަޖެހުނުލެއް ބޮޑުކަމުންނެވެ. އެއްބަނޑުއެއްބަފާ ކޮއްކޮއެކޭ އެއްފަދައިން ޒަފާ ދެކެ ތޫބާ ލޯބިވާތީއެވެ. ތޫބާ ބޭނުންވީ އެއްވެސް ކަމަކަށް ނަހަދައި ރާއިދު އެ ކަން ހަނދާން ނައްތައިލާށެވެ. ދޭތެރެޖައްސައި، މާތްކަމުގެ މެޑެލި ޖަހައި، ލޯބީގެ ދެވަނައެއް ނެތް ފަދަ ނަމޫނާއެއް ދައްކައިގެން ތޫބާ ވާހަކަ އޮއްބައިލިއެވެ. ހަގީގަތް ފަޅާއެރިޔަ ނުދިނުމަށް ޓަކައެވެ. އެއީ ފުލޯކެއްކަން ބޭޒާރުވިޔަ ނުދިނުމަށް ޓަކައެވެ.
ޖެހިގެން އައި ދުވަހު ދެވަނަ މައްސަލަ ނެގިއެވެ. ހަމަ އެހައި މާސޫމު ކަމާއި ކުލުނާ އެކުގައެވެ. ފަހަރަކު މައްސަލައެއް، ފަހަރަކު ޝަކުވާއެއް ކުރަމުން ގޮސް ޒަފާ މަތިން ރާއިދު ފޫހިކޮށްލި އިރު އެ ވަނީ ކިހިނެއް ކަން ވެސް ރާއިދަށް ރޭކައެއް ނުލައެވެ. ޒަފާ ފެނިއްޖެއްޔާ ރާއިދު ހީނލައެވެ. ވާހަކަ ވެސް ދައްކައެވެ. އިސްވެ ވާހަކަ ދެއްކުން ހުއްޓައިލިއެވެ. ޒަފާއަށް ދޭނެ ވަގުތެއް ރާއިދަކަށް ނޯވެއެވެ. ޒަފާގެ ކޮޓަރިއަށް ވަނުން ހުއްޓައިލިއެވެ. އެއްވެސް ކަމެއް ނެތި ގޭގައި އިންނަ ވަގުތެއްގައި ވެސް ޒަފާ ތަނަކަށް ގެންގޮސްދޭން ބުނެފި ނަމަ ރާއިދު ދައްކަނީ ބަހަނާއެކެވެ. އެ އިން އެއްވެސް ކަމަކީ ކުރިން ރާއިދު ކުރި ކަމެއް ނޫނެވެ. އެންމެ ބޮޑަށް ޒަފާ ހިތުގަ ޖެހުނީ ބޭބެ ކުރިން ކުރާ ސަމާސާތައް ކުރުން ހުއްޓައިލީމައެވެ. އެ މައްސަލަ ހިފައިގެން މަންމަގެ ކޯޓަށް ޒަފާ ދިޔައެވެ.
"އޭރު ވެސް އެނގޭ ތިހެންކަން ވާނީ،" ސަލްވާ ފުރަތަމަ ވެސް ބުނީ އެހެންނެވެ. "އަދި ސިހުރު ވެސް ހަދާނެ."
"ސިހުރު؟ ވަޓް؟" ހައިރާންވެފައި ޒަފާއަށް ބުނެވުނެވެ. "ބްލެކް މެޖިކް؟"
ސަލްވާގެ އަނގައިން ބޭރުވީ ނުބައި ބަހެކެވެ. ބޭނުން ނަމަ، އެ ބަސް އަނބުރައި ގެންނަން ސަލްވާއަށް މަސައްކަތް ކުރެވުނީހެވެ. ގަސްތުގައި އެހެން ނެހެދީއެވެ.
"ޕާޓީގަ ދަރިފުޅު އުޅުނު ގޮތް ހުރިހާ ވެސް މައްސަލައަކީ،" ސަލްވާ މަޑުމަޑުން ބުންޏެވެ. "އޭރު ވެސް އެނގޭ ދެބެންގެ ދޭތެރެއަށް އެ ތޫބާ ވަންނާނެކަން. ފައްކާ ކަތުރުފަންޏެއް."
މައްސަލަ ނުއެއް އޮބެއެވެ. ހާޝިމް ގާތުގައި އެ ވާހަކަ ނުދައްކައެއް ވެސް ސަލްވާއަކަށް ނުހުރެވުނެވެ. ނަތީޖާއަކަށްވީ ގޭތެރޭގެ ވައި ނުސާފުވުމެވެ. ތޫބާ އާއި މައިދައިތަގެ ލޯބި ކިލަނބުވެ، ބަފާބެއިގެ ހިތުގައި ޖެހިފައިވާ ލައްގަނޑު ފެތުރެން ފެށުމެވެ. ހިމޭން ތޫފާނެއްގެ ހިމަފޮދު ވާރެއިން އެންމެން މަޑުމަޑުން ތެމެން ފެށިއެވެ. އަސްލު މައްސަލަ އޮތް ގޮތަށް ބާއްވައިފައި ކޮންމެ މީހަކު ވެސް ހުންނަނީ، ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައެވެ. ކުރެވެނީ ބޭކާރު ޝަކުވާއެކެވެ.
"މިއަދު ވެސް މަސްރިހަޔާ ބަތާ!" މެންދުރު ކާން އިށީނދެފައި، ޗޮކެއްކަނޑާފައި ޒަފާ ބުންޏެވެ.
އެ ވަގުތު ތޫބާއާއި ރާއިދު ކާން އިށީނދެ ތިއްބެވެ. ސަލްވާ އާއި ހާޝިމް ވެސް ތިއްބެވެ. އެއްޗެއް ބުނަން ޒަފާ ބޭނުންވަނީ ތޫބާއާ ދިމާއަށެވެ. އެހެނަސް ހުޅުފަޅައިގެން ދަނީ އެހެން ދިމާއަކަށެވެ. އެންމެން އެކުގައި ކާން އެރިޔަސް، ތޫބާ އިންނަ ތަނެއްގައި އިންނާކަށް ޒަފާ ބޭނުމެއް ނުވެއެވެ. ވީމާ، ބަހަނާއެއް ދައްކައިފައި ތެދުވެގެން ދަނީއެވެ. ރާއިދު އިންނަނީ، އަޑިއަޑިން ޒަފާ ދެކެ އިންތިހާއަށް ފޫހިވެފައެވެ.
"ދެން އަމިއްލައަށް ކާބޮނާރާ ހަދައިގެން ކައިބަލަ!" ޒަފާއަށް އަޑުއިވޭ ވަރަށް ރާއިދު ބުނެލިއެވެ.
"ސާބަސް ރާއިދު!" އާދައިގެ މަތިން، މާތްވާން ތޫބާ ބުނެލިއެވެ.
"ސާބަސް ރާއިދޭ؟" ތޫބާއަށް ދިމާއަށް ރާއިދަށް ބުނެވުނެވެ. "ތޫބާއަކަށްނު ސާބަސްދޭންވީ! ތި ގޮތަށް އޭނަ ބޭބީ ކުރާތީއޭ މައްސަލައަކީ."
ފުރަތަމަ ފަހަރަށް ތޫބާއާ ދިމާއަށް ރާއިދު އަޑުވީއްލައި އެއްޗެއް ބުނުމުން، ދެލޯ ބޮޑުކޮށްލާފައި ރާއިދުއާ ދިމާއަށް ތޫބާ ބަލައިލިއެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy