ޣައްޒާގައި ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމާ ގުޅޭގޮތުން ބޭއްވުނު "އަރަބް ސިކްސް-ޕާޓީ" މަޝްވަރާ ބައްދަލުވުން. --
02 ފެބުރުއަރީ 2025 - 22:52
ފަލަސްތީނުގެ ޣައްޒާގައި މިހާރު އަމަލުކުރަން ފަށާފައިވާ ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ދަމަހައްޓައި، އިޒްރޭލުގެ ހަމަލާތަކުން ސުންނާފަތިވެފައި އޮތް ޣައްޒާ އަލުން ބިނާކުރުމަށް، އަރަބި ގައުމުތަކުން އިސްނެގުމުން، ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.
ހަމާސް ޖަމާއަތް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ޣައްޒާއަށް 15 މަސް ދުވަސް ވަންދެން ދިން އުދުވާނުތައް ހުއްޓައިލުމަށް އެއްބަސްވެފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ.
އެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ދެ ފަރާތުން ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓައިލުމުގެ އިތުރުން، ހަމާސްއިން ރަހީނުކޮށްފައި ތިބި އިޒްރޭލުގެ ބަޔަކު މިނިވަންކުރުމާއި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީން މިނިވަންކުރަން ވަނީ އެއްބަސްވެފަ އެވެ.
ފަލަސްތީނުގެ ހާލަތާ ގުޅިގެން މިސްރާއި، ޖޯޑަން އާއި، ސައުދީ އަރަބިއްޔާއާއި، ގަތަރާއި، ޔޫއޭއީގެ އިތުރުން ފަލަސްތީނުގެ ހާރިޖީ ވަޒީރުން ވަނީ މިސްރުގައި ބައްދަލުވުމެއް ބާއްވައި، ގިނަ ނިންމުންތަކެއް ނިންމައިފަ އެވެ.
ޣައްޒާގައި ދެ ކުޑަކުއްޖަކު ފަލަސްތީނުގެ ދިދަ ހިފައިގެން. --ފޮޓޯ: އޭއެފްޕީ
އޭގެތެރޭގައި، ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ދެމެހެއްޓުމާއި، ފަލަސްތީނުގައި ދާއިމީކޮށް ސުލްހަ ގާއިމުކުރުމާއި، ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމާއި، ޣައްޒާއަށް އެހީ ވެއްދުމާއި، ސުންނާފަތިވެފައިވާ ސަރަހައްދުތައް އަލުން ބިނާކުރުން ހިމެނެ އެވެ.
އެ ބައްދަލުވުމުގައި ނިންމި ނިންމުންތަކަށް މަރުހަބާ ކިޔައި، ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ޣައްޒާގައި ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުންގެންދާ އެންމެހާ މަސައްކަތްތަކަށް ރާއްޖޭން ތާއީދުކޮށް، އެ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.
"އަދި ޣައްޒާގެ ހާލުގައި ޖެހިފައިވާ ހުރިހާ ސަރަހައްދަކަށް ލަސްނުކޮށް، އެއްވެސް ހުރަހަކާ ނުލައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަލުވިކަމާއެކު އެޅުމުގެ މުހިންމުކަން ދިވެހި ސަރުކާރުން ފާހަގަކުރަމެވެ،" ބަޔާނުގައި ބުންޏެވެ.
މީގެއިތުރުން، ޣައްޒާގައި ސުންނާފަތިވެފައިވާ ސަރަހައްދުތައް އަލުން ބިނާކުރަން މަޝްވަރާ ކުރުމަށް ބައިނަލްއަގުވާމީ ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ރާއްޖޭން ވަނީ މަރުހަބާ ކިޔައިފަ އެވެ.
އަދި ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ 1967ގެ ކުރިން ކަނޑައެޅިފައިއޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން ކަމަށް ރާއްޖޭން އަބަދުވެސް ގޮވައިލަމުންދާ ގޮވައިލުން ވެސް ތަކުރާރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު ފައިޞަލް
03 February 2025
"ހަމާސްއިން ރަހީނުކޮށްފައި ތިބި އިޒްރޭލުގެ ބަޔަކު މިނިވަންކުރުމާއި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީން މިނިވަންކުރަން " އިޒުރޭލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ މީހުންނާއި ކުދިންނަކީވެސް ރަހީނުން އިނގޭތޯ
ގެދާނޯމޮސް
03 February 2025
ޢައްޒާ ގެ މުސްލިމުންނަކީ ސީދާޝަހީދުން ކަމުގަ ޔަގީންވާތީ އާރެއްބާރެއް ފޯރުކޮށްލަން ނުކެރި ހާސްކަނޑާލާފަ ތިބި އަރަބިން ގެ ރަހްމްކުޑަ ކަމާމެދު ހައިރާން ވެއްޖެއެވެ.
ހިއްތަލަ ބިގަރު
02 February 2025
ކުއްވެރިކުރުމާ މަރުހަބާކިއުމުގާ ދިވެހިސަރުކާރު އޮންނާނީ މުޅިން އެހެން ލެވެލްއެއްގާ.