އާސެނަލްގެ ކޯޗު މިކަލް އާޓެޓާ: ޓްރާސްފާ މާކެޓްގައި ކާމިޔާބު ނުވުމުން އޭނާ ހުރީ މާޔޫސް ވެފަ --- ފޮޓޯ: އީޕީއޭ
05 ފެބުރުއަރީ 2025 - 10:39
ލަންޑަން (ފެބްރުއަރީ 5) – ނިމިދިޔަ ޖެނުއަރީ ޓްރާންސްފާގައި އާސެނަލްގެ ޓްރާންސްފާގެ ހަރަކާތެއް ނެތުމުން އެ ޓީމުގެ ކޯޗު މިކަލް އާޓެޓާ މާޔޫސްވެއްޖެ އެވެ.
އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބި ބުކަޔޯ ސަކާ އަދި ގެބްރިއަލް ޖެސޫސްގެ މަގާމު ފޫބައްދަން ކުޅުންތެރިން ހޯދަން އާސެނަލްއިން މަސައްކަތް ކުރި އެވެ. އެކަމަކު ލޯނު އެއްބަސްވުމުގެދަށުން ވެސް އެ ޓީމަށް އާ ކުޅުންތެރިޔަކު ގެންދެވޭނެ ގޮތެއް ނުވި އެވެ.
ބެޔާން މިޔުނިކްގެ މަތިސް ޓެލް އާއި އެސްޓަން ވިލާގެ އޮލީ ވަޓްކިންޒް ގެންދަން އާސެނަލްއިން މަސައްކަތް ކުރި އެވެ. ޓްރާންސްފާ ފީގެ ގޮތުގައި 45 މިލިއަން ޑޮލަރު އަގެއް ހުރި ފޯވާޑް ދޫކޮށްލަން ވިލާއިން ބޭނުމެއް ނުވި އެވެ. ޓެލްގެ ލޯން ޓްރާންސްފާ އަށް އާސެނަލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުން ވެސް މަސައްކަތް ކުރި އެވެ. ލޯނު އުސޫލުން އޭނާގެ ސޮއި ހޯދީ ޓޮޓްނަމް ހޮޓްސްޕާސް އެވެ.
އާސެނަލްގެ އެޓޭކް އޮތީ "ފަސޭހައިން ލަންބާލެވޭހާ" ނާޒުކު ފައްތަރެއްގައި ކަމަށް އާޓެޓާ ބުންޏެވެ. އެންމެ ބޮޑު މައްސަލައަކީ ފޯވާޑްލައިންގައި މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޖެސޫސް އާއި ސަކާ އަނިޔާގައި ތިބުމެވެ. ފޯވާޑެއްގެ ރޯލްގައި ހުރީ ކައި ހަވަޓްޒް އެވެ.
އާޓެޓާ ބުނީ ހަވަޓްޒް އަށް ބައެއް މެޗުތަކުގައި އަރާމުކުރަން ވަގުތު ދޭޏެ ގޮތެއް ހޯދަން މަސައްކަތް ކުރި ކަމަށެވެ. އެކަމަކު އެއްވެސް ޓްރާންސްފާއެއް އެ ޓީމަށް ކާމިޔާބު ނުކުރެވުމުން ކޯޗު ހުރީ މާޔޫސްވެފަ އެވެ.
"އަހަރެމެންގެ ސާފް ނިޔަތެއް އޮތް. އެއީ ކޮންމެ ފަހަރަކު ވެސް (ޓްރާންސްފާގެ) ފުރުސަތެއް ލިބިއްޖެއްޔާ ސްކޮޑް ވަރުގަދަ ކުރުމަށް އޭގެ ބޭނުން ހިފުން. އަހަރެމެންގެ ޓީމުގެ ކުޅުމަށް ބަދަލެއް ގެނެވޭނެ ކުޅުންތެރިންތަކެއް ހޯދުން،" އާޓޭޓާ ބުންޏެވެ.
"އެހަރެމެންނަކަށް އެކަމެއް ހާސިލެއް ނުކުރެވުނު. އެ ނަޒަރުން ވިސްނާއިރު އަހަރެން މިހުރީ ވަރަށް ބޮޑަށް މާޔޫސް ވެފަ. އެކަމަކު އަހަރެމެންނަށް އެނގޭ ކޮންމެ ކޮންމެ ކުޅުންތެރިޔަކު ގެންނަން އަހަރެމެން ބޭނުންނުވާކަން. އަހަރެމެން ބޭނުންވަނީ ވަކި ކަހަލަ ކުޅުންތެރިން ގެންނަން. އަހަރެމެން ޖެހޭނެ އެކަމުގައި ވަރަށް ޑިސިޕްލިން ވާން."
ޖެނުއަރީގައި ކުޅުންތެރިޔަކު ސޮއި ނުކުރެވުން އެއީ މާލީ ގޮތުން ރަނގަޅު ފިޔަވަޅެއް ކަމަށް ވެސް އާޓެޓާ ދެކެ އެވެ. އޭނާ ބުނީ އޭގެ ސަބަބުން ހޫނު މޫސުމުގް ޓްރާންސްފާ މަރުހަލާގައި އާސެނަލް އަށް ބޮޑު ހަރަދެއް ކުރަން މާލީ ގޮތުން ޖާގަ ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy