06 ފެބުރުއަރީ 2025 - 11:24
ޕްރިމިއާ ލީގުގެ ރެފްރީންނާއި ވީއޭއާރްގެ ނިޒާމަކީ ނަމޫނާއެއް ގޮތަށް އެހެން ގައުމުތަކުން ބަލާ ކަމަށް ލީގުގެ ޗީފް ފުޓްބޯލް އޮފިސާ ޓޯނީ ސްކޯލްސް ވިދާޅުވެއްޖެ އެވެ.
ޕްރިމިއާ ލީގުގައި ރެފްރީންނަށް ހެދޭ ގޯސްތައް މަދުކުރުމާ ބެހޭގޮތުން ބޭއްވި ކޮންފަރެންސްގައި ޓޯނީ ސްކޯލް ވިދާޅުވީ ރެފްރީންގެ ނިޒާމު ހަރުދަނާކުރުމަށް އަޅާ ފިޔަވަޅުތަކަށް ލީގުގެ ގިނަ ކްލަބްތަކުން ބަލައިގަންނަ ކަމަށެވެ.
"ދުނިޔޭގެ އެހެން ލީގުތަކުން ވެސް ދަނީ ޕްރިމިއާ ލީގުގެ ރެފްރީންނާއި ވީއޭއާރްގެ ނިޒާމު ނަމޫނާއެއްގެ ގޮތުގައި ބަލައިގެންފަ،" ކޮންފަރެންސްގައި ސްކޯލްސް ވިދާޅުވި އެވެ.
"އަދި އެ ގައުމުތަކުގެ ލީގުތަކުން ބޭނުންވޭ ޕްރިމިއާ ލީގުގެ ސިސްޓަމް އެ ގައުމުތަކުގައި ތަންފީޒު ކުރަން. ބައެއް ފަހަރު އިންގްލެންޑްގައި އެކަން ބަލައެއް ނުގަނޭ. އެކަމަކު އެހެން ގައުމޔަކުން އެކަން ބަލައިގަނެ އެގޮތަށް އަމަލުކުރަން ބޭނުންވޭ."
ރެފްރީންނަށް ހެދޭ ގޯސްތައް ކުރިއަށްވުރެ މަދުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ ސީޒަނުގެ މިހާތަނަށް އައިރު ރެފްރީންނަށް ހެދުނު ގޯސްތަކުގެ އަދަދު ހުރީ 80 ގައި ކަމަށެވެ. އެކަމަކު މި ސީޒަނުގެ މިހާތަނަށް އައިރު ރެފްރީންނަށް ހެދުނު ގޯސްތަކުގެ އަދަދު އުޅެނީ 64 ގައި ކަމަށް އޭނާ ފާހަގަ ކުރި އެވެ.
ޕްރިމިއާ ލީގުގެ ޗީފް ފުޓްބޯލް އޮފިސާ ޓޯނީ ސްކޯލްސް
މިދިޔަ އަހަރު ވީއޭއޭރުން ހެދުނު ގޯސްތައް ވެސް މަދުކުރެވިފައިވާކަމަށް ސްކޯލްސް ވިދާޅުވި އެވެ. މިދިޔަ ސީޒަނުގެ މިހާ ހިސާބުގައި 70 ގޯސް ވީއޭއާރުން ހެދުނު ކަމަށާއި މި ސީޒަނުގެ މިހާތަނަށް ވީއޭރުން ފާހަގަވީ 64 ގޯހެއް ކަމަށް ސްކޯލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން ޕްރިމިއާ ލީގުގައި އޭނާ ވީއޭރުން މައްސަލައެއްގެ ތެރެއަށް ވަންނަނީ ކޮންމެ ތިން މެޗަކުން އެއް މެޗުގަ އެވެ..
"މިއިން ދައްކާގޮތުން އަހަރެމެން ހީ ކުރާ ވަރަށް ވުރެ ވެސް ވީއޭއާރުން މައްސަލަތަކަށް މެދުވެރިވާ އަދަދު އަހަރެމެންގެ ތެރެއިން ގިނަ މީހުން ހީކުރާ ވަރަށް ވުރެ ވެސް މަދު ވާނެ،" ސްކޯލްސް ވިދާޅުވި އެވެ.
ވީއޭއާރުން މައްސަލަތަކުގެ ތެރެއަށް ވަނުމުން ހޭދަވާ ވަގުތާ އެކު މެޗުތަކަށް އަސަރުކޮށް ކުޅުންތެރިންނާއި ކޯޗުންގެ މަސައްކަތްތައް ވެސް މަޑުޖެހޭކަން އޭނާ ވެސް ގަބޫލު ކުރާ ކަމަށް ސްކޯލްސް ވިދާޅުވި އެވެ.
"އެހެންވެ އަހަރެމެން މި މަސައްކަތް ކުރަނީ ރެފްރީން ހަރުދަނާ ކުރުމަށް،" ސްޓޯކް ސިޓީގެ ސީއީއޯކަން ވެސް ކުރިން ކއަދާކުރި ސްކޯލްސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy