ދިރާގު ހެޑް އޮފީސް.--ފޮޓޯ:ނިޝާން އަލީ/މިހާރު
06 ފެބުރުއަރީ 2025 - 15:49
އޯޝަން ސިކްސް ފިފްޓީ އިން ދުނިޔޭގެ ރެކޯޑެއް ހެދުމަށް ބާއްވާ "އެކްރޮސް މޯލްޑިވްސް" ޑައިވް ހަރަކާތުގެ އެކްސްކްލޫޒިވް ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
އެ ޑައިވް ކުރުމަށް ތައްޔާރުވަމުން ދަނީ 2022 ވަނަ އަހަރު 50 ގަޑިއިރު ޑައިވްކޮށް، އޭޝިއާގެ އެންމެ ދިގު ސްކޫބާ ޑައިވްގެ ރެކޯޑް ހަދާފައިވާ ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނަސީމް އެވެ. އެ ހަރަކާތުގައި ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުން ފެށިގެން އެންމެ ދެކުނާ ހަމައަށް ފީނުމަށް ވަނީ ހަމަޖެހިފަ އެވެ.
"އެކްރޮސް މޯލްޑިވްސް"ގެ ހަރަކާތުގެ ތެރެއިން ދުނިޔޭގެ ދެ ރެކޯޑެއް ހެދުމަށް މަސައްކަތް ކުރާނެ އެވެ. އެކަން ކުރަން ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހައިލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މަސައްކަތް ކުރާނީ ހުޅުމާލެއިން މާލެއަށް 14 ކިލޯމީޓަރުގެ ސަރަހައްދެއް ފީނައިގެން ރެކޯޑު ހެދުމަށެވެ. ދެވަނަ ރެކޯޑް ހެދުމަށް މަސައްކަތް ކުރާނީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީގެ ގަމާއި ހަމައަށް، 460 ކިލޯމީޓަރުގެ ސަރަހައްދެއްގައި ފީނައިގެންނެވެ.
މި ހަރަކާތުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ރީތިކަން ދުނިޔެއަށް ދައްކާލައި، ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ ނުރައްކާތައް ދުނިޔޭގެ ސަމާލު ކަމަށް ގެނައުމެވެ. އަދި އެ ހަރަކާތުގެ އެހީގައި މޫސުމީ ބަދަލުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކޮށްފައިވާ އަސަރުތައް ދެނެގަނެ، އެކަމުގެ މުހިންމު މައުލޫމާތުތައް އެއްކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެ ހަރަކާތާ ގުޅޭގޮތުން ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގުން ކުރިއަށް ގެންދާ ސީއެސްއާރު ހަރަކާތްތަކުގެ ތެރެއިން "ކެއާ ފޯ ދި އޯޝަންސް"ގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމަށް އިސްކަން ދޭ ކަމަށެވެ. އެހެންކަމުން މިފަދަ ހަރަކާތަކަށް އެއްބާރުލުން ދިނުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިރުޝާން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ހޭލުންތެރިކަން އިތުރުވެ، ކަނޑުތައް ރައްކާތެރިކުރުމަށް އިތުރު ހަރަކާތްތައް ހިންގުމަށް ބާރު އެޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން މި ދަނީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ހިންގާ މިފަދަ މުހިންމު ހަރަކާތްތަކަށް ހިތްވަރުދީ، ޓެކްނޮލޮޖީގެ ޒަރީއާއިން ފޯރުކޮށްދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް." އޭނާ ވިދާޅުވި އެވެ،
ދިރާގުން މިފަދަ އެކި ހަރަކާތްތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy