އެމެރިކާގެ ފައިސާފޮތިތަކެއް: ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފައިސާފޮތި ޖެހުން ހުއްޓާލަން އަންގަވާފައި.
10 ފެބުރުއަރީ 2025 - 09:35
އެމެރިކާގައި ފައިސާފޮތި ޖެހުން ހުއްޓާލަން ޓްރެޒަރީއަށް އަންގަވާފައިވާ ކަމަށާއި އެއީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.
"ފައިސާފޮތި ޖަހަމުން އަންނަތާ މިހާރުވެސް މާ ގިނަ ދުވަސްވެއްޖެ. މިއިން ކޮންމެ ފައިސާފޮއްޗެއް ޖަހަން ދެ ސެންޓަށްވުރެ ބޮޑު ހަރަދެއް ހިނގާ. މިއީ ވަރަށް ބޮޑު އިސްރާފެއް،" ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތުގައި ލިޔުއްވާފައިވެ އެވެ.
"އަޅުގަނޑުގެ ޓްރެޒަރީ ސެކްރެޓަރީއަށް މިހާރު ވާނީ އާ ޕެނީ ޖެހުން ހުއްޓާލަން ލަފާ ދީފައި. އެއއީ އެންމެ ޕެނީއެއްގެ އިސްރާފެއް ކަމުގައި ވިޔަސް މި ގައުމުގެ ބަޖެޓުން އެ އިސްރާފެއް ނައްތާލަންޖެހޭ."
ޓްރަމްޕް އޭނާގެ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ މަސައްކަތް ހަވާލުކުރައްވާފައިވާ، ޑޮޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝެންސީގެ ވެރިޔާ ބިލިއަނަރު އީލޮން މަސްކު ވެސް މީގެ ކުރިން ވަނީ ފައިސާފޮތި ޖެހުމުގެ ހަރަދާ ބެހޭ ގޮތުން އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ.
ފައިސާފޮތި ޖެހުމަށް ހިނގާ ހަރަދާ ހެދި، އެކަން ހުއްޓާލުގެ ބަހުސަކީ އެމެރިކާގައި އާ ވާހަކައެއް ނޫނެވެ. މީގެ ކުރިން މި ބޭނުމުގައި އެތައް ބިލެއް ކޮންގްރެސްއަށް ހުށަހެޅިޔަސް އެ ބިލްތައް ވަނީ ފާސްނުވެފަ އެވެ.
ޓްރަމްޕުގެ މިފަހަރުގެ އެންގެވުމަށް ވެސް ކޮންގްރެސްގެ ރުހުން ބޭނުންވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެމެރިކާގެ އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވެފައިވާ ގޮތުގައި މިއީ ޓްރެޒަރީ ސެކްރެޓަރީ ބޭނުންވާ ނަމަ ހުއްޓާލައިގެން ތިބެވިދާނެ ކަމެކެވެ.
ނޯތުއީސްޓާން ޔުނިވާސިޓީގެ އިކޮނޮމިކްސް ޕްރޮފެސަރު ރޮބަޓް ޓްރައިސްޓް މިދިޔަ ޖެނުއަރީ މަހު ލިޔުއްވާފައިވާ ގޮތުގައި މިއީ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓަށް ކުރެއްވިދާނެ ކަމެކެވެ. އެކަމަކު މި ބަދަލާ އެކު ތަކެތީގެ އަގު ހަދާއިރު ރައުންޑްއޯފްކޮށް އެންމެ ގާތްކުރާ ފަސް ސެންޓަށް އެޖަސްޓްކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ކެނެޑާއިން 2012 ވަނަ އަހަރު ވަނީ ފައިސާގެ އަގު ދަށްވުމާއި ކޮންމެ ފައިސާފޮއްޗެއް ޖަހަން 1.6 ސެންޓް ހޭދަވާ ކަމަށް ބުނެ ފައިސާފޮތި ޖެހުން ހުއްޓާލާކަން އިއުލާނުކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްްކުއީން އެލިޒަބަތު 2
10 February 2025
ޑޮނާލްޑް ހާދަ ހެޔޮވިސްނޭ.. މިފަދަ ހެޔޮވިސްނޭ ވެރިއެއް އަހަރަމެން އަށް ވެސް ދެއްވާންދެ.
މެކްރޯނު
10 February 2025
ރާއްޖެއިންވެސް ވަކިލާރި ޖެހުން ހުއްޓާލަންޖެހޭ.. ކޮންމެ 50 ލާރިއެއް ޖަހަން 2 ރުފިޔާ ޙަރަދުވޭ