ދުނިޔެ / ސިންގަޕޫރު

މުސްލިމުން މެރުމުގެ މިޝަނަކަށް ތައްޔާރުވި ސިންގަޕޫރު ޒުވާނަކު ހައްޔަރުކޮށްފި

ސިންގަޕޫރުގެ މިސްކިތެއް: އެ ގައުމުގައި މިސްކިތެއްގެ ތެރޭ ހަމަލާދީ މީހުން މަރަން ރާވަމުން ދިޔަ ޒުވާނަކު ވަނީ ހައްޔަރުކޮށްފައި.

11 ފެބުރުއަރީ 2025 - 06:26

ނިއު ޒީލެންޑުގައި 2019 ވަނަ އަހަރު މުސްލިމުންގެ އެތައް ބަޔަކު މެރި ގޮތަށް ސިންގަޕޫރުގައި އެކަން ކުރުމުގެ މިޝަނަކަށް އޮންލައިން ގޭމެއް ބޭނުންކޮށްގެން "ތަމްރީން ހޯދަމުން" ދިޔަ އުމުރުން 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ސިންގަޕޫރުގެ ސަލާމަތީ ބާރުތަކުން އިއްޔެ ބުނި ގޮތުގައި އުމުރުން 18 އަހަރުގެ ނިކް ލީ ނަމަކަށް ކިޔާ މި ޒުވާނާ ހަމަލާ ރާވަމުން ދިޔައީ މީގެ ހަ އަހަރު ކުރިން ނިއު ޒީލެންޑުގައި މުސްލިމުން މެރި ބްރެންޓަން ޓެރަންޓް އެކަންކުރި ގޮތް މިސާލަކަށް ބަލައިގެންނެވެ.

ކްރައިސްޓްޗާޗްގެ މިސްކިތްތަކަށް ވަދެ 2019 ވަނަ އަހަރުގެ މާޗް މަހު ޓެރަންޓް ދިން ނުރައްކާތެރި ބަޑީގެ ހަމަލާތަކުގައި ވަނީ 51 މީހަކު މަރާލައިފަ އެވެ.

ސިންގަޕޫރުގެ އިންޓާނަލް ސެކިއުރިޓީ ޑިޕާޓްމަންޓް (އައިއެސްޑީ) އިން ބުނީ ލީ ބޭނުންވީ ސިންގަޕޫރުގައި މުސްލިމުންނާ ދެކޮޅަށް ހަމަލާތަކެއް ދޭން ކަމަށާއި އޭނާ އޮންލައިންކޮށް ވާހަކަ ދައްކަމުން ދިޔަ ކަނާތުފިޔައިގެ ހަރުކަށި ފިކުރުގެ މީހުން ވެސް އެކަން ކުރަން ބޭނުންވާ ކަމަށެވެ.

އެ ޑިޕާޓްމަންޓުން ބުނީ އޭނާގެ ހަމަލާ ދޭން އުޅުނީ ސިންގަޕޫރުގެ މިސްކިތެއްގައި ކަމަށާއި، އަމިއްލައަށް ހަދާފައިވާ ހަތިޔާރާއި ވަޅި އާއި އަލިފާން ބޮން ބޭނުންކުރުމަށާއި ހަމަލާ ދެމުން ދާއިރު ލައިވްސްޓްރީމްކުރަން ވެސް ރާވާފައިވާ ކަމަށެވެ. މިއީ ޓެރަންޓް ވެސް ހަމަލާ ދިން އިރު ކުރި ކަމެކެވެ.

އޭނާ ވަނީ ނިއުޒީލެންޑުގައި ޓެރަންޓް ހަމަލާ ދިން އިރުގެ ލައިވްސްޓްރީމް ވީޑިއޯ ހޯދައި ތަކުރާރުކޮށް އެ ވީޑިއޯ ބަލާފައި ކަމަށް އައިއެސްޑީން ބުންޏެވެ.

"އޭނާ ވަނީ ޓެރަންޓް އަކީ ނަމޫނާއެއް ކަމަށް ބަލައިގެން، ވަޔަލެންޓް އޮންލައިން ގޭމެއްގައި އެގޮތަށް ސިމިއުލޭޓްކޮށްގެން ތަމްރީން ހޯދަން މަސައްކަތްކޮށްފައި،" އައިއެސްޑީގެ ބަޔާނުގައިވެ އެވެ.

އައިއެސްޑީން ބުނީ ލީ ބަންދުގައި ބެހެއްޓުމުގެ އަމުރެއް މިދިޔަ ޑިސެމްބަރު މަހު ނެރުނީ އިންޓާނަލް ސެކިއުރިޓީ ގާނޫނުގެ ދަށުން ކަމަށެވެ. އެއީ ޝަރީއަތަކާ ނުލައި މީހަކު ބަންދުގައި ބެހެއްޓުމުގެ ބާރު ލިބޭ ގާނޫނެކެވެ.

އައިއެސްޑީން ބުނި ގޮތުގައި ލީ މުސްލިމުންނަށް ނަފްރަތުކުރަން ފެށީ 2023 ވަނަ އަހަރު، ސޯޝަލް މީޑިއާގައި މުސްލިމުންނާ ދެކޮޅަށް ފެތުރި ހަރުކަށި ފިކުރުގެ ޕްރޮޕެގެންޑާތައް ގަބޫލުކުރެވިގެން ކަމަށެވެ. ހަމަ އެ އަހަރު ވެސް ވަނީ މިގޮތަށް ހަމަލާ ދޭން ރޭވި 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފަ އެވެ.

ހަރުކަށި ފިކުރުތަކާ ދެކޮޅަށް ސިންގަޕޫރުގައި ވަރަށް ހާއްސަ އިސްކަމެއް ދީގެން އަންނަނީ ފިޔަވަޅުތައް އަަޅަމުންނެވެ. ޓެރަރިޒަމްގެ ނުރައްކާތަކާ ބެހޭ ގޮތުން މިދިޔަ ޖުލައި މަހު ސަރުކާރުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ފުރާވަރުގެ ކުދިން ހަރުކަށި ފިކުރުގެ ތެރެއަށް ދިއުން ކަންބޮޑުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. ސަލާމަތީ އިދާރާތަކުން ފާހަގަކޮށްފައިވާ ގޮތުގައި އަމިއްލައަށް ހަރުކަށި ފިކުރުތަކަށް ގޮސްފައިވާ 52 މައްސަލައިގެ ތެރެއިން 13 މައްސަލައަކީ އުމުރުން 20 އަހަރުން ދަށުގެ ޒުވާނުންގެ މައްސަލަތަކެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454