އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސްގައި: ޣައްޒާއިން މީހުން ނެރެ އެތަން ތަރައްގީކުރާނެ ކަމަށާއި އެކަމަކު ޣައްޒާއިން ނެރޭ މީހުންނަށް ދެން އެތަނަށް ނުދެވޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ
10 ފެބުރުއަރީ 2025 - 21:56
ފަލަސްތީނުގެ ޣައްޒާއިން އާންމުން ނެރެ އެތަން އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމަށް ގެންގުޅޭ ޕްލޭނުގައި އެތަނުން ނެރޭ އާންމުންނަށް އެނބުރި އެތަނަށް ދިއުމުގެ ހައްގު ނޯންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްމް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގެ ބައެއް ބައިތައް އާންމުކޮށްފައި ވާއިރު އޭގައި ޓްރަމްޕް ވިދާޅުވަނީ ޣައްޒާއަށް އޭނާ ހުށަހެޅުއްވީ "ކުރިމަގުގެ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް" ޕްލޭނެއް ކަމަށެވެ.
ފޮކްސް ނިއުސް ޗެނަލްގެ ބްރެޓް ބެޔަރަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ޣައްޒާ "އަމިއްލަކުރާނަން" ކަމަށާއި މި ޕްލޭންގެ ދަށުން ފަލަސްތީނު މީހުން ޣައްޒާއިން ބޭރުގައި ދިރިއުޅެން ތަފާތު ހަ ތަނެއް ހުންނާނެ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވިޔަސް، އަރަބި ދުނިޔެ އާއި ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ޣައްޒާއިން މީހުން ނެރުމުގެ އެއްވެސް ޕްލޭނަކަށް ތާއީދުނުކުރާނެ ކަމަށާއި އެކަމުގައި އެއްބާރުލުން ވެސް ނުދޭނެ ކަމަށް ބުނެފަ އެވެ.
"ނޫން، އެމީހުންނެއް ނުދާނެ، ސަބަބަކީ އެ މީހުންނަށް މާ ރަނގަޅު ބޯހިޔާވަހިކަމެއް ލިބޭނެތީ،" އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހަމަލާދީ ސުންނާފަތިކޮށްފައިވާ ޣައްޒާއިން މީހުން ނެރެން ބުނާއިރު އެ މީހުންނަށް އެނބުރި އެތަނަށް ދެވޭނެތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވި އެވެ.
"އެހެން ގޮތަކަށް ބުނާ ނަމަ އަޅުގަނޑު މި ދައްކަނީ އެ މީހުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދޭ ވާހަކަ. އެއީ އެ މީހުން މިހާރު އެނބުރި ދާން ޖެހޭ ނަމަ، އަދި އެތަނުގައި އުޅެން އެތައް އަހަރެއް ހޭދަވާނެ - އެއީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ތަނެއް ނޫން."
ޣައްޒާގެ އާންމުން މިސްރާއި އުރުދުން އަށް ގެންގޮސް ޣައްޒާ އަކީ ހިތްފަސޭހަ ރީތި ތަނަކަށް ބަދަލުކޮށްލާނީ ކަމަށް ޓްރަމްޕް ވިދާުޅުވަމުން ދާއިރު ފޮކްސްގެ އިންޓަވިއުގައި ވިދާޅުވީ ޣައްޒާގައި ދެ މިލިއަނެއްހާ މީހުންނަށް، ނުރައްކަލެއް ނެތް ހިސާބުގައ ރީތި އިމާރާތްތަކެއް ހަދައިދޭނެ ކަމަށެވެ.
"އަދި މި ހަދާ ތަނަކީ އަޅުގަނޑުގެ ތަނަކަށް ހަދާނަން. ވިސްނުން ހުރީ ކުރިމަގުގެ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެއްގެ ގޮތުގައި ކުރިއަށް ގެންދަން. އެއީ ވަރަށް ރީތި ބިންކޮޅަކަށް ވާނެ. މާ ބޮޑު ހަރަދެއް ވެސް ނުދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ޣައްޒާއިން މީހުން ނެރެ އެތަން ތަރައްގީކުރަންވީ ކަމަށް ޓްރަމްޕް ފުރަތަމަ ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވައިޓްހައުސްގައި ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ. އެ ޕްލޭނަށް ނަތަންޔާހޫ ވަނީ ވަރަށް ބޮޑަށް ތާއީދުކޮށް އެޔަށްވުރެ ވަކިން މޮޅު ހައްލެއް ނެތް ކަމަށް ބުނެފަ އެވެ. ޓްރަމްޕާއި ނަތަންޔާހޫގެ މި ވާހަކަތަކަށް އިސްލާމީ އަދި އަރަބި ގައުމުތަކުގައި އެހެން ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ދެކޮޅުހަދައި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފް އަދި ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުގެ
12 February 2025
64 ހާސް މީހުން މަރާފައި އެކަން ފޮރުވަން މިމީހާ ދައްކާ ވާހަކަ މިހުންނަނީ. އިޒްރޭލުން ހިންގި ގަތުލުޢާއްމުގެ ވާހަކަ އިސްލާމީ މީޑިއާއަކުން ވެސް މިހާރަކު ނުދައްކާ!
ސަނީސައިޑްބޮންޑް
12 February 2025
ފަހަތުގަހުރިމީހާގެ މޫނުމަތިން ބުނާކަހަލަ "މަގޭކުރިމަތީ މިހިރަ ކަލޭގެމީ މަށަށްވުރެވެސް ނުބައި ޒަޔަނިސްޓް ދައްޖާލެކޭ"..
ޖާރިޔާ
12 February 2025
މިފަހަރު އިޒްރޭލުން ފަލަސްތީން ފަތަހަ ކުރާނެހެން ހީވަނީ
ޙަސަން އަޙްމަދު
11 February 2025
މަ ހަމަ ކޮސްވޭ މިތާ ކޮށްފަ މިހިރަ ޔަހޫދީ ކޮމެންޓުތައް މި ނޫހުން ޝާއިޢުކުރާތީ ވެސް. ދީނޭ ކިޔައިގެން މިތާ ކޮމެންޓުކުރާ ގަމާރުންނަށް ނޭނގޭ މިއީ ތިޔަ ބުނާ ކުރިއަރާފަ ތިބި ގައުމުތަކުން ހަދާފައި ހުރި ބައިނަލްއަގުވާމީ ގާނޫނުތަކާ އިންސާނީ ހައްގުތަކާ ގުޅުންހުރި މައުޟޫޢެއްކަން ވެސް. މި ދިވެހި ޒަޔަނިސްޓުންނަށް ވުރެ މި މައްސަލައިގައި މާ ހޭލުންތެރި ޔޫރަޕާ އެމެރިކާގެ ޢާއްމު ރައްޔިތުން ވެސް. އެމީހުނާ މި މައްސަލަ ގުޅެނީ ހަމައެކަނި އިންސާނީ މިންގަނޑަކުން.
ނުފޮރުވޭނެ
11 February 2025
އަހަރެން ފޮނުވި އެންމެ ކޮމެންޓެއްވެސް ޖަހާލަން ނުކެރުނީ ޔަހޫދީންގެ މަކަރުވެރިކަން އެނގި ހާމަ ވެދާނެތީ ބިރުންދޯ؟؟ އެހެންޏާ ފަހެ މިތާ ދޮގު ހަދައިގެން ލިޔެފަ ހުރި ކޮމެންޓުތައްވެސް އެބަހުރި ޖަހާ ދީފަ..ކިތަންމެ ރުޅިއަޔަސް ތިޔަ އިޒުރޭލޭ ކިޔައިގެން އުޅޭ ބައިގަނޑަކީ ޔޫރަޕުންނާއި އެމެރިކާއިން އައިސްގެން އުޅޭ ބައިގަނޑެއް. ޢެބައިގަނޑު ޔޫރަޕުންވެސް ބޭރުކޮށްލީ ސަބަބުތަކެއް ނެތިއެއް ނޫން. ދެން މެދުއިރުމަށްޗަށް ގެނެސްގެން މުޅި ސަރަހައްދު ފަސާދަކުރަނީ.
ބަކުރު.
11 February 2025
ޢަރަބި ވެރިންނަށް ކަޓު ދީގެން އެކަންކުރާނީ. ތިއަކަމާ ދެކޮޅުވާނީ ހަމައެކަނި އިރާނުން. ދުނިޔެ ދެކޮޅުހެދިއަސް އެމެރިކާކުރާ އެއްވެސް ކަމެއް ނުހުއްޓުވޭނެ. މި ހަޤީޤަތް ގަބޫލުކޮށްބަލަ.
ޢަލް ސޭކް
11 February 2025
ދީނީ އިލްމު ވެރިންގެ ނުފޫޒު ސަރުކާރުގެ އެތެރެ ކޮއިލައް ވަދެވަފައިވާ އެއްވެސް ގައުމެއް ވޭތުވެދިޔަ 75 އަހަރުގެ ތެރޭގައި ތަރައްގީ ވެފައިއެއް ނެތް. ގަބޫލު ކުރިއަސް ނުކުރިއަސް އެއީ ޙަގީގަތް. ވަރަށް ބޯދާ ސިސްޓަމްތަކަށް ބައްޓަން ކުރެވިހުރި ބޭރުގެ މަދަރުސާތަކުން އެކި ފާޑުފާޑުގެ ސަނަދުތައް ހިފައިގެން އައިސް، ދީނީ ދަރުސް ދިނުން ފިޔަވައި، މިބައި މީހުން ރާއްޖޭގެ އިގްތިސާދީ އަދި އުމްރާނީ ތަރައްޤީގައި ބައިވެރިވެފައިވަނީ ވަރަށްވެސް ކުޑަ މިންވަރަކަށް.
ޕޫރުބެ
11 February 2025
އެމީހާގެ ހުރި ޖާހިލުކަން އެމީހަކަށް ނުފެނި އެހެން މީހުން ކުށްވެރިކުރަން ފޭގެޅުމަކީ އިބިލީހުގެ ދަރިންގެ ކަމެކޭ!
އަނބޮންފުޅު
11 February 2025
އަދި ތީގަ މޮޅު ކަމަކީ ސޭކުންގެ ބޯދާ ފަތުވާޔާއި ޚިލާފްވާ މީހުނަށް "މަރު" ޖެހުން، ލޭ ހުއްދަ ކުރުން. އިޒްރޭލާއި ޓްރަންޕް މުސްލިމުން މަރާތީ މެރުމާއި ދެކޮޅު، އަހަރެމެން އަހަރެމެން މަރަންޏާއި މެރުމާއި އެއްކޮޅު. އިޒްރޭލާއި ޓްރަންޕު ފަލަސްތީނުގެ ޢަރަބި ނަސޯރާއިނާއި ޑްރޫޒުނާއި ޚިލާފްވެގެންވީ މުސްލިމް މަޒްހަބްތައް ކަމުގައިވާ ޢަލަވީންނާއި ޝީޢީންނާއި ޤާދިޔާނީންނާއި މަރަންޏާއި ދެކޮޅު، އަހަރެމެންގެ ރާއްޖޭގައި ޚީލާފްވާ އެންމެ ފަރާތްތަކުގެ ލެއި ހުއްދަ
ހަޤީޤަތަކީ
11 February 2025
ދީނާ ނުލާވެސް އިންސާނާގެ އެއްވެސް ކަމެއް ފުރިހަމައެއް ނުވޭ. މިތަނުގާ ދައްކަބަލަ އިސްލާމްދީނުގެ އުސޫލުތައް ފުރިހަމައަށް އަދާކުރި ސަރުކާރެއް. ދީނުގެ އުސޫލުތައް ފުރިހަމައަށް އަދާކޮށްގެން އެއަށް ފުރިހަމައަށް އަމަލުކޮށްގެން ފިސާރި ވެރިކަމެއް ކުރެއްވި އެއްބޭކަލެއް ކަމުގަ އުމަރުގެފާނުން ހިމެނޭ. މުޅި ދުނިޔޭގަ އޭރު އޮތް އެންމެ ބާރުގަދަ ޚަލީފާކަމުގަ ވެލެއްވި.އަހަރެމެން ކަންކަން ކޮޅެއްގަ ނުޖެހެނީ ދީނުގެ އެއްބަޔަށް އަމަލުކޮށްފަ އަނެއް ބަޔަށް އަމަލު ނުކުރާތ
ހަމާސް
11 February 2025
ރާއްޖެވެސް މި އޮންނަނީ ދީނީ ހަރުކަށި ފިކުރުތަކުގެ ސަރުކާރުތަކުގެ ބާރުގެ ދަށުގައި. ދުވަހަކު ވެސް ތަރައްގީއެއް ނުވޭ. ޑުބާޢީން ރައްޔިތްކަން ދޭ ނަމަ މަވެސް ނައްޓާލާނާން. ޢަރަބިން ތިޔަ މައްސަލަ މި ގޮތުންވެސް ނިންމާން ބޭނުން ނުވަނީ އެއީ ތިޔަ މައްސަލަ ދަންމަނީ ތި މައްސަލަ ނުނިމި އޮތްހައި ހިނދަކު އިޒްރޭލް ދެމިއޮތުމަށް ހުރަސް އެޅޭނެތީ
މިޑްއީސްޓާރން
11 February 2025
1948ގައި އިޒްރޭލް އުފެދުުމުން ޢަރަބި ގައުމުތަކުގައި އިހު ޒަމާނުންސުރެ އުޅެމުން ދިޔަ ޔަހޫދީން ބޭރުކޮށްލެވުނު. އެ މީހުނަށް އިޒްރޭލުން ރައްޔިތްކަން ދީ އިޒްރޭލްގައި ވަޒަންވެރިވި. ޔަހޫދީންގެ މައްސަލަ ނިމުނީ އެ ގޮތުން. ޣައްޒާގެ ޢަރަބިންގެ ތެރޭން ވެސް ދުބާއީ ފަދަ މުއްސަދި ޢަރަބި ގައުމުތަކަށް ހިޖްރަކޮށް ސިޓިޒަންޝިޕް ހޯދައިގެން ވަޒަންވެރިވާން ބޭނުންވާ މީހުނަށް ސިޓިޒަންޝިޕް ދީ މައްސަލަ ހައްލު ކޮށް މެދުއިރުމަތީގައި ސުލްހަ ގާއިމުކުރަން ޖެހޭ،
އަސރަފަ
11 February 2025
އިސްލާމީ ގައުމުތަކުގެ ވެރިން ތިބޭނެ މިކަންވެސް ކުއްވެރި ކޮށްލަ ކޮށްލާ
ކެރޭނެތަ
11 February 2025
ޓްރަންޕައް ކެރޭނެތަ ޢައްޒާގެ ހުރިހާ ރައްޔިތުން އެމެރިކާއައްގެންގޮސް ގެދޮރު އެމެރިކާގަ ބިނާކޮއްދީ އެމީހުން އެތާ ވަޒަންވެރިކުރުވަން. ޓްރަންޕު މުޅިންވެސް ވާހަކަ ދައްކާއަޑުއިވެނީ އެމީހުން ޓްރަންޕުގެ އަދި އެމެރިކާގެވެސް މިލްކުވެރިކަމެއް ނެތް ތަންތާ ވަޒަންވެރިކުރުވާނެ ވާހަކަ އެދި ބައެއްގެ ބިން އެމީހުންއަތުން ގަދަކަމުން އަތުލާނެވާހަކަ ގޮވާތަން.