އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ މި މަހުގެ ކުރީކޮޅު އެމެރިކާ އަށް ކުރެއްވި ދަތުރުގައި އެމެރިކާގެ ރައީސް ޓްރަމްޕާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
13 ފެބުރުއަރީ 2025 - 08:41
ހުސްވި ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ވެރިކަމާ ހަވާލުވި، ރައީސް ޑޮނަލްޑް ޓްރަމްޕު މަގާމުގެ ހުވައި ކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރު ވެސް، ބަތާނައިން ފެށިގެން މުޅި ފޭރާން އެއްކޮށް ވިޔެފައި އޮތީ ބޮޑާކަމާއި ކިބުރުވެރިކަމުގެ ރޮދިންނެވެ. އެކި އިބާރާތްތަކުން ބަޔާންކޮށްދެމުން ގެންދިޔައީ، އެމެރިކާގެ ބާރުގަދަ ކަމާއި ނުފޫޒު އޮތް މިންވަރެވެ.
ޓްރަމްޕުގެ ފުރަތަމަ ތަގުރީރަށް ނަޒަރުކުރާއިރު، ދުނިޔޭގެ ކޮންމެ ތަނަކަށްވެސް، އެމެރިކާ ބޭނުން އިރަކު ބޭނުން ގޮތެއް ހެދިދާނެ ކަމަށް އޭނާ ދެކެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވުނީ މުސްލިމުންނަށާއި އިސްލާމީ ދުނިޔެއަށް ބިރުދެއްކުމަށް އޭނާ ދެއްވި އިންޒާރުތަކެވެ.
ޕެނަމާގެ އިމުގެ ތެރޭގައި އޮންނަ ޕެނަމާ ކެނަލް އެމެރިކާއިން އަތުލައިގަންނާނެ ކަމަށް ޓްރަމްޕު ވިދާޅުވި އެވެ. އަދި ގަލްފު އޮފް މެކްސިކޯގެ ނަން ގަލްފު އޮފް އެމެރިކާގެ ނަމަށް ބަދަލުކުރުމަށް ނިންމެވި އެވެ. އެ ފަދަ އެތައް އިންޒާރުތަކެއް ދެއްވުމަށް ފަހު އެ ތަގުރީރު ނިންމަވާލެއްވީ، ބޮޑާކަމާއި ކިބުރުވެރިކަމުގެ އެފަދަ ދެވަނައެއް ނެތް އިބާރާތަކުންނެވެ.
"އަހަރެމެން ކޮޅަށް ތެދުވެ ތިބޭނީ ހިތްވަރާއެކުގައި. އަހަރެމެން ދިރިއުޅޭނީ ފަޚުރުވެރިކަމާއެކުގައި. އަހަރެމެން ހުވަފެން ދެކޭނީ ހިތްވަރު ގަދަކަމާއި އިތުބާރާ އެކުގައި. އަހަރެމެންގެ މަގަށް އެކަކަށް ވެސް ހުރަހެއް ނޭޅޭނެ. އެއީ އަހަރެމެންނަކީ އެމެރިކާ މީހުން ކަމަށް ވާތީ. މުސްތަގުބަލަކީ އަހަރެމެންގެ އެއްޗެއް. އަދި ދާދި ދެންމެ ފެށިގެން މިދިޔައީ އަހަރެމެންގެ ރަން ޒަމާން."
ޓްރަމްޕުގެ ވަސްވާހުގައި އެނބުރޭ، އެމެރިކާގެ ރަން ޒަމާނުގެ ފުރަތަމަ އަޅުން ކަމުގައި ކަނޑައެޅީ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނެވެ. އޭނާގެ ވެރިކަމުގައި އެމެރިކާއިން ފުރަތަމަ ފޭރިގަންނާނެ ބިމަކަށް ހެދީ ފަލަސްތީނުގެ ޣައްޒާއެވެ. އެކަމުގައި އޭނާގެ މަދަދުގާރުން ކަމުގައި ދުނިޔެއަށް ދައްކަމުން އެދަނީ، ބައެއް އަރަބި ގައުމުތަކުގެ ވެރިންނެވެ. މިސްރާއި ޖޯޑްން އަދި ސައޫދީ އަރަބިއްޔާގެ ވެރިންނެވެ.
އޮކްޓޫބަރު 7، 2023 ން ފެށިގެން އިޒްރޭލު ސިފައިން ޣައްޒާއަށް ދެމުން ދާ އުދުވާނީ ހަމަލާތައް، ޖަނަވަރީ 19، 2025 ގައި ވަގުތީ ގޮތުން މެދުކަނޑައިލި އިރު، ފަލަސްތީނުގެ 61،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. ސާދަ ހާހަށް ވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 111،600 އަށް ވުރެ މަތިވެފަ އެވެ. އޭގެ އިތުރުން، މި ހަނގުރާމައިގެ ތެރޭގައި ޣައްޒާއިން ހައްޔަރުކޮށް އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުން އަދަދު ވަނީ 16،300 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
އިޒްރޭލުން ހިންގި މި ޖަރީމާގެ ވަށައިގެންވާ އެންމެހައި ކަންކަމުން ސާބިތުވަނީ އެއީ، ޣައްޒާއިން ފަލަސްތީނު މީހުންގެ ނަސްލު ނައްތައިލުމަށް، އެމެރިކާގެ ފުރިހަމަ ބައިވެރިވުމާ އެކު ހިންގި އުދުވާނެއް ކަމެވެ. އެ ހަނގުރާމައިގެ ފުރިހަމަ މޭސްތިރިއަކީ ވެސް އެމެރިކާ ކަމެވެ.
އެހެންކަމުން، އެމެރިކާއަށް މިއަދު ޣައްޒާ ފެންނަނީ ވީރާނާވެފައި އޮތް ފަޅު ބިމެއްގެ ގޮތުގަ އެވެ. ނަމަވެސް އެ ތަން ވީރާނާ ކުރީ ތިމާމެން އަމިއްލަ އަށް ކަމާއި އެ ތަނުގެ ވަޒަންވެރިންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގީ ތިމާމެން ދިން ހަތިޔާރުން ކަން ހަނދާނުގައި ނެތް ކަހަލަ އެވެ. ޣައްޒާގެ މަދަރުސާތަކާއި ހޮސްޕިޓަލުތަކާއި މިސްކިތްތަކާއި ފައްޅިތައް، އެ ތަންތަނުގައި ތިބި މީހުންނާ އެކު ބިމާ ހަމަކޮށްލީ ތިމާމެންގެ ހަތިޔާރާއި ތިމާމެންގެ ބައިވެރިވުމާ އެކުގައިކަން ހަނދާން ނެތް ކަހަލަ އެވެ.
ޣައްޒާ ސުންނާފަތި ކޮށްލީ އެމެރިކާގެ ދުރު މުސްތަގުބަލުގެ ރޭވުމެއްގެ ދަށުންކަން ސާބިތުވަނީ، އެމެރިކާ ސަރުކާރުން މިހާރު ދައްކާ ވާހަކަތަކުންނެވެ. ހުސްވި ޖަނަވަރީ މަހުގެ ފަހުކޮޅު، އެމެރިކާގެ ރައީސް ޓްރަމްޕު ވިދާޅުވެފައިވަނީ ޣައްޒާއަކީ ހަނގުރާމައިގެ ސަބަބުން، ވީރާނާވެފައި އޮތް ތަނެއް ކަމަށާއި، އެތަން އެކުގައި ސާފުކޮށްލަންޖެހިފައިވާ ކަމަށެވެ.
އިޒްރޭލާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން.
ނަމަވެސް އޭނާ "ސާފުކޮށްލުން" މާނަކުރެއްވި ގޮތް ހިއްސާ ކުރެއްވީ، މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ އާއި ޖޯޑްންގެ ރަސްގެފާނު އަބްދުﷲ އާ އެކުގަ އެވެ. އެ ދެ ބޭފުޅުންގެ އަރިހުން ޓްރަމްޕު އެދިވަޑައިގަތީ، އިޒްރޭލު ސިފައިން ޣައްޒާގެ ރައްޔިތުން ފައްސައި ބޭރުކޮށްލުމުން، މިސްރުގެ ބިމުންނާއި ޖޯޑްންގެ ބިމުން އެ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީ އެ މީހުންގެ ގެންގުޅުމަށެވެ.
ޓްރަމްޕުގެ އެ ވިސްނުން އެ އަށް ވުރެ ތިލަ ކުރައްވަމުން، މި މަހުގެ ހަތަރު ވަނަ ދުވަހު ވިދާޅުވީ އެމެރިކާއިން ޣައްޒާ ހިފާނެ ކަމަށާއި އެމެރިކާ އިން އެބިން މިލްކުކުރާނެ ކަމަށެވެ. އަދި ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން، އެ ބިމުން ފައިބައިގެން ދާން ޖެހޭނެ ކަމަށާއި ޖޯޑްން އާއި މިސްރު ފަދަ ގައުމެއްގައި ދިރިއުޅެވިދާނެ ކަމަށެވެ.
އޭނާގެ ވިސްނުމަކީ، ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބޭރުކުރުމަށް ފަހުގައި، އެމެރިކާއަށް އާމްދަނީ ލިބެނިވި ގޮތެއްގައި އެ ބިން ތަރައްގީ ކުރާށެވެ. ޚާއްސަކޮށް މަހުޖަނުން ދިގު މުއްދަތަކަށް ގެދޮރު އިމާރާތްކުރުމަށް ބިން ވިއްކާ ތަނެއްގެ ގޮތުގަ އެވެ. އެ ބިން ތަރައްގީ ކުރުމުގައި އެހެން ގައުމުތައް ބައިވެރިކުރުމުގެ ފުރުސަތު އޮތް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޓްރަމްޕު ދެކޭ ގޮތުގައި އެމެރިކާ ފުރިހަމަ ބާރުގެ ދަށަށް ޣައްޒާ ގެނައުމަށް އެމެރިކާއިން މާ ބޮޑު މަސައްކަތެއް ކުރާކަށް ވެސް ނުޖެހެ އެވެ. އެކަމަށްޓަކައި ޣައްޒާއަށް އެމެރިކާގެ ސިފައިން ވެސް ފޮނުވަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި، ޣައްޒާއިން މީހުން ނެރެ ފައްސައިލުމަށް ފަހު، އިޒްރޭލުން އެމެރިކާއާ އެ ބިން ހަވާލުކުރާނެ ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.
ޣައްޒާގެ ބިމުން ފަލަސްތީނު މީހުން ބޭރުކޮށް އެމެރިކާއަށް މިލްކު ކޮށްދިނުމަކީ، އިޒްރޭލު ވެސް މިހާރު އެންމެ ބޭނުންވާ ގޮތެވެ. މި މަހުގެ ކުރީކޮޅު، އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ވިދާޅުވީ، ޣައްޒާއާ ބެހޭ ގޮތުން ޓްރަމްޕު އެ ގެންގުޅުއްވާ ވިސްނެވުމަށް ވުރެ ވަކިން ރަނގަޅު އެހެން ހައްލެއް، ޣައްޒާގެ މައްސަލައަށް ނެތް ކަމަށެވެ.
މި މޭރުމުން ވާހަކަ ދެއްކެވިއިރު، ޣައްޒާއަކީ ޓްރަމްޕުގެ ކާބަފައިންގެ ފަރާތުން ވާރުތައިން އޭނާއަށް މިލްކުވެފައި އޮތް ބިމެއް ކަމަށް ހީކުރައްވަނީ ބާވައެވެ؟ ޣައްޒާ އިން ފަލަސްތީނު ރައްޔިތުން ފައްސައި ބޭރުކުރަން އޭނާއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ ޣައްޒާއިން ފައްސައިލާ މީހުން މިސްރާއި ޖޯޑްންގައި ވަޒަންވެރި ކުރުވާ ވާހަކަ ދައްކާއިރު، އެ ދެގައުމުގެ މައްޗަށް އެމެރިކާއަށް އޮތީ ކޮން ބާރެއް ހެއްޔެވެ؟
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ މި މަހުގެ ކުރީކޮޅު އެމެރިކާ އަށް ކުރެއްވި ދަތުރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
މުސްލިމުންގެ ބިމެއް ފޭރިގަތުމަށް ޓްރަމްޕު ކަރު ހިއްކައިގެންފައި ހުރި އިރު، އެއީ ހަގީގަތުގައި ހަމައެކަނި އޭނާގެ ވިސްނުމެއް ނޫނެވެ. ޣައްޒާގެ އިތުރުން ފަލަސްތީނުގެ މުޅި ބިން އިޒްރޭލާއި އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަކީ އެމެރިކާގެ ގައުމީ ސިޔާސަތެވެ. ރިޕަބްލިކަނުން ވެރިކަން ކުރިޔަސް ނުވަތަ ޑިމޮކްރޭޓުން ވެރިކަން ކުރިޔަސް، ފަލަސްތީނު މައްސަލައިގައި އެމެރިކާގެ ސިޔާސަތު ބަދަލެއް ނުވެ އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަކީ ވެސް، އެމެރިކާ އިން ދުވަހަކު ވެސް ތަންފީޒު ކުރާނެ ސިޔާސަތެއް ނޫނެވެ. އެހެން ނޫން ނަމަ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް، ޓްރަމްޕުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ނިންމި ނިންމުން، ބައިޑެންގެ ވެރިކަމުގައި ބަދަލުކުރެއްވީހެވެ. ޓްރަމްޕުގެ އެ ނިންމުމަކީ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް، މުޅި ދުނިޔެ އޭރުވެސް ގޮވި އެވެ. ނަމަވެސް ޓްރަމްޕުގެ ވެރިކަމުގައި، މޭ 14، 2018 ގައި އިޒްރޭލުގެ އެމްބަސީ ގުދުސަށް ބަދަލުކުރި ގޮތަށް، ބައިޑެންގެ ހަތަރު އަހަރުގެ ވެރިކަން ނިމިގެން ޓްރަމްޕުގެ ދެ ވަނަ ދައުރު ފެށިގެން ކުރިއަށް ދާއިރު ވެސް އެ އެމްބަސީ އެ ހިންގަނީ ހަމަ ގުދުސްގަ އެވެ.
އެހެންވީމާ، ޓްރަމްޕުގެ ދުލުން އާންމު ކުރިޔަސް، އެ އާންމު ކުރަނީ އެމެރިކާގެ ގައުމީ ސިޔާސަތެވެ. މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމުގެ ނަމުގައި، އެމެރިކާ އިން މިހާތަނަށް ކުރަމުން އައި އެއްވެސް މަސައްކަތަކުން ސުލްހައަށް މަގު ފަހިވި ތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ފެންނަމުން ދަނީ، މެދުއިރުމަތީގެ ބޮޑެތި ގައުމުތައް އެމެރިކާގެ މުށު ތެރެއަށް ލައި، އިޒްރޭލު ސިފައިން ލައްވައި ފަލަސްތީނުގެ މީހުން މެރުމުގެ ސިޔާސަތެއް ތަންފީޒު ކުރާ ތަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
14 February 2025
މީނަޔަށް ހުވަފެނުގަ ފެނުނީ ތޯއްޗެއް. ޣައްޒާގަ މީނަ އަލުންވައިޓްހައުސެއް ހަދައިގެން ނިދާފަ އޮއްވާ. މަހުޖަނުންނަށް ވީމަ ސިކުނޑީގެ ބައެއް މަދުވާހެން ހީވޭ މި މަހުޖަނުން އުޅޭގޮތުން.
އައްލާބެއްޔާގެ ސިނާ
13 February 2025
އެމެރިކާގެ އަމިއްލަތަނެއް ނޫނަސް އެމެރިކާ ބޭނުން ގޮތެއް ހަދާނީ. ކައިގެން ޖަލްސާއެއް ބާއްވާފައި ކުށްވެރިކޮށްލުން ފިޔަވަައި އަރަބިންނަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ.. އަރަބި ވެރިން ތިބީ ވެރިކަމަށް ދަހިވެތިވެ.. މުސްލިމުން މަރާފަވެސް ވެރިކަމުގައި ތިބެނިކޮށް އެމީހުންނަށް އޯކޭ..ކުޑަ މިސާލެއް ރައްޔިތުންގެ މަޖްލިސްގައި އޮތް އިޒްރޭލް ޕާސްޕޯޓް މަނާކުރާބިލް. ޢެވެސް އެހެން އޮންނާތާ އަހަރެއް ވީ..
ޔަހުޔާ.
13 February 2025
ފުރަތަމަ ކަމަކަށް ހިޖާޒުގެ ބިމުގައި ވެރިކަންކުރަން އެތިބީ ކޮންބައެއްތޯ ބަލާބަލަ. ޖޯޑަންގަ ވެރިކަންކުރަނީ ޝާމުގެ އަހުލުވެރިންތޯ.
ބަސްނޫ
13 February 2025
އެމެރިކާ ކަހަލަ މޮޅު ބަޔަކު ކަންކުރާ ގޮތަކަށް ހިޖާޒުގަ ކަންކަމެއް ނުކުރެވޭނެ ދޯ؟ ޑިފެންސައްވެސް މިހުރިހާ ދުވަހު ދެއްކި ވާހަކަ އަތައް ގޮވާކަހަލަ ވާހަކަ ނުދައްކާ
އައިމިނާ
13 February 2025
މީނަގެ ހައިސިއްޔަތުވެސް އޮޅިއްޖެ. މީނައަކީ އިޒްރޭލްގެ ރައީސް ބާއޭ އެމެރިކާގެ ރައީސެއް ބާއޭ. ނޫނީ ދުނިޔޭގެ ރައީސެއްބާއޭ. މީނަޔަށްވެސް މީނަ އޮޅިއްޖެ.
ވާނުވާ ގައުމު
13 February 2025
އަރަބި ބޮޑެތި ގައުމުތަށް އެމެރިކާ ޕަޕެޓުން ގޮތަށް ތިބެންޔާ އެމީހުން ބޭނުން ގޮތެއް ހަދާނެ. ކުރެވޭނެ ކަމެއް ނޯންނާނެ.
އިންސާނިއްޔަތު
13 February 2025
ހުޅަނގުގެ މީހުން އަޅުކަންކުރާ "ދީން" ކަމަށްވާ ޑިމާކްރަސީއަކީ މުސްލިމުން މަރަން ބޭނުން ކުރާ ހަތިޔާރެއްކަން އަބޫ ޣުރައިބާ، ގުއަންޓަނާމޯބޭއާ ޣައްޒާ އިން އެކަނިވެސް ސާފުވެއެވެ.
އަލި
13 February 2025
އެމެރިކާ އަކީވެސް އެތަނުގެ އަސްލު ވަޒަންވެރީން މަރާފަ ޓްރަންޕުމެންގެ ކާބަފައިން އަތުލި ބިމެއް.
ބުރަތޭރީ
13 February 2025
ވަރަށް ފުރިހަމަ ލިޔުމެއް. އިސްލާމީ ހުރިހާ ގައުމުތަކުންނާއި ހުރިހާ މުސްލިމުން ކުަރަންޖެހޭ ކަމަކީ ފަލަސްތީނުގެ މައްސަލައިގެ އެންމެ ނުބައި ޖައްބާރަކީ އެމެރިކާކަން ދެނެގަނެ، އެމެރިކާގެ އެމެރިކާގެ އޯގަނައިޒޭޝަން ތަކުން ތަފާތު ޓްރޭނިންތަކާއި، މަދަދު ނުހޯދުމާއި، އެމެރިކާގެ ހުރިހާ އުފެއްދުންތަކެއް ބޭނުންކުރުން ހުއްޓާލުން.
ހނދބ
13 February 2025
ޑޮމުކުރަފި . އިސްލާހުކުރުމުގެ ނަމުގައި ފަސާދަކުރާމީހުން ތީ. މިކަހަލަ ބައިގަނޑު މިގައުމުނއވެސް ފެނޭނު