އިނގިރޭސި ވިލާތުގެ ލަންޑަނުގައި ޑިސެމްބަރު 30، 2020 ގައި އެލިޒަބަތު ޓަވަރުގެ ބޮޑު ގަޑީގެ ކުރިމަތީ އެ ގައުމުގެ ދިދަ ވިހުރެނީ: އިނގިރޭސި ވިލާތުގައި މިހާރު ވަނީ މިއިން ޒަމާނަކު ވެސް ނުވާވަރަށް މުސްލިމުންނާ ދެކޮޅު އަމަލުތައް ގިނަވެފައި ކަމަށް އެންޖީއޯއަކުން ވަނީ ބުނެފައި. -- ފޮޓޯ: އޭއެފްޕީ
20 ފެބުރުއަރީ 2025 - 05:44
އިނގިރޭސި ވިލާތުގައި މުސްލިމުންނާ ދެކޮޅު އަމަލުތައް ރިޕޯޓްކުރި އަދަދު މިހާތަނަށް އެންމެ ގިނައީ މިދިޔަ އަހަރު ކަމަށާއި އެ ކަންކަން އާންމުވަނީ އޮންލައިން ޕްލެޓްފޯމްތަކާއި އޭއައިގެ ވަސީލަތްތަކާ އެކުގައި ކަމަށް، މުސްލިމުންނާ ދެކޮޅު ހަރަކާތްތައް މޮނިޓަކުރާ އެންޖީއޯއަކުން ބުނެފި އެވެ.
"މުސްލިމުންނާ ދެކޮޅު ނަފްރަތުގެ އަމަލުތައް ބަލައެއް ނުގަނެވޭނެ. މިއީ ވަރަށް ކަންބޮޑުވާންޖެހޭ މައްސަލައެއް،" އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޓެލް މާމާގެ ޑިރެކްޓަރު އީމާން އާތާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ ރިޕޯޓްތައް 2012 އިން ފެށިގެން ބަލަހައްޓަމުން އަންނައިރު މިދިޔަ އަހަރު ވެފައި ވަނީ މިހާތަނަށް އެންމެ ގިނަ މައްސަލަ ރިޕޯޓްކުރި އަހަރަށެވެ.
އެ ޖަމާއަތަށް 2024 ވަނަ އަހަރު މުސްލިމުންނާ ދެކޮޅު ނަފްރަތުގެ 6،313 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ކަންކަމަކީ އޮންލައިންގައި ހިނގާފައިވާ ކަންތައްތައް ކަމަށް ވަނީ ބުނެފަ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި ހުށަހެޅި މައްސަލަތަކުގެ ތެރެއިން 5،837 ހާދިސާއެއް ކަށަވަރުކުރެވިފައިވެ އެވެ.
މިފަދަ މައްސަލަތައް އެ ޖަމާއަތަށް 2023 ވަނަ އަހަރު ލިބުނު އަދަދަކީ 4،406 ކަމަށާއި އޭގެ ތެރެއިން 3،736 ހާދިސާއެއް ކަށަވަރުކުރެވުނު ކަމަށް ބުންޏެވެ.
މުސްލިމުންނާ މާރާމާރީ ހިންގުމުގެ މައްސަލަތައް 73 ޕަސެންޓް އިތުރުވެފައިވެ އެވެ. އެއީ 2023 ވަނަ އަހަރު 99 މައްސަލަ އަށް ފަހު 2024 ވަނަ އަހަރު 171 މައްސަލަ ހުށަހަޅާފައި ވާތީ އެވެ. މީގެ އިތުރުން އިންޓަނެޓްގެ ވަސީލަތްތަކުން ނޫން ގޮތްގޮތަށް، ގޯނާކުރުމުގެ 2،197 މައްސަލައެއް ވެސް ޓެލް މާމާ އަށް ހުށަހަޅާފައިވެ އެވެ.
ޣައްޒާއަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަލާ ދޭން ފެށި ފަހުން އަދި މިދިޔަ އަހަރުގެ ޖުލައި މަހު ސައުތުޕޯޓްގައި ތިން އަންހެން ކުއްޖަކު މަރާލި ހާދިސާއަށް ފަހު މިފަދަ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. މިއީ މުސްލިމް ހިޖުރަވެރިއަކު ހިންގި އަމަލެއް ކަމަށް ބުނެ ދޮގު ވާހަކަތައް ސޯޝަލް ނެޓްވޯކްތަކުގައި ވައިރަލްވުމާ އެކު މުސްލިމުންނާ ދެކޮޅު އަމަލުތައް ގިނަވި އެވެ. އަދި މިހާތަނަށް ޔޫކޭގައި ހިނގާފައިނުވާ ވަރުގެ ބޮޑެތި ހަމަނުޖެހުންތައް ހިންގައި މިސްކިތްތަކާއި އިމިގްރެންޓް ޝެލްޓާތަކަށް ގެއްލުން ވެސް ދީފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރުސައި
22 February 2025
ކުރާ ބޮޑެތި ނުރައްކާތެރި ހަމަލާތަކާއި އަމަލުތައް ދީނުގެ ނަމުގައި ކުރާބަޔަކަށް ތިހުރިހާ ކަމެއްވެސް ކުރިމަތިވާނެ. ހަގީގަތަކީ މިއީ،
މަހަލްދީބު
21 February 2025
މިގައުމުން ނަމޫނާ ނަގައިގެން ގާނޫނު ހަދަންވީ ދުނިޔޭގެ ހުރީހާ ގައުމަކުންވެސް އޭރުން ތިކަހަލަ ދީނީ މައްސަލަތައް ވަރަށް ކުޑަވާނެ
ޒަމާން
20 February 2025
އަމިއްލަ ގައުމުގަ ނޫޅެވިގެން ނުވަތަ ދޫކޮށް އެހެން ބަޔަކު އާބަަދުކޮށް ތަރަށްގީ ކޮށްފަ ހުންނަ ގައުމުތަކަށްގޮސް އެގައުމުތަކުގެ ސަގާފަތާ މެޖޯރިޓީ ދީނާ ފުރުއަރާ ވިސްނުމުގެ ބަޔަކު އުޅޭނަމަ މައްސަލަނިކުންނާނެ އަހަރެމެންގެ ހާލުހުރި ގޮތަށް ވިސްނާލީމާވެސް މިކަން ކަށަވަރުވާނެ
ބެއްޔ
20 February 2025
އިނގިރޭސިވިލާތުގަވެސް އުޅޭ އެގައުމަށް އަސްލު އުފަން މުސްލިމުން. ތިހީކުރަނީ ބޭރު ގައުމުތަކުން އިނގިރޭސިވިލާތަށް ހިޖުރަކުރަނީ ހުސް މުސްލިމުން ކަމަށް ދޯ؟؟ އިނގިރޭސީން ކީއްވެގެންތަ އަރަބި މުސްލިމު ބައެއް ގައުމުތައް ފުނޑާލީ؟ އެތަންތަނަކީ ވެސް ބަޔަކު ތަރައްޤީކޮށްފަ ހުރި ތަންތަން. މިސާލަކަށް ބަލާ ފަލަސްތީން ލީބިޔާ އިރާޤު ސީރިޔާ ފަދަ ތަންތަން. އަދި ކޮބާ އަފްޤާން؟
ހަރާބު
21 February 2025
ނޮހޮރޮއްޕާން ބުޑުވީމަ.ވާނެ ތިކަހަލަ ކަންކަން އެތައްގައުމަކުން އެތައް ދީނެއްގެ ބަޔަކު ހިޖުރަކޮށްގެން އުޅޭ ތަނެއްތީ އެކަމަކު ވަކިބަޔަކާ މައްސަލަ މިޖެހެނީ މިކީ އިނގެރޭސިންނާ އެކަނި ޖެހިގެން އުޅޭކަމެއްނޫން
އަސްލުު
20 February 2025
ކަންކަން ޓޮލަރޭޓް ކުރެވޭ، ޑިމޮކްރަސީއާއި، ހިޔާލު ފާޅުކުރުމާއި، އިންސާނީ ހައްގުގެ އެންމެ ފުރިހަމަ މީހުންކަމަށް ވަކާލާތުކުރާ މީސްމީހުންގެ ކަންކަން ހުންނަ ގޮތް މިއީ. ހުރިހާ ރީތި ލަގަބުތަކެއް އަމިއްލައަށް ނިސްބަތްކޮށް، ހުރިހާ ނުބައިކަމެއް އެހެންމީހުންގެ ބޮލުގައި އެޅުވުން އެއީ މި މުނާފިގުންގެ އަސްލު ސިފަ.
ދެކޮޅުނުޖެހޭ
21 February 2025
މިކަހަލަ ކަންކަން ދިމާވީމާ އިންސާނީ ހައްގުމަތިން މިގައުމުގަ އުޅޭ މީހުންވެސް ހަނދާންވޭދޯ؟ ތިކިޔާ އިންސަަނީ ހައްގު ނެތްގައުމެއް މީއީވެސް