ޖިންސީގޯނާއާ ދެކޮޅަށް ގިނަ ބަޔަކު ނުކުމެ ކުރި މުޒާހަރާއެއްގައި އަންހެނަކު އަޑުއުފުލަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
20 ފެބުރުއަރީ 2025 - 15:23
ސްކޫލެއްގެ އަންހެން ޓީޗަރަކު ދަރިވަރަކު ގްރޫމްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އެ ސްކޫލްގެ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރަކު ގްރޫމްކުރި މައްސަލަ ޕޮލިހަށް ހުށަހެޅީ މިދިޔަ މަހުގެ 21ގަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބޭތީ އެ ޓީޗަރާ މެދު ފިޔަވަޅެއް އެޅިކަން ނުވަތަ ނޫން ކަން އަދި ނޭނގެ އެވެ.
ގްރޫމްކުރުމަކީ ޖިންސީ ގޯނާގެ އަމަލެއް ހިންގަން އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމުކޮށް، އެ ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތްކުރުމެވެ.
އެ ހާދިސާ ހިނގީ ދެކުނުގެ ރަށެއްގަ އެވެ. މިފަދަ މައްސަލަތަކުގައި ކުޑަކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ރަށުގެ ނަމާއި މައްސަލައިގައި ހިމެނޭ މީހުން ފަދަ، ކުދިންގެ މައުލޫމާތު އެނގިދާނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އެ ތަފްސީލެއް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.
ގްރޫމްކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު، މިދިޔަ އަހަރު ވަނީ ސްކޫލް ދަރިވަރުންތަކަކާ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި ކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ނަމަވެސް އެ ޓީޗަރަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ ފޮނުވައިފަ އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން ކުއްޖަކު ގްރޫމްކޮށްފި މީހެއްގެ އަދަބަކީ 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ކުއްޖާ ގްރޫމްކުރުމުގެ ކުށްކުރަނީ އެ ކުއްޖާ އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު ނަމަ، އެ ކުށުގެ އަދަބަކީ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުއްގާ
20 February 2025
ފިރިހެނުން ސަލާމަތް ކޮށްދިނުމަށް އެ ގޮވާލަން.
ޒަމްޒަމް ފާރިޝް
20 February 2025
ތީ އެހެން ޕާޓީއެއްގެ ޓީޗަރެއް ކަމަށް ވާނީ
އަލި
20 February 2025
ކޮން މާއްދާއެއް ކިވާދޭ ޓީޗަރެއްތޯ؟އިސްލާމް ޓީޗަރެއް ނޫންވީމަ ހާމަނުކުރީތޯ؟
ފިރިހެނާ
20 February 2025
މިފަރަހަރު އަންހެން ޓީޗަރަކު އެކަމެއްކުރީމަ ކޮންރަށެއްކަމެއްވެސް ނޭންގުނު. ތި ފިރިހެނަކު ކުރިނަމަ ރަށުގެނަމާ މާއްދާވެސް ޖަހާލީސް ސާބަސް ނޫސްވެރިކަން ތިކުރަނީ
ޏާއްކޮ
22 February 2025
ކޮން ދޮގު ވާހަކައެއް، އެހެންޏާވެސް ކުޑަކުދިންގެ ޖިންސީ އަނިޔާ އާއި ބެހޭ މައްސަލަތަކުގަ ރަށުގެ ނަމާ އަތޮޅާ ހާމައެއް ނުކުރެ. މީ އަންހެން ފިރިހެން ކިޔާ ވަރަށް ވުރެ ބޮޑު މައްސަލައެކޭ
ޑީިޑީި
20 February 2025
އެހެންވީމާ ލަސްނުކޮށް ފިރިހެނުން މުޒާހަރާއަށް ނުކުންނަންވީ.
ޏާއްކޮ
22 February 2025
ހުރިހާ ކަމަކީވެސް ކަލޭމެންނަށް ޖޯކެއް ތަ؟