ބީއެމްއެލް މޮބައިލް އެޕުން ހިދުމަތް ހޯދަނީ
23 ފެބުރުއަރީ 2025 - 11:42
ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލައިޒޭޝަން ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، އަންނަ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކަށް ނުގޮސް ހުރިހާ ބޭންކިން ހިދުމަތެއް އޮންލައިންކޮށް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.
ބީއެމްއެލްއިން ރޯދަ މަހުން ފެށިގެން އޮންލައިންކޮށް ދޭން ފަށާ ހިދުމަތްތަކަކީ:
* އާންމުން އަލަށް ހުޅުވާ އެކައުންޓްތަކާއި ވިޔަފާރި އެކައުންޓުތައް އޮންލައިންކޮށް ހުޅުވުން
* ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމާއި ވިޔަފާރިތަކަށް ދޫކުރާ ލޯނު ހިމެނޭހެން ހުރިހާ ލޯނަކާއި ފައިނޭންސަށް އެދި ހުށަހެޅުން
* ރާއްޖެއިން ބޭރުން ލިބޭ ފައިސާގެ ތެރެއިން 10 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވަގުތުން ވެރިފިކޭޝަން ނިންމުމަށްފަހު އެކައުންޓަށް ޖަމާކޮށްދިނުން
* ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ (ޓީޓީ އަދި އޮންލައިން މަނީ ޓްރާންސްފާ) ތެރެއިން 5 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް އޮންލައިންކޮށް ފޮނުވޭނެ ގޮތް ހަމަޖެއްސުން
* ވިޔަފާރިތަކުން ނަގުދު ފައިސާ ނެގުމަށް ޗެކުގެ ބަދަލުގައި، ބިޒްނަސް ކާޑުން ފައިސާ ނެގޭ އަދަދު 2 ލައްކަ ރުފިޔާއަށް އިތުރުކުރުން
އޮންލައިންކޮށް ތައާރަފްކުރަން ނިންމި ހިދުމަތްތަކާއި އެކު އިތުރު ހިދުމަތްތަކެއް ވެސް ބީއެމްއެލްއިން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:
* ކާޑު ނަގަން ކަސްޓަމަރުން ބޭންކަށް ދާން ނުޖެހި، ކަސްޓަމަރުގެ ގެއަށް ކާޑު ފޮނުވައިދިނުން. އެގޮތަށް ފޮނުވާ ކާޑުތައް އެކްޓިވޭޓް ކުރުމާއި ޕިން ބަދަލު ކުރުމުގެ ހިދުމަތް އިންޓަނެޓް ބޭންކިން އާއި ބީއެމްއެލް އެޕް މެދުވެރިކޮށް ލިބޭނެ.
* ބީއެމްއެލް ކާޑުތަކުން، ބޭންކުގެ ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަ ކޮށްފައިވާނަމަ 24 ގަޑިއިރު ތެރޭގައި އެކައުންޓަށް ޖަމާކޮށްދިނުން
* އޭޓީއެމްއިން ފައިސާ ނެގުމާއި ޖަމާކުރުމުގައި އެއްވެސް މައްސަލައަކާ ހުރެ މުއާމަލާތް ފުރިހަމަ ނުވެއްޖެނަމަ އެއް ގަޑިއިރުތެރޭގައި އެކައުންޓަށް އަނބުރާ އެ ފައިސާ ޖަމާކޮށްދިނުން
* ކުންފުނިތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ހާއްސަ ހިދުމަތްތައް، ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރުން މެދުވެރިކޮށް ފަސޭހައިން ހިދުމަތް ދޭން ފެށުން
* ކަސްޓަމަރުން ބީއެމްއެލްއާ މުއާމަލާތް ކުރުމަށް 24 ގަޑިއިރުގެ ހިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް، ލައިވް އެޖެންޓްގެ އިތުރުން ވަޓްސްއަޕް އަދި ވައިބާއިން މެސެޖް ކުރެވޭގޮތް ހަމަޖެއްސުން
ބީއެމްއެލްއިން ބުނީ ރޯދަމަހާ ދިމާކޮށް އެ ހިދުމަތްތައް ފަށަނީ ކަސްޓަމަރުންނަށް ރޯދަ މަހު ބެންކަށް ނުގޮސް ބެންކިން ހިދުމަތްތައް ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. ބީއެމްއެލްއިން ބުނީ އެއްވެސް ސަބަބަކާ ހުރެ އެ ބެންކުގެ ހިދުމަތްތައް ހޯދުމަށް ބެންކަށް ޒިޔާރަތްކުރަން ބޭނުންވާނަމަ ރޯދަ މަހުގެ ފަހު 10 ފިޔަވައި އެހެން ހުރިހާ ދުވަހެއްގައި ބެންކުގެ ބްރާންޗުތަކުން ހިދުމަތްތައް ލިބޭނެ ކަމަށެވެ. ފަހު 10 ގައި ބެންކުގެ ބްރާންޗުތައް ބަންދުކުރަން ނިންމާފައިވީ، ނަމަވެސް އަންނަ މަހުގެ 27 ވަނަ ދުވަހާއި 29 ވަނަ ދުވަހު ބެންކުގެ ހިދުމަތްތައް ލިބޭނެ އެވެ.
ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ބެންކުގެ ބްރާންޗުތައް ހުޅުވާނީ ހެނދުނު 9:30 އިން 12:30 އަށެވެ.
ބީއެމްއެލް އަކީ މިހާރު ވެސް ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުންދާ ބޭންކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްބެ
25 February 2025
މިހާރުވެސް ކޮންޓެކްޓް ކުރާ ނަމްބަރު ހުރޭ ބޭންކްގެ. އެކަމު ގުޅައިގެން ގަޑިދެގަޑިއިރު ވާއިރުވެސް ފޯނު ނެގިއްޔާތާ. ކަމެއް ފައްޓާއިރު ވަރަށް ފޯރި ދައްކާފަ އެދުވަސްކޮޅު ޚިދުމަތް ދޭނެ ދުވަސްކޮޅެއް ވެލާއިރަށް އެކަން ދެމެހެެއްޓެނިވި ގޮތަކަށް ކުރިޔަކަށް ނުދޭ.
އަހުމަދުބޭ
24 February 2025
* ކަސްޓަމަރުން ބީއެމްއެލްއާ މުއާމަލާތް ކުރުމަށް 24 ގަޑިއިރުގެ ހިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް، ލައިވް އެޖެންޓްގެ އިތުރުން ވަޓްސްއަޕް އަދި ވައިބާއިން މެސެޖް ކުރެވޭގޮތް ހަމަޖެއްސުން މިކަން ވިޔަސް ލައްކަފަސޭހަވީ އިނގޭތޯ
މުހައިމިނު އަޙްމަދު
24 February 2025
އަޅުގަނޑު ކާފަ އަދި މަންމަގެ ހައްޤުކޮބާތޯ؟ ރާއްޖޭގައި މިހާރު ޚިދުމަތް ދެނީ ވަކި ޢުމުރުފުރާއަކަށްތޯ؟ ދެރަކަންކަން. ޚަރަދު ކުޑަކުރިއަސް ބޮޑުވަރެއް
އައިމިނަތް އަހްމަދު
24 February 2025
ފުރަތަމަ ތިތާ ތިބޭ މުވައްޒަފުންގެ ކަސްޓަމަރ ސަރިވިސް ރަނގަޅުކުރޭ. ލޯނު ޑިޕާޓްމަންޓުގައިވެސް ތިބެނީ އެއްވެސް ތަޖްރިބާއެއްނެތް ވަރަށް ކޮލިޓީ ދަށް މުވައްޒަފުން
ސިޔާޒު
23 February 2025
އައި ލައިކް މައި ބޭންކް ބީއެމްއެލް.
އަލްޖިބްރރާ
23 February 2025
ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރީމަ 2 ދުވަސް ނޫނީ 3 ދުވަސް އެބަނަގާ އެކޮޅަށް ލިބެން.
ވޮށުފިލާ އަދިވެސް
23 February 2025
އެކަމަކު ރާއްޖޭގައި އޮންލައިންކޮށް ކިޔެވޭނެ ގޮތެއްނެތް. އޮންލައިންކޮށް ކިޔަވާކަށް ނޭގެ ގިނަމީހުނަށް.
ކޮވެލި
23 February 2025
ފިހާރަ ތަކުގަ މި ހުންނަ މެޝިންތަކުން ފައިސާ ކެނޑު ކަމަށް ފޯނަށް މެސެޖް ލިބި އެކަމަކު ފިހާރައިން ވަރަށް ގިނަފަހަރު އެ ބަބުނޫ ފައިސާ ނުކެނޑެއޭ. މިކަމަކާ ފިހާރަ ސޭޓް އެތައް ޒުވާބެއް ހިންގަންޖެހޭތަންވެސް އާދެއެވެ. މިކަނ މިދިމާވާގޮތް ކަސްޓަމަރުންނަށް ރަގަޅަށް އޮޅުން ފިލުވައިދޭނީ ކޮންއިރަކުންތޯ
ހުތްއާދަނު
23 February 2025
މެޝިނުން ރިސިޕްޓް ނުލިބެންޏާ އަދި ނުކެނޑެނީ .. ބީއެމްއެލް އެޕްއިން ޕްރޮސެސް ނުނިމެނީސް ނޮޓިފިކޭޝަން ފޮނުވަނީ.
ބީއެމްލޮލް
23 February 2025
ލާސްޓް ޓްރާންސެކްށަން ރީޕްރިންޓެއް ނެގީމަ އެނގޭނެ ކައިފަ އިނިއްޔާ.
ާސޭޓް
23 February 2025
ސޭޓް ކައިރީ އަހާލާ ލާސްޓް ސްޓޭޓްމަންޓް ޕްރިންޓު ކުރަން، އޭރަށް ފެންނާނެ ކާޑުން އެންމެ ފަހުން ހެދި ޓްރާންސެކްޝަން