އެޗްޑީސީގެ އިމާރާތް. ސަރުކާރުން ވަނީ އެކުންފުނިން ނެގި 200 މިލިއަން ރުފިޔާގެ ލޯނަކަށް ގެރެންޓީދީފައި -- ފޮޓޯ: މިހާރު
24 ފެބުރުއަރީ 2025 - 11:31
އެޗްޑީސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ހަތަރު މުވައްޒަފަކު އަދިވެސް ތިބީ ސަސްޕެންޝަންގައި ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ އެކު، އެޗްޑީސީގެ މުވައްޒަފުންތަކެއް މިދިޔަ އަހަރުގެ ޑިސެމްބަރު ސަސްޕެންޑުކުރި އެވެ. އޭގެ ފަހުން އެ މުވައްޒަފުން މަގާމުން ވަކިކޮށް، އަނެއްކާވެސް ވަޒީފާ ދީ، ސަސްޕެންޑުކުރި އެވެ.
އެކަމަކު، ޖިނާއީ ތަހުގީގަށް ފަހު ބައެއް މުވައްޒަފުންގެ ސަސްޕެންޝަން މިހާރު ވަނީ އުވާލައިފަ އެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ޖުމްލަ 17 މީހުން ސަސްޕެންޑުކުރި ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކު މަގާމުން ވަކިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މުވައްޒަފުންގެ ތަފުސީލެއް އެޗްޑީސީން ނުދިން ނަމަވެސް އެނގިފައިވާ ގޮތުގައި މަގާމުން ވަކިކޮށްފައި ވަނީ ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދު އެކަންޏެވެ. ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީނާއި އައިޓީ ކޮންސަލްޓަންޓް އަބްދުﷲ ޝުހޫދު އެޗްޑީސީގައި މަސައްކަތް ކުރައްވަމުން ގެންދެވީ ހާއްސަ ކޮންޓްރެކްޓެއްގެ ދަށުން ކަމަށް ވާތީ، އެ ކޮންޓްރެކްޓް އާ ނުކުރަން އެ ކުންފުނިން ނިންމުމުން އެ ދެ މުވައްޒަފުންގެ ވަޒީފާ ގެއްލުނީ އެވެ.
މީގެ ކުރިން މީޑިއާއަށް ތިލަވެފައިވަނީ ފާއިދާއި ޔާމީން ވަކިކުރި ކަމަށެވެ.
ޔާމީން އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރުގެ މާގަމަށް ޔާމީން އައްޔަން ކުރީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޑިސެމްބަރު 2023 ގަ އެވެ. އެ މުއްދަތު ހަމަވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށެވެ.
އެކަމަކު، އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ނިންމަވާފައިވާ ނިންމެވުމާ ހިލާފަށް މިހާރުގެ މެނޭޖުމަންޓުން ޔާމީންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމިން ނިންމުން އޭނާ މިހާރު ވަނީ ލޭބާ ޓްރައިބިއުނަލަށް ވެސް ހުށަހަޅުއްވައިފަ އެވެ.
ޔާމީން "މިހާރު" އަށް ކުރިން ވިދާޅުވި ގޮތުގައި ފަޒުލްގެ ބެއްލެވުމުގެ ދަށުން އޭނާ ވަނީ ދާއިމީ މުވައްޒަފަކަށް ވުމަށްޓަކައި އެޕްރައިސަލް ފުރިހަމަ ކުރައްވައިފަ އެވެ. ވަޒީފާ ދާއިމީ ކުރަން ވެސް އޭރުގެ އެމްޑީ ފަޒުލް ނިންމަވާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންވެ، ޔާމީން ގަބޫލު ކުރައްވަނީ އޭނާގެ ވަޒީފާ އެޗްޑީސީގައި ދާއިމީ ވެފައިވާ ކަމަށެވެ.
އައިޓީ ކޮންސަލްޓަންޓުގެ މަގާމު ފުރުއްވަމުން ގެންދެވި ޝުހޫދުގެ ކޮންޓްރެކްޓާ ގުޅޭ ތަފުސީލެއް ނުލިބުނެވެ.
އެޗްޑީސީގެ އޮފިޝަލު ވިދާޅުވީ، 10 މުވައްޒަފެއްގެ ސަސްޕެންޝަން އުވާލުމުން ވަޒީފާއަށް ނުކުންނަން ފަށާފައިވާ ކަމަށެވެ. އެހެންވެ، މި ވަގުތު ސަސްޕެންޝަނުގައި ތިބީ ޖުމްލަ ހަތަރު މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ފެށީ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ، އެމްޑަބްލިއުއެެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާ އެރުމުންނެވެ. އެއާއެކު އޭސީސީ އާއި ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށައިފަ އެވެ.
އެ މައްސަލައިގައި ފަޒުލްއަށް ކުރަނީ އެޗްޑީސީގެ ލިޔެކިޔުންތަކެއް ނައްތާލި ކަމުގެ ތުހުމަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޗުޑީސީ ވަގުން
24 February 2025
ސަސްޕެންޝަން އުވާލާފަ ނެރެފަތިބީ ފަޒުލް އާއި އެއްކޮށް ޖަރީމާ ޖެއްސި މީހުން! ދެން ކޮންކަމެއް ރަނގަޅުވާނީ! އަދިވެސް ފަޒުލް ގެ ޅިޔަނު ހުރީ އެޗުޑީސީ ގެ އެންމެ ބޮޑު ޑިޕާޓުމަންޓާ ހަވާލު ވެގެން! ދެން ކަމެއް ރަނގަޅު ވާނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް!
ޙަސީ
24 February 2025
ތިޔަ ޔާމީނަކީ ފަޒުލްގެ ބޯއިއެއް އެމް.ޑަބްލިއު.އެސް.ސީ ގައިވެސްއުޅުނު
ޓަކާން
24 February 2025
ހާސްނުވޭ. މާގިނަދުވަހެއްނުވެ ދުކޮށްލަފާނެ.