އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ އޯވަލް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި "ޓްރަމްޕް ވޯޒް ރައިޓް އެބައުޓް އެވްރިތިންގް" ލިޔެފައިވާ ތޮފިތަކެއް ދައްކާލަނީ: އެމެރިކާގެ ރަށްވެހިކަން ބޭނުންވާ މީހުންނަށް "ގޯލްޑް ކާޑް" ވިއްކަން ފަށާނެ ކަމަށް ވަނީ އިއުލާނުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
26 ފެބުރުއަރީ 2025 - 07:47
އެމެރިކާގައި އުޅެން ބޭނުންވާ ބިދޭސީންނަށް "ގޯލްޑް ކާޑް" ވިސާގެ ނަމުގައި އާ ވިސާއެއް ތައާރަފްކޮށް އޭގެ އަގުގެ ގޮތުގައި ފަސް މިލިއަނެއްހާ ޑޮލަރު ދައްކަން ޖެހޭ ގޮތަށް ހަމަޖައްސަން ނިންމާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ މިއީ މިހާރު ދޫކުރާ "ގްރީން ކާޑު" ގެ އަގު ބޮޑު ވާޝަނެއް ކަމަށާއި ވަޒީފާ އުފައްދާ މީހުން އެމެރިކާއަށް ގެނެސް ދަރަނި ކުޑަކުރުމަށް މި ކާޑުގެ ސަބަބުން އެހީއަކަށް ވާނެ ކަމަށެވެ.
"ވިއްކަން ފަށަން މި އުޅެނީ ގޯލްޑް ކާޑެއް. މިހާރު މި އޮންނަނީ ގްރީން ކާޑް. މިއީ ގޯލްޑް ކާޑް. މީގެ އަގެއް ކަމަށް ކަނޑައަޅަން މި އުޅެނީ ފަސް މިލިއަނެއްހާ ޑޮލަރު،" އޯވަލް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.
ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ މީހުންނާ މެދު ހަރުކަށިކޮށް އަމަލުކުރައްވައި އަދި އެހެން ތިބި އެތައް މިލިއަން ބަޔަކު ގައުމުން ބޭރުކުރުމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި ޓްރަމްޕް ވިދާޅުވީ އާ ވިސާ އަކީ އެމެރިކާގެ ރަށްވެހިކަން ހޯދުމުގެ އަގުބޮޑު މަގެއް ހުޅުވާލުން ކަމަށެވެ.
"ވަރަށް ގިނަ މީހުން މި ގައުމުގައި އުޅެން ބޭނުންވާނެ. އެ މީހުން ވަޒީފާތަކާއި ކުންފުނިތައް އުފައްދާނެ،" ޓްރަމްޕް ވިދާޅުވި އެވެ. "އެ ވާނީ ފައިސާ ހުރި މީހުންނަށް."
އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭ މި ކާޑު ވިއްކަން ފެށޭނެ ކަމަށެވެ.
"މީގެ މިލިއަނެއްހާ ކާޑު ވިއްކޭނެ ކަމަށް މި ބަލަނީ. ގާނޫނީ ގޮތުން މިކަމުގައި ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ވަނީ ކޮށްފައި،" ރައީސް ޓްރަމްޕް ވިދާޅުވި އެވެ.
ބިލިއަނަރެއް ކަމަށްވާ ޓްރަމްޕް ވިދާޅުވީ މި ކާޑަށް އެދި ހުށަހަޅާ ހުރިހާ ހުށަހެޅުމެއް ވެސް ވަރަށް ފަރުވާތެރިކަމާ އެކު ބަލާނެ ކަމަށެވެ. މި ކާޑަށް ރަޝިޔާގެ މަހުޖަނުން ޝަރުތު ހަމަވާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ވިދާޅުވީ "ވެދާނެ" ކަމަށެވެ.
"ވެދާނެ. އަޅުގަނޑަށް އެނގޭ ރަޝިޔާގެ ބައެއް މަހުޖަނުންނަކީ ވަރަށް ރަނގަޅު މީހުން. އެއީ ވެދާނެ ކަމެއް،" ޓްރަމްޕް ވިދާޅުވި އެވެ. "އެމީހުން ކުރިން އޮތް މުއްސަނދިކަމެއް ނެތް. އަޅުގަނޑަށް ހީވަނީ އެބޭފުޅުންނަށް ކުރެވިދާނެހެން. އަޅުގަނޑަށް ހީވަނީ އެބޭފުޅުންނަށް ފަސް މިލިއަން ޑޮލަރު ގެނެވޭނެހެން."
މީގެ ތިން އަހަރު ކުރިން ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތް ފަހުން ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ރަޝިއާގެ ވަރަށް ގިނަ މަހުޖަނުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ޓްރަމްޕް ވިދާޅުވީ ރަޝިޔާއާ ދެކޮޅު ބައެއް ފިޔަވަޅުތައް ކޮންމެވެސް ހިސާބަކުން އުވާލެވިދާނެ ކަމަށެވެ.
ޓްރަމްޕް ވަނީ އަލަށް ތައާރަފްކުރާ ކާޑަށް "ޓްރަމްޕް ކާޑު" ކިޔުމަށް ބައެއް ބޭފުޅުން ހުށަހެޅުއްވި ކަމަށާއި އެހެން ކިޔަސް މައްސަލައެއް ނެތް ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައްލަ
27 February 2025
ހިލޭ ދިނަސް އަހަރެމެން ތި ބޭނުމެއްނޫން.
ޔަހުޔާ.
26 February 2025
މިވެސް މޮޔަގޮލައެއް.
ޑިމޮކުރޭޒީ
26 February 2025
ހުޅަނގުން ދެކޭ ޒަމާނީ ޑިމޮކްރަސީ އަކީ މިއީ. ފަގީރުން ބޭރުކޮށް މުއްސަނދިން އެކަނި ދިރިއުޅުން. ޖާހިލިއްޔަ ޒަމާނުގެ ކަންކަން މިހުންނަނީ. ދެރަމީހާއަށް ދެރަގޮތް، މޮޅުމީހާއަށް މޮޅުގޮތް.
ސަލީމު އިދުރީސް
27 February 2025
ކަލެއައް އެނގޭތަ ޑިމަކުރެސީއާ ހުދު މުހުތާރުގެ ތަފާތު! މިސާލަކައް ވެރިއަކު ކުރަންބޭނުން ކޮންކަމެއް ނުކުރެވޭނެ ފުރިހަމަ ޑިމުކެރެސީއެއްގަ! އެމެރިކާގަ ފުރިހަމަ ނޫނަސް ޑިމުކުރަސީ އޮތީމަ މިކަހަލަ ނުބައިމީހުން ވެރިކަމައް އަޔަސް އެހެން ނަސްލުގެ މީހުނައް ނޭވާލައިގެން އުވެނީ! ވެއުތިނާމު ހަނގު ރާމަވެސް ހުއްޓާލީ އެމިހުންނައްލިބޭ ގެއްލުބޮޑުޥެ ރައްތުން މުޒާހިރާ ކުރަން ފެށީމަ! ސައުދީގަ މުޒާހަރާ ނުކުރެވޭނެ ވެރިމީހަ ކޮންމެ ކަމެއް ކުރީއަސް
ބިން ޖާހިލިއްޔާ
27 February 2025
ރަގަޅު ވާހަކައެއް. އެކަމު އެއީ ހުރިހާ ގްރޫޕް ހަދިއިގެންވެސް ކަންކަން ކުރާ ގޮތް. ގަބީލާތައް، އަވައްތައް، ސްކޫލްތައް، ގައުމުތައް، ދީންތައް، ސިޔާސީ ޕާޓީތައް، މިއިން ކޮންމެ ގްރޫޕެއްވެސް އެބައެއްގެ ހިޔާލުތަކާ ފުށުއަރާ މީހުންނައް ހަދާނެއެއްޗެއް ހަދަނީ.