ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް އިފްތިތާހު ކުރަނީ: އެތަނުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނޭ --- ފޮޓޯ/ބީއެމްއެލް
26 ފެބުރުއަރީ 2025 - 15:09
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައި، އެ ރަށުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.
އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ފަށްޓަވައިދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
އެ ބޭންކުން ބުނީ އާ އޭޓީއެމުން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ރަސްމީ ގަޑީގެ ބޭރުން ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުމުގެ އިތުރުން އެހެނިހެން ސެލްފް ސާވިސް ބޭންކިން ހިދުމަތްތައް ވެސް ލިބޭނެ ކަމަށް ބުންޏެވެ.
އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ ރަށްރަށަށް އިތުރު ތަރައްގީ ގެނެސްދިނުން ކަމަށެވެ.
"ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކް. އަޅުގަނޑުމެންނަކީ ތިޔަ ބޭފުޅުންގެ ކުރިއެރުމުގެ ބައިވެރިއެއް. އަޅުގަނޑުމެން ތައާރަފުކުރާ ކޮންމެ ހިދުމަތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެ މަގުސަދުގައި ކުރާ ކަމެއް." އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ އިތުރުން ބީއެމްއެލްގެ ޑޮލަރު އޭޓީއެމް އައްޑޫ ސިޓީ އާއި މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ހުރެ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއެކު 20 އަތޮޅުގައި ބީއެމްއެލްގެ 39 ބްރާންޗާއި 100 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 157 އޭޓީއެމް އާއި އޭޖެންޓް ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބީއެމްއެލްގެ އަމާޒަކީ އާންމުނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ. ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ހުރިހާ ހިދުމަތެއް އަންނަ މަހުން ފެށިގެން ޑިޖިޓަލްކޮށް ދޭން ވެސް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަރުކޭސް
27 February 2025
ތޯބޭ، ހާދަ ނުބައިވައްތަރަކަށޭ ހެވިފަ ތިޔަ ހުރީ. ސިއްރަކީ ކޮބަޔޯ
ލުބްލާ2025
27 February 2025
އައްޑޫގައި ކޮން އިރަކުންތޯ ޕައުންޑް އޭޓީއެމް ބަހައްޓަނީ؟