އިޒްރޭލުން ޣައްޒާގައި ހަމަލާތައް މެދުކަނޑާލުމާ އެކު މީހުން އެނބުރި ޣައްޒާއަށް ވަންނަނީ: މިތަނުގެ ރައްޔިތުން ގަދަކަމުން ވަޒަނުން ބޭރުކުރާ އެއްވެސް ކަމެއްގައި ބައިވެރިނުވާނެ ކަމަށް އދ. އިން ވަނީ ބުނެފައި. -- ފޮޓޯ: އޭއެފްޕީ
27 ފެބުރުއަރީ 2025 - 05:50
ފަލަސްތީނުގެ ޣައްޒާއިން މަޖުބޫރުން މީހުން ބޭރުކުރުމުގެ އެއްވެސް ކަމެއްގައި ބައިވެރިނުވާނެ ކަމަށާއި އެއީ އެ ޖަމާއަތުގެ މަސައްކަތާ ގުޅުން ހުރި ކަމެއް ނޫން ކަމަށް އދ.ގެ ހިޖުރަވެރިންގެ ޖަމިއްޔާ، އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަންގެ ޑިރެކްޓަރު އެމީ ޕޯޕް ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ބިމާ ހަމަކޮށްފައިވާ ޣައްޒާއިން މީހުން ހުސްކޮށް މިސްރާއި އުރުދުން އަށް ގެންދަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައި ވާތީ އެކަމާ ގުޅޭ ގޮތުން ޕޯޕް އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި އެގޮތަށް މީހުން ބޭރުކުރުން ވަނީ ސަރަހައްދުގައި ހިމެނޭ ގައުމުތަކުގެ "ރަތް ރޮނގު" ހުރަސްކުރުން ކަމަށެވެ.
"އަޅުގަނޑުމެން ހިދުމަތް ކުރާ މުޖުތަމައުތަކަށް ވައުދުވެފައި ވާނީ އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއްގައި މީހުން އެ ބައެއްގެ ވަޒަނުން ނެރުން ފަދަ ކަންކަމުގައި ބައިވެރިނުވާނެ ކަމަށް،" އެމެރިކާ ބޭފުޅެއް ކަމަށްވާ ޕޯޕް ވިދާޅުވި އެވެ.
ޣައްޒާ ރިސޯޓަކަށް ހަދަންވީ ކަމަށް ވިދާޅުވެ ޓްރަމްޕް ދައްކަވާ ވާހަކައަށް ސަރަހައްދީ ގައުމުތަކާއި އެކި ޖަމިއްޔާތަކުން ވަނީ ދެކޮޅުހަދައިފަ އެވެ.
"މިއީ އިންސާނިއްޔަތުކަމުގެ ގޮތުން ކޮށްދޭންޖެހޭ ކަންކަން ކުރާ ޖަމިއްޔާއެއް،" އޭނާ ވިދާޅުވި އެވެ.
"އެހެންވެ، މެންބަރު އެހެން ގައުމެއްގެ ރަތް ރޮނގު ހުރަސްކުރާނެ އަމަލެއްގައި ބައިވެރިނުވާނެކަން އެއީ ޔަގީންކަމެއް."
ޣައްޒާއިން މީހުން ބާލާ ވާހަކާގައި ފާޑުކިޔުން ބޮޑުވެފައި ވާތީ ޓްރަމްޕް ފަހުން ވަނީ އެއީ ހިޔާލެއް ކަމަށާއި މަޖުބޫރުކަމެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އިޒްރޭލުން 15 މަސް ދުވަސް ވަންދެން ހަމަލާ ދީފައި ވާއިރު ޣައްޒާއިން ބައި ލައްކައާ ގާތްކުރާ އަދަދަކަށް މީހުން ޝަހީދުވެ މަދު އިމާރާތްތެއް ނޫނީ ވަނީ ބިމާ ހަމަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެކެކެ
27 February 2025
އދ އަކީ އެމެރިކާ. ދެން "އދ" ގެމީހުން އެހެން ބުންޏޭކިޔާފަ ތިކަން ހުއްޓާނެތޯ.