27 ފެބުރުއަރީ 2025 - 15:07
ރާއްޖޭގައި ބޭންކިން ދާއިރާގައި އެންމެ ދުވަސްވީ ކުންފުނި، ބީއެމްއެލް އިން އަނެއްކާ ވެސް މިވަނީ، މުޅިން އާ ކަމެއް ތައާރަފްކޮށްފަ އެވެ. ބޭންކިން ހިދުމަތް ދިނުމުގައި ހުރިހާ ކަމެއް ޑިޖިޓަލްކޮށްލީ އެވެ. މިހާރު ބީއެމްއެލް އިން ކޮންމެ ހިދުމަތެއް، ކޮންމެ ތަނެއްގައި ހުރެގެން ވެސް ހޯދޭނެ އެވެ. އަދި އެންމެ ދިހަ ސުކުންތުގެ ތެރޭގައި ލޯނަށް ނުވަތަ ފައިނެންސިންއަށް ވެސް ހުށަހެޅޭނެ އެވެ. އެހާ ވެސް ފަސޭހަ އެވެ.
އެ ބޭންކު މެދުވެރިކޮށް ފައިސާ ފޮނުވުމާއި ކާޑު އެކްޓިވް ކުރުމާއި ޕިން ނަމްބަރު ބަދަލު ކުރުން އަދި އެކައުންޓް ފްރީޒްކުރުން ފަދަ ގިނަ ހިދުމަތްތަކަކަކީ ބޭންކުގެ ބްރާންޗަކަށް ނުގޮސް އޮންލައިންކޮށް ހޯދޭނެ އެވެ.
އެ ބޭންކުން އިންޓަނެޓް ބެންކިން އާއި މޮބައިލް އެޕް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށް ވެސް އިތުރު އެކައުންޓެއް ހުޅުވުމާއި ކާޑަށް އެޕްލައި ކުރުމާއި ލުއި ލޯނަށް އެދި ހުށަހެޅުމާއި ލޯނަށް އެދި ހުށަހެޅޭނެ "އެކްސްޕެކްޓަޑް ކްރެޑިޓް ލިމިޓް"ވެސް އޮންލައިންކޮށް ބަލާލެވެ އެވެ. އަދި އެ ބޭންކާ މުއާމަލާތްތައް ކުރުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަ މަގެއް ތަނަވަސްކޮށްދިނުމުގެ ގޮތުން ޑިޖިޓަލް ބެންކިން އެސިސްޓަންޓް "އާޔާ"ގެ ހިދުމަތް ވެސް ފޯރުކޮށްދެ އެވެ.
ފުޅާ ދާއިރާއެއްގައި މިހާރު ވެސް މިފަދަ އެތައް އޮންލައިން ހިދުމަތްތަކެއް ދެމުންދާ ބީއެމްއެލްއިން ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެ ބޭންކުގެ ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދޭން ނިންމައި، އެކަން އިއުލާނުކޮށްފަ އެވެ.
ކަސްޓަމަރަކު އިންޓަނެޓް ބެންކިން ބޭނުން ކުރަނީ.
އެ ބޭންކުގެ ހެޑް އޮފް ޕީއާރް, ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އެކައުންޓް ހުޅުވުމުން ފެށިގެން ހުރިހާ ހިދުމަތެއް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިން ކުރާނެ ކަމަށެވެ.
"މިހާރު ވެސް އެކައުންޓު ހުޅުވުމުގެ ހިދުމަތް އޮންލައިންކޮށް ލިބޭނެ. އެކަމަކު އެއީ ބެންކުގެ އެގްޒިސްޓިން ކަސްޓަމަރުންނަށް. މިގެނައި ބަދަލާ އެކު ކޮންމެ މީހަކަށް ވެސް އޮންލައިންކޮށް އެކައުންޓް ހުޅުވޭނެ." ސައީދު ވިދާޅުވި އެވެ.
ބޭންކުގެ ޑިޖިޓަލައިޒޭޝަން ހިދުމަތްތައް ވަށާޖެހޭ ގޮތެއްގައި ފޯރުކޮށްދިނުމުގެ ގޮތުން ބެންކުން ދޫކުރާ ކާޑު ކަސްޓަމަރަށް ޑެލިވާކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެ ހިދުމަތަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ބަދަލެކެވެ.
ބޭންކުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ނިންމައި، ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި ވިޔަފާރި އެކައުންޓުތައް ހުޅުވުން އޮންލައިން ކުރުމާއި ވިޔަފާރިތަކުން ޗެކުގެ ބަދަލުގައި ބިޒްނަސް ކާޑުން ފައިސާ ނެގޭ އަދަދު 200،000ރ. އިތުރުކުރުން ހިމެނެ އެވެ. އަދި ރާއްޖެއިން ބޭރުން ލިބޭ ފައިސާގެ ތެރެއިން 10 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވަގުތުން ވެރިފިކޭޝަން ނިންމުމަށްފަހު އެކައުންޓަށް ޖަމާކޮށްދިނުމާއި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ (ޓީޓީ އަދި އޮންލައިން މަނީ ޓްރާންސްފާ) ތެރެއިން 5،000 ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް އޮންލައިންކޮށް ފޮނުވޭނެ ގޮތް ހަމަޖައްސައިދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.
"ސީއީއޯ ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމެއް މިއީ. ބެންކުގެ ސްޓްރަކްޗަރަށް ގެނައި ބަދަލުތަކުގައި ވެސް ޑިޖިޓަލް ބެންކިންއަށް ވަކި ޑިޕާޓްމަންޓެއް ހަދާ މިކަން އަވަހަށް ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި. ސީއީއޯ ޖޮއިންކޮށްފައި ސްޓްރެޓެޖީތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން މިކަން މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ހާސިލްވީ" އޭނާ ވިދާޅުވި އެ
ސައީދު ވިދާޅުވީ އެ ހިދުމަތްތަކަކީ މިހާރު ބެންކަށް ގޮސްގެން ނޫނީ ނުލިބޭ ހިދުމަތްތަކަކަށް ވުމުން ބޭންކުގައި ވަގުތު ހޭދަކުރަން ނުޖެހި، ގިނަ ވިޔަފާރިތަކަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އަދި މިއީ މިހާރަށް ވުރެ ފުރިހަމައަށް މި ހިދުމަތްތައް ހޯދޭނެ ޒަމާނީ ހައްލެއް ކަމަށް ވިދާޅުވި އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ސައީދު --- މިހާރު ފޮޓޯ/ނިޝާން އަލީ
ސައީދު ވިދާޅުވީ އެ ބެންކުން ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭ ގޮތަށް ޑިޖިޓަލައިޒޭޝަން ކުރުމުގެ މަސައްކަތްތަކަކީ އެކި މަރުހަލާތަކަށް ބަހާލައިގެން އެ ބެންކުން ކުރަމުންދިޔަ މަސައްކަތެއް ކަމަށެވެ. އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތަކީ މިހާރުގެ ސީއީއޯ މުހައްމަދު ޝަރީފު ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމެއް ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއްކޮށް ޑިޖިޓަލައިޒޭޝަންގެ މަސައްކަތް ނިމުމުގެ ސިއްރަކީ ބެންކުގެ ސީއީއޯ ކަމަށް ވިދާޅުވި އެވެ.
"ސީއީއޯ ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމެއް މިއީ. ބެންކުގެ ސްޓްރަކްޗަރަށް ގެނައި ބަދަލުތަކުގައި ވެސް ޑިޖިޓަލް ބެންކިންއަށް ވަކި ޑިޕާޓްމަންޓެއް ހަދާ މިކަން އަވަހަށް ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި. ސީއީއޯ ޖޮއިން ކޮށްފައި ސްޓްރެޓެޖީތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން މިކަން މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ހާސިލްވީ" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އެ ބެންކުން ޑިޖިޓަލައިޒޭޝަނާ ދިމާލަށް މިސްރާބު ޖެހީ ރާއްޖެ އާއި ދުނިޔޭގައި ވެސް އޮންލައިން ހިދުމަތްތަކަށް ޑިމާންޑު ބޮޑުވެ, ރާއްޖޭގައި ވެސް އޮންލައިންކޮށް ހިދުމަތް ހޯދާ ކަސްޓަމަރުން ނިސްބަތުން ގިނަ ވުމުން ކަމަށެވެ. އަދި މިއީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް އެންމެ ފުރިހަމައަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް އޮތް މަގު ކަމަށް ވެސް ވިދާޅުވި އެވެ.
ބޭންކުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިންޓަނެޓް ބެންކިން މެދުވެރިކޮށް 107 މިލިއަނަށް ވުރެ ގިނަ ޓްރާންސެކްޝަންތައް ވަނީ ހަދާފަ އެވެ. އަދި ބެންކުގެ 90 ޕަސެންޓަށް ވުރެ ގިނަ ކަސްޓަމަރުންނަކީ އިންޓަނެޓް ބެންކިންގެ ހިދުމަތް ހޯދާ ކަސްޓަމަރުންނެވެ. އެހެންވެ, އެކަމަކީ ރާއްޖޭގައި ޑިމާންޑް އޮތް ހިދުމަތްތަކެއްގެ ގޮތުގައި ސައީދު ފާހަގަ ކުރެއްވި އެވެ.
ސައީދު ވިދާޅުވީ ބޭންކުގެ އޮންލައިން ހިދުމަތްތަކަކީ އިންޓަނޭޝަނަލް ހަމަތަކާއި މިންގަނޑުތަކަށް ފެތޭ ހިދުމަތްތަކެއް ކަމަށެވެ. އަދި ހުރިހާ ހިދުމަތެއް އޮންލައިން ކުރުމާ އެކު, އިތުރަށް ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރާނެ ކަމަށާއި އެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އަމާޒަކީ އޮންލައިންކޮށް ހުރިހާ ހިދުމަތްތަކެއް ދޭއިރު, މިހާރަށް ވުރެ ވެސް އަވަހަށް ހިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ހިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުން ކަމަށެވެ. އަދި މިހާރަށް ވުރެ ފުރިހަމައަށް ބޭންކާ މުއާމަލާތް ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން އެ ބެންކުގެ ޗެޓް ބޮޓް ވެސް އިތުރަށް އިންޓެލިޖެންޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ބެންކުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްވި ނަމަވެސް, ކުންފުނި ޑައުންސައިޒް ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ބްރާންޗުތަކުން ދޭ ހުރިހާ ކަސްޓަމާ ސާވިސް ހިދުމަތްތަކެއް ދެމުންދާނެ ކަމަށެވެ.
ބީއެމްއެލްއިން އަންނަ ހޮނިހިރު ދުވަހު ދޭން ފަށާ އޮންލައިން ހިދުމަތްތަކާ އެކު, އެ ބޭންކް ވާނީ ރާއްޖޭގެ ފުރަތަމަ "ޑިޖިޓަލް" ބޭންކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލީ
02 March 2025
މިއަދު މިއީ މާޗް 2 އަދިވެސް މިހިދުމަތެއް ނުފެށޭ
ދަބަންގު
27 February 2025
މީ ކުރިންވެސް ކީ ޚަބަރަކާ ވައްތަރީ.