ރޯދަ މަސް / ރަށްރަށުން

ތޮއްޑޫން ފެހިކަމާއި ކުރިއެރުން: "ފަށަން އޮތީ ވެސް އާ މަރުހަލާއެއް"

ހަނި މަގުގެ ދެ ފަރާތުގައި ހައްދާފައިވާ ރުއްތަކަކީ މި ރަށަށް ޒިޔާރަތްކުރާ މީހުންގެ ހިތްހަމަޖެހުމެވެ. ރުއްތަކުގެ ދެ ފަރާތުން ދަނޑުތަކުގެ ފެހިކަމާއި އެއްވެ މުޅި މަންޒަރު ފެންނަލެއް ވަރަށް ހިތްގައިމެވެ. ރުއް މަގުން ދުއްވާފައި ދެވެނީ ރީތި ދޮންވެލި ބީޗަށެވެ. މިތަނުގައި ފޮޓޯއެއް/ވީޑިއޯއެއް ނުނަގައިފި ނަމަ ތޮއްޑުއަށް އައި ކަމަކަށް ނުވެ އެވެ. އެހާވެސް ރުއްގަނޑުގެ ނަލަކަން ވަނީ ވައިރަލްވެފަ އެވެ.

ތޮއްޑޫގެ ރުއްގަނޑު: މިއީ މި ރަށަށް ޒިޔާރަތްކުރާ މީހުންގެ އެންމެ މަގްބޫލް އެއް ސަރަހައްދު. -- ފޮޓޯ | ލޫކަސް ޖަލީލް

މިދުވަސްވަރު އަނެއްކާވެސް ތޮއްޑޫގެ ވިދުން ގަދަ އެވެ. ކޮންމެ ރޯދަ މަހަކާ އެކު ގިނަ ބައެއްގެ ސަމާލުކަން އާދަޔާޚިލާފަށް މި ރަށަށް ލިބެނީ ތޮއްޑޫ ކަރައާ ރޯދަ މަހާ އޮންނަ ގުޅުމުންނެވެ. މިއީ އެއް ރަށަކުން އެހާ ގިނަ ކަރާ އުފައްދައި ފޮނިމީރުކަން ފުރަތަމަ ފޯރުކޮށްދިން ރަށެވެ.

ތޮއްޑޫގައި ކުދިންތަކެއް ބައިސްކަލްގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ރަށަކީ ދަނޑުވެރިކަމާ އެކު ލޯކަލް ޓޫރިޒަމްގައި ވެސް އެންމެ ފުޅާ އެއް ރަށެވެ. ހާއްސަ ކަމަކީ މި ފެހިކަމުގެ ތެރެއިން މި ރަށް ކުރިއަރައި ދިއުމެވެ. ތޮއްޑޫ މީހުންގެ ހެޔޮކަމާއި މެހްމާންދާރީ އަދި ގުދުރަތީ މުއްސަނދިކަމާ އެކު ހިމޭން މާހައުލަކީ ގިނަ ބައެއްގެ ހިތް މި ރަށަށް ދޫވާ ސަބަބެވެ.

"ބޭރުގެ އިންވެސްޓަރުންނާ އެކު ޑިވެލޮޕްކުރާ ތަންތަން ވެސް އެބަހުރި. އާ ފޭސްއެއް, އާ މަރުހަލާއެއް މި ފެށެނީ ތޮއްޑޫގައި,"

ކައުންސިލަކުން ރަށެއް ޓޫރިސްޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި މެނޭޖްކޮށް މާކެޓް ކުރުމުގައި ވެސް މި ރަށަކީ ނަމުނާ އެކެވެ. ކުރިއެރުން ވެސް އަވަހެވެ. ގިނަ ރަށްރަށުން ނަމޫނާއަކަށް ބަލައި މި ރަށުގެ ތަޖުރިބާ ވެސް ބޭނުންކުރެ އެވެ.

ކައުންސިލްގެ ރައީސް ކަރަމް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކައުންސިލްގެ ރައީސް އަހްމަދު ކަރަމް ވިދާޅުވީ ލޯކަލް ޓޫރިޒަމްގައި މި ރަށުން އަނެއްކާވެސް ފަށަން އޮތީ އާ މަރުހަލާއެއް ކަމަށެވެ.

"ދެ މިލިއަން އަކަ ފޫޓު ސަރަހައްދެއްގައި ކަރާ"

މި ރޯދައަށް ވެސް ކަރާ ހައްދަން ދެ މިލިއަން އަކަ ފޫޓުގެ ސަރަހައްދެއް ހާއްސަ ކުރި އެވެ. މީގެ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ކުރިން ދޫކުރި ދަނޑުތައް ރޯދައަށް ހައްދައި މިހާރު ވަނީ ކަރާ ކަނޑަން ތައްޔާރުވެފަ އެވެ.

ކަރަމް ވިދާޅުވި ގޮތުގައި މި ރޯދައިގައި 600 ޓަނުގެ ކަރާ ދަނޑުތަކުން ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އެއީ ދަނޑަކުން ހަތަރެއް ނުވަތަ ފަސް ޓަނުގެ ކަރަ އެވެ.

"ޖުމްލަކޮށް ބަލާއިރު ދަނޑަކުން ފަސް ޓަނު ވަރު ނެރެވޭނެ. އެހެންވީމަ މި ރޯދައަށް ވެސް ގާތްގަނޑަކަށް 600 ޓަނު ނެރެވޭނެ," އޭނާ ވިދާޅުވި އެވެ.

އާއްމު މަސްތަކުގައި ކަރާ ހައްދަން އެހާ ބޮޑު ސަމާލުކަމެއް ނުދިނަސް ރޯދައަށް ކަރާ ހެއްދުމަކީ މި ރަށުގެ އާދަކާދަ އެވެ. ކަރާގެ އިތުރުން ކިއުކަމްބާ އާއި މިރުހާއި ބައްޓާއި ބަރަބޯ އަދި ފަތްޕިލާވެލީގެ ގިނަ ބާވަތްތަކެއް ވެސް މި ރަށުން މާކެޓަށް ނެރެ އެވެ.

ތޮއްޑޫގައި އެންމެ ކުރިން ދަނޑުވެރިކަން ކުރި ގޮތަކަށް މިހާރު ނުކުރެވެ އެވެ. ސަބަބު ވެސް ކަރަމް ވިދާޅުވި އެވެ.

"ވަރަށް އިންޓެންސިވްކޮށް ބޮޑު ސަރަހައްދެއްގެ ތެރޭގައި ދަނޑުވެރިކަމުގެ ޕްރޮޑަކްޓިވިޓީ ވަރަށް ބޮޑަށް ދަށްވެގެން ދިޔައީ. އެއާއެކު ކުރިމަތިވި މާޔޫސްވިކަމެއް,"

ކަރަމް ވިދާޅުވި ގޮތުގައި ދަނޑުވެރިކަން ފުޅާކޮށް ކުރުމާ އެކު ޓޫރިޒަމްގައި ކުރިއެރުން ހޯދުމަކީ ކައުންސިލުން ބޭނުންވާ ގޮތެވެ.

ޓޫރިޒަމްގައި ދައްކާ ނަމޫނާ: 100 ވަނަ ގެސްޓް ހައުސް

ދަނޑުތަކުން ރަށު ތެރެއަށް ނުކުމެ ބަލާލާއިރު ފެންނަނީ އާދަޔާޚިލާފަށް ގިނަ ގެސްޓް ހައުސްތަކެވެ. އިމާރާތްކުރަމުން އަންނަ ތަންތަން ވެސް އެހާ ގިނަ އެވެ.

ކަރަމް ވިދާޅުވީ 2022 ގައި މި ރަށުގެ 50 ވަނަ ގެސްޓްހައުސް ހުޅުވި ފަހުން މިހާތަނަށް މަންޒަރު ވަރަށް ބަދަލުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ އާބާދީގައި ދެހާހަށް ވުރެ ގިނަ މީހުން މި ރަށުގައި 60 އަށް ވުރެ ގިނަ ގެސްޓް ހައުސް ހިންގަމުން އަންނަ ކަމަށެވެ. މިހާރު ތަރައްގީ ކުރަމުން އަންނަ ގެސްޓް ހައުސްތަކުގެ އަދަދު 40-42 އަށް އަރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަންދާޒާކުރަނީ އަންނަ އަހަރުގެ ތިން ވަނަ ކުއާޓާއާ ހިސާބުގައި 100 ވަނަ ގެސްޓްހައުސް ހުޅުވިގެންދާނެ ކަމަށް" ކަރަމް ވިދާޅުވި އެވެ.

އޭނާ ލަފާ ކުރައްވާ ގޮތުގައި މި އަހަރުގެ ވެސް ސީޒަން ތެރޭގައި 1600 ޓޫރިސްޓުން މި ރަށުގައި ތިބޭނެ އެވެ.

ތޮއްޑޫގައި ދެ ޓޫރިސްޓަކު ހިނގާފައި ދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ފުރަތަމަ ގެސްޓް ހައުސް 2013 ގައި ހުޅުވައިގެން 11 އަހަރުވި އިރު އަޅުގަނޑުމެންނަށް މި ފެނުނީ ރާއްޖޭގެ އެހެން ރަށްރަށަށް ވުރެން އަޅުގަނޑުމެންގެ ސްޕީޑް މާބޮޑަށް ވެސް އަވަސްކަން. އެއީ މާފުއްޓަށް ވުރެން ފަހުން ފެށި ނަމަވެސް އެހާ ބާރަށް ކުރިއަރައިގެން ދިޔަ ސަބަބެއް ކަމަށް ފަތުރުވެރިންގެ ވާހަކަތަކުންނާއި އިންޑަސްޓްރީގެ މީހުންގެ ވާހަކަތަކުން އެނގެނީ ދަނޑުވެރިކަން މި ރަށުގައި އޮތީމަ އެއީ އެޑްވާންޓޭޖެއްގެ ގޮތުގައި,"

ގެސްޓް ހައުސް މި ރަށުގައި ފެށިގެން އައީ ހަދަން ފަށާފައި ހުރި ގެތައް ނޫނީ ހަދައި ނިންމާފައި ހުރި ގެތައް މޮޑިފައިކޮށްގެންނެވެ. އެންމެންނަށް ވެސް އެއީ ވެދާނެ ކަމެއް ކަމަށް ގަބޫލުކޮށްގެން ކުރަން ފެށީ އެވެ. އެސްއެމްއީ ބޭންކުން ގާތްގަނޑަކަށް 40 މީހުން ލޯނު ނަގައިގެން ވެސް ގެސްޓް ހައުސް ހެދި އެވެ.

ތޮއްޑޫގެ ގެސްޓްހައުސްއެއް: މި ރަށުގައި ވަރަށް ގިނަ ގެތައް އަންނަނީ ލޯކަލް ޓޫރިޒަމަށް ތަރައްގީކުރަމުން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ލޯކަލް ޓޫރިޒަމާ އެކު ވޭތުވެދިޔަ އަހަރުތަކުގައި މި ރަށުގެ އިގްތިސާދަށް ވަރަށް ބޮޑު ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ކަރަމް ވިދާޅުވީ ބައެއް ފިހާރަތަކުގެ ސޭލްސް ދުވާލަކު 100,000 ރުފިޔާ އަށް ވުރެ ވެސް މަތިވެފައި އެބަހުއްޓެވެ.

އިގްތިސާދީ ގޮތުން ކުރިއެރުން ހޯދި ނަމަވެސް މި ރަށުން ލިބޭ ސިއްހީ ހިދުމަތްތައް އޮތީ ވަރަށް ދަށުގަ އެވެ.

ކަރަމް ވިދާޅުވީ ނެޝަނަލް ލެވެލްގައި ކޮންޓްރިބިއުޓްކުރާ މިންވަރަށް ބަލައި ރަށްރަށުގެ އިންފްރާސްޓްރަކްޗާގެ މަޝްރޫއުތައް ހިންގުމުގައި ސަރުކާރުތަކުން އިސްކަން ދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ނަޒަރިއްޔާ އިން ބަލާ ނަމަ ތޮއްޑޫގެ ސިއްހީ ހިދުމަތާއި މަގުތައް މިހާރަށް ވުރެ ރަނގަޅު ފެންވަރަކަށް ހަދައި ނިމިފައި ހުންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ސިއްހީ ހިދުމަތުގެ ފެންވަރު މި ރަށުގައި ދަށް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ހޮސްޕިޓަލްގެ މަސައްކަތް ނުފެށިދާ ކޮންމެ ދުވަހަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. މިދިޔަ އަހަރުގެ ސީޒަން ތެރޭގައި އެވްރެޖްކޮށް 1,100 ޓޫރިސްޓުން ތިބި. މި އަހަރު ސީޒަންގައި 1,600 ތިބޭނެ ކަމަށް އަންދާޒާ ކުރެވޭ އިރު އެ އަދަދާ ގާތަށް ވެސް ސިއްހީ ހިދުމަތެއް ނުދެވޭ," އޭނާ ވިދާޅުވި އެވެ.

އެކަމަކު އޭނާގެ އުއްމީދު ކުރައްވަނީ ޓޫރިޒަމްގައި ކުރިއަރާ މިންވަރަށް ބަލައި ކުރިއަށް ވުރެ ބޮޑަށް ސަރުކާރުގެ ސަމާލުކަން މި ރަށަށް ލިބުމެވެ.

"ކުދި ހޮޓާތަކަށް ބަދަލުވުމުގެ މަރުހަލާއެއް"

ގެސްޓް ހައުސް ހިންގަން ބޭނުންވާ އެންމެންނަށް ކައުންސިލުން އެ ހުއްދަ ދޫކުރެ އެވެ.

ކަރަމް ވިދާޅުވި ގޮތުގައި ތޮއްޑޫގެ ޓޫރިޒަމް މިހާރު އޮތީ "ބަދަލުވުމުގެ މަރުހަލާއެއްގަ" އެވެ. ވޭތުވެދިޔަ 11 ވަރަކަށް އަހަރުގެ ތެރޭގައި ތޮއްޑޫން ގެސްޓްހައުސް ހެދި ނަމަވެސް މިހާރު ތަރައްގީ ކުރަމުން އަންނަނީ ކުދި ހޮޓާތަކެވެ.

"ބޭރުގެ އިންވެސްޓަރުންނާ އެކު ޑިވެލޮޕްކުރާ ތަންތަން ވެސް އެބަހުރި. އާ ފޭސްއެއް, އާ މަރުހަލާއެއް މި ފެށެނީ ތޮއްޑޫގައި," އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުންތަކެއް ތޮއްޑޫގައި: ޕީކް ސީޒަންގައި 1،600 ޓޫރިސްޓުން ރަށުގައި ތިބޭނެ ކަމަށް ކައުންސިލުން ލަފާކުރޭ. -- ފޮޓޯ : ފަޔާޒް މޫސާ | މިހާރު

ޓޫރިޒަމް މިހާ ބާރުމިނުގައި ދިއުމަކީ މިއީ ރަށަށް ލިބޭނެ ކުރިއެރުމެއް ނަމަވެސް ކައުންސިލްގެ ކަންބޮޑުވުމެއް ވެސް އެބައޮތެވެ.

"އަޅުގަނޑުމެންގެ މިދާ ރެޕިޑް ގްރޯތުގައި އަޅުގަނޑުމެންގެ ރިސޯސްއާ އެކަށީގެން ނުވާ މިންވަރަށް ފްލަޑްވެގެން ދިއުމުގެ ބިރު. އެކަމަށްޓަކައި ކައުންސިލުން އަޅުގަނޑުމެން މިހާރު ވެސް ރެސްޓްރިކްޝަން ނަގާފައި ވަނީ. އެއީ ކޮންޓްރޯލެއްގެ ގޮތުން ގެސްޓް ހައުސް ހެދޭނީ އުސްވެގެން 18 މީޓަރަށޭ. "

"އެއާއެކު ފޮރިން އިންވެސްޓްމަންޓް ވެސް ރެސްޓްރިކްޓްކޮށްފައި ވާނީ."

ތޮއްޑޫ: ދަނޑުވެރިކަމާއި ޓޫރިޒަމް އެކީގައި ކުރިއެރުވުމަކީ ކައުންސިލްގެ ޕްލޭން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބޭނުމަކީ ކަރަމް ވިދާޅުވި ގޮތުގައި ތޮއްޑޫގެ ރިސޯސަސް ދެމެހެއްޓެނިވި ގޮތެއްގައި އަދި ފެންވަރު ރަނގަޅަށް ކުރިއަށް ގެންދިއުމެވެ. ކައުންސިލަކުން ރަށެއް ޕްރޮމޯޓްކުރެވޭނެ އެންމެ ރަނގަޅަކަށް އެކަން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ލޯކަލް ޓޫރިޒަމްގެ އެންމެ އުހަށް މި ރަށް އެރި ނަމަވެސް "ތޮއްޑޫ ވަންތަކަން" މި ރަށުން ގެއްލުވާނުލާނެ އެވެ. އެ ޔަގީންކަން ކަރަމް ދެއްވަ އެވެ. އިގްތިސާދީ ކުރިއެރުން ވެސް މި ރަށުން ހޯދަނީ ދަނޑުވެރިކަމުގެ ފެހިކަމުގެ ތެރެއިންނެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްމާލި

03 March 2025

އަނެއް މާފުށި އުފެދެނީއޭ ހިތައް އަރާ މާޔޫސް ކަމާ އެކީ ކިޔަނިކޮއް ފަހު 2 ޕެރެގްރާފުން ކުޑަކޮއް ހިތްހަމަ ޖެހިއްޖެ. އެހެނަސް ބުނެލަން އޮތީ މުޅި ރަށުގައި ގެސްޓްހައުސް އެޅިޔަ ނުދޭށޭ. މީހުން ދިރިއުޅޭ ސަރަހައްދަކީ ވަކި ބަޔަކަށް ހަދާށޭ. ނޫނީ ޒޯން ކޮއްފައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހެދޭނީ ކުދި ތަންތަން ކަމަށް ހަދާ. ހާއްސަކޮއް ތޮއްޑޫގެ މުސްކުޅި ގެތައް ހުންނަ ހަނި ގޯޅިތައް ލާފައި ހުންނަ ސަރަހައްދު، އެ ގޮތުގައި ބާއްވައްޗޭ. އެއީ ތަފާތު ސަޅި ސަރަހައްދެއް

The name is already taken The name is available. Register?

ބެއްތަ

03 March 2025

އަނެއް މާފުށްޓަށްވާކަށް ގިނަ ދުވަހެއް ނެތް. ފަހު ދެ ޕެރެގްރާފްގަ އެވަނީ ހަގީގަތެއް ނޫން. ލަސްތަކެއްނުވެ ބޭރު މީހުންގެ އަތްމައްޗަށް އެއްކޮށް މިރަށުގެ ޓުއަރިޒަމް ދާނެ. މިހާރު ވެސް އޮތީ އެމީހުންގެ ބާރު. ހިތުހުރި ގޮތަކަށް އުޅެނީ. ގާނޫނެއް ގަވާއިދެއް ނުހިނގާ. މުޅި ރަށުގަ ބަރަހަނާކަން. ދަރިއަކު ގޮވައިގެން މޫދުއެރިލާނެ ތަންކޮޅެއް ނެތް. ކައުންސިލްގަ އޮތީ އިންތިހާ އަށް ކޮރަޕްޝަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454