ރޯދަ މަސް / ނޫރު

ރޯދަމަސް ކަމަށް ވިޔަސް މަސައްކަތުގައި ފަރުވާކުޑަ ނުކުރޭ، ކަންކަން ރާވާލުމުން ފަސޭހަވާނެ

މި ފަހަރުގެ ރޯދަމަހަށް ބަޔަކު ބާޒާރުކުރަނީ: ރޯދަމަސް ކަމަށް ވިޔަސް ތިމާގެ މަސައްކަތްތަކުގައި ވަރުބަލިވެ، ފަރުވާކުޑަކުރަން އިސްލާމްދީން ވެސް ބާރެއް ނާޅާ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރަމަޟާން މަހަކީ އިންސާނާ މާތް الله އާ ގާތްކޮށްދީ، ނަފްސު ތާހިރުކޮށް ޒީނަތްތެރި (ތަޒުކިޔާ) ކުރުމަށް ލިބޭ ވަރަށް މަތިވެރި ފުރުސަތެކެވެ. މި ފުރުސަތު ލިބެނީ އެ މަހުގައި ހިފާ ރޯދަ އާއި ރޭއަޅުކަން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. މި ހަރަކާތްތަކުގެ ސަބަބުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކުގައި އުފެއްދުންތެރިކަން ދަމަހައްޓަން ބައެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެ އެވެ. އެއީ ކެއިންބުއިމުން ދުރުހެލިވެ ގިނަ ވަގުތުތަކެއްގައި ހުންނަން ޖެހުމާއި ރޭގަނޑުން ބައެއް ވަގުތުތައް އަޅުކަންތަކަށް ހޭދަކުރަން ޖެހުމުން ވަރުބަލިވުމުގެ ފުރުސަތު އޮންނާތީ އެވެ. ނަމަވެސް މި ގޮންޖެހުންތަކާ އެކު ވެސް މި މަހުގައި އުފެއްދުންތެރިކަން ދަށް ވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރަން ޖެހެ އެވެ. އިސްލާމީ ތާރީޚަށް ބަލާއިރު ރަމަޟާން މަހަކީ ޖިހާދާއި ފަތަހަކުރުން ތަކުގެ ކާމިޔާބީތައް މުސްލިމުން ހޯދާފައިވާ މަހެކެވެ. އެހެންކަމުން އުފެއްދުންތެރިކަން ދަށް ވިޔަ ނުދިނުމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުކަން ދެވިދާނެ އެވެ.

ވަގުތުތައް އިންތިޒާމު ކޮށްގެން މަސައްކަތް ކުރުން

ވަގުތުތައް ރަނގަޅަށް އިންތިޒާމު ކުރުމަކީ ރަމަޟާން މަހުގެ އަޅުކަމާއި ދިރިއުޅުމުގެ މަސައްކަތްތަކާ ދެމެދު ވަޒަން ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. އައްނަބައު ސޫރަތުގެ 10-11 ވަނަ އާޔަތުން ދޭހަވާ ގޮތުގައި ދުވާލުގެ ވަގުތު މަސައްކަތަށް ޚާއްސަ ކުރަން އަދި ރޭގަނޑު ގެ ވަގުތު އަރާމު ކުރުމަށް ޚާއްސަ ކުރަން ޖެހެ އެވެ. ވީމާ ރަމަޟާން މަހުގައި ވީ ވަރަކުން ރޭގަނޑުގެ ވަގުތު މަސައްކަތަށް ނުނަގައި އަޅުކަމަށް ހުސްކުރުން މުހިންމެވެ. ދެވަނަ ކަމަކަށް ދުވާލުގެ ވަގުތުތައް ތިމާގެ ހަކަތަ ހުރި މިންވަރަށް ބަލައިގެން އެކަމަކު އެންމެ ބުރަކޮށް މަސައްކަތް ކުރެވޭނެ ވަރަކަށް އެކި މަސައްކަތް އެކި ވަގުތު ތަކަށް ބަހާލުން މުހިންމެވެ. ވަކިން ޚާއްސަކޮށް ހެނދުނުގެ ވަގުތު މަސައްކަތުގައި ހޭދަކުރަން ރޭވުން އެދެވިގެން ވެއެވެ.

ކެއިންބުއިމުގައި ނަބަވީ އިރުޝާދުތަކަށް ސަމާލުކަން ދިނުން

ދުވާލު ވަގުތު ހަރަކާތްތެރިކަން ދެމެހެއްޓުމަށްޓަކައި ރަމަޟާން މަހުގެ ރޭގަނޑު ފައިދާ ހުރި ރަނގަޅު ކާނާ ކެއުމަކީ މުހިންމު ކަމެކެވެ. ޚާއްސަ ގޮތެއްގައި ހާރު ކެއުން ވަރަށް މުހިންމެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި ހާރު ކެއުމަކީ އޭގައި ބަރަކާތް ލެއްވިގެންވާ ކަމެކެވެ. (ބުޚާރީ އާއި މުސްލިމް). އަދި އެކަލޭގެފާނު އިރުޝާދު ދެއްވަނީ ހާރުކެއުން ވީހާ ވެސް ފަސް ކުރުމަށެވެ. މިގޮތުން ފަޖުރު ލުމާ ވީހާ ވެސް ގާތް ކޮށްފައި ހާރު ކެއުން އެއީ ސުންނަތެކެވެ. ދެން ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައި ވަނީ ކެއިންބުއިމުގައި ކޮންމެ މީހަކު ވެސް އެ މީހެއްގެ މައިބަދަ ކޮޅަށް ހިފަހައްޓާ ލެވޭ ވަރުން ފުދޭނެ ކަމަށެވެ.

ނަމަވެސް ކާން ބޭނުން ނަމަ ކެއުމަށް ތިންބައިކުޅަ އެއްބައި ބުއިމަށް ތިންބައިކުޅަ އެއްބައި އަދި އަނެއް ތިންބައިކުޅަ އެއްބައި ނޭވާލުމަށްޓަކައި ބާކީ ކުރެވޭ ގޮތަށް ކެވިދާނެ ކަމަށް އެކަލޭގެފާނު އިރުޝާދު ދެއްވަ އެވެ. (އައްތިރުމިޛީ).

ވީމާ ކެއުން އެހާ ގިނަ ނުކުރުމާއި ކޮންމެހެން ވެސް ހާރު ކެއުމާއި އަދި އެކަން ވީހާ ވެސް ފަސް ކުރުމާއި ރޯދަވީއްލުން ވީހާ ވެސް އަވަސް ކުރުން މުހިންމެވެ. މީގެ އިތުރުން ދުޅަހެޔޮކަމުގެ ސިއްހަތާ ގުޅޭ ތަޖުރިބާ ކާރުން ލަފާ ދޭ ގޮތަށް ޕްރޮޓީން އާއި ފައިބަރާއި ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ހުންނަ ކާނާ ބޭނުންކުރުން މުހިންމެވެ. އަދި ސަރުބީ އާއި އެނޫން ވެސް ގެއްލުންދޭ މާއްދާތައް ހުންނަ ކާތަކެތިން ދުރުހެލިވުން ލާޒިމެވެ. މިގޮތަށް ކެއިންބުއިމުގެ އާދަތައް ދަމަހައްޓާ ނަމަ ދުވާލު ވަރުބަލިވުން ކުޑަވާނެ އެވެ. ނަތީޖާ އަކީ އުފެއްދުންތެރިކަން ދަށަށް ނުދީ ހިފެހެއްޓުމެވެ.

މެންދުރު ގަޑީގައި ޤައިލޫލާ އެއް (ނެޕެއް) ނެގުން

ދިރާސާތަކުން ދައްކާ ގޮތުގައި މެންދުރުގެ ވަގުތެއްގައި ކުޑަ ވަގުތުކޮޅަކަށް ނިދާލުން ނުވަތަ ނެޕެއް ނެގުމަކީ އޭގެ ފަހުގެ ވަގުތުތަކުގައި ކަންކަމަށް ސަމާލުކަން ދޭން ފަސޭހަވެފައި އުފެއްދުންތެރިކަން އިތުރުކޮށްދޭ ކަމެކެވެ. އަނަސްބުނު މާލިކުގެ ކިބައިން ރިވާ ވެގެންވާ ގޮތުގައި ކީރިތި ރަސޫލާ ﷺ މެންދުރު ގަޑީގައި ޤައިލޫލާ އެއް (ނެޕެއް) ނަންގަވާ ކަމުގައި ވިއެވެ. އެހެންކަމުން މެންދުރު ނަމާދުގެ ޖަމާއަތް ނުގެއްލޭ ގޮތަށް ނަމާދުގެ ކުރިން ނުވަތަ ފަހުން 20 މިނެޓާއި 30 މިނިޓުގެ ވަގުތު ކޮޅަކު ލުއިކޮށް ނިދާލައިގެން ހަކަތަ އައު ކޮށްލެވިދާނެ އެވެ. މިގޮތަށް ނިދާލާ އިރު ގިނަ ވަގުތު ނުނެގުން ވަރަށް މުހިންމެވެ. އެއީ ދުވާލުގެ ވަގުތުތައް ގެއްލި މީހާ ލޮޑުވެ ރޭގަނޑުގެ ނިދި އިންތިޒާމު ކުރަން އުނދަގޫ ވެދާނެތީ އެވެ. މަސައްކަތުގެ މާހައުލުގައި ވެސް އެކަމަށް ޚާއްސަ ގޮނޑި ބަހައްޓައިގެން ޤައިލޫލާ ގެ އިންތިޒާމު ހަމަޖެއްސިދާނެ އެވެ.

ފިކުރުބޮޑު ނުކުރުމާއި މާބޮޑަށް ވަރުބަލިވިޔަ ނުދިނުން

ފިކުރު ބޮޑުވުން ނުވަތަ ސްޓްރެސް އަކީ އާންމު ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. އެއީ ދިރިއުޅުމުގެ މަސައްކަތްތައް ޝައުގާ އެކު ކުރަން ހުރަސް އެޅޭ ކަމެކެވެ. ފިކުރުބޮޑުވުންތަކުން ސަލާމަތްވާން އޮތް އެންމެ ރަނގަޅު މަގަކީ ﷲ ގެ މިންވަރަށް ރުހުމާއި ﷲ ޒިކުރު ކުރުމާއި ދުޢާ ކުރުމާއި ދޭތެރެދޭތެރެއިން އަޅުކަމަށް ވަގުތުކޮޅުތައް ހުސް ކުރުމެވެ. ﷲ އަންގަވަނީ އެކަލާނގެ ޒިކުރު ކުރުމަކީ ހިތްތަކަށް ހަމަޖެހުން ލިބޭނެ ކަމެއް ކަމުގައެވެ. (އަލްރަޢުދު: 28)،

ރަމަޟާން މަސް ކަމަށް ވިޔަސް ދިރިއުޅުމުގެ މަސައްކަތް ނުކޮށް ކަންނެއް ވެގެން ނުވާނެ އެވެ. އެކަމަކު، ހަމަ މިއާ އެކު މާ ބޮޑަށް ވަރުބަލިވާ މިންވަރަށް މަސައްކަތް ކޮށްގެން ވެސް ނުވާނެ އެވެ. ނަމާދުތަކަށާއި ޒިކުރު ކުރުމަށާއި ޤުރްއާން ކިޔެވުމަށް ވަގުތު ދޭން ވާނެ އެވެ. ކުޑަކޮށް ހިނގާލުމަށް ނުވަތަ ލުއިލުއި ކަސްރަތުތައް ކޮށްލުމަށް ދޭތެރެދޭތެރެއިން ވަގުތުކޮޅުތައް ނަގަންވާނެ އެވެ. އޭރުން ހަށިގަނޑުގައި ލޭދައުރު ވުމަށް ބާރު ލިބޭނެ އެވެ.

އަޅުކަމުގައި ވަގުތު ޣަނީމާ ކުރުން

ރަމަޟާން މަހަކީ ރޫހާނީ ތަރައްގީ އަށް މަސައްކަތް ކުރާ އަޅުކަމެއް ކަމުގައި ވިއަސް މިއީ ދިރިއުޅުމަށް ކުރާ މަސައްކަތާއި އަޅުކަމާ ދެމެދު ވަޒަން ހަމަ ކުރަން ލިބޭ ފުރުސަތެއް ވެސް މެއެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި އީމާންތެރިކަމާ އެކު، އަދި ﷲ ގެ ހަޒުރަތުން ދަރުމަ ލިބޭނެ ކަން ކަށަވަރު ކޮށްގެން ރޯދަ ހިފައިފި ނަމަ އެ މީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވިގެން ދެއެވެ. (ބުޚާރީ އާއި މުސްލިމް). އެކަމަކު އަނެއްކޮޅުން ބަލާއިރު ރަމަޟާން މަހުގައި އުފެއްދުންތެރިކަން ދަށްވިޔަ ނުދިނުމަށްޓަކައި މަސައްކަތް ވެސް ކުރަން ޖެހެ އެވެ. މި ދެ މަގުސަދު ހާސިލު ކުރުމަށްޓަކައި ފުރަތަމަ ކަމަކަށް ތިމާ ކުރާ މަސައްކަތުގައި ﷲ އަށް އަޅުވެތިވުމާއި އެކަލާނގެ އަށް ކިޔަމަންވުމުގެ ނިޔަތް ގަތުން މުހިންމެވެ. ދެވަނަ ކަމަކަށް މަސައްކަތުގައި މާބޮޑަށް ވަރުބަލި ނުވުމަށްޓަކައި ދޭތެރެ ދޭތެރެ އިން ނަގާ ހުސްވަގުތުކޮޅު ތަކަކީ އަޅުކަމަކަށް ބޭނުންކުރާ ވަގުތުކޮޅު ތަކެއް ކަމަށް ހެދިދާނެ އެވެ. މާތް ނަބިއްޔާ ﷺ ބިލާލުގެފާނަށް ވިދާޅުވާ ބަސްފުޅެއް އޮވެ އެވެ. އެއީ "ނަމާދުން ތިމަންމެންނަށް ރާހަތެއް ލިއްބައިދޭށެވެ!" މުރާދަކީ ނަމާދަކީ މަސައްކަތުގެ ވަގުތުގައި ނަގާ ރާހަތުގެ ވަގުތުކޮޅެއްގެ ގޮތުގައި ވެސް ބެލެވޭނެ ކަމެކެވެ. ވީމާ މި ބަޔާންކުރި ފަދަ ކަންކަމަށް ސަމާލުކަން ދީގެން ރަމަޟާން މަހުގައި އުފެއްދުންތެރިކަން ދަށްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމު އިދުރީސް

03 March 2025

އުފެއްދުން ތެރި ކަމަކީ މަސައްކަތް ކަމައް ވާއިރު ބޮޑު ބައެއް ސަރުރު ބަންދުކޮއްގެން ތިބުނާ ގޮތައް ވާނެތޯ! އެއްޗެތި އެރެކޮއް ބޭރުރާ މައިދޮރާށި ކަސްޓަމުވެސް ބުނީ ރޯދަޔައް ކޮންޓީނާ ބޭލޭވަރު ބޮޑުތަނުން މަދުވާނެކަމައް! އާންމު ދިރިއުޅުން އުޅެމުން ރޯދަ ހިފަން އެއްންގެވީ

The name is already taken The name is available. Register?

ފޯކަސް ކުރަންވީ އަޅުކަމަށް

03 March 2025

އަހަރުގެ 1 މަހު މީހާއަށް ވިޔަފާރި ކުރެވޭ ވަރާ އޮފިސް މަސައްކަތް ކުރެވޭ ވަރު ނުބަލާ ނަފްސުގެ ތަރައްގީ އަށް ވިސްނުން މާ ރަނގަޅުވާނެ. އަޅުކަމާ، އާއިލީ ގުޅުން ތަރައްގީ ކުރުމަށް ފޯކަސްކުރުން މާ ރަނގަޅު ވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454