މާރުކޭޓުގައި ގޮޅިއެއްގައި ހުރި މިރުސްތަކެއް. ލޯކަލް މާރުކޭޓުގައި ގިނައީ ލ އަތޮޅުގައި ހައްދާ "ކަނޑޫދޫ މިރުސް" -- ފޮޓޯ: ނިޝާން އަލީ / މިހާރު
06 މާޗް 2025 - 12:10
ލޯކަލް މާރުކޭޓުގައި މިވަގުތު އެންމެ ގިނަ އަދަދަކަށް އޮތީ ލ. އަތޮޅުގެ މިރުސް ކަމަށް ވިޔަފާރިވެރިން ބުނެފި އެވެެ.
ލޯކަލް މާރުކޭޓުގެ ވިޔަފާރިވެރިއަކު ބުނީ، ތ.ކަނޑޫދޫގެ މިރުހުގެ ގޮތުގައި މަޝްހޫރުވީ ނަމަވެސް، އެ ތަނަށް ގިނައިން މިހާރު ގެންނަނީ ލ. އަތޮޅުގައި ހައްދާ "ކަނޑޫދޫ" މުޑުވަކުގެ މިރުސް ކަމަށެވެ.
އޭނާ ބުނީ، އެވްރެޖުކޮށް ކަނޑޫދު އިން ކޮންމެ ދުވަހަކު ގެންނަނީ 200 ކިލޯ ކަމަށެވެ. އެކަމަކު ލ. އަތޮޅުން އެކަނި 700 ކިލޯގެ މިރުސް ކޮންމެ ދުވަހަކު ވެސް މާރުކޭޓަށް ވައްދަ އެވެ.
"މިތަނުގައި ގިނައީ ލ އަތޮޅުގައި ހައްދާ މިރުސް. ކަނޑޫދޫ މިރުހޭ ކިޔައިގެން އެންމެން ވެސް ވިއްކަނީ ލާމު މިރުސް. ކަނޑޫދޫ މިރުހަކީ ބްރޭންޑްކޮށްފައި އޮންނަ ނަން މިހާރު،" އޭނާ ބުންޏެވެ.
އެހެން ވިޔަފާރިވެރިއަކު ބުނި ގޮތުގައި ކަނޑޫދޫގައި ހައްދާ، އެ ބާވަތުގެ މިރުސް ލިބެން ހުރި ނަމަވެސް، މިރުހުގެ އަގު މިހާރު ކޮންޓްރޯލް ކުރަނީ ލ އަތޮޅުގެ ދަނޑުވެރިންނެވެ. ސަބަބަކީ އެ ރަށުގައި ހައްދާވަރު މާ ބޮޑަށް އިތުރުވީމަ އެވެ.
މާރުކޭޓުގައި ގޮޅިއެއްގައި ވިއްކާ މިރުސްތަކެއް -- ފޮޓޯ: ނިޝާން އަލީ / މިހާރު
ބާޒާރުގައި މިރުސް ކިލޯއެއް 250ރ. އަށް ވިއްކާއިރު 100 ގްރާމު މިރުސް ލިބެން ހުރީ 25-30ރ. އާ ދެމެދުގެ އަގެއްގަ އެވެ. މީގެ ކުރީ ރޯދަ މަސްތަކުގައި މިރުސް ކިލޯއެއްގެ އަގު 500-1،000ރ. އާ ދެމެދުގެ އަގުތަކަށް ވެސް މައްޗަށް އަރައިގެން ދިޔަ އެވެ. އެކަމަކު މި ރޯދަ މަސް ފެށުނީއްސުރެ މިއަދާ ހަމައަށް މިރުހުގެ އަގު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
"ކަނޑޫދޫ" މިރުސް ލާމު އަތޮޅުގައި ވެސް ހައްދާ އިރު ތ. ކަނޑޫދޫން މިދިޔަ ހަފްތާ ތެރޭ މާލެއަށް ތިން ޓަނުގެ މިރުސް ފޮނުވާފައި ކަމަށް އެރަށު ކައުންސިލުން ބުންޏެވެ. އަދި ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ވެސް އެ އަދަދަށް މިރުސް މާލެއަށް ފޮނުވާނެ ކަމަށް ބެލެވޭ ކަމަށް ކައުންސިލުން ބުންޏެވެ.
ލޯކަލް މާރުކޭޓުގައި ހުރި ގޮޅިއަކުން މިރުސް ބަސްތާއެއް އޮއްސާލަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ލ އަތޮޅު ގަމާއި އިސްދޫ އާއި ކަލައިދޫގައި ވެސް ފުޅާ ދާއިރާއަކަށް ދަނޑުވެރިކަން ކުރެ އެވެ.
އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ އެ އަތޮޅު ގަން ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ، ކަނޑޫދޫގައި ހައްދާ ވައްތަރުގެ މިރުސް އެ ރަށުގައި ހައްދާތާ ފަސް ވަރަކަށް އަހަރުވެއްޖެ ކަމަށެވެ. އެ ރަށުން މިދިޔަ ފަސް ދުވަހުގެ ތެރޭގައި ފަސް ޓަނު މިރުސް މާލެއަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ވެސް އެ އަދަދަށް [ފަސް ޓަނު] ގެ މިރުސް މާލެ ފޮނުވޭނެ. މިކޮޅުގައި ދަނޑުވެރިކަން ކުރަން 20،000 ސްކޮއާ ފީޓުގެ 350 ދަނޑު އެބަ އޮތް ރަޖިސްޓާކޮށްފައި. އޭގެއިން ގިނަ ވާނީ މިރުސް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިރުހުގެ އިތުރަށް މިދިޔަ ފަސް ދުވަހުގެ ތެރޭގައި 15 ޓަނުގެ ކަރާ ވެސް އެ ރަށުން މާލެއަށް ފޮނުވާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެންސަރު
08 March 2025
އެއްވެސް މީހަކު ބަލައިލިންތަ ތިޔަ މިރުސްތަކަށް ކިހާ ކެމިކަލްއެއް ޖަހާފަތޯ ހުންނަނީ؟
ޙުސެންގެ ހަސަނު
06 March 2025
މި ކިޔާލުމުން އެނގުނީ ދިވެހީން މިރުސް ކާ މިންވަރު!
މިރުސްބެެ
06 March 2025
މިރުހަކީ ގުދުރަތީ ގޮތުންވެސް ރާއްޖެއާއި ގުޅުން ހުރި އެއްޗެއް ނޫން، އެހެން ބައްރުތަކުން ގެނެސް މުޑުވައްކޮށްގެން ހައްދާފައި ހުރި އެއްޗެއް. ވަކި ރަށެއްގެ ނަމެއް ކިޔާފައި މަޝްހޫރުކޮށް ވިއްކުމުގެ ހައިސިއްޔަތެއް ރާއްޖޭގެ އެއްވެސް ރަށަކަށް ނޯންނާނެ. ހަމަ ރީއްޗަށް އެމުޑުވަކުގެ އަސްލަށްކިޔާ ނަން ކިޔަންވީ. މީގެ އަސްލު ނަމަކީ ހަނަބޭރޯ، އެއީ މެކްސިކޯގެ މުޑުވަކެއް.
ދުވިސައްތަ
06 March 2025
މިރުސްވާނީ މިރުހަށް ކަނޑޫދޫގާ ހެއްދިޔަސް ތަކަންދޫގާ ހެއްދިޔަސް.
ބީސީއެން
06 March 2025
ލ.މާންދޫ ދަންޑުވެރިކަން ކުރުމައް ލިޔުއްވައިގެން އުޅުނު މައްސޫރު ކަންޑޫދޫ ރަސާދުގެ މިރުހައް އަބަދުވެސް ކަންޑޫދޫމިރުސް ކިޔައިއުޅެނީ. އަބަދުވެސް ތިޔަ މުޑުވައް ގިނައަދަދަކައް ހައްދަމުން އަންނަނީ ލާމު އަތޮޅުގައި.
ކަނޑޫ
06 March 2025
މިހާރު ކަނޑޫދޫ މުޑުވަކުގެ މިރުސް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ހައްދާ. ތަފާތަކީ މާލެގެނެސްގެން ނުވިއްކާކަން ނުވަތަ އެވަރަށް ނުހެއްދޭކަން. އަދީ ކަނޑޫދޫ މިރުސް މަޝްހޫރުވުމުގެ ކުރިންވެސް އެ މިރުން އަހަރެމެން ގޭގައި ހައްދައިގެން ކައި އުޅުނިން. ކޮންމެ ރައްށެއްގައި ހެއްދިއަސް އަހަރެމެންނަށް އޯކޭ. އެކަމަކު އެ ޖަހާ ބޭސް ބޮޑުތަނުން މަދުކުރަން އެބަޖެހޭ.
ސާޔާން
06 March 2025
ކަނޑޫދޫ މިރުހުގައިވެސް ކުރިން ހުރި ކުޅިރަހައެއް މިހާރަކު ނުހުރޭ.
އާޕު
06 March 2025
ރިނބުދޫގައި އެންމެ ޑިމާންޑް ބޮޑީ ކަނޑޫދޫ މިރުސް. އަހަރެމެންގެއަށް ކަނޑޫދޫ މިރުސް ނޫން މިރުހެއް ގެންނަން އަނބި ގޮއްޔެ ގަބޫލެއް ނޫން. ކާއެއްޗެހީގެ ރަހަ މީރީ ކަނޑޫދޫ މިރުހުގަޔޯ. އެހެންވެ އަގު ބޮޑަސް އަގު ހެވަސް މިޖެހެނީ ހުސްނުވެ ކަނޑޫދޫ މިރުސް ގެނގުޅެން. މަވެސް މިހާރު ކަނޑޫދޫ މިރުހަށް ހޭނިއްޖެ.