ރޯދަ މަސް / ނޫރު

ރަމަޟާންމަހާ އެކު، ނަފުސު ކޮންޓްރޯލްކޮށް، ކަންކަން ތަރުތީބުކުރުން

މި ރޯދަމަހުގެ ދުވަހެއްގައި ދެ ޒުވާނަކު އިސްލާމީ މަރުކަޒުގައި އަޅުކަމަށް މަސްއޫލުވެގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ތަގުވާވެރިކަން އިތުރު ކުރުމަށް ރަމަޟާން މަހުގައި ކުރެވޭ މަސައްކަތާ އެކު ނުވަތަ އޭގެ ނަތީޖާއެއްގެ ގޮތުން އެ މަހުގައި ހާސިލު ކުރެވޭ އެހެން މަންފާތަކެއް ވެސް ވެ އެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެންމެ މުހިންމު ކަމަކީ ނަފުސު ތަހުޒީބު ވުމެވެ. އަދި އެއާ އެކުގައި ނުބައި އާދަތައް ފޮހެލައި ރަނގަޅު އާދަތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރެވުމެވެ. އެހެނީ ރަމަޟާން މަހުގައި ހިފާ ރޯދަ އާއި ރޭއަޅުކަމާއި މިކަންކަމުގައި ހިފަހައްޓަންޖެހޭ އަޚުލާގީ ހަމަތަކާއި މި ހުރިހާ ކަމެއް ބާރު އަޅަނީ ނަފުސު ވަކި ގޮތަކަށް ހާނުވާށެވެ. މިގޮތުން މިކަމަށް ބާރު ލިބޭ ބައެއް ކަންކަން ފާހަގަ ކޮށްލަމެވެ.

ނަފުސު ކޮންޓްރޯލު ކޮށްގެން ނަފުސު ތަހުޒީބު ކުރެވުން

ރޯދައަކީ ހަމައެކަނި ކެއިންބުއިމާއި ޖިންސީ ޝަހުވަތު ކޮންޓްރޯލު ކުރަން އޮންނަ ކަމެއް ނޫނެވެ. ނަމަވެސް މި ދެ ކަންތައް ކޮންޓްރޯލު ކުރަން ދަސްކުރުމަކީ އޭގެ ޒާތުގައި އިންސާނާގެ އެހެން ހުރިހާ އެދުންތަކެއް ވެސް ކޮންޓްރޯލު ކުރަން ދަސް ކުރުވާ ކަމެކެވެ. ދަސްވާ އެންމެ މުހިންމު ކަމަކީ ކެތްތެރިވުމެވެ. އިންސާނުންނަށް ކުރެވޭ އެންމެހާ ކުށްތަކުގެ އަސްލަކީ އެދުންތަކުގެ ކުރިމަތީ ކެތް ނުކުރެވުމެވެ. ފަސޭހަކަމާ އެކު، ޝައިތާނާގެ ވަސްވާސް ތަކަށް ދީލާ ލެވުމެވެ. ނަމަވެސް ރޯދަ އަށް ހުންނަ އިރު ތިމާ އަށް އެހެން ނޫން ނަމަ ހުއްދަ ކަންތައްތަކެއް ވަކި މުއްދަތަކަށް ހިފަހައްޓާ ލުމަކީ ވަރުގަދަ ތަމްރީނަކުން ނޫނީ ނުވާނެ ކަމެކެވެ. ވަކިން ޚާއްސަކޮށް މި ދެޝަހުވަތަކީ އިންސާނާ އަށް ކެތްކުރަން އެންމެ އުނދަގޫ ދެ ޝަހުވަތް ކަމަށް ވާތީ މިއީ ވަރަށް ވަރުގަދަ ތަމްރީނަކަށް ވެގެން ދެ އެވެ.

މި ތަމްރީނުގެ ސަބަބުން މީހާގެ އިރާދަތު ވަރުގަދަ ވެ އެވެ. އެބަހީ ތިމާގެ އަމިއްލަ ލަގަނުން ކޮންޓްރޯލު ކޮށްގެން ނޫނީ ނަފުސު އެއްވެސް ދިމާއަކަށް ދަތުރެއް ނުކުރާނެ އެވެ. ހަވާ ނަފުސަށާއި ޝައިތާނާ އަށް ބާރެއް ނުލިބޭނެ އެވެ. ނަތީޖާ އަކީ ދެން ހުރި އެހެން ހުރިހާ އެދުންތަކެއް ވެސް ފަސޭހަ ކަމާ އެކު ކޮންޓްރޯލު ކޮށްލެވުމެވެ. މިގޮތަށް ކޮންޓްރޯލު ކުރެވޭ ނަމަ ނުބައި ހުރިހާ އާދަތައް ދޫކޮށްލެވޭނެ އެވެ. އަދި ރަނގަޅު ހުރިހާ އާދަތަކަށް ނަފްސު ހާނުވާ ލެވޭނެ އެވެ.

ރޫހާނިއްޔަތާއި އަޚުލާގީ ގިޔަމުތައް ވަރުގަދަވުން

ރަމަޟާން މަހަކީ ރޯދައިގެ އިތުރުން އެހެން އަޅުކަންތަކަށް ވެސް ވަރަށް ބޮޑަށް ހިތްވަރު ދޭ މަހެކެވެ. ފަރުޟު ނަމާދުތަކަށް އެހެން މަސްމަހަށް ވުރެ ބޮޑަށް ފަރުވާތެރިވެ އެވެ. ސުންނަތް ނަމާދުތައް ގިނަ ކުރެވެ އެވެ. ވަކިން ޚާއްސަކޮށް ރޭ އަޅުކަމާއި އިޢުތިކާފަކީ މި މަހު ވަރަށް ބޮޑު ސަމާލުކަމެއް ދެވޭ ދެކަމެވެ.

މީގެ އިތުރުން ކީރިތި ޤުރްއާން ކިޔެވުން ގިނަ ކުރެވެ އެވެ. ޒިކުރު ކުރުންތަކާއި ދުއާ ކުރުން އެކި ގޮތްގޮތަށް އިތުރު ކުރެވެ އެވެ. މި ހުރިހާ ކަމަކީ އިންސާނާގެ ރޫހާނީ ތަރުބިޔަތު ވަރުގަދަވާ ކަންކަމެވެ. ރަމަޟާން މަހަކީ އިސްލާމީ އަޚުލާގީ ގިޔަމުތައް (ވެލިއުސް) ވަރުގަދަ ކުރަން ވެސް ބާރުއެޅިފައިވާ މަހެކެވެ. ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާ ގޮތުގައި ރޯދަ އަށް ހުންނަ މީހެއްގެ ކިބައިން ދޮގު ހެދުމާއި ފާޙިޝް އަމަލުތައް ކުރުމާއި ދޮގު ހެކިދިނުން ފަދަ ނުބައި އަޚުލާގުތައް ދޫކޮށް ނުލެވޭ ނަމަ އެ މީހަކު ހިފާ ރޯދައަކީ ﷲ ގެ ހަޒުރަތުގައި ބަލައިގަނެވޭ ކަމެއް ނޫނެވެ. މީގެ މާނައަކީ އެންމެހާ ނުބައި ސުލޫކުތަކުން ވެސް ރޯދަހިފަން ޖެހޭ ކަމެވެ. މީގެ ނަތީޖާ އަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އަފޫކުރުމާއި ހެޔޮ ފޯރުވުމާއި މި ނޫން ވެސް ރިވެތި އަޚުލާގީ އެންމެހާ ގިޔަމުތަކުގެ މައްޗަށް މީހާ ތަމްރީނު ވުމެވެ.

އީޖާބީ އާދަތައް ތަރައްގީ ކުރެވުން

ރަމަޟާން މަހަކީ އީޖާބީ ސިފަތައް އިންސާނާގެ ކިބައިގައި ތަރައްގީ ކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ. އެންމެ އިސްކަން ދޭންވީ ކަންކަން ތަރުތީބު ކުރަން ދަސް ކުރެވޭ ދުވަސް ތަކެކެވެ. ތަރައްގީ ކުރެވޭ އެއް ކަމަކީ ވަގުތު އިންތިޒާމު ކުރުމެވެ. ހާރު ކެއުމާއި ރޯދަ ވީއްލުމާއި ރޭއަޅުކަން ކުރުން ފަދަ ކަންކަން ކުރަނީ ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގަ އެވެ. ވަގުތުން ފަސްކޮށްފި ނަމަ މިކަންކަން ހާސިލެއް ނުވެ އެވެ. އެހެންކަމުން މިއީ ވަގުތު އިންތިޒާމު ކުރަން ލިބޭ ތަމްރީނަކަށް ވެއެވެ.

ދެވަނަ އާދައަކީ ކެއިންބުއިމުގައި މެދުމިންވަރަށް ނަފުސު ހޭނުވުމެވެ. ރޯދަ އަށް ހުންނަ ވަގުތު ކެއިންބުއިމުން ދުރުހެލިވެގެން ގިނަ ވަގުތު ތަކެއްގައި ހުރުމުން ދަސްކޮށްދޭ ފިލާވަޅަކީ އިންސާނާ އަށް ކާން ބޭނުންވާ މިންވަރާއި އެ އަށް ވުރެ އިތުރަށް ކެވޭ މިންވަރާ ދެމެދު ފަރަގު ކުރަން ދަސްވުމެވެ. މިގޮތުން އިންސާނަކު ދިރިހުރުމަށްޓަކައި ކޮންމެހެން އެހާ ބައިވަރު ކާން ނުޖެހޭނެކަން ދަސްވެ އެވެ. މީގެ އިތުރުން ކެއިންބުއިމުގައި ކީރިތި ރަސޫލާ ﷺ ގެ އިރުޝާދު ތަކަށް މީހަކު ތަބާ ވާ ނަމަ އެ މީހެއްގެ ކެއިންބުއިމުގެ އާދަ ހުންނާނީ ވަރަށް ފުރިހަމަ އަށް ތަރައްގީ ވެފަ އެވެ. އެކަލޭގެފާނު ބަޔާން ކުރައްވާ ގޮތުގައި އާދަމުގެ ދަރިޔަކު ފުރާނެ އެންމެ ނުބައި ކަންވާރަކީ އޭނާގެ މައިދާ އެވެ. އަދި އާދަމުގެ ދަރިޔަކަށް އޭނާގެ މައިބަދަ ކޮޅަށް ނަގާލެވޭ ވަރަށް ކެއުމުން ފުދޭނެ އެވެ. (އައްތިރުމިޛީ).

މި ރޯދަމަހު އިސްލާމީ މަރުކަޒުގައި މީހަކު ނަމާދުކުރާއިރު ކުޑަކުއްޖަކު ބަލަހައްޓައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ތިންވަނަ އާދައަކީ ނުރަނގަޅު އާދަތައް ދޫކޮށްލަން ދަސްވުމެވެ. މިގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ކެފެއިން ހުންނަ ބާވަތުގެ ބުއިންތައް ގިނަ ކުރުމާއި އެ ނޫން ވެސް ތިމާ އަށް ސިއްހީ ގޮތުން ނުވަތަ އެހެން ގޮތަކުން ވިއަސް ގެއްލުމެއް ލިބިދާނެ ފަދަ ނުބައި އާދަތައް ދޫކޮށްލަން ލިބޭ ފުރުސަތަކަށް ރަމަޟާން މަސް ވެގެން ދެ އެވެ.

ހަތަރުވަނަ ކަމަކީ މީސްތަކުންނަށް ހެޔޮ ފޯރުވުމުގެ އާދަ ތަރައްގީ ވުމެވެ. ރަމަޟާން މަހުގައި ސަދަގާތް ކުރުން ގިނަކުރަން ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވަ އެވެ. އެހެން ނޫނަސް ރޯދަ އޭގެ ޒާތުގައި ވެސް ތަސައްވުރު ކޮށްދެނީ ފަގީރުންނާއި ނިކަމެތިން އުޅޭނެ ހާލެވެ. އެހެންކަމުން ކުލުނާއި އޯގާތެރިކަމުގެ ޖަޒުބާތު އިތުރުވެ އެހީ ފޯރުވަން ޝައުގު އުފެދެ އެވެ. މި ނޫނަސް އެހެން އީޖާބީ އާދަތައް ރަމަޟާން މަހުގައި ތަރައްގީ ކުރެވެ އެވެ.

ތަހުޒީބާއި ތަރައްގީ ރަމަޟާން މަހުގެ ފަހުންވެސް ދެމެހެއްޓުން

ރަމަޟާން މަހު ނަފުސު ތަހުޒީބު ކުރަނީ އަދި އީޖާބީ އާދަތައް ތަރައްގީ ކުރަނީ ހަމައެކަނި އެ މަހުގައި މިކަންކަން ދެމެހެއްޓުމަކަށް ނޫނެވެ. އަދި ކިއެއްތަ، އެއީ ކުރިއަށް އޮތް 11 މަސް ދުވަހު ވެސް އެ ކަންކަމުގެ މަތީގައި ނަފުސު ދެމެހެއްޓުމަށްޓަކައި ކުރާ ކަމެކެވެ. މިގޮތުން ނަފުސު ކޮންޓްރޯލު ކުރުމާއި ﷲ އަށް އަޅުވެތިވުން އިތުރު ކުރުމާއި ރޫހާނިއްޔަތު ވަރުގަދަ ވުމާއި މީސްތަކުންނަށް ހެޔޮ ފޯރުވުމާއި އަޚުލާގީ ގިޔަމުތައް ދެމެހެއްޓުމާއި މި ހުރިހާ ކަމަކީ ވެސް މީހާގެ ނަފުސުގައި އަބަދުވެސް ދެމިހުންނަ ކަންކަން ކަމުގައި ވާން ޖެހެ އެވެ. އެހެނީ ތަގުވާ އަކީ މޫސުމީ ކަމެއް ނޫނެވެ. މި މޫސުމުގައި މިކުރާ ކަމަކީ ތަގުވާވެރިކަން ވަރުގަދަ ކުރަން ތަމްރީނުތަކެއް ކުރިއަށް ގެންދިއުމެވެ. އެއީ ދެން އޮތް ދުވަސްތަކުގައި އެ ގޮތުގައި ދެމިހުރުމަށްޓަކައެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454