ޖޭއެސްސީ: ފަނޑިޔާރު ހާޒިރު ކުރާ އަޑުއެހުން އާންމުކޮށް ހުޅުވާނުލާން ވަނީ ނިންމާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
09 މާޗް 2025 - 15:26
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައާ ގުޅިގެން ބާއްވާ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އޭނާގެ ފަރާތުން އެދިވަޑައިގަތަސް، އެކަން ނުކުރަން އެ ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލައާ ގުޅިގެން ފަނޑިޔާރު އަޒްމިރަލްދާ މާދަމާ އެ ކޮމިޝަނަށް ހާޒިރު ކުރާއިރު، އެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެ ކޮމިޝަނުގައި ފަނޑިޔާރުގެ ފަރާތުން މިއަދު އެދުނެވެ. ނަމަވެސް، ކޮމިޝަނުން ނިންމާފައިވަނީ އަޑުއެހުން އާންމުކޮށް ހުޅުވައިނުލާށެވެ.
މީގެކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި މައްސަލަތަކުގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީން ބަލަމުންދެ އެވެ. އެއް މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކުރުމުން، އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރާ މައްސަލަ އެވެ. މާދަމާ އޭނާ ޖޭއެސްސީއަށް ހާޒިރު ކުރަނީ އެ މައްސަލައާ ގުޅިގެންނެވެ.
ދެވަނަ މައްސަލައަކީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި މައްސަލަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާއާ އެކު މި ދެ މައްސަލާގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ވެސް ތުހުމަތު ކުރެ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރާއިރު، އެ މައްސަލައާ ގުޅިގެން ދެ ފަނޑިޔާރުން ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ފަނޑިޔާރު މަހާޒު މިއަދު ޖޭއެސްސީއަށް ހާޒިރުކޮށްފައިވާއިރު، އޭނާ ވަނީ ތުހުމަތުތަކަށް ރައްދު ދެއްވައިފަ އެވެ. މަހާޒުގެ ވަކީލް މުހައްމަދު ފައިސަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި މައްސަލާގައި ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް އަދި ހަގީގަތެއް ނެތް ވާހަކަތަކެއް ކަން ފަނޑިޔާރު ވަނީ ފާހަގަކުރައްވައިފަ އެވެ.
މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީގެ މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފަނޑިޔާރު ވަނީ އެ ދުވަހު ކަން ހިނގި ގޮތް ސާފުކޮށް ދެއްވައި، ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ހާލަތެއް މެދުވެރި ވެސް ނުވާ ކަން ބުނެދެއްވާފައި ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ދަށު ކޯޓުގެ އެއްވެސް ގާޒީއަކަށް އެއްވެސް އިރުޝާދެއް ވެސް ފަނޑިޔާރު މަހާޒު ދެއްވާފައިނުވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ވެސް ވިދާޅުވެފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް، ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިއްރުތައް
10 March 2025
ސިއްރުކުރަން ޖެހޭނީ ކަމެއް ފޮރުވަން އޮތީމަ. ފޮރުވަންޖެހޭ ކަމެއް އޮންނާނީ ސަރުކާރުން ގޯހެއް ހެދީމަ. މީ ވަރަށް ވާހަކަ.
ރައްޔިތުމީހާ
10 March 2025
ރައްްޔިތުން ބޭނުންވޭ ދެފަރާތުގެ ވާހަކަވެސް އަޑު އަހަންް! ތި ނިންމުން ބަދަލުކޮށް އާންމުކޮށް ހުޅުވާލާ!
ޓިނު
10 March 2025
ކޮންމެކަމެއް ސިއްރު
މިއައު
09 March 2025
ރައީސް އޮފީހުގަ ޑެސްކެއް ޖަހައިން ތިކަން ކޮށް ނިންމަންވީނުން ދެން
މަ ބުނީ
09 March 2025
މަ ބުނީ ރަނގަޅު ނިއްމުމެއް ! އެހެނީ މަވެސް ނޭދެން ތިކަމުގައި ސަރުކާރު ފަޡީހަތްވާތަށް ރައްޔިތުންނަށް ދަންކާކަށް....
މިއޮތީ
09 March 2025
ރޯމާ ދުވާލު ހާމަކަން ބޮޑުކޮށް އަދުލު އިންސާފުގެ ޙައްޤު ރައްޔިތުންގެ ކިބައިން ނިގުޅައިގަންނައިރު ރައީސް އެކަމުގެ ޒިއްމާ ފުރިހަމައަށް ނަގަންޖެހޭނެ. ކޯޓުތަކުން އިންސާފުން އެއްކިބާވެ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމަން މަޖުބޫރު ކުރުމަކީ ދިވެހިން ގެނައި ޑިމޮކްރަސީ ވެއްޔާ މޮޑެލުން. މިއީ އެއްވެސް ހާލެއްގައި ސަރުކާރަށް ކަންކަން ކުރެވޭނެ ގޮތެއް ނޫން. މިކަމާ ދެކޮޅަށް އެންމެން ތެދުވަންޖެހޭ
ޢެޑްމުންޑޯ
09 March 2025
އާއްމުކޮށް ނުހުޅުވާނެތާ ތާކުންތާކުނުޖެހޭ ދިއުޅިއެއްނުވާ ސިޔާސީ ކަމެއްވީމާ ،
އަފްރާސިޔާބު
09 March 2025
ޖޭއެސްސީ އިން އެއްފަހަރު ކިޔާނެ ވިއްކާ ކިޔާ. އަނެއްފަހަރު ކިޔާނެ ނުވިއްކާ ކިޔާ. މީހުންނަށް ނޭނގޭނެ ވިއްކާ އެއްްވެއް ކަމެއް ނުވަތަ ނުވިއްކާ އެއްޗެއްކަމެއް. ދެ އިރު ދެގޮތަކަށް އެއްކަމެއްގައި އަމަލު ތިކުރަނީ. ހަދަނެ ނުހަދާނެ ގޮތެއް ނޭނގިގެން އުޅޭ ވައްތަރު ޖަހަނީ.
ގުނައިދު ޝަރީފް
09 March 2025
މި މައްސަލަ ސިއްރުކުރުމަކުން ހައިރާންވާކަށް ނުޖެހެ، އޭގެންވެސް ހާމަވަނީ މީ ޖޭއެސްސީން ކުޅޭ ޑްރާމާއެއްކަން.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
09 March 2025
ކޮން ކަމެއްތޯ ފޮރުވަން ތިއުޅެނީ؟؟؟ ކުށެއް ނެތް ބައެއްގެ މައުސޫމް ކަން އެހެން ނޫންތޯ؟؟؟ އެންމެންނަށް ހުޅުވާލައިގެން ކަންކަން ކުރަން ބިރު ގަންނަންވީ ކީއްވެތޯ؟؟؟ މިއީ ކަނޑައެޅިގެން އަދުލު އިންސާފަށް ހުރަސްއެޅުން ނޫން އެހެން އެއްވެސް ކަމެއް ނޫން. މިކަން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ