10 މާޗް 2025 - 14:16
ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީގެ ޖެނަރަލް ސެކެރެޓަރީ މޫސާ ރަމީޒު (ރަމީ) ވިދާޅުވިގޮތުގައި މިފަހުގެ އަހަރުތަކުގައި ވިކްޓަރީން މިހާރު ތައްޔާރުވި ވަރަށް ދުރާލައި ސީޒަނަށް ތައްޔާރުވި އަހަރެއް ނުދެ އެވެ.
ފުޓްބޯޅައިގެ ތާޖު 2013 ގައި އެ ޓީމު އަތުން ގެއްލުނު ފަހުން، ވިކްޓަރީގެ ތައްޔާރީތަކާއި ސްކޮޑް ވެސް އޮންނަނީ އާދައިގެ ގޮތަކަށެވެ. އެއް މެނޭޖްމެންޓެއް ގިނަ މުއްދަތަކަށް ނޯވެ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ މައްސަލަތައް އެ ޓީމު ތެރޭގައި ވެސް މިދިޔަ 15 އަހަރުތެރޭގައި ބޮޑުވި އެވެ. އެ މައްސަލައިގައި އެ ކްލަބް ސަސްޕެންޑް ކުރުމުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ކްލަބް، މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި އެވެ. ދުރާލައި ކޯޗަކު ހަމަޖައްސައި ކުޅުންތެރިން ހޯދައި އެ ޓީމުން ވަނީ އާ ސީޒަނަށް ޕްރީ ސީޒަން ޓްރޭނިން ފަށައިފަ އެވެ.
"ހީއެއް ނުވޭ މިހާ ކްލީންކޮށް މިދިޔަ 10 އަހަރު ތެރޭ ވެސް ވިކްޓަރީ އަށް ސީޒަން ފެށިފައި އޮންނާނެހެނެއް،" ރަމީޒު ވިދާޅުވި އެވެ.
ކުރިން ވެސް އެ ކްލަބަށް ކޯޗުކޮށް ދިން މުހައްމަދު އާތިފް (އާތީ) ކޯޗުކަމަށް ހަމަޖައްސައި އާ ސީޒަނަށް ތައްޔާރުވާން ފެށި ވިކްޓަރީގެ ޓީމުން ވަނީ ގާތްގަނޑަކަށް ދިވެހި ހުރިހާ ކުޅުންތެރިން ހަމަކޮށްފަ އެވެ. އަދި ސްރީ ލަންކާގެ ކީޕަރަކު ވެސް ވަނީ ގެނެސްފަ އެވެ.
ދެ ވަނަ ޑިވިޝަނަށް ބޮޑު ހަރަދެއް ކުރި ކްލަބްގައި ކުޅުންތެރިޔަކަށް ދޭން ޖެހިފައި އޮތް ޕެންޑިން މުސާރައެއް ނެތް ކަމަށް ރަމީޒު ވިދާޅުވި އެވެ.
ކްލަބްތައް މާލީ ގޮތުން ވެއްޓިފައި އޮތް ހާލަތެއްގައި ވިކްޓަރީގެ ޓާގެޓްތައް ދަނޑުބޭރާއި ދަނޑުގެ އެތެރެއާ ވެސް އޮތީ ގުޅިފަ އެވެ.
ރަމީޒު ވިދާޅުވި ގޮތުގައި މެނޭޖްމެންޓަށް އޮތް ޓާގެޓަކީ ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ދީ، ފުރިހަމަކޮށްދެން ޖެހޭ އެހެން ކަންކަން ހަމަޖައްސައި ދިނުމެވެ. އަދި ސީޒަން ނިމޭއިރު ރަނގަޅު ހިސާބެއްގައި ދެމެހެއްޓުމަކީ މުޅި ކްލަބްގެ ޓާގެޓެވެ.
"ދެން ބަލަމާ... އިރާދަކުރެއްވިއްޔާ ރަނގަޅަށް ދާނީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ އިސް ހިނގުންތެރިޔެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ރަމީޒު ވިދާޅުވީ ވިކްޓަރީގައި މިހާރު އޮތް މެނޭޖްމެންޓްގެ ޓާގެޓަކީ ކުރީގެ މަގާމަށް ކްލަބް ގެންގޮސްދިނުމެވެ.
"ވިކްޓަރީގެ ސަޕޯޓަރުންނާއި ހެޔޮ އެދޭ ފަރާތްތަކަށް ދޭން ބޭނުންވާ މެސެޖަކީ އެއީ 50 އަހަރުވެފައި އޮތް މި ކްލަބް ކުރީގެ މަގާމަށް ގެންގޮސްދިނުން އެއީ މި މެނޭޖްމެންޓްގެ އެންމެ ބޮޑު ޓާގެޓަކީ،" ރަމީޒު ވިދާޅުވި އެވެ.
ދެ ވަނަ ޑިވިޝަނުގައި އެ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން، ކެޕްޓަން އަކުރަމް އަބްދުލް ޣަނީ އާއި މުހައްމަދު އުމެއިރު، ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) ގެ އިތުރުން ހުސައިން ފައިސަލް (ފައިޓޯ) ވަނީ އަލުން ސޮއި ކުރުވާފަ އެވެ.
ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާ އަށް ވެސް ކުޅުނު އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ވެސް ވިކްޓަރީން ވަނީ ގެނެސްފަ އެވެ. ކުރިން ވެސް އެ ޓީމަށް ކުޅުނު އަލީ ޝާމިސް (ތޮއްޕެ) ވެސް އެ ޓީމުން ވަނީ އަލުން ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުޖީ
10 March 2025
ވިކްޓަރީގެ އަސްލު ކުލައަކީ ގަދަ ރަތް ކުލަ އާއި ގަދަ ރީނދޫ ކުލަ. މިހާރު ތިޔައީ ވިކްޓަރީގެ ކުލައެއްނޫން. މެރޫން ކުލަ ލައިގެން ވިކްޓްރީގެ އަސަރެއް އިހުސާސެއް ނާދޭ. ރަނގަޅު ކުރަންޏާ ފުރަތަމަ ދަތާއި ރީނދުލުގެ ފަޚުރުވެރި ވިކްޓަރީގެ ކުލައަށް ފުރަތަމަ ޖާޒީ ބަދަލުކުރޭ. ޑިޒައިން އޯކޭ ކޮންމެ ކުލައަކަށް ހުއްޓަސް. އެ ދެކުލަ ހުންނަންވާނެ.
ކޮއްކޯ
11 March 2025
އަބުޖީ ހާދަ ފަހަތުގައި ތި އުޅެނީ! އެ ފެންނަނީ ޕްރެކްޓިސް ޖާޒީ! ޕްރެކްޓިސް ޖާޒީ އެކި ކުލަކުލައި ހުރުމަކީ މި ޒަމާނުގައި މައްސަލައެއް ނޫން!
އަޅި އަލީ
10 March 2025
ސާބަހޭ ވިކްޓަރީ! ފުރަމަ އަހަރުމެންގެ ފަހުރުވެރި ޕުރެޒިޑެންޓް ކަޕް ނަގަމާ ހިންގާ!