ރޯދަ މަސް / ނޫރު

ނުކައި ނުބޮއެ ހުރުމަކީ ރޯދަހިފުމެއް ނޫން

މި ރޯދަމަހުގެ ހަވީރު ރޯދަކުރުކުރުމުގެ ގޮތުން މާލޭ ހެލިޕޭޑް ސަރަހައްދުގައި ބަޔަކު މަޑި އަރުވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ބަރަކާތްތެރި ރަމަޟާން މަހުގެ އިންތިޒާރުގައި ދުވަސްތައް ގުނަމުން ދާއިރު، އަދި ރަމަޟާން މަސް ފެށުމާ އެކު އެންމެ ފުރަތަމަވެސް ސިކުނޑީގައި ކޮއްޓައިލާނީ ބަނޑުހައިވުމާއި ކަރުހިއްކުމުގެ އިހުސާސެވެ. ބައެއް މީހުންނަށް ގަބޫލުކުރެވޭ ގޮތުގައި ރޯދައަށް ހުރުމުގެ މައިގަނޑު މަގުސަދަކީ ބަނޑުހައިކަމާއި ކަރުހިއްކުމުގެ އިހުސާސް ލިބިގަތުމެވެ.

ބަނޑުހައިކަމާއި ކަރުހިއްކުމަކީ ރޯދައިގައި ހިމެނޭ އެތައް ބައިތަކެއްގެ ތެރެއިން ވަރަށް ކުޑަ ބައިކުޅަ ބައެއްގެ މިންވަރެކެވެ. މުޅި ދުވަހު ނުކައި ނުބޮއެ ހުރުން ލާޒިމުވެފައި އޮތަސް ރޯދަ އަށް ހުންނަ އިރު، އެ އަށް ވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެތައް ކަމެއް އެބަހުއްޓެވެ. އެކަންކަމަށް އިހުމާލު ވެއްޖެ ނަމަ އަޅުގަނޑުމެން ރޯދައަށް ތިބުމުގެ މަގުސަދު ވެސް ހާސިލެއް ނުވާނެ އެވެ.

އެކި ޒަމާންތަކުގައި އެކި ސަރަހައްދުތަކުގައި ދިރިއުޅުނު މީހުންނަށް، ތެދުމަގު ދެއްކެވުމަށް އެތައް ރަސޫލުންނަކާއި އެތައް ނަބީ ބޭކަލުންނެއް ފޮނުއްވި އެވެ. އެ ބޭކަލުން މެދުވެރި ކުރައްވައި ބާވައިލެއްވި ޝަރީއަތްތަކުގައި، އިންސާނުންގެ މައްޗަށް ރޯދަ ފަރުޟު ކުރައްވައި، ރޯދަ ހިފުން ވާޖިބު ކުރެއްވި އެވެ. ރޯދަ ހިފުމަކީ އެ އުންމަތަކަށް ވެސް ހުކުމްގެ ގޮތުން ވާޖިބެއް ކަމުގައި ލެއްވެވި ނަމަވެސް، ރޯދަ ހިފަންޖެހޭ ގޮތް، އިސްލާމީ އުންމަތާ ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

އެ ގޮތުން އިސްލާމީ އުންމަތުގެ މައްޗަށް ވެސް ރޯދަ ފަރުޟު ކުރެއްވިއެވެ. އެކަމުގެ ހިކުމަތާއި މަގުސަދު ބަޔާން ކުރައްވައި ﷲ ސުބްހާނަހޫ ވަތައާލާ ވަހީކުރެއްވި އެވެ؛ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ -އަލްބަޤަރާ 183- މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން، ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟު ކުރައްވައިފި އެވެ. (އެއީ) ތިޔަބައިމީހުން ތަގުވާވެރި ވުމަށްޓަކަ އެވެ.

މި އާޔަތުން ލިބޭ ސަރީހަ ދަލީލަކީ، ރޯދަ ވާޖިބު ކުރެއްވުމުގެ ހިކުމަތަކީ އަޅުތަކުންނަށް ޖިސްމާނީ ތަކުލީފެއް ޖެއްސެވުމެއް ނޫން ކަމެވެ. ރޯދައިން ލިބޭ ޖިސްމާނީ ތަކުލީފުތަކަކީ، ބަނޑުހައިވުމާއި ކަރުހިއްކުމާއި އެ ދެ ކަމުގެ ސަބަބުން ހަށިގަނޑުން ވަރުދެރަވުމާއި ހަށިގަނޑު ކަންނެތްވުމެވެ. ގިނަ މީހުންނަށް، ރޯދަ މާނަކުރެވިފައި އޮންނަނީ ވެސް މި ގޮތަށެވެ.

ނަމަވެސް، އިސްވެ ދެންނެވި އާޔަތުން އެނގެނީ، ރޯދަ ހިފުމުގައި ޖިސްމާނީ ތަކުލީފެއް ޖެއްސެވުމުގެ އެއްވެސް މަގުސަދެއް އަދި ހިކުމަތެއް ނެތް ކަމެވެ. އެހެނަސް، ރޯދައިގެ އަޅުކަން ގުޅިފައިވަނީ ރޫހާނީ ތާހިރުކަމަކާ ކަމެވެ. އެއީ ތަގުވާވެރިކަމެވެ. ރޯދައިގެ ސަބަބުން، ތިމާގެ ތަގުވާވެރިކަން އިތުރު ނުވާ ނަމަ އެ ރޯދައިން ތިމާ އަށް ކުރާނެ އެއްވެސް މަންފާއެއް ނޯންނާނެ އެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެ އެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ. "ބަނގުރޫޓު ވެފައިވާ މީހަކީ ކާކުކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟ ސަހާބީ ބޭކަލުން ދެންނެވި އެވެ. އަޅުގަނޑުމެންގެ ތެރޭގައި، ބަނގުރޫޓުވެފައިވާ މީހަކީ އޭނާގެ އަތުގައި އެއްވެސް ދިރުހަމެއް، މުދަލެއް ނެތް މީހާއެވެ. ހަދީސް ކުރެއްވި އެވެ؛ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީސްތަކުންގެ ތެރެއިން ބަނގުރޫޓު ވެފައިވާ މީހަކީ، ދުނިޔެމަތީގައި ކުރި ނަމާދުތަކާއި ހިފި ރޯދަތަކާއި ދިން ޒަކާތުގެ ދަރުމަ އާއި ސަވާބާއިގެން، ގިޔާމަތް ދުވަހު އަންނަ މީހާ އެވެ.

ތިމާގެ ދެ ލޯ ވެސް ރޯދަ ހިފުމުގައި ބައިވެރި ކުރަންޖެހެ އެވެ. ތިމާގެ ދޫ ވެސް ރޯދަ އަށް ހުންނަންޖެހެ އެވެ. ތިމާގެ ދެ ކަންފަތް ވެސް ރޯދައިގައި ޝާމިލް ކުރަންޖެހެ އެވެ. ތިމާގެ ދެ އަތާއި ދެފައި ވެސް ރޯދައިގެ އަޅުކަމުގައި ބައިވެރިކުރަންޖެހެ އެވެ. ހަމައެފަދައިން ތިމާގެ ޖިންސީ ގުނަވަން ވެސް ރޯދައިގެ އަޅުކަމުގައި ޝާމިލުކުރަންޖެހެ އެވެ.

އެ އަޅުކަންތަކުގެ ސަވާބާއެކު އޭނާ އަންނައިރު، ދުނިޔެމަތީގައި އޭނާ ވަނީ އެވެނިމިވެނި މީހަކާ ދިމާލަށް އެއްޗެހި ކިޔައިފަ އެވެ. އަދި އެވެނިމިވެނި މީހަކަށް ގަޒުފު ކޮށްފަ އެވެ. އަދި އެވެނިމިވެނި މީހެއްގެ މުދާ ނުހައްގުން ކައިފަ އެވެ. އަދި އެވެނިމިވެނި މީހެއްގެ ލޭ އޮހޮރުވައިފަ އެވެ. އަދި އެވެނިމިވެނި މީހެއްގެ ގައިގައި ޖަހައިފަ އެވެ. ދެން އޭނާ އަށް ލިބިފައިވާ ދަރުމަ އާއި ސަވާބުތައް، އޭނާގެ ފަރާތުން އަނިޔާ ލިބުނު މީހުންނަށް އެ އަނިޔާއެއްގެ މިންވަރުން ބަހައިލެވޭނެ އެވެ. މިގޮތުގެ މަތިން އެހެން މީހުންގެ ހައްގުތައް އަދާކުރުމުގެ ކުރިން، އޭނާގެ ދަރުމަ އާއި ސަވާބުތައް ހުސްވެއްޖެ ނަމަ އެ މީހުން ކޮށްފައިވާ ކުށްފާފަތައް އޭނާގެ ބޮލުގައި އެޅުވޭނެ އެވެ. ދެން އޭނާ ނަރަކައަށް އެއްލައިލެވޭނެއެވެ." (ރިވާކުރެއްވީ މުސްލިމް)

އެހެންކަމުން، މީހަކު ރޯދައަށް ހުރެ، ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކޮށް، ސަދަގާތްކޮށް، ޒަކާތްދީ އުޅުމަކުން، އޭނާ ދިންނަވައި ނަސީބު ލިބެނިވި މީހުންގެ ތެރެއަކު ނުހިމެނެ އެވެ. މި ހުރިހައި ކަންކަމަކީ ވެސް، އިންސާނާގެ މައްޗަށް ކަނޑައަޅުއްވާފައިވާ އަޅުކަންތަކެވެ. ކުރުން ވާޖިބު އަދި ސުންނަތް ކަންކަމެވެ. މީގެ އިތުރުން، ރޯދަ އަށް ހުންނަ ހުރުން، އޭގެ ފުރިހަމަ ގޮތުގައި އަޅުކަމަކަށް ވެގެންދަނީ، މާތް ﷲ ނަހީ ކުރައްވާފައިވާ ވަރަށް ގިނަ ކަންތައްތަކާ ދުރުހެލިވެގެންނެވެ.

އެ ކަންކަމުން ދުރުހެލިވުމަކީ، ނުކައި ނުބޮއެ ހުރުމާއި ނަމާދުތައް ކުރުމާއި ސަދަގާތް ދިނުމަށް ވުރެ، ބައެއް މީހުންނަށް އުނދަގޫ ކަންކަމެވެ. އެ ކަންކަމަކީ، ރަމަޟާން މަހުގައި ނޫނަސް، ހަޔާތުގެ ކޮންމެ ދުވަހެއްގެ ކޮންމެ ހިނދުކޮޅެއްގައި ވެސް، ދުރުހެލިވާންޖެހޭ ކަންކަމެވެ. އެއީ، ﷲ ސުބްހާނަހޫ ވަތައާލާ ނަހީކުރެއްވި އެންމެހައި ކަންކަމުން، ތިމާގެ ދުލާއި ލޮލާއި ކަންފަތާއި ދެ އަތާއި ދެ ފަޔާއި ޖިންސީ ގުނަވަން ރައްކާތެރިކުރުމެވެ.

އެހެންކަމުން، ރޯދައަކީ ނުކައި ނުބޮއެ ހުރުމުގެ ސަބަބުން، ހަމައެކަނި ބަނޑާ ނުވަތަ ގޮހޮރާ ގުޅިފައިވާ އަޅުކަމެއް ނޫނެވެ. ތިމާގެ ދެ ލޯ ވެސް ރޯދަ ހިފުމުގައި ބައިވެރި ކުރަންޖެހެ އެވެ. ތިމާގެ ދޫ ވެސް ރޯދަ އަށް ހުންނަންޖެހެ އެވެ. ތިމާގެ ދެ ކަންފަތް ވެސް ރޯދައިގައި ޝާމިލް ކުރަންޖެހެ އެވެ. ތިމާގެ ދެ އަތާއި ދެފައި ވެސް ރޯދައިގެ އަޅުކަމުގައި ބައިވެރިކުރަންޖެހެ އެވެ. ހަމައެފަދައިން ތިމާގެ ޖިންސީ ގުނަވަން ވެސް ރޯދައިގެ އަޅުކަމުގައި ޝާމިލުކުރަންޖެހެ އެވެ.

ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ وَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ، فَلاَ يَرْفُثْ وَلاَ يَصْخَبْ، فَإِنْ سَابَّهُ أَحَدٌ، أَوْ قَاتَلَهُ فَلْيَقُلْ إِنِّي امْرُؤٌ صَائِمٌ‏ މާނައީ: ތިޔަބައިމީހުން ކުރެ މީހަކު ރޯދައަށް ހުންނަ ދުވަހަކު ނަމަ އެއްދާން ނުކުރާށެވެ! އަދި މީހުންނަށް އަޑުލައި ނޫޅޭށެވެ! ފަހެ، ރޯދައަށް ހުންނަ ދުވަހު، މީހަކު ތިބާއަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް، އާޑަފުރައްސާރަ ކުރިޔަސް ނުވަތަ މާރާމާރީ ހިންގައި އަނިޔާ ދިން ކަމުގައި ވިޔަސް، ފަހެ، ތިމަންނާ މިހުރީ ރޯދައަށޭ ބުނާ ހުށި ކަމެވެ.

އިސްލާމީ މަރުކަޒުގައި މީހަކު މި ރޯދަމަހު ގުރުއާން ކިޔަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ مَنْ لَمْ يَدَعْ قَوْلَ اَلزُّورِ وَالْعَمَلَ بِهِ وَالْجَهْلَ، فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ  މާނައީ: ދޮގު ވާހަކަތައް ދެއްކުމާއި ނުބައި އަމަލުތައް ކުރުމާއި ޒުވާބުކޮށް ހަޑިހުތުރު އެއްޗެހި ގޮވުން ހުއްޓައިނުލާ މީހާ، ކެއުންބުއިމުން ދުރުވެގެން ހުރުމަކަށް މާތް ﷲ އެދިވޮޑިއެއްނުގަންނަވަ އެވެ.

އިސްވެ ދެންނެވި ދެ ނަބަވީ ބަސްފުޅުން އެނގެނީ، ރޯދައިގެ އަޅުކަން ފުރިހަމަވުމަށްޓަކައި، ކެއުމާއި ބުއިމާއި ދެމަފިރިކަމުގެ ގުޅުންތަކުން ދުރުހެލިވުމުގެ އިތުރުން، އެތައް ކަމެއް ފުރިހަމަވާންޖެހޭ ކަމެވެ. ފުރިހަމަ މާނައިގައި ރޯދަ އަށް ހުންނަން ބޭނުން ނަމަ އަދި ރޯދައިގެ ދަރުމަ އާއި ސަވާބު ފުރިހަމަ އަށް ހޯދަން އެދޭ ނަމަ، ތިމާގެ ދޫ ރައްކާތެރިކުރަންޖެހެ އެވެ. ދޮގުހެދުމާއި ދެބައޮޑުވުމާއި ނެތިމޮށުމާއި ފުރައްސާރަކުން ފަދަ ހުރިހާ ކަމަކުންނެވެ.

ދޮގު ވާހަކަތަކާއި ފާހިޝް ވާހަކަތަކާއި އާޑަފުރައްސާރައިގެ ވާހަކަތަކާއި މީހުން ހެއްވުމަށްޓަކައި ހަދަހަދައިގެން ދައްކާ ބޭކާރު ވާހަކަތައް އަޑުއެހުމުން، ކަންފަތް ރައްކާތެރި ކުރަންޖެހެ އެވެ. ބެލުން ހަރާމް ކުރައްވާފައިވާ އެންމެހައި ތަންތަން ތިމާގެ ލޮލުން ގަސްދުގައި ބެލުމުން، ދެ ލޯ ރައްކާތެރިކުރަންޖެހެ އެވެ. އެއީ، ހަމަލޮލުން ބެލިކަމުގައި ވިޔަސް، ޓީވީން ދައްކާ މަންޒަރެއް ކަމަށް ވިޔަސް، ނުވަތަ ފޮޓޯއެއް ކަމަށް ވިޔަސް، އެކަމުގައި ތަފާތެއް ނެތެވެ. މި ދެންނެވި ފަދަ ކަންކަމުގައި ތިމާގެ ގުނަވަންތައް ބޭނުންކުރުމުން، ބޭކާރުވެގެން ދާނީ ނުކައި ނުބޮއެ ހުރެގެން ހިފާ ރޯދަ އެކަންޏެއް ނޫނެވެ. އެހެނެއް ކަމަކު، އެފަދަ އަމަލުތައް ކުރުމަކީ، ގިޔާމަތް ދުވަހުން ތިމާ ޖަވާބުދާރީ ވާންޖެހޭނެ ކަންކަމެވެ. ނަމަވެސް ހިތާމައަކީ، އެކަންކަން ކުރުމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް އުޒުރެއް، އެ ދުވަހުން ނޯންނާނެ ކަމެވެ. އެހެންކަމުން، އެއިން ކޮންމެ އަމަލަކީ، ނަރަކައިގެ ވޭންދެނިވި ޢަޒާބަށް ތިމާ ހުށަހެޅިގެންދާނެ ކަންކަމެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ؛ (... إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا -ސޫރަތުލް އިސްރާ 36) ހަމަކަށަވަރުން، އިވުމާއި ފެނުމާއި ހިތާއި މިއިން ކޮންމެ ގުނަވަނަކީ، އެ ގުނަވަނަކުން ކުރި ކަންކަމާ މެދު ސުވާލު ކުރައްވާނެ ގުނަވަންތަކެއް ކަމުގަ އެވެ. އެ ގުނަވަންތަކުން ކުރި ނުބައި އަމަލުތަކަށް ދެއްކޭނެ ބަހަނާއެއް ނެތި އޭނާގެ ހިތާއި ދޫ ބަންދު ވެގެންދާނެ އެވެ. އެހައިރުން (... شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُم بِمَا كَانُوا يَعْمَلُونَ -ސޫރަތު ފުއްޞިލަތު 20)  އެއުރެންގެ ކަންފަތާއި އެއުރެންގެ ލޯތަކާއި އެއުރެންގެ ހަށިގަނޑުގެ ހަންތައް، އެއުރެން ކޮށް އުޅުނު އަމަލުތަކަށް އެއުރެންގެ މައްޗަށް ހެކިދޭނެތެވެ.

އެހެންކަމުން، ރަމަޟާން މަހު ރޯދަ އަށް ހުންނަ އިރު، އެކަން ފުރިހަމަ ވެގެން ދަނީ އެ އަޅުކަމުގައި މުޅި ހަށިގަނޑު ޝާމިލުވެގެންނެވެ. ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުން ވެސް އަޅުކަމުގައި ބައިވެރިވެގެންނެވެ. މި ބަރަކާތްތެރި ރަމަޟާން މަހަކީ، ފުރިހަމަ ގޮތުގައި ރޯދައިގެ އަޅުކަން އަދާކޮށް، ކުށްފާފަތަކުން ތައުބާވެ އަމިއްލަ ނަފްސު ތާހިރުކުރުމަށް، އަހަރުގެ ތެރޭގައި ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިރުސައި

11 March 2025

ބޭކާރު ވާހަކަ ދީނޭކިޔައިގެން ނުދައްކާށެވެ. ރޯދަގެ އަޅުކަން ކުރަންވީގޮތް ގުރުއާންގައި ވަރަށް ސަރީހަކޮށް ވަނީ އަންގަވާފަ. އިނގިޔާއި ، ނިޔަފަތި، މިހެންގޮސް ހުރިހާ ގުނަވަނެއް ވަކިވަކި ރޯދައިގެން ބައިވެރި ކުރާށޭ ބުނާއިރު ، ރޯދަމަހާއި އެނޫން މަސްތަކުގައި ތަފާތުކޮށް އުޅެން އަންގަވާފަ އެއް ނެތެވެ. ﷲގެ ބަސްފުޅު ފުރިހަމަވެގެންވެއެވެ.

The name is already taken The name is available. Register?

ޖަމީލް

11 March 2025

ރޯދަ މަހު ދިވެހިން މިއުޅެނީ ކުޅިވަރާއި މަޖާ ކުރުމުގައި. މީ ދެރަކަންކަން. ޙުޅުމާލޭގެ މަގުމަތީ ފޭވްމަންޓް ކެފޭ ފުރިބާރު ވެފައި ކޮފީ ބޯން މީހުން ތިބީމާ. މިސްކިތުގައި ކިޔަވާއިރު މަގުމަތީ ވަހާކަ ދައްކަން ތިބެނީ. ކެއުމުގައިވެސް އިސްރާފު ކުރަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454