އެއާ އިންޑިއާގެ މަތިންދާބޯޓެއްގެ ފާހާނާ ހޮޅިތަކުގެ ތެރޭ ތާށިވެފައި ވަނިކޮށް ނަގާފައިވާ ބައެއް ތަކެތި. -- ފޮޓޯ: އެއާ އިންޑިއާ
12 މާޗް 2025 - 09:04
މިދިޔަ ހަފުތާގައި އެމެރިކާއިން ފުރައިގެން އިންޑިއާއަށް ދިޔަ ފްލައިޓެއްގެ ފާހާނާތައް ޕްލާސްޓިކް ކޮތަޅާއި ފޮތީގެ ސަބަބުން ބްލޮކްވުމުން އެނބުރި އެމެރިކާއަށް ޖައްސަން ޖެހުނު ކަމަށް އެއާ އިންޑިއާއިން ބުނެފި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ޝިކާގޯއިން އިންޑިއާގެ ވެރިރަށް ދިއްލީއަށް ދަތުރުކުރަމުން ދިޔަ މި މަތިންދާބޯޓު އެނބުރި އެމެރިކާއަށް ދާން ޖެހުނީ ވައިގެ ތެރޭގައި ދެ ގަޑިއިރު ހޭދަކުރި ފަހުންނެވެ.
މަތިންދާބޯޓުގެ އެތެރޭގެ އެ ވަގުތު ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފަސިންޖަރުން ކްރޫން ވަށާލައި ވެގެން އުޅެނީ ކީއްކަން އޮޅުންފިލުވަން އުޅެ އެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށިފައި ވާއިރު ގިނަ ބަޔަކު ބުނަނީ މިއީ މަތިންދާބޯޓުގެ ފާހާނާ ބޭނުންކުރުމުގައި ގެންގުޅޭ ގޯސް އާދަތަކުގެ ސަބަބުން ދިމާވި ގޮތެއް ކަމަށެވެ.
އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ 342 މީހުންގެ ޖާގައިގެ މި ބޯޓުގެ 12 ފާހާނާގެ ތެރެއިން 8 ފާހާނާއެއް ބްލޮކްވެ ބޭނުން ނުކުރެވޭކަން އެނގުނީ ދަތުރު ފެށިތާ ދެ ގަޑިއިރު ފަހުން ކަމަށެވެ.
މިކަން އެނގުނު އިރު ބޯޓު އޮތީ އެޓްލާންޓިކް ކަނޑާ ދިމާލުގައި ކަމަށާއި ރޭގަނޑު ވަގުތު ޔޫރަޕްގެ އެއާޕޯޓްތައް ބޭނުންކުރުމުގައި ހުރި ހުރަސްތަކާ ހެދި ޕައިލެޓުން ގަސްތުކުރީ އެނބުރި ޝިކާގޯއަށް ގޮސް މައްސަލަ ހައްލުކުރަން ކަމަށް އެއާލައިނުން ބުންޏެވެ. މިއީ ފަސިންޖަރުންނަށް ދިމާވެދާނެ އުނދަގުލަކުން ސަލާމަތްކުރުމަށް ނިންމި ގޮތް ކަމަށް ވެސް ބުނެފައިވެ އެވެ.
އެއާ އިންޑިއާ އިން ބުނީ މަތިންދާބޯޓުގެ ފާހާނާތަކުގެ ހޮޅިތަކުގެ ތެރޭގައި ޕޮލިތީން ކޮތަޅާއި ފޮތި ތާށިވެފައި ހުރި ކަމަށެވެ. މި ތަކެތި ފެންނަ ފޮޓޯތައް ވެސް އެއާ އިންޑިއާއިން ވަނީ އާންމުކޮށްފަ އެވެ.
މަތިންދާބޯޓުގެ ފާހާނާތަކުގައި ނަޖިސް ރައްކާކުރަނީ ހާއްސަ ޓޭންކުތަކެއްގަ އެވެ. މި ނަޖިސް ފްލަޝް ކުރުމަށް ބޭނުންކުރަނީ ވެކިއުމް ސިސްޓަމެކެވެ. އާންމުގޮތެއްގައި އެތަކެތި ނައްތާލަނީ މަތިންދާބޯޓު ޖެއްސުމަށްފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްދާ ސައީދު
12 March 2025
ޝިކާގޯ އެއްނޫން. ޗިކާގޯ
ގުރައުންޑ އޮޕަރޭޝަންސް
12 March 2025
ނަސީބެއް ނޫން ފާޚާނާ ތެެރޭގައި ޕެސިންޖަރެއް ތާށި ނުވެ ޖެއްސުނު ކަން؟
އިބުނު ސީނާ
12 March 2025
ތިޔައީ ކިތަމެއް ކުރިއެރިޔަސް ތަހުޒީބު ނުވާނެ ބައެއް.