ޕާކިސްތާނުގެ މަގަކުން އަންހެނަކާއި ފިރިހެނަކު ހިނގާފައި އަންނަނީ: އެ ގައުމުގައި ދެ އާއިލާއެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގެ ހައްލަކަށް ކުޑަކުއްޖަކު ކައިވެނިކުރުވަން އުޅުމުން ކުއްޖާގެ ބައްޕަ މަރުވި މައްސަލައެއް އަންނަނީ ބަލަމުން. -- ފޮޓޯ: އޭއެފްޕީ
12 މާޗް 2025 - 09:03
ޕާކިސްތާނުގެ ގަބީލާ ސަރަހައްދެއްގައި ދެ އާއިލާއެއްގެ ދެމެދުގައި އުފެދުނު މައްސަލައެއް ހައްލުކުރުމަށް 12 އަހަރުގެ އަންހެން ދަރިފުޅު އަނެއް އާއިލާގެ މީހަކާ ކައިވެނިކުރަން މަޖުބޫރުކުރުމުން އެ ކުއްޖާގެ ބައްޕަ އަމިއްލައަށް މަރުވި މައްސަލެއް ބަލަން ފަށައިފި އެވެ.
ޕާކިސްތާނު ފުލުހުން އިއްޔެ ބުނީ އާދިލް ނަމަކަށް ކިޔާ މީހާއަށް އޭނާގެ 12 އަހަރުގެ ދަރިފުޅު ކައިވެނި ކުރުވަން އަމުރުކުރީ ގަބީލާތަކުން މައްސަލަ ހައްލުކުރާ "ޖިރްގާ" އަކުން ކަމަށެވެ. މިކަން ފަޅާއެރީ މަރުވި ފިރިހެން މީހާގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.
"އާދިލް އަމިއްލަ އަށް މަރުވީ އޭނާގެ 12 އަހަރުގެ އަންހެން ދަރިފުޅު އެހެން މީހެއްގެ ބާރުގެ ދަށަށް ދިއުމުން ސަލާމަތް ކުރުމަށް ކަމަށް ބުނެ،" އެ ގައުމުގެ ފުލުހުންގެ އޮފިޝަލް ހާލިދު ޖާވިދު ހާން ވިދާޅުވި އެވެ.
"އޭނާ ވަރަށް ސާފުކޮށް ބުނެފައިވޭ ޖިރްގާގެ ނިންމުން ގަބޫލުކުރުމަށް ވުރެ އަމިއްލައަށް މަރުވާން ވެސް ފަސޭހައޭ."
އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ހަނގުރާމަވެރިންގެ ބާރު އޮންނަ ސަރަހައްދުތައް ކައިރީގައި އޮންނަ ސަރަހައްދެއްގެ ޖިރްގާއިން ތިން މީހަކު ފުލުހުން ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފަ އެވެ.
ކުޑަ ކުއްޖާ ކައިވެނިކުރުވަން ޖިރްގާއިން އަމުރުކުރީ މަރުވި އާދިލްގެ ދެބެއިންގެ ދެދަރި ފިރިހެން ކުއްޖެއްގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނެ އަންހެން ކުއްޖަކު ހުށަހެޅި މައްސަލައެއްގައި ކަމަށްވެ އެވެ. އެ ފިރިހެން ކުއްޖާ މި މައްސަލައިގައި 600،000 ރުޕީސް (2،144 ޑޮލަރު) އިން ޖޫރިމަނާކުރުމުން އެ ފައިސާ ވަނީ ދައްކައިފަ އެވެ. އެކަމަކު ފުރައްސާރަކުރި ހާދިސާ ހިނގީ އާދިލްގެ ގޭގައި ކަމަށް ވާތީ މިކަމުގައި އާދިލް ވެސް ޒިންމާވާންޖެހޭ ކަމަށް ބުނެ އަމުރުކުރީ ފުރައްސާރައާ ކުރިމަތިވި އަންހެން ކުއްޖާގެ ބޭބެއާ އާދިލްގެ 12 އަހަރުގެ އަންހެން ދަރިފުޅު ކައިވެނިކުރުވުމަށެވެ.
"ޖިރްގާއިން ނިންމީ ބަދަލުގެ ގޮތުގައި އާދިލް އޭނާގެ އަންހެން ދަރިފުޅު ދޭންޖެހޭނެ ކަމަށް."
ފުލުހުން ބުނީ އާދިލްގެ އަންހެން ހަ ދަރިން ތިބޭ ކަމަށާއި މިހާރު އެ ހުރިހާ ކުދިންނަށް ވަނީ ހިމާޔަތް ދީފައި ކަމަށެވެ.
ޕާކިސްތާނުގެ އެކަހެރި ހިސާބުތަކުގައި މައްސަލަތައް ހައްލުކުރާ ޖިރްގާ ނުވަތަ ކަމުވޮށިގެންވާ މީހުންގެ މަޖިލިސްތަކުން ނިންމާ ނިންމުންތައް ކޯޓުތަކުން ވެސް ބަލައިގަނެ އެވެ. އެކަމަކު ޖިރްގާއިން މައްސަލަ ހައްލުކުރުމުގައި ބަދަލެއްގެ ގޮތުގައި އަންހެން ކުދިން އަދި އަންހެނުން ވެސް ކައިވެނިކުރުވުން ނުވަތަ އެހެން މީހަކާ ހަވާލުކުރުން އޮންނަނީ މަނާކޮށްފަ އެވެ. އެކަމަކު މިއީ އާންމުކޮށް ހިނގާ ކަމެކެވެ.
އެންމެ ހަރުކަށި އަދަބުތައް ޖިރްގާއިން ކަނޑައަޅަނީ އާއިލާއެއްގެ އިއްޒަތް ހިމާޔަތް ކުރުމުގެ ގޮތުންނެވެ. އެފަދަ ކުށެއްގެ އަދަބުގެ ތެރޭގައި ޖިންސީ އަނިޔާ އަދި މަޖުބޫރުން ކައިވެނި ކުރުވުން ހިމެނެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުސީނު
12 March 2025
މި ދުނިޔޭގައި ޖާހިލުން އަދިވެސް ހާދަ ގިނައޭދޯ؟
ގުދުގުދާބެއްޔާ
12 March 2025
މިގައުމުގަ ވެސް އެބައުޅޭ! ކަންދަހާރު ސަހާބީންގެ ބަޔަކު އެމީހުން އެމީހުން ރާއްޖެއިން ބޭރުރައްގޮސް ތިޔަކަހަލަ ކައިވެނިތައް ކުރޭ! މީގެ ހުރިހާ ނޮހޮރުއްޕާނެއް މިގައުމަށް!
ކިބަޅި
12 March 2025
މިއީ މިމީހުންގެ 'އިސްލާމް ދީނުގަ" އޮންނަގޮތަކީ. މިކަންތައް މިގައުމަށް ގެންނަން އުޅޭ ބައިގަނޑެއްވެސް އުލޭ. ލަދުހަޔާތް ކޮބާ ދީނޭކިޔައިގެން އަނގަ ހުޅުވަން
ލައިން
12 March 2025
ޕާކިސްތާންގެ މިގަބީލާ އަށް އިސްލާމް ދީންގެ މާތް, މަތިވެރި ހުކުމްތައް ނޭނގޭތީވެ ވާގޮތް.... ޕާކިސްތާންގެ ސަރުކާރުުން ޖިރްގާގެ މިފަދަ ކަންތައް ވަގުތުން ހުއްޓުވަންޖެހޭ... އަދި އިސްލާމް ދީންގެ ފުރިހަމަ ހުކުމްތައް ދަސްކޮށް ދޭން ޖެހޭ... ގަދަކަމުން ކައިވެނި އެއް ނުކުރެވޭނެ...
ލަންސިމު ކުލްޖާ
12 March 2025
އިސްލާމް ދީނުގައި ގަދަކަމުން ކައިވެނިކޮށް ނުދެވޭކަން ތިޔަ ޖިރުގާ އަކަށް ނޭނގެނީތަ؟
އަލީލީ
12 March 2025
މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރަން. ހުރހާ މުޖުތަމައު ތަކެއްގައި ވެސް މިފަދަ މުޑުދާރު ކަންކަން އެކި ގޮތްގޮތަށް އޮވޭ. މިސާލަކަށް ހުޅަނގުގެ މުޖުތަމައުތަކުގައި ވަރަށް ކުޑަ އިރު މީހުންނާ ރައްޓޭހިވެ ގުޅުން ހިންގަން ފަށާ. މިކަންކަން އޮންނަނީ ރީތިކަމެއްގޮތަށް ދައްކާފަ. އެހެންވެ އެއްވެސް ބަޔަކު މިވާޙަކައެއް ނުދައްކާނެ.
ލަސް
12 March 2025
ހުޅަނގޭ އިރުމައްޗޭ ނުކިޔަބަލަ. ކަލޭމެން ބުނާގޮތުންނަމަ އެއީ މުސްލިމުން އުޅެން ޖެހޭގޮތް.