ރައީސް އޮފީސް: ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި.-- ފޮޓޯ: މިހާރު
12 މާޗް 2025 - 18:42
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ ސީއެސްސީގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން މެމްބަރަކު އިސްތިއުފާ ދެއްވާފައި ވާތީ، އެ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމަށް މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ސީއެސްސީން އިއްޔެ އިސްތިއުފާ ދެއްވީ އެ ކޮމިޝަނުގެ ނައިބު ރައީސަކަށް ހުންނެވި އިބްރާހިމް ރަޝީދެވެ.
އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފަށާފައި ވަނިކޮށެވެ.
އޭނާއަށް ކުރާ ތުހުމަތުގެ ތެރޭގައި ރެކްރޫމަންޓުގައި ހުރި ބައެއް މައްސަލަތަކާ ގުޅިގެން ސީއެސްސީގެ ބައެއް މުވައްޒަފުންގެ ޝަކުވާ އާއި އިދިކޮޅު އެމްޑީޕީގެ ބޮޑުންނާއި މެމްބަރުންނާ މާ ގާތް ގުޅުމެއް ބޭއްވުން ހިމެނެ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރަކު ވަކިކުރުމާ މެދު ވަކި ގޮތެއް ނިންމޭނީ ކޮމިޓީން އެ މަސައްކަތް ފެށި ކަމަށް ފާސްކޮށް، ތަޅުމަށް ފޮނުވުމުންނެވެ. އޭރުން ރިޔާސަތުން އެ މައްސަލަ ތަޅުމުގައި އިއުލާނުކޮށް، މައްސަލާގައި ގޮތް ނިންމުމަށް ކޮމިޓީ އަށް ފޮނުވާނެ އެވެ.
އިބްރާހިމް ރަޝީދު ސީއެސްސީ އަށް އައްޔަންކޮށްފައި ވަނީ ސެޕްޓެމްބަރު، 2020 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy