ޓެކްސީ ޑްރައިވަރުންގެ ހައްގުތަކުގެ ދިފާއުގައި މާޗު 2022 ގައި ހުޅުމާލޭގައި މުޒާހަރާ ކުރަނީ: ކޮންމެ މީހަކަށް ވެސް ލިބޭނީ ﷲ ދެއްވި ހައްގެއް އެ މިންވަރެއްގެ މައްޗަށް.---ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު
14 މާޗް 2025 - 10:02
އަޅުގަނޑުމެން މިއަދު އުޅެމުން މިދަނީ ހައްގުތަކުގެ ދުނިޔެއެއްގަ އެވެ. އުމުރެއް ޖިންސެއް ގިންތިއެއް ތަފާތުނުކޮށް އެންމެން ދައްކަނީ ހައްގުގެ ވާހަކަ އެވެ. ކޮންމެ މީހެއްގެ ހިތުގިލަނަކީ ހައްގެއް ނުލިބުމުގެ ނުވަތަ ހައްގެއް އުނިވެފައިވާ ކަމުގެ އިހުސާސެވެ. އަޅުގަނޑުމެންނީ މުސްލިމުން ކަމަށް ވީ ހިނދު، ހައްގާއި ހައްގުތައް ލިބެންވީ ގޮތާއި މިންވަރާ މެދު ދެކޭ ގޮތް ވެސް، އެ ނޫން މީހުންނާ ތަފާތެވެ.
ހައްގުތަކާ މެދު މުސްލިމުންގެ ގަބޫލުކުރުމަކީ، ހައްގަކީ ﷲ ސުބްއާނަހޫ ވަތައާލާގެ ޙަޟްރަތުން އެކަލާނގެ ދެއްވި މިންވަރަކަށް އެކަލާނގެ ދެއްވި މަހުލޫގަކަށް ލިބޭ އެއްޗެއް ކަމެވެ. އަދި ލިބޭނީ އެކަލާނގެ ދެއްވި ހައްގެއް ކަމެވެ. އެހެންކަމުން، އެކަލާނގެ އަޅުތަކުންގެ މައްޗަށް އޮތް ފުރަތަމަ ވާޖިބަކީ ހައްގުވަންތަ އިލާހު ދެނެގަތުމެވެ. ހައްގުތައް ތަރުތީބުވެގެން އަންނާނީ އޭގެ ފަހަތަށެވެ. އަދި އެކަލާނގެއަށްޓަކައި އަދާކުރަންޖެހޭ ހައްގުތައް އަދާކުރެވޭނީ ވެސް އޭރުންނެވެ.
ﷲ ސުބްހާނަހޫ ވަތައާލާ މައުރިފާކޮށް ދެނެގަތުމީ އެކަލާނގެ އަށް އަޅުވެތިވެ، އަޅުކަން ކުރުމުގެ ބިންގަލެވެ. އަދި އެކަލާނގެ އަށް ޝުކުރުވެރިވުމުގެ ފެށުމެވެ. އަދި އެކަލާނގެ މަތިވެރިކޮށް، އެންމެހައި އުނި ސިފަތަކުން އެކަލާނގެ ހުސްތާހިރުވަންތަ ކުރުމުގެ މަފްހޫމަކީ ވެސް އެކަލާނގެ މައުރިފާކޮށް ދެނެގަތުމެވެ.
ﷲ ސުބްހާނަހޫ ވަތައާލާއީ އެކަލާނގެއާ އެއްފަދައެއް ނުވާ އެއްކައުވަންތަ އިލާހެވެ. އެއީ އެންމެހައި މަހުލޫގުން އެކަލާނގެ އަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެން ނުވާ ރަސްކަލާނގެ އެވެ. އެކަލާނގެ އަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެ އެވެ. އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމަ އެކަކު ވެސް ނުވެތެވެ. އެކަލާނގެއީ އެންމެހައި ތަކެތި ހަލްގު ކުރައްވައި، ދެން އެ ހަލްގު ކުރެއްވުން ފުރިހަމަ ކުރެއްވި ރަސްކަލާނގެ އެވެ. އަދި އެކަލާނގެއީ އެންމެހައި ތަކެތި މިންވަރު ކުރައްވައި، އެ ތަކެއްޗަށް މަގު ދެއްކެވި ރަސްކަލާނގެ އެވެ. އަދި އެކަލާނގެއީ، މަހުލޫގުންގެ ރިޒްގެއްގެ ގޮތުގައި ބިމުން ފެނާއި ފަތްޕިލާވެއްޔާއި ގަސްގަހާގެހި ނެރުއްވި ރަސްކަލާނގެ އެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްގު ތަނަވަސް ކޮށްދެއްވަ އެވެ.
ﷲ ސުބްޙާނަހޫ ވަތައާލާއީ ތައުރާތާއި އިންޖީލާއި ޒަބޫރާއި ގުރްއާން ބާވައިލެއްވި ރަސްކަލާނގެ އެވެ. އެކަލާނގެއީ އެކަލާނގެ އަށް ކިޔަމަންގަންނަ އަޅުން ދެކެ ލޯބިވެވޮޑިގެންވާ ރަސްކަލާނގެ އެވެ. އެކަލާނގެއީ، ފެށުމެއް ނެތި އިސްވެވޮޑިގެންވާ ރަސްކަލާނގެ އެވެ. އަދި ނިމުމެއް ނެތި ފަސްވެވޮޑިގެންވާ ރަސްކަލާނގެ އެވެ. އަދި ހެކިތަކުން ފާޅުވެވޮޑިގެންވާ ރަސްކަލާނގެ އެވެ. އަދި ހިއްސުތަކަށް ވަންހަނާވެވޮޑިގެންވާ ރަސްކަލާނގެ އެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ. ﷲ ސުބްހާނަހޫ ވަތައާލާއީ ދުނިޔެއާއި އާހިރަތުގައި، އެންމެހައި ތައުރީފާއި ސަނާ މިލްކުވެވޮޑިގެންވާ ރަސްކަލާނގެ އެވެ. ކޮންމެ ކަމެއް ނިޔާކުރެއްވުން މިލްކުވެވޮޑިގެންވަނީ ވެސް އެކަލާނގެއަށެވެ. އުޑުތަކާއި ބިމުގައި އެންމެ މަތިވެރިވަންތަ މަތިވެރިކަމާއި ބާރުވެރިކަންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، އަޒީޒްވަންތަ ހަކީމްވަންތަ ރަސްކަލާނގެއެވެ.
އިސްލާމީ މަރުކަޒުގައި ބަޔަކު ނަމާދު ކުރަނީ.--- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެފަދަ މަތިވެރި އެހެން އިލާހެއް، އަދި ހައްގު ގޮތުގައި އަޅުކަންވެވޭ އެހެން އިލާހެއް ނުވާކަން ކަށަވަރެވެ. ދަތި އުނދަގޫ ކޮންމެ ހާލަތެއްގައި ހިތްތަކަށް ހަމަޖެހުން ދެއްވަނީ އެކަލާނގެ އެވެ. އެކަނިވެރިކަމުގައި ހިތްތަކުގެ ބައިވެރިޔަކީ އެކަލާނގެ އެވެ. ގޮތް ހުސްވެފައިވާ ހިނދު ނަސްރު ދެއްވަނީ އެކަލާނގެ އެވެ. ނާއުންމީދީ ހާލަތްތަކުގައި ވެސް ބަލިމީހުންނަށް ޝިފާ ދެއްވަނީ ހަމައެކަނި އެކަލާނގެ އެވެ.
އެހެންކަމުން، އެކަލާނގެ އަށް އީމާންވާ ކޮންމެ އަޅަކަށްމެ މުސީބާތެއް، ދަތި އުނދަގުލެއް ކުރިމަތިވެއްޖެ ނަމަ އެ މީހުންގެ ހިތާއި ދުލުގެ ބުނުމަކަށް ވާނީ؛ (... إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ -ސޫރަތުލް ބަޤަރާ 156) "ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކެވެ. އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކީމުއެވެ."
އަނިޔާވެރިންގެ ކުރިމަތީގައި ގޮތް ހުސްވެ ބަލިކަށިވެފައިވާ ހިނދު، މުއުމިނުންގެ ހިތާއި ދުލުގެ ބުނުމަކަށް ވާނީ؛ (... أَنِّي مَغْلُوبٌ فَانتَصِرْ -ސޫރަތުލް ޤަމަރް 10) "ފަހެ، ހަމަކަށަވަރުން، މިއަޅާވަނީ ނިކަމެތިކޮށް ދެރަކޮށްލެވިފަ އެވެ. ފަހެ، މިއަޅާޔަށް ނަސްރު ދެއްވާނދޭވެ!"
މިއާ ހިލާފަށް އެ މީހެއްގެ އުންމީދުތައް ﷲ ސުބްހާނަހޫ ވަތައާލާ ފިޔަވައި އެހެން ފަރާތަކާ ގުޅުވައިފި ނަމަ އޭނާ ވަށައިލެވޭނީ ނާއުންމީދާއި ހިތްދަތިކަމުންނެވެ. އެކަލާނގެ ފިޔަވައި އެހެން ފަރާތަކުން ތިމާއަށް ފުދުންތެރިކަން ލިބިދާނެ ކަމަށް ދެކޭ މީހާއާ އެންމެ ގާތުގައި ވާނީ ފަގީރުކަމާއި ބަދުނަސީބެވެ. އިހުގެ އުންމަތްތަކުގައި، މާތް ﷲގެ ފަޟްލަވަންތަވެރިކަމުން ތަނަވަސްކަން ލިބުނު މީހުން، އެކަމަށް ޝުކުރުވެރި ނުވެ އެކަލާނގެ އަށް އުރެދުނު ހިނދު، ވަޔާ ބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން އެ ނިއުމަތްތައް ނެތިގެން ދިޔަ އެވެ.
ސަބާގެ އަހުލުވެރިންނަށް މާތް ﷲ މެދުވެރިކުރެއްވީ އެފަދަ އިމްތިހާނެކެވެ. އެބައިމީހުން ދިރިއުޅުނު ތަނުގައި ނުހަނު ފަސޭހައިން ކައިބޮއި އުޅެވޭނެ ފަދައިން، މޭވާ އާއި ތަރުކާރީގެ ބިޔަ ދެ ބަގީޗާ ލެއްވި އެވެ. މާތް ﷲ އެންގެވީ، އެބައިމީހުންގެ ވެރިރަސްކަލާނގެ ދެއްވި ރިޒްގުން ކައިބޮއި އުޅުމަށެވެ. އަދި އިހުލާސްތެރިކަމާ އެކު އެކަލާނގެ އަށް އަޅުކަންކޮށް ޝުކުރުވެރި ވުމަށެވެ.
ނަމަވެސް އެބައިމީހުން އެކަލާނގެ ނިއުމަތްތަކަށް ފުރަގަސްދިނުމުގެ ނަތީޖާ ބަޔާންކުރައްވައި މާތް ﷲ ސުބްހާނަހޫ ވަތައާލާ ވަހީކުރެއްވި އެވެ؛ فَأَعْرَضُوا فَأَرْسَلْنَا عَلَيْهِمْ سَيْلَ الْعَرِمِ وَبَدَّلْنَاهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَيْ أُكُلٍ خَمْطٍ وَأَثْلٍ وَشَيْءٍ مِّن سِدْرٍ قَلِيلٍ މާނައީ؛ ދެން އެއުރެން (އެކަލާނގެ ނިއުމަތަށް) ފުރަގަސްދިނެވެ. ދެން ތިމަންރަސްކަލާނގެ އެ އުރެންގެ މައްޗަށް ފައިބައިގެން އަންނަ ބޮޑުވެގެންވާ ފެންގަނޑު (އެބަހީ: سَيْلَ الْعَرِمِ) ފޮނުއްވީމެވެ. އަދި އެ އުރެންގެ ދެ ބަގީޗާގެ ބަދަލުގައި، އެ އުރެންނަށް ތިމަންރަސްކަލާނގެ އެހެން ދެ ބަގީޗާ ދެއްވީމެވެ. ކާން ނުކެރޭ ފަދަ ހިތި މޭވާގެ ގަސްތަކަކާއި މޭވާއެއް ނެތް ކަށި ގަސްތަކަކާއި އެތަންމިތާނގައި ވަރަށް މަދު ކުންނާރު ގަސްތަކެއް ހުރި ދެ ބަގީޗާ އެވެ.
މިފަދަ މިސާލުތަކުން އެނގި ކަށަވަރުވަނީ، ތަނަވަސްކަން ދެއްވައި މުއްސަނދި ކުރައްވަނީ މާތް ﷲ ކަމެވެ. އަތްމަތި ދަތިކުރައްވައި ފަގީރު ކުރައްވަނީ ވެސް ހަމަ އެކަލާނގެ ކަމެވެ. މީސްތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވި މީހަކު އިއްޒަތްތެރި ކުރައްވައި، އިރާދަކުރެއްވި މީހަކު ނިކަމެތި ކުރައްވަ އެވެ. އެކަލާނގެ އިރާދަކުރެއްވި މީހަކު، މީސްތަކުންގެ ތެރޭގައި ދަރަޖަ މަތިވެރި ކުރައްވަ އެވެ. އަދި އިރާދަ ކުރެއްވި މީހަކު، މީސްތަކުންގެ ތެރެއަށް ފަލީހަތް ކުރައްވައި ބޭޒާރު ކުރައްވަ އެވެ.
މުއްސަނދި މީހާގެ ފުރަތަމަ އިމްތިހާނަކީ، އޭނާގެ ތަނަވަސްކަމަކީ މާތް ﷲ އޭނާއަށް ދެއްވި ނިއުމަތެއްކަން ގަބޫލުކޮށް އެކަލާނގެ އަށް ޝުކުރުވެރިވުމެވެ. ދެ ވަނަ އިމްތިހާނަކީ، އޭނާ އަށް ދެއްވި މުދަލުގައި އަވައްޓެރި ފަގީރު މީހާ އާއި އެހެން ފަގީރުންގެ ހައްގުތަކެއް ވާކަން ގަބޫލުކޮށް، އެ މީހުންގެ މުހުތާދުތައް ފިލުވައިދިނުމެވެ.
މިފަދަ ކޮންމެ ކަމަކީ ވެސް މާތް ﷲގެ ޒާތުފުޅުގައި ހައްގު ކަންކަމެވެ. މިފަދަ ހައްގުތަކުގައި މީސްތަކުންގެ މެދުގައި ތަފާތުތައް ލައްވާފައިވުމަކީ، އަނިޔާވެރިކަމެއް ނޫނެވެ. އަދި ބޭއިންސާފެއް ވެސް ނޫނެވެ. އެހެނެއް ކަމަކު އެއީ އެކަލާނގެ އަދުލުވެރިކަމެވެ. އެފަދަ ތަފާތުތައް އަދުލުވެރިކަމުގެ މީޒާނުން ވަޒަން ކުރެވެނީ، އެފަދަ ކޮންމެ ތަފާތުކުރުމަކާ އެކު، އެކަލާނގެ އަޅުތަކުން އިމްތިޙާނަކަށް ހުށަހެޅިގެން ދާތީ އެވެ.
އޭގެ މިސާލަކީ، މުއްސަނދި އަވައްޓެރިއަކާއި ފަގީރު އަވައްޓެރިއެކެވެ. އެކަކަށް އަނެކަކުގެ ހާލަތު ލޮލަށް ފެނި އެނގެ އެވެ. ނަމަވެސް ދެ މީހުންގެ ހާލަތު އުޑާއި ބިމާހައި ތަފާތެވެ. އެ އިން ކޮންމެ މީހަކަށް ކުރިމަތިކުރައްވާފައިވާ ހާލަތަކީ، އަނެއް މީހާއަށްޓަކައި މާތް ﷲ ލައްވަވާފައިވާ އިމްތިހާނެކެވެ. މުއްސަނދި މީހާގެ ތަނަވަސްކަމާއި ތިޔާގި ކަމަކީ، އޭނާގެ އަމިއްލަ ނަފްސަށާއި އޭނާގެ އަވައްޓެރި ފަގީރު މީހާއަށް ވެސް ކުރިމަތިކުރެއްވި އިމްތިހާނެކެވެ. ފަގީރު މީހާގެ އަތްމަތި ދަތިވެ ތަނަވަސްކަން ނެތުމަކީ، އޭނާގެ އަމިއްލަ ނަފްސަށާއި އޭނާގެ އަވައްޓެރި މުއްސަނދި މީހާ އަށް ވެސް ކުރިމަތިކުރެއްވި އިމްތިހާނެކެވެ.
މުއްސަނދި މީހާގެ ފުރަތަމަ އިމްތިހާނަކީ، އޭނާގެ ތަނަވަސްކަމަކީ މާތް ﷲ އޭނާއަށް ދެއްވި ނިއުމަތެއްކަން ގަބޫލުކޮށް އެކަލާނގެއަށް ޝުކުރުވެރިވުމެވެ. ދެ ވަނަ އިމްތިހާނަކީ، އޭނާ އަށް ދެއްވި މުދަލުގައި އަވައްޓެރި ފަގީރު މީހާ އާއި އެހެން ފަގީރުންގެ ހައްގުތަކެއް ވާކަން ގަބޫލުކޮށް، އެ މީހުންގެ މުހުތާދުތައް ފިލުވައިދިނުމެވެ.
ފަގީރު މީހާގެ ފުރަތަމަ އިމްތިހާނަކީ، އޭނާގެ ފަގީރުކަމަކީ، މާތް ﷲ އޭނާ އަށް މިވަގުތަށް މިންވަރުކުރެއްވި ގޮތްކަމާއި ދެރަ ގޮތެއް އެކަލާނގެ މިންވަރު ނުކުރައްވާނެކަން ގަބޫލުކޮށް، އެކަމަށް ކެތްތެރިވުމެވެ. ދެ ވަނަ އިމްތިހާނަކީ، ފަގީރުކަމުގެ މައްޗަށް މާޔޫސްނުވެ، ތަނަވަސްކަމާއި ތިޔާގިކަމަށް ވާސިލުކޮށްދޭ އެންމެހައި ސަބަބުތަކުގައި ހިފައި، ގަދައަޅައި މަސައްކަތް ކުރުމެވެ.
މުޖްތަމައުގެ ތެރެއިން މިފަދަ ތަފާތުތައް ފެނުނުކަމުގައި ވިޔަސް، އެ ތަފާތަކީ މާތް ﷲގެ އަދުލުވެރިކަން ކަމުގައި ވެގެން ދަނީ، އެތަފާތު ކުރުމުގައި އެކަލާނގެ ލައްވަވާފައިވާ ހިކުމަތުގެ ސަބަބުންނެވެ. އެކަން ބަޔާން ކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައިވެ އެވެ؛ ...نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا... މާނައީ؛ ދުނިޔޭގެ ދިރިއުޅުމުގައި އެ އުރެންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެ އެވެ. އަދި ތިމަންރަސްކަލާނގެ އެ އުރެންކުރެ ބައެއް މީހުން، އަނެއްބައި މީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެ އުރެން ކުރެ އެއް ބަޔަކު އަނެއް ބަޔެއްގެ ހިދުމަތްތެރިކަން ހިފުމަށްޓަކައެވެ.
އިސްވެ ދިޔަ އާޔަތުން އެނގެނީ، ހައްގުތައް ދެއްވުމުގައި އިންސާނުންގެ މެދުގައި މިފަދަ ތަފާތުތަކެއް ހުއްޓަސް، އެ ތަފާތުތަކަކީ، އެއް ބަޔަކު އަނެއް ބަޔަކާ ވަކިވެ ބައިބައިވެގެން ދާންވީ ސަބަބެއް ނޫން ކަމެވެ. އެހެނެއް ކަމަކު އެ ތަފާތުތަކަކީ، އެއް ބަޔަކު އަނެއް ބަޔެއްގެ ފަރާތުން ހިދުމަތް ލިބިގަނެ، އެހީތެރިވެ ވާގިވެރިވުމުގައި ދެމިތިބުމަށްޓަކައި ލައްވަވާފައިވާ ހިކުމަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔާމީހާ
14 March 2025
4 ވަނަ ޕެރެގްރާފުން ފެށިގެން ހުރި މާނަތަކަށް ރިފަރެންސް ނުދެއްވީ ކީއްވެތޯ؟
ކިހިނެއް
14 March 2025
ހައްގުތައް އޮންނަނީ ވަކި ބައެއްގެ އަތުގަ މިރާއްޖޭގަ. އެމްޑީޕީ އިދިކޮޅުގަ އޮތިއްޔާ މުޒާހަރާގެ ހައްގުތައް އަބަދުވެސް އޮންނާނީ ނޫނިއްޔާ ނޯންނާނެ
ސަސްސ
14 March 2025
ޝުކުރިއްޔާ