އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިންޒާރަށް ފަހު ޔަމަނަށް ދިން ހަމަލާއެއް އަމާޒުވި ތަނަކުން ދުން އަރަނީ: ހަމަލާތަކުގައި ނުވަ މީހަކު މަރުވި ކަމަށް މިހާތަނަށް ވަނީ އެނގިފައި.
16 މާޗް 2025 - 00:42
ޔަމަންގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ އެކު އެކީހެން ހޫތީންގެ ސަރަހައްދުތަކަށް މިރޭ ހަމަލާ ދީފި އެވެ.
"އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަނިޔާވެރި ހަމަލާތަކެއް، ވެރިރަށް ސަންއާގެ އުތުރުން އޮންނަ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވަނީ އަމާޒުކޮށްފައި،" ޔަމަންގެ ޓީވީ ޗެނަލް އަލް މަސީރާ އިން ބުންޏެވެ.
ނަމަވެސް މި ހަމަލާތަކުގައި އިނގިރޭސި ވިލާތުގެ ބައިވެރިވުމާ ގުޅޭ ގޮތުން އެ ގައުމުން އަދި ވާހަކައެއް ނުދައްކަ އެވެ.
ހޫތީން ބުނި ގޮތުގައި ހަމަލާތަކުގައި 21 މީހަކު މަރުވެފައިވާކަން މިހާތަނަށް ވަނީ ކަށަވަރުވެފަ އެވެ. އަދި މި ހަމަލާތަކުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ވެސް ހޫތީން ވަނީ ދީފަ އެވެ.
ހޫތީންނަށް އަމާޒުކޮށް ކުރިން އެމެރިކާ އާއި އިނގިރޭސި ވިލާތުން ހަމަލާތައް ދީފައި ވާއިރު މިފަހަރު ހަމަލާ ދީފައި މި ވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިޒްރޭލުން ހުއްޓުވާފައި އޮންނަ އޮތުމާ ދެކޮޅު ހެދުމުގެ ގޮތުން ރަތް ކަނޑުގައި އަލުން "އިޒްރޭލާއި އިޒްރޭލާ ގުޅުން އޮންނަ" އުޅަނދުތަކަށް އަލުން ހަަމަލާ ދޭން ފަށާނެކަން ހޫތީން އިއުލާނުކޮށްފައި ވަނިކޮށެވެ.
މީގެ ކުރިން ވެސް އެމެރިކާ އާއި އިނގިރޭސި ވިލާތުން ވައިގެ މަގުން ހޫތީންނަށް ހަމަލާ ދީފައި ވަނީ ރަތް ކަނޑުގައި ދެމުން ދިޔަ ހަމަލާތައް ހުއްޓުވުމުގެ ނަމުގަ އެވެ.
ޓްރަމްޕު ވެރިކަމާ އަލުން ހަވާލުވެ ވަޑައިގަތުމަށް ފަހު ވަނީ ހޫތީ ހަނގުރާމަވެރިންނަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް ގަރާރެއްގައި ސޮއިކުރައްވައިފި އެވެ. ޓްރަމްޕް އެންމެ ފުރަަތަމަ ވެރިކަމުގައި ހުންނެވި އިރު ދައުރު ނިމުމަކާ ގާތްވެފައި ވަނިކޮށް ވެސް 2021 ވަނަ އަހަރު ވަނީ ހޫތީންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައެޅި އެވެ. އެކަމަކު ޖޯ ބައިޑެން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެ ނިންމެވުން އުވައިލެއްވީ އެވެ.
ބައިޑަން އެގޮތަށް ނިންމެވީ ޔަމަންގެ ވެރިރަށް ސަންއާ ފަދަ ބޮޑެތި ސަރަހައްދުތަކުގައި ވެސް ސަރުކާރު ހިންގަމުން އައީ ހޫތީންނަށް ވާތީ އެ ސަރަހައްދުތަކަށް އެހީގެ ސާމާނު ފޯރުކޮށްދިނުން ފަދަ ކަންކަން ހުއްޓާލައި އެހީދޭ ޖަމާއަތްތަކުން ޔަމަނުން ފައިބަން ޖެހިދާނެ ކަމުގެ ކަންބޮޑުވުމާ އެކުގަ އެވެ.
އެކަމަކު އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށުމާ އެކު ހޫތީން ރެޑް ސީ އާއި ގަލް އޮފް އަދަން އަށް ނުކުމެ އާގުބޯޓުތަކަށް ހަމަލާދޭން ފެށި އެވެ. މިއީ އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ދޭ ހަމަލާތެއް ކަމަށާއި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އުޅަނދުތަކަށް ހަމަލާދިނުމުގެ ހައްގު އޮންނާނެ ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ. މި ސަބަބާ ހެދި ބައިޑެން ސަރުކާރުން ފަހުން ވަނީ ހޫތީންނަކީ "ސްޕެޝަލީ ޑެސިގްނޭޓެޑް ޓެރަރިސްޓް" ޖަމާއަތެއް ކަމަށް އަލުން ކަނޑައަޅައިފަ އެވެ.
ސްޕެޝަލީ ޑެސިގްނޭޓެޑް ޓެރަރިސްޓް ޖަމާއަތެއްގެ ދަރަޖަ، "ފޮރިން ޓެރަރިސްޓް އޯގަނައިޒޭޝަން" ގެ ދަރަޖައަށްވުރެ ދަށްވާނެ އެވެ. ސްޕެޝަލީ ޑެސިގްނޭޓެޑް ޓެރަރިސްޓުންނަށް އިންސާނީ އެހީ ދިނުން ފަދަ ކަންކަން ކުރުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު ފޮރިން ޓެރަރިސްޓް އޮގަނައިޒޭޝަނެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ، އެ ބަޔަކަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއްދޭ ބަޔަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބާރު އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލު
17 March 2025
ނިކަން ދެކެބަލަ، މުސްލިމުންގެ ލޭ އޮހޮރުވާލުމުގައި މި ކާފަރުން(އެމެރިކާ އާ އިނގިރޭސީން) މަދު މިނެޓްކޮޅެއްގެ ތެރޭގައި އެއްގަލަކަށް އަރާ އެއްބަސް ވެވޭތަން މިހިރަ ފެންނަނީ، ހަމަ މިފަދަ އަރަބި މުނާފިގުންވެސް އެހާ ގިނަ
ރަޖި
16 March 2025
ޓްރަމްޕު އަކީ މި ދުނިޔޭގެ ވެރިޔާތަ ބޭނުންހާ ގަރާރެއްހަދާފަ އިންސާނުން މަރަން.