އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ: އޭނާ ވިދާޅުވީ އީރާންގެ ފޮރިން ޕޮލިސީ ކަނޑައަޅާނީ އެމެރިކާއިން ނޫން ކަމަށް. -- ފޮޓޯ: އޭއެފްޕީ
17 މާޗް 2025 - 04:56
ޔަމަނުގެ ހޫތީންނަށް ތާއީދުކުރުން އީރާނުން ހުއްޓާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތެހެރާނަށް ގޮވާލައްވާފައި ވިޔަސް އެގައުމުގެ ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ އެއްވެސް ބާރެއް އެމެރިކާއަށް ނޯންނާނެ ކަމަށް ވިދާޅުވެ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ރައްދު ދެއްވައިފި އެވެ.
އީރާނުގެ ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ އެއްވެސް ބާރެއް ނުވަތަ ބައިވެރިވުމެއް އެމެރިކާ ސަރުކާރަކަށް ނޯންނާނެ،" ޔަމަނުގެ ރައްޔިތުން މެރުން ހުއްޓާލުމަށް އެމެރިކާއަށް ގޮވާލައްވަމުން އަރަގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުގައި އުޅަނދުފަހަރަށް ހަމަލާ ދިނުން ހުއްޓުވަން ކަމަށް ބުނެ ހޫތީންނަށް ހަމަލާދޭން އަމުރުކުރެއްވުމަށް ފަހުޓްރަމްޕް ވަނީ އީރާނު ތާއީދު "ވަގުތުން ނިމުމަކަށް ގެންނަން ޖެހޭ" ކަމަށް ވިދާޅުވެފަ އެވެ. މި އިންޒާރާ އެކު ހޫތީންނަށް އެމެރިކާއިން ހަމަލާދީފައި ވާއިރު އެ ހަމަލާތަކުގައި 21 މީހަކު މަރުވެފައިވާ ކަމަށް ހޫތީން ވަނީ ބުނެފަ އެވެ.
އީރާނުގެ އެންމެ އިސް ޑިޕްލޮމެޓް ވިދާޅުވީ އީރާންގެ ޚާރިޖީ ސިޔާސަތު ވޮޝިންޓަނަށް ކަނޑައެޅުނު ޒަމާން 1979 ވަނަ އަހަރު އީރާންގެ އިސްލާމީ އިންގިލާބުގައި ހުޅަނގުގެ ތާއީދު ލިބިފައިވާ ޝާހު ވެރިކަން ވައްޓާލި ހިސާބުން ނިމިފައިވާ ކަމަށެވެ.
ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލްކުރަމުން އަންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ހޫތީންނަކީ އިޒްރޭލާއި އެމެރިކާއާ ދެކޮޅު ސިޔާސަތުގައި އީރާނަށް ތާއީދުކުރާ "އެކްސިސް އޮފް ރެސިސްޓެންސް" ގައި ހިމެނޭ ބައެކެވެ.
ޣައްޒާއަށް އިޒްރޭލުން ހަމަލާ ދެމުން ދިޔައިރު ހޫތީން ވަނީ އިޒްރޭލަށް ހަމަލާތައް ދީފަ އެވެ. އަދި ރަތް ކަނޑުގައި ދަތުރުކުރާ، އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ކަމަށް ބެލެވޭ ގައުމުތަކާއި ކުންފުނިތަކުގެ އުޅަނދުތަކަށް ވެސް އެތައް ހަމަލާއެއް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy