ބްރޯޑްކާސްޓިން ކޮމިޝަނުން މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ފަސްޓްލޭޑި ސާޖިދާ އަދި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ބްރޯޑްކޮމް
17 މާޗް 2025 - 12:59
ކުޑަކުދިންގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓު ފޮނުވަން ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ވަނީ ބްރޯޑްކާސްޓަރުން އަމަލުކުރަން އެކުލަވާލާފައިވާ ހަމަތަކާއި ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަން އެދިފަ އެވެ.
އޭގެ ތެރެއިން، ކުޑަކުދިންނާ ގުޅޭ މައުލޫމާތުތައް ފެތުރުމުގައި ސަމާލުކަން ދިނުމަށް އެދުނެވެ.
"ވަކިން ހާއްސަކޮށް 'ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން'ގެ ހަމަތަކާ އެއްގޮތަށް ކުޑަކުދިންގެ ކަރާމާތާއި އަބުރުވެރިކަން ނުގެއްލޭ ގޮތަށް ކޮންޓެންޓު ފޮނުވުމަށް ބްރޯޑްކާސްޓަރުން ސަމާލުވުމަށް ހަނދާންކޮށްދެމެވެ،" ބަޔާނުގައިވެ އެވެ.
ބްރޯޑްކޮމުން ވަނީ ހުއްދަ ދޫކޮށްފައިވާ ހުރިހާ ތަނަކުން ފޮނުވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދު އަދި އާއްމު އިޖުތިމާއީ މިންގަނޑާއި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑަށް ފެތޭ ކޮންޓެންޓަށް ހެދުމަށް އިލްތިމާސްކޮށްފަ އެވެ.
އެ ކޮމިޝަނުން އެގޮތަށް އަންގާފައިވަނީ، އެމްޑީޕީން މިދިޔަ ހަފުތާގައި ބޭއްވި އެއްވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 16 އަހަރުގެ ދަރިކަލަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އެކަމާ ގުޅގެން އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބެއިރު (މަންދީ) އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ރައީސްގެ އާއިލާއިން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންސު
18 March 2025
ރަގަޅު، ކުދިންގެ ކަރާމާތް ގެއްލިގެންނުވާނެ. ހަމައެފަދައިން ބޮޑެތި މީހުންގެ ކަރާމާތްވެސް ގެއްލިގެންނުވާނެ. މިގައުމުގަ ބޮޑުމީހެއްވެއްޖެއްޔާ ނޯންނާނެ ކަރާމާތެއް. އޮންނާނީ ހަމައެކަނި ދުލުންބުނެލާ ބަހެއް.
ވައިޑުބޮޑީ
17 March 2025
ކަރާމާތުގެ ވާހަކަ ދައްކަން ލަދެއް ނުގަނޭތަ ބުރޯޑު ކޮމެއް؟