ފުލުހުންގެ އިދާރާ: ސްކޭމް ހިންގާ އެކައުންޓްތައް 48 ގަޑިއިރު ވަންދެން ކޯޓު އަމުރަކާ ނުލައި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިފައި --- ފޮޓޯ/މިހާރު
18 މާޗް 2025 - 14:36
ސްކޭމްތައް ހިންގާކަމުގެ ތުހުމަތު ކުރެވޭނަމަ ކޯޓު އަމުރެއް ނެތި ވަގުތުން ބޭންކް އެކައުންޓުތައް ފްރީޒް ކުރެވޭނެ ކަމަށާއި އަދި އެއް އެކައުންޓު ބޭނުންކޮށްގެން އިތުރު ބަޔަކު ސްކޭމްގައި ދެން ނުޖެއްސޭނެ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިއްޔެ ބުނެފި އެވެ.
އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު "މިހާރު"އަށް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ފަސް ވަނަ އިސްލާހަށް އިއްޔެ އަމަލުކުރަން ފެށުމުން ސްކޭމްތައް ހުއްޓުވަން ވަރަށް ބޮޑު އެހީއެއް ލިބޭނެ ކަމަށެވެ.
އޭގެ އެންމެ ބޮޑު ބަދަލަކަށް ވާނީ ނަވީދު ވިދާޅުވި ގޮތުގައި މާލީ އިދާރާތަކާ މެދު ރިއަލް ޓައިމްގައި މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމް ކުރެވުމެވެ. އެ ނިޒާމު ތަންފީޒު ކުރުމުގެ ކަންތައް ހަވާލުކޮށްފައި އޮންނަނީ އެމްއެމްއޭއަށެވެ. އެއާއެކު، ކޯޓު އަމުރެއް ނެތި 48 ގަޑިއިރު ވަންދެން އެކައުންޓް ހިފެހެއްޓޭނެ އެވެ.
"ކޯޓު އަމުރަކާ ނުލައި މިކަން ކުރެވޭނެ އެއްވެސް ގޮތެއް ނޯވޭ. މިހާރު މި އޮތީ އަވަސް ގޮތެއްގައި ވަގުތުން މީހަކު އަޅުގަނޑުމެންނަށް މައްސަލައެއް ހުށަހައިޅިފިއްޔާ، އަޅުގަނޑުމެން ވަގުތުން އެ އެކައުންޓު ފްރީޒް ކޮށްދޭށޭ، އަދި މިއާ ގުޅިފައި ހުރި ހުރިހާ އެކައުންޓެއް ފްރީޒްކޮށްދޭ ބުނާ ހިސާބުން 48 ގަޑިއިރަށް ކޮށްދިނުމަށް ގާނޫނުން އޮތީ ބާރު ދީފައި." ނަވީދު ވިދާޅުވި އެވެ
ސްކޭމްގެ މައްސަލަތައް މީގެ ކުރިން އެފަދަ މައްސަލަތައް ބަލަމުން ދިޔައީ އެ މައްސަލައެއް ހުށަހަޅާ ޕޮލިސް ސްޓޭޝަނުންނެވެ. އެކަމަކު އެފަދަ މައްސަލަތައް ދެން ބަލާނީ އެ ސެންޓަރުންނެވެ. އަދި އެފަދަ މައްސަލައެއް އޮތްނަމަ ދެން ރިޕޯޓް ކުރަން ޖެހޭނީ 125 ހޮޓްލައިނަށެވެ.
"އަޅުގަނޑުމެންނަށް މިހާރު ކަށަވަރުކުރެވޭނެ އެއް އެކައުންޓު ބޭނުންކޮށްގެން މަލްޓިޕަލް މީހުން ސްކޭމްގެ ޝިކާރައަކަށް ދެން ނުހެދޭނެކަން. ގާނޫނުން މި ލިބޭ ބާރުތަކުން، ސްކޭމް ކުރާ އެކައުންޓެއް އެނގުމާއެކު ސްކޭމް ސެންޓަރާއި މާލީ އިދާރާތަކާ ވަގުތުން ގުޅިގެން ގުޅިފައި ހުންނާތީއާ އެކީގައި އަޅުގަނޑުމެން ވަގުތުން ފްރީޒް ކުރާނެ. މިހާރު ޑީސެންޓްރަލައިޒްކޮށް މި މައުލޫމާތު ހުންނާތީ އަޅުގަނޑުމެންނަނަކަށް ނޭނގޭ ސްކޭމްގެ އެކައުންޓެއް 3-4 ފަހަރު ބޭނުންކުރާ ކަމެއް. ވަރަށް ވަގުތު ނަގާ އަޅުގަނޑުމެންނަށް އެނގޭ ހިސާބުން." އޭނާ ވިދާޅުވި އެވެ.
"އެއް އެކައުންޓު އާއްމުކޮށް ކޯލް ސެންޓަރަށް މީހަކަށް ގުޅައި މިވެނި އެކައުންޓެއް ބޭނުންކޮށްގެން ތިމަންނަ އެކައުންޓުން ފައިސާ ޖަމާކޮށްފިއޭ ބުނާ ކޯލުގައި، އަޅުގަނޑުމެންނާ ވިކްޓިމްއާ ކޯލުގައި ތިބެގެން މި ގުޅާލަނީ މާލީ އިދާރާތަކަށް. ކުރިއަށްވުރެ މާ އެފިޝެންޓުކޮށް، މާ ޗާންސަސް ހައި މިހާރު ރިކަވާ ކުރެވެން." ނަވީދު ވިދާޅުވި އެވެ.
ރާއްޖޭގައި އާއްމުކޮށް ސްކޭމްތައް ހިންގަނީ ޖަލުން ކަމަށް ގިނަ މީހުން ގަބޫލުކުރާ ކަމަށާއި އެކަމަކު އެއީ ހަގީގަތެއް ނޫން ކަމަށް ނަވީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިނަ ސްކޭމްތައް ހިންގަނީ ރާއްޖެ އަދި ބޭރުގެ ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށެވެ. އެންމެ ބޮޑަށް ލިބިފައިވަނީ ބޭރުގެ ސްކޭމަރުން، ދިވެހި ކުންފުނިތަކަށް ދީފައިވާ ގެއްލުން ކަމަށް ބުންޏެވެ. އެގޮތުން، ކުންފުންޏެއްގެ އެކައުންޓުން 250،000 ޕައުންޑް ގެއްލިގެން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރިޕޯޓުކޮށްފަ އެވެ.
ނަވީދު ވިދާޅުވީ ރާއްޖެއަކީ ބޭރުން މުދާ އިމްޕޯޓުކުރާ ގައުމަކަށް ވާތީ، ބޭރުގެ ކުންފުނިތަކާ އަބަދުވެސް މުއާމަލާތްކުރަނީ އީ-މެއިލްއިން ކަމަށެވެ. އަދި ސްކޭމްތައް ހިންގަނީ ކޮންމެވެސް އެއް އީ-މެއިލްއެއް ކޮމްޕްރޮމައިޒްވެގެން ކަމަށާއި ޓީޓީ މެދުވެރިކޮށް ފައިސާ ދައްކާތީ އީ-މެއިލް ކޮމްޕްރޮމައިޒްކޮށް އެހެން އެކައުންޓެއްގެ ނަމްބަރަކަށް ބަދަލުކޮށްލަނީ ކަމަށް ވިދާޅުވި އެވެ.
ދިވެހި ކުންފުނީގެ އެކައުންޓުން އެ ޕައުންޑުތައް ގެއްލުނީ ވެސް އެގޮތަށް އީ-މެއިލް ކޮމްޕްރޮމައިޒްވެގެން ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
20 March 2025
ތިޔަކަން ކުރާ މީހާޔަށް އޮތީ ކޮން އަދަބެއް؟ އަދަބެއް ދެވޭނެބާ؟
އެކައުންޓް
20 March 2025
ސްކޭމަރުން މީހުންގެ އެކައުންޓްތަކުން ފައިސާނަގައިގެން ޖަމާކުރާ އެކައުންޓެއްގައި އެފައިސާ އެއްމެ މިނިޓަކަށްވެސް ނުބަހައްޓާނެ، ވަގުތުން އެހެން އެކައުންޓްތަކަށް ޑިސްޕާސްކޮށްލާނެ، އެހެންކަމުން ތިބުނާ އެކައުންޓް ފްރީޒްކުރުމަކީ ހައްލެއްނުން، ފޯނާއި އިންޓަނެޓް ބޭނުންކޮއްގެންނޫނީ ސްކޭމް ހިންގާ ފައިސާ ޓްރާންސްފާ ނުކުރެވޭނެ، އެހެންކަމުން ފުރަތަމަ ބަލަންވީ ސްކޭމްކުރަން ބޭނުންކުރާ މުވާސަލާތީ ޚިދުމަތް ހުއްޓުވޭތޯ. ދިރާގުގެ ދައުރު ހުއްޓުވަންވީ.
ޏެުއޮސލސ
19 March 2025
ތިހެން ބުނާނީ.. ކަމަކާ ޖެހިގެން ބަލާއިރު އޮންނާނީ 100 އިން މަތީގަ
ބަދަން ސިތާރާ
19 March 2025
ހަނދާނުން ނުފިލާވަރަށް އަޑުއަހައިފީމު. މި ރާއްޖޭ ފުލުހުންނަށް ކަންކަން ތަންފީޒުކުރެވޭނީ ތިން ހަތްދުވަހަށް ކަން ތާރީޚު ހެކިދޭމެއެވެ. ތިއިން އެކައުންޓެއް ބްލޮކްކޮށް ފައިސާ ފޮއްޗެއް އަތުޖެހޭ އިރު މާވެވަށް ވެއްޓުނު ގެރީގެ މިސާލު ތަކުރާރު ނުވެއްޖެއްޔާ އައްސަރިބަހާ ސާބަހެވެ.
ކޮރަލް
18 March 2025
125 އެއީ ހިލޭ ގުޅޭ ނަންބަރެއް ތޯ އެވެ.؟ ނޫނީ ގުޅަން ރިލޯޑް ކުރަން ޖެހޭނެތޯ އެވެ.؟
އައިއޯ ހޯދަނީ
18 March 2025
މިއުޅެނީ ތިތަނަށް ލައިގެން އުޅޭ މައްސަލައެއްގައި އައިއޯ އާއި ބައްދަލު ނުވެގެން. ބިޒީ ކަމުން އެޕޮއިންމެންޓެއްވެސް ނުލިބިގެން. މުއައްސަސާތައް ފެއިލްވަނީ ނާގާބިލް ކަމުން.
މިސްޓަރ ވާން
18 March 2025
ރަނަގަޅު ކަމެއްތީ.... މައްސަލައަކީ ބޭންކް އޮފް މޯލްޑިވްސް އެތެރޭން ކުރާކަމެއްކަން ޕޮލިހުންނަށް ނޭންގޭތީ...އެތައްކަމެއް އެތައްފަހަރަކު ފަޅާ އަރާފައި ވެސް އެބަހުރި ދޯ. މިއުޅެނީ އޮޅިގެން އެހެން އެކައުންޓަކަށް ޖަމާ ކުރާ ފައިސާ ބޭންކަށް އެންގީމަ ހޯލްޑް ނުކޮށްދީގެން . ދޮގެއތަ މީ؟؟
ރަށުމީހާ1
18 March 2025
ކީއްވެތަ މަސްތުވާ ތަކެތި ހިފަހައްޓާ މަގުމަތިން ވެސް ހުކުން ކުރެވޭނެ. އެކަމަކު އަބަދުވެސް ހުންނަނީ ޝައްކުވާ ތަކެތި
ހަސަންބޭ..
18 March 2025
ދުނިޔޭގެ އެެއްވެސް ޤައުމެއްގަ ޤާނޫނު ތަމްފީޛް ކުރާ އިދާރާތަކަށް ސްކޭމަރުންނާއި ކުށްކުރާ މީހުންނަށްވުރެ ކުރި ނޭރޭ.. އެއީ ހަޤީޤަތަކީ
ޑަނޑާ
18 March 2025
އެވަރުންވެސް އެއެކައުންޓުތަކުގެ ވެރިފަރާތްތަކުގެ ގައިގާ ނުޖެހެވޭނެ ދެއްތޯ.