ގާނާ ވިކްޓްރީގެ ޕްރެކްޓިހެއްގައި: އޭނާ ދެން ފީލްޑުން ނުފެންނާނެ.
18 މާޗް 2025 - 11:07
ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ހިދުމަތްތެރިޔާ އަހުމަދު ރިޔާޒް (ގާނާ) ސިއްހީ ހާލަތު ތަންނުދޭތީ، 30 އަހަރަށް ފަހު ގޯލްކީޕާ ޓްރެއިނިންގެ މަސައްކަތުން ދުރަށް ޖެހިލައިފި އެވެ.
މާނައަކީ، ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ވިކްޓްރީ މި ސީޒަނުގައި ފުރަތަމަ ޑިވިޝަނަށް އަންނައިރު ގާނާ އެ ޓީމުގެ ބެންޗުން ނުފެނުމެވެ.
މިދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި ކީޕަރު ޓްރެއިނަރުގެ ގޮތުގައި، ނުވަތަ ބައެއް ފަހަރަށް އެސިސްޓަންޓް ކޯޗުގެ ގޮތުގައި ވިކްޓްރީގެ ބެންޗުން ގާނާ ނުފެނިނުދެ އެވެ.
އުމުރުން 60 އަހަރުގެ ގާނާ ބުނީ އޭނާގެ ފައި ވަރަށް ބަލި ކަމަށާއި، ބާރު ބޯޅަތައް މިހާރު ނުޖެހޭ ކަމަށެވެ. އެހެންވެ ދަނޑުމަތީގައި ކުރަން ޖެހޭ އެއްވެސް މަސައްކަތެއްގައި ނޫޅެވޭނެ ކަމަށް، ވިކްޓްރީގެ ބޯޑުގައި ވެސް ހިމެނޭ ގާނާ ބުންޏެވެ.
ގާނާ (ކ) މި ސީޒަނުގައި ވިކްޓްރީގެ ގޯލް ބަލަހައްޓަން ހަވާލުކުރި ސްރީ ލަންކާގެ ގޯލް ކީޕަރު ޝަވީޝްއާ އެކު.
ގާނާ އޭނާގެ ޒުވާން ދުވަސްވަރު ފުޓްބޯޅަ އާއި ކްރިކެޓް ކުޅުނެވެ. އެކަމަކު ކަކުލަށް އަނިޔާވުމުން، ފުޓްބޯޅަ ކުޅުން ހުއްޓާލައި، އޭނާ ނުކުތީ ވިކްޓްރީގެ އޭރުގެ ކީޕަރު ހަސަން ރަޝީދު (ޓަޑަން) އަށް އެހީވެދޭނެ ޓްރެއިނަރެއްގެ ގޮތުގަ އެވެ. އެ ފެށި ގޮތަށް އެ މަސައްކަތުގައި އޭނާ ހަރުވީ އެވެ.
ގާނާ ވަނީ ވިކްޓްރީގައި އިސްމާއިލް ޒަރިޔަންދު އާއި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު އިމްރާން މުހައްމަދަށް ވެސް ޓްރެއިނިން ދީފަ އެވެ.
އޭރު ވިކްޓްރީގެ ޕްރެކްޓިސް ހަވީރު ހަތަރެއް ޖަހާއިރު ފަށާނަމަ، ތިނެއް ޖަހާއިރު އިމްރާން ނެރެ ގާނާ ތަމްރީނުތައް ފަށަ އެވެ. ޒަރިޔަންދު ވަނީ ގާނާގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
"މެޗެއްގެ ކުރިން އޮންނަ ޕްރެކްޓިހުގައި ބުނާނެ އިދިކޮޅަށް ނުކުންނަ ޓީމެއްގެ މިވެނި މީހަކު ބޯޅަ ޖަހާނީ މިހެންނޭ. ހަމަ އެ ކުޅުންތެރިޔާ ޖަހާ ގޮތަށް ބޯޅަ ޖަހައި އެ ބޯޅަތައް ދިފާއު ކުރަން އަހަރެމެންނަށް ފަރިތަ ކޮށްދޭނެ ގާނާ،" ޒަރިޔަންދު 2017 ވަނަ އަހަރު ބުނެފައިވެ އެވެ.
ގާނާ އޭނާގެ ބައްޕަ އާއި އެއްބަނޑުއެއްބަފާ ތިން ކޮއްކޮއިން ކަމަށްވާ ސިނާ (ކ)، އާއި ސުޒެއިން (ވ) އަދި ނަޒީހު (މ) އާ އެކު: އެންމެންނަކީ ވެސް ވިކްޓްރީގެ މީހުން.
ވެސްޓް އިންޑީޒްގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ޖޮއެލް ގާނާގެ ނަމަށް ނިސްބަތްކޮށް، ކްރިކެޓް ދަނޑުން ނަން ހަރުވި ގާނާގެ މުޅި އާއިލާ އަކީ ވެސް ވިކްޓްރީގެ ލޭ ހިނގާ މީހުންނެވެ. އެގޮތުން އޭނާގެ އެއްބަނޑު އެއްބަފާ ތިން ކޮއްކޮއިން ކަމަށްވާ އަލީ ސުޒޭނާއި، މުހައްމަދު ނަޒީހާއި، އިބްރާހިމް ސިނާޒް (ސިނާ) ވަނީ ވިކްޓްރީ އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ތެރެއިން ސުޒޭނަކީ ވިކްޓްރީގެ އެންމެ ކާމިޔާބު އެއް ކޯޗު ވެސް މެ އެވެ. އެ ހަތަރު ބެއިން ތިބެގެން ވެސް ވިކްޓްރީ އަށް ވަރަށް ގިނަ ކާމިޔާބީ ވަނީ ހޯދައިދީފަ އެވެ.
ގާނާ ބުނީ ފީލްޑްގައި މަސައްކަތް ނުކުރިޔަސް ވިކްޓަރީއާ އޭނާ ވަތްކެއް ނުވާނެ ކަމަށެވެ.
"ބޯޑް މެންބަރެއްގެ ގޮތުގައި ދެމި ހުންނާނަން،" ގާނާ ބުންޏެވެ.
ފުރަތަމަ ޑިވިޝަނުގައި ވިކްޓްރީގެ ކީޕަރު ޓްރެއިނަރަކަށް މަސައްކަތްކުރާނީ، ލަންކާގެ ގައުމީ ޓިމުގެ ކުރީގެ ކީޕަރު ޓްރޭނަރު ސަމްޕަތު ބުޑިކާ ބަންޑާރަ (ބަންޑާ) އެވެ. އޭނާ ވަނީ އެ ކްލަބް ދެ ވަނަ ޑިވިޝަނުގައި އޮތް އިރު ވެސް މަސައްކަތްކޮށްފަ އެވެ. މި ސީޒަނުގައި ވިކްޓަރީގެ ގޯލް ބަލަހައްޓާނީ އެ ގައުމުގެ ކީޕަރެއް ކަމަށްވާ ކަވީޝް ލަކްޕްރިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯ ބޭޑް
20 March 2025
60 ވިޔަސް ބަލާގެން ފިޓް ކޮށް ހުރި ނަމަ އަދިވެސް ކުޅެވޭނެ! ބަލަބަލަ ޖޭމް އައްލޯ މެން މަރުވި މެޒޯ މޯޑް މެން ޒުވާން ކަން! ތި މީހާ ހީނުވޭ ކުޅިވަރުގަ އުޅުނު މީހެއް ހެން ވެސް! އެޓިޓިއުޑް އެންޑް ސެލްފް ފިޓްނަސް އިޒް އެވްރީތިންގ ނޮޓް އޛް! އެއީ ހަމަ ނަމްބަރެއް! ގާނާ މެން ފިޓް ވާކަށް ނޫޅުނީމަ ތިހެން ތިވީ
ވިކްގެ ލެޖެންޑެއް
18 March 2025
ވިކްޓަރީގެ ލެޖެންޑެއް. ސުޒޭނު ދުވަސްކޮޅަކަށް ވެލެންސިއާއަށް ނަޒީހުއާ ސިނާ ދުވަސްކޮޅަކަށް ނިއުރޭޑިއަންޓަށް ދިޔަޔަސް ގާނާ މުޅި ކުޅިވަރު ހަޔާތް ހޭދަކުރީ ވިކްޓަރީއަށް ޙިދުމަތް ކުރުމުގަ.
ޖިލްބާބު
18 March 2025
ގާނާއޭ އޮތީމާ މަހީކުރީ ގާނާމީހެއްކަމަށް. ކިޔާލީމާ މިއެނގުނީ ސުޒޭނުގެ ބޭބެކަން.
ގާސަރ
18 March 2025
މަވެސް ހީކުރީ ހަމަ ތިހެން
ޅަބޯ
19 March 2025
ކަލޯ މަވެސް ހީކުރީ ހަމަތިހެން، ސަހާދެއް
ސަޕޯރޓަރުން
18 March 2025
ގާނާ މެންގެ ފޮޓޮއެއް އެއްޗެއް ވެސް ނެތްދޯ ކުރީ ޒަމާނުގެ