ވެލެންސިއާގެ ޗެއާމަން އަޒްމީން: އޭނާ ވިދާޅުވީ 1.3 މިލިއަން ރުފިޔާގެ ދަރަންޏަކީ އެ ކްލަބްގެ ތާރީހުގައި ދެއްކި އެންމެ ބޮޑު ދަރަނިކަމަށް --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
19 މާޗް 2025 - 10:03
ކްލަބް ވެލެންސިއާގެ ތާރީހުގައި އެ ޓީމަށް ކުރިމަތިވި އެންމެ ބޮޑު ދަރަނި މިހާރު ދައްކައި ނިންމާފައިވާ ކަމަށް އެ ކްލަބްގެ ޗެއާމަން އަބްދުﷲ އަޒްމީން ވިދާޅުވެއްޖެ އެވެ.
ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަދި ފުޓްބޯޅަ ކޮމަންޓޭޓަރު އަޒްމީން ވިދާޅުވީ އެ ކްލަބަށް 2021 އަދި 2022 ގައި ކުޅުނު ސްޕެއިންގެ ބޯހަސް މާޓިން އާއި ހޯޒޭ އެންޓޯނިއޯ ޑޮމިންގޭޒް އަށް ދޭން ޖެހިފައި އޮތް މުސާރައިގެ ބިލާއި އޭއެފްސީ އަށް ދައްކަން ޖެހިފައި އޮތް ޖޫރިމަނާގެ ފައިސާ ވެސް ހަލާސް ކުރަން ޖުމްލަ 1.3 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ.
"ވެލެންސިއާގެ މުޅި ތާރީހުގައި ވެސް މިހާބޮޑު ދަރަންޏެއް ނާދޭ. އެއްފަހަރާ ދަރަންޏަށް މިހާ ފައިސާ ހަރަދުކުރަން ޖެހިފައެއް މީގެ ކުރިއަކުން ނެތް،" އަޒްމީން ވިދާޅުވި އެވެ.
ވެލެންސިއާގައި މޮޅު ކުޅުމެއް ދެއްކި ބޯހަސް އަށް މުސާރައިގެ ގޮތުގައި 40،000 ހާ ޑޮލަރު ދައްކަން ޖެހިފައި އޮތެވެ. އަދި ހޯޒޭ އަށް ދޭން ޖެހޭ 20،710 ޑޮލަރުގެ މޫސާރައިގެ ޕޭމަންޓެއް ވެސް އޮތެވެ.
އޭއޭފްސީ ކަޕް 2022 ގެ ކޮލިފައިން މެޗަށް ވެލެންސިއާއިން ބަންގްލަދޭޝަށް ދަތުރުނުކޮށް މެޗު ދޫކޮށްލުމުން އޭއެފްސީން ނިންމީ އެ ކްލަބް 20،000 ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އެ ފައިސާ ބައިބަޔަށް ބަހާލައިގެން ދައްކަން ވެލެންސިއާއިން އޭއެފްސީގެ ކިބައިން ކުރިން އެދުނެވެ. އެކަމަކު އޭއެފްސީން އެންގީ އެއް ފަހަރާ އެ ފައިސާ ދެއްކުމަށެވެ.
ވެލެންސިއާ އަށް ކުޅުނު ބޯހަސް މާޓީން: އޭނާ އަށް ދޭން ޖެހޭ 40،000 ޑޮލަރު ދައްކާފައިވާ ކަމަށް ވެލެންސިއާއިން ބުނޭ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
ބިދޭސީ ދެކުޅުންތެރިންގެ މުސާރަ އާއި އޭއެފްސީގެ ޖޫރިމަނާ އަށް ޖުމުލަ 87،000 ޑޮލަރު ދައްކަން 1.3 މިލިއަން ރުފިޔާގެ މުއާމަލަތް ވެލެންސިއާއިން ކުރި އެވެ.
އާ ސީޒަން ފަށަން ތައްޔާރުވަމުން ދަނިކޮށް ދަރަނީގެ ގޮތުގައި އެހާ ބޮޑު އަދަދެއް އެއްފަހަރާ ހޭދަކުރަން ޖެހުމަކީ ކުރިމަތީގައި އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އަޒްމީން ވިދާޅުވި އެވެ.
"އެ ދަރަނި ދައްކަން ޖެހިފައި ނެތް ނަމަ އެ ފައިސާ ހަރަދުކޮށްގެން ކުރިއަށް މި އޮތް ސީޒަނަށް ރަނގަޅު ސްކޮޑެއް އެކުލަވާ ލެވުނީސް،" އޭނާ ވިދާޅުވި އެވެ.
ވެލެންސިއާއިން މިފަހަރު ވެސް ސީޒަނަށް ނުކުންނާނީ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނާ އެކު އެވެ. ނަމަވެސް ދަރަނި ދެއްކުމުން އެ ކްލަބަށް އެހެން ކުޅުންތެރިން ގެނައުމުގެ ހުއްދަ ލިބޭނެ އެވެ. އެންމެ ފަހުގެ ސީޒަންގައި އެ ޓީމުން އޮތީ ޓްރާންސްފާ ބޭންއެއްގަ އެވެ. އެހެންވެ އެ އަހަރު އެ ކްލަބުން ސޮއި ކުރުވި، އިބްރާހިމް ވަހީދު ހަސަނާއި ރިލްވާން ވަހީދަށް ކުޅެވޭ ގޮތެއް ނުވި އެވެ.
އަޒްމީން ވިދާޅުވީ މިހާރު ޓްރާންސްފާގެ އަދަބުން ސަލާމަތް ވެފައި ވުމުން ބިދޭސީ ހަތަރު ކުޅުންތެރިޔަކު ޓީމުގައި ޖެހުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވެލެންސިއާގެ ކުރީގެ ޗެއާމަން އަދި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ކޮއްކޮ ރަސްލާން އަދީލް ޖަލީލުގެ ދައުރުގައި އެ ކްލަބަށް ކުރިމަތިވި އެ ދަރަނިން އަރައިގަތުމުގައި ސްޕޯޓްސް މިނިސްޓްރީން ދިން އެއްބާރުލުން އަޒްމީން ފާހަގަ ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޒުމީނުް
19 March 2025
ރައީސް އޮފީހުގެ މުވައްޒަފަކަށް ހުރެ ވެލެންސިޔާ ޗެއާރމަން ކަން ކުރަމުން ޓީވީތަކަށް ޕްރެޒެންޓުކުރަން އަރާ މިހުރިހާ ކަމެއް ކުރޭ. މީނަ ރައީސް އޮފީހުގައި ދެން ކޮންމަސައްކަތެއް ތޯ ކުރެވޭނީ. ހުސް މިކަހަލަ މީހުން ލައިގެން އުޅޭ. އެހެންމީހުންނަށް ވަޒީފާގަނގެއް ނުލިބިގެން އުޅޭއިރު 4، 5 ވަޒީފާ ބައެއް މީހުން އަދާކުރަނީ.
އެޑްމުންޑޯ
20 March 2025
ރައީސް އޮފީހުގެ ކުރާނެ ކަމެއްނޯވޭ ، ވަދެލާފައި ފިންގަރ ޖެހުމަށްފަހު އިރުކޮޅަކުން ބޭރަށް ، ދެން އޮފީސް ނިމެން ގާތްވީމާ ވެދެލަނީ ،
ކުރިން ނޭނގޭތަ
20 March 2025
ރައީސް އޮފީހުގެ ވަޒީފާއެއްގައި ހުންނަ އެއްވެސް މީހަކަށް ކުލަބް ތަކާއި، ޖަމަޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ އެކިއެކި ކުންފުނިތަކާއި، ފިހާރަތަކާއި އުނގުވަިޔާފާރި ކުރުމާއި، ކިއްލިތެޅުމާއި، މީސްމީހުންނަށް ގުލާމުކުރުމާއި، ދަނޑުވެރިކަން ކުރުމާއި މަސްވެރިކަންކުރުމާއި ޓެކްސީކުރުން ފަދަ ކަމެއްވެސް ނުކުރެވޭގޮތަށްތަ އޮންނަނީ
ނިއުރޭޑިއަންޓް / ވިކްޓަރީ
19 March 2025
ވެލެންސިއާ އަކީ ބައްސާމު ފެމެލީ އަށް ނިސްބަތްވާ ކުލަބެއް ވީމަ ދަރަނީގެ ގޮތުގައި 1.3 މިލިއަން ރުފިޔާ އޮތަސް އަދި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީ ސާޅީސް، ފަންސާސް ފަސްދޮޅަސް ހާސް ޑޮލަރުން މައްޗައް ދިޔަސް ކްލަބް ސަސްޕެންޑެއް ނުވޭ. އަޖައިބެއް ނުވާނެތަ އަޅެ؟
އިިދުރީސް
19 March 2025
ކޮންތާކުން ފައިސާހޯދީ؟