ލޯކަލް މާރުކޭޓުގެ ގޮޅިއަކުން ތަކެތި ގަންނަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
23 މާޗް 2025 - 13:34
ކޮންމެ ރޯދަމަހަކު ވެސް މާލޭގެ ލޯކަލް މާރުކޭޓު ވަރަށް ބޮޑަށް ތިޔާގިވެ، ވިޔަފާރިތައް އާދަޔާ ހިލާފަށް ރަނގަޅުވެ އެވެ. ރޯދަމަހަށް ވިޔަފާރިވެރިން ތައްޔާރުވެ، ރަށްރަށުން އެއްޗެހި ގެނެސް ހުރިހާ ގޮޅިއެއް ފުރާލަނީ އެހެންވެ އެވެ. އެކަމަކު މި ރޯދަމަހު ގޮޅިތައް ފުރާލައިގެން ވީ ފައިދާއެއް ނެތެވެ.
ކުރިން ފިތިބާރުވެގެން މާރުކޭޓުގެ ތެރޭގައި ހިނގަން ޖެހުނު ނަމަވެސް މިހާރު އޭގެ އެއްވެސް ކަމެއް ނެތެވެ. މީހުންގެ އަދަދު މަދުކަމުން ބާޒާރު ކުރަން ވެސް މިހާ ފަސޭހަ ރޯދަމަހެއް ނެތެވެ.
މާރުކޭޓު ގޮޅިއެއް ހިންގާ މީހަކު ބުނީ، އެހެން ރޯދަމަސް ތަކަށް ވުރެ، މި ރޯދަމަހު އާމްދަނީ ގާތްގަނޑަކަށް 40 ޕަސެންޓު ދަށްވެފައިވާ ކަމަށެވެ. އޭގެ އެއް ސަބަބަކީ، އެ މީހާ ބުނިގޮތުގައި، ތަރުކާރީ އާއި މޭވާ ގަންނަން ލޯކަލް މާރުކޭޓަށް މި ރޯދަމަހު ދާ މީހުންގެ އަދަދު މަދުވުމެވެ.
"ގަންނަން އަންނަ މީހުން މިހާރު ވަރަށް ބޮޑަށް މަދު، ގާތްގަނޑަކަށް 60 ޕަސެންޓު މީހުން މިހާރު ބާޒާރަށް އަންނަ ވަރު މަދުވެއްޖެ. އެހެންވެ، ނުވިކިގެން ވިއްކަން ޖެހެނީ ވަރަށް އަގު ހެޔޮކޮށް،" އޭނާ ބުންޏެވެ.
ކެރެޓު ކިލޯއެއް ބާޒާރުގައި ލިބެން ހުރީ 25ރ. އަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު
ރޯދަމަސް ފެށުނު އިރު ފިޔާ ކިލޯއެއް އުޅުނީ 35-25ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެކަމަކު މިހާރު ބާޒާރުން ފިޔާ ކިލޯއެއް 10ރ. އަށް ލިބެން އެބަހުއްޓެވެ. އެއީ އެސްޓީއޯއިން ފިޔާ ވިއްކާ އަގަށް ވުރެ ވެސް ހެޔޮ އަގެކެވެ. އެސްޓީއޯއިން ފިޔާ ކިލޯއެއް އުޅެނީ 16ރ. އަށެވެ.
ބާޒާރުގައި ތަރުކާރީތަކުގެ ތެރެއިން އެންމެ ހެޔޮ އަގުގައި ލިބެން ހުރި އަނެއް ބާވަތަކީ ކެބެޖެެވެ. ކެބެޖު ކިލޯއެއް އުޅެނީ 14ރ. އާއި 16ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ކެބެޖު ލިބޭ އަގު އެހާ ބޮޑަށް ހެޔޮވީ، ބޭރުން ލިބޭ އަގު ވެސް ހެޔޮވުމުން ކަމަށް ވިޔަފާރިވެރިން ބުންޏެވެ. ކުރިން ކެބެޖު ކިލޯއެއްގެ އަގު 30-25ރ. އަށް ވެސް އުޅުނެވެ. ކެރެޓު ކިލޯއެއް ވެސް ބާޒާރުގައި މިހާރު އުޅެނީ 25ރ. އަށެވެ. މާރުކޭޓުން ކުރިން ލެޓިއުސް ކިލޯއެއް 100ރ. އަށް ވިއްކި ނަމަވެސް މިހާރު ބާޒާރުގައި އޭގެ އަގު ވަނީ ކިލޯއެއް 45ރ. އަށް ވެއްޓިފަ އެވެ.
ފިޔާ ކިލޯއެއް ބާޒާރުގައި ލިބެން ހުރީ 10ރ. އަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު
"ކުރިން މިއީ 40ރ. އަށް ވިއްކަމުން އަންނަ ތަކެތި. މިހާރު ގަންނަ ވަރު ވަރަށް މަދު. އަހަރެމެން މި ގަންނަނީ 35ރ. އަށް. ނުވިކި، ގިނަ ދުވަސްވުމުން މި ވިއްކަން ޖެހެނީ ގަންނަ އަގަށް ވުރެ ހެޔޮކޮށް،" މާރުކޭޓުގައި ހުރި ވިޔަފާރިވެރިއަކު ބުންޏެވެ.
އޭނާ ބުނީ، ކުރީގެ ރޯދަމަސްތަކުގައި ދުވާލެއްގެ މައްޗަށް 60،000ރ. ވަރު ލިބުނަސް މިހާރު 20،000ރ. ވެސް ދުވާލަކަށް ނުޖެހޭ ކަމަށެވެ.
"ވަރަށް ބޮޑަށް ދަށްވީ މި. ހީވަނީ، ބަންދުތައް ވެސް ރޯދަމަހަށް އިތުރުވެ، ރަށްރަށަށް ވެސް މީހުން ފުރައިގެން ދިޔައީމަ އައި ބަދަލެއް ހެން. އަނެއްހެން މީހުން މާރުކޭޓަށް އަންނަ ވަރު ވެސް މަދު ހަމަ،" މާރުކޭޓުގައި އެންމެ ފުޅާކޮށް، އެންމެ ގިނަ ބާވަތްތައް ވިއްކަމުން އަންނަ އެއް ވިޔަފާރިވެރިއަކު ބުންޏެވެ.
ބާޒާރުގައި މިވަގުތު އެންމެ ބޮޑަށް އަގުހެޔޮވެފައި ހުރި ބާވަތްތައް:
- ފިޔާ: ކިލޯއެއް 10ރ.
- ލުނބޯ: ކިލޯއެއް 25ރ.
- މިރުސް: 10ރ. އަށް ސަތޭކަ ގްރާމް، ކިލޯއެއް 100ރ.
- ކެބެޖު: ކިލޯއެއް 14ރ.
- ކެރެޓު: ކިލޯއެއް 25ރ.
ގިނަ ބާވަތްތައް އަގުހެޔޮ ނަމަވެސް، ބައެއް ތަކެތި ލިބެން ހުރި ވަރު ވަނީ މަދުންނެވެ. މާރުކޭޓުގައި ލޮނުމެދު ކިލޯއެއް އުޅެނީ 75ރ. އާއި 100ރ. އާ ދެމެދުގެ އަގެއްގަ އެވެ. ކުނރުބާ އުޅެނީ 45ރ. އަށް ވުރެ މަތީގަ އެވެ. އަދި 2.5 ލިޓަރުގެ ފުޅިއެއްގައި ކުރުނބާ އުޅެނީ 150ރ. އާއި 180ރ. އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބޭ..
26 March 2025
ހީވާ ކަހަލަ ގޮޅިއެއް ހިންގަންޏާ ރޯދަމަހު ދުވާލަކަށް ލައްކައެއް ލިބެންޖެހޭނެއޭ.
ހިތްހަލާކު
24 March 2025
މާރުކޭޓު ބޮއިކޮޓް ކުރަންވީ. އިއްޔެ ހަވީރު ކުރުނބާ ފެން ފޮދެއް ރޯދަ ވީއްލުމަށް ބޯލަންވެގެން ގޮސްގެން ގަންނަން ޖެހުނީ 90 ރުފިޔާއަށް ކުރުނބައެއް. މީދެން ތަންފުކެއް ބޮޑުވަރު. ދަނޑުވެރިންނަށް ފައިދާ ނުވާ ވާހަކަ ދައްކާނީ. އެވަރަކުން ފައިދާއެއް ނުވާނެއެއްނު. އެފަދައިން ބޮޑު އަގުގައި ވިއްކާ ދަނޑުވެރިން، ވިޔަފާރިވެރިންނަށް ދުވަހަކުވެސް ފައިދާއެއް ނުވުމަށް ދުޢާކުރަން.
މައިހޯ
24 March 2025
މިވާގޮތަކީ ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް މިހާރު ދަނޑުވެރިކަން ކުރަނީ ، މާލޭގައި އުޅޭ ގިނަމީހުންނަކީ އެކި ރައްރަށުގެ މީހުން ، ވީމާ އެމީހެއްގެ ރަށަކުން އާއިލާ އިން ރޯދައަށް މިއެއްޗެހި ފޮނުވާތީ މާރުކޭޓަށް ދާން ނުޖެހެނީ ،
އެނދިމަރިޔަނބު
24 March 2025
އަގު ބޮޑަސް، ހެވަސް، ނެތް ފައިސާއަކުން ނުގަނެވޭނެ. ކުރުނބާ އަގު ބޮޑުކުރީމަ ކަޅުސައި ބޯން ބަޖުބޫރު ވަނީ. ލެޓިއުސް އަގު ބޮޑުވީމާ ކޮޕީ ފަތް ކޮޅަކުން ފުއްދާލަން ޖެހެނީ.
ރަށު ތެރޭގައިވެސް ގޮޅިތައް
24 March 2025
ބަލަ މާލެތެރޭގައިވެސް ބައިވަރު ގޮޅިތައް މިހާރު އެބަހުރި. އަހަރުމެން ގެ ވައްޓަފާޅިއަކީ ކަންމަތިން ލިބެންޏާ ގަތުން. ކޮންމެހެން މާރުކޭޓަށް ނުގޮސް. އެހެންވީމަ ނޫސްވެރިންވެސް ހަމައެކަނި މާރުކޭޓު އެކަނި ބަލާފަ އަދި މިހެން މީހުން ނެތޭ ބުނެލިޔަސް ކަމަކު ނުދޭ. ތަންކޮޅެއް ހޮސލިސްޓިކްކޮށް ބަލާބަލަ.
ތިމާވެށި
23 March 2025
މިހާރު ތިޔައީ ލޯކަލް މާރުކޭޓް އެއް ނޫނެވެ. ބިދޭސީންގެ މާރުކޭޓް އެވެ. ހުރިހާ ފައިސާ އެއް ރާއްޖެ އިން ބޭރަށެވެ. ދިވެއްސަކު ފެންނަނީ ހާލަކުންނެވެ. އެކަމު ބިދޭސީ މީހާ ގަވާއިދާ ހިލާފައް ވިޔަފާރި ކުރާ އިރުވެސް ފިޔަވަޅެއް ނޭޅެ އެވެ.
މަބުނީ
23 March 2025
ރޯދަމަހަަ ސްކޫލް ޗުއްޓީވީމަ އަތުގަ ރުފިޔާހުރީމަ އެއްމެން ޓިކެޓްނަގައިގެން ރަށަށް.
ހސވސވ
23 March 2025
ފެށުން އިރު 6މަހަށް ވާވަރަށް ދިވެހިން އަތުން ފައިދާ ލިބިފައިކަމަށް ބެލޭނީ. ޖެނުއަރީގައި އަގުތަށް ހުރީ މެކުހަށްޖަހައިފައި. ވަކިވަރަކަށްނު އަހަރެމެންނަށްވެސް ތަކެތި ގަނެވޭނީ. 30 40 އަށް ގަތްފިޔާތަށް އެހެރީއަދިވެސް. ދެން ހިލޭދިނަަސް ގަނެފައި ހުރިއެއްޗެހި ހުސަވީމައި އިތުރު ވިޔަފާރި ކުރެވޭނީ
ޒުލްޓީ
23 March 2025
ނާޖާއިޒް އަގުގަ އެއްޗެހި ވިއްކައިގެން ރޯދަމަހުން އެކަނި މިލިޔަނަރުނަށް ވާން އުޅޭ ދަހިވެތި ވިޔަފާރިވެރިންނަށް ރަނގަޅު ފިލާވަޅެއް. މާރުކޭޓު ގޮޅި ހިންގިޔަސް، ޓެކްސީ ކުރިޔަސް އެބަޖެހޭ ރައްޔިތުން ފެލައިގެން މިލިޔަނަރުންނަށް ވެވެން މި ގައުމުގަ!
ފޭހުނު އިލޮށި- ފެލާޓީމު
23 March 2025
މީ ހަބޭސް ކޮމެންޓެއް. ވ ނޭއްގާނީ ބައެއް އެއީ. އަބަދު ރުޅިއައިސް ޖެއްސުމަށް ވާހަކަ ދައްކާނީވެސް. އަދި އެންމެ ރަނގަޅު ކޮލިޓީގަ ހުންނަ އެއްޗެހި ވަކި ވަށިގަނޑުގަނޑަށް އަޅާފަ ހުންނާނީ. އަގު އެހީމަ ބުނާނެ އެއީ ސަޕްލައި އަށް ނަގާފައޭ. ދެން ދިވެހިންނަށް ވިއްކާނީ ދައްކޮލިޓީ. އެކަމަކު އަގު ހަމަ އެހާ ބޮޑުވާނެ. ޓެކްސީ ޑްރައިވަރުންނޭ އެެއްގޮތަށް " ފެލާ ޓީމު" ތީ. ވިޔަފާރި ނުވިއަސް ހަމްދަރުދީއެއް ނުވަން.
އަހައްމާ ދީދީ
23 March 2025
ތިތަންތަން ގޮނޑުކަމުންނާއި ބަންގލާ ބޭފުންނާއިގެން އެތަނުގައި ފިޔަވަަލެއްވެސް ކީއްކުރަން ނޭވާވެސް ނުލެވޭތީ ތިތަނަށް ނުދިއުން މާ ބޮލަށް ފަސޭހަ. މުޅި ބާޒާރުމަތި ފުރާފަ އެމީހުން. އެއްޗެއް ގަނެވޭވަރެއްނޫން. ގައުމެއްނެތޭ.