"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ދުންފަތާ ދުރު ޖީލުތަކަކަށް ސަރުކާރުން ކުރާ މަސައްކަތުގައި ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި. -- ފޮޓޯ| ރައީސް އޮފީސް
02 އެޕްރީލް 2025 - 14:07
އަލަށް ދުންފަތުގެ އިސްތިއުމާލް ކުރަން ފަށާ މީހުން އެކަމުން ދުރުކުރުމަށް "ޖެނަރޭޝަން ބޭން" އަކަށް ދިއުމަށް ތިން ހިޔާލެއް ގެންގުޅުއްވާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމާނީ ސިއްހީ ބޭފުޅުންނާއި ރައްޔިތުންގެ ލަފާގެ މަތިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ނަމުގައި ރައީސް އޮފީހުން ފެށި ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ޒުވާނުން ދުންފަތު ވަބާގައި ޖެހި، އެކަމުން ސަލާމަތްނުވެގެން އުޅޭ މަންޒަރު ފެންނަމުންދާ ކަމަށެވެ.
"ސަރުކާރުން ޒިންމާ އަދާކުރަންޖެހޭ. އެހެން ނޫނިއްޔާ ހަމަ އެހެން ގައުމުތަކުގައި ވެސް ވާހެން ރާއްޖޭގައި ވެސް މި ދަނީ ހަމަ ޒުވާން ކުދިން ސިނގިރޭޓުގެ ތެރެއަށް ގޮސް، ނޫނީ ދުންފަތުގެ އިސްތިއުމާލުގެ ތެރެއަށް ގޮސް އެއިން ސަލާމަތް ނުވެގެން އުޅެން ޖެހެނީ،" ރައީސް ވިދާޅުވި އެވެ.
އެއްގޮތަކީ، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިން، އަދި އުފަންވާނެ ހުރިހާ ކުދިން، އެ ކުދިން އުމުރުން ކުރިއަށް އޮތް ތަނުގައި ވެސް މި ހަމަ ހިމެނޭގޮތަށް، ސިނގިރޭޓާއި، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހެދުން އިނގޭތޯ. ދެވަނަ ގޮތަކީ، 2004 ވަނަ އަހަރުން ފެށިގެން، 2004ގެ ޖަނަވަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުކުރުން. -- ރައީސް
އެހެންވެ، 18 އަހަރުގައި ނުވަތަ ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމުގެ ކުރިން އެކަން ހުއްޓުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ރައީސް ވިދާޅުވީ ދުވަސްވީ މީހުންނަށް ވުރެ، ޒުވާން ކުދިން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ ހިސާބުން އެކަމުން ސަލާމަތްކުރަން އުޅެފި ނަމަ ފަސޭހަވާނެ ކަމަށެވެ.
"ފަށައިގެން މާގިނަ އަހަރުތަކެއް ނުވެ ތިބި ކުދިން، އެއިން ސަލާމަތްކުރަން، ހުއްޓުވަން ފަސޭހަވާނެއޭ. އާދަ އޭގައި ހިފާފައި ހުރިވަރު ކުޑަވާނެތާ. ކޮންމެ ގޮތަކުން ވިޔަސް، 40، 50 އަހަރުގެ މީހަކު އެކަމުން ދުރުވާން އުނދަގޫވާނެ. 20 އަހަރު 25 އަަހަރުގެ ޒުވާނަކާ ބަލާއިރުގައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދުންފަތުން ދުރުވުމާ ގުޅޭ ދިރާސާތައް ހަދައި ކެބިނެޓަށް ޕޭޕަރެއް ހުށަހެޅުމަށް ހެލްތު މިނިސްޓަރާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމުގައި ގޮތް ނިންމާނީ ވަރަށް ތަފްސީލުކޮށް ބައްލަވާފައި ކަމަށް ރައީސް ވިދާޅުވި އެވެ.
- ޖެނުއަރީ، 1، 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަންވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުން.
- 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން.
- 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުން.
"އެހެންވީމާ، އަޅުގަނޑު މި ހުށަހަޅަނީ ދެތިން ގޮތެއް. 2007 ވަނަ އަހަރުގެ ޖަނަވަރީ 1. 2004ގެ ޖަނަވަރީ 1. 2000 ވަނަ އަހަރުގެ ޖަނަވަރީ 1. މި ތިން ގޮތުން ކުރެ ކޮންމެވެސް އެއްގޮތަކަށް، އަޅުގަނޑުމެން ފަންނީ ލެވެލްގައި މަޝްވަރާކޮށްދަފއި މީގައި ހުރި އެކި ކަންތައްތަކަށް ބަލައި ހަދާފައި ގާނޫނެއް އުފައްދައިގެން މަނާކުރާގޮތަށޭ،" ރައީސް ވިދާޅުވި އެވެ.
އޭގެ ސަބަބުން އުމުރުން 18 އަހަރާއި 25 އަހަރުވެފައި ތިބި ކުދިންނާއި އޭގެ ދަށް އުމުރު ފުރާގެ ކުދިންނަށް ސިނގިރޭޓު މަނާވާނެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ އުމުރުފުރާގެ ކުދިންނަށް، އެ އުމުރުން މައްޗަށް ދިއުމުން ވެސް ސިނގިރޭޓާއި ދުންފަތް މަނާވާނެ އެވެ.
"ދެން މާނައަކީ ކުރިއަށް އޮތްތާ އެ އުމުރުފުރާގައި ވެސް ނުބޮވޭނެއޭ ސިނގިރޭޓެއް ނޫނީ ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭނެއޭ ގާނޫނުގެ ދަށުން،" ރައީސް ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ޒުވާން ޖީލު އެބަ ސަލާމަތްކުރެވޭ. މިހާރު އެއޮތީ ވޭޕް މަނާކޮށްފައި. ދެން ސިނގިރޭޓާއި، އެކި ކަހަލަ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޒުވާނުން ދުރުކުރުވުން އިނގޭތޯ. ދެން ތިބި ފަރާތްތަކުން ވެސް، އެކި އުމުރުފުރައިގެ ފަރާތްތަކުން ވެސް، އަޅުގަނޑު މި ހަމަ ބާރުއަޅަނީ، ސިނގިރޭޓް ބުއިމާއި، އެކި ކަހަލަ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން. އަގުބޮޑުކުރީ އެ މަގްސަދުގައި."
ރައީސް ވިދާޅުވި ގޮތުގައި މިއީ އެތައް ޖީލެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އެމަނިކުފާނު އަޅުއްވާ ފިޔަވަޅުތަކެކެވެ. މި ނިންމުމަށް ގިނަ ބައެއްގެ ތާއީދު އޮތް ކަން ފާހަގަކުރައްވައި ރައީސް އެދިވަޑައިގަތީ މިކަމުގައި އެންމެންގެ އެއްބާރުލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީރޫޓު
03 April 2025
ތިއަށްވުރެން މާ ރަނގަޅު ހަޔާތްގޮވަމުން ދުވާ މީހުން ގެ އަނަގައިން ސަލާމަތް ކުރުމަށް ޓިކްޓޮކު ބޭން ކުރީއްޔާ. ސިގިރޭޓު ޖެނެރޭޝަން ބޭން އަކަށް ފޮނުވައިގެން ބަޔަކު ކުރާކޮންމެ ކަމެއް ތިމާ ބޭނުންގޮތަކަށް އަނބުރުވަން ގާނޫނު ހަދައިން ގާނޫނުން ތެޅުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް
އަފާފް ސައީދު
03 April 2025
ޖީލުތައް ސަލާމަތްވާނީ މިހެން މިކަން ކޮށްގެން.
ޝައުކަތް
03 April 2025
އެހެން ސަރުކާރުތަކާ ހިލާފަށް މިސަރުކާރުން މިކަން ކުރަން މިއުޅޭ ގޮތް ރަނގަޅު. ސަލާމަތަށް ކުރާ ކަމެއްކަން މިދަނީ އެގި ހާމަވަމުން
އސްލަމް ވަހީދު
03 April 2025
ހެޔޮ ނިޔަތުގައި ރައީސް މިކަން ކުރަން އުޅޭކަން މިދަނި ފެންނަމުން.
ގައިމު
02 April 2025
ހުރިހާ ކަމެއްގައިވެސް މޮނިޓަރިންގ ނިޒާމު މިގައުމުގައި އޮތީ ފެއިލްވެފައި. ގާނޫނު ގައި ލިޔެވިދާނެ އެނޫން ކަމެއް ނުވާނެ.
ޙޮސައިން
02 April 2025
ސިއްހަތައް ގެއްލުންވާހެން ދިވެހިން ކުރާ ހަމައެކަނި ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުންބާ! ދުފުން މީ އަދި މާ ނުރައްކާ ކަމެއް، ހުއްޓުވަން ކޮންކަމެއްބާ ކުރީ، ކެމިކަލުން ފުރިފަހުރި ތަރުކާރީ ވިއްކަނީ، މިހެންގޮސް ކިޔާނެ ކަމެއް ނެތް، އެކަމު ހަމަ ޕަޓްސްލާފަ ސިގެރެޓް. މިދެން އަރަތެންނު
ޏަނާ
02 April 2025
ދުންފަތާ ޅަފުރައިގެ ޒުވާނުން ދުރުކުރުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަަވަޅަކީ ކަންމަތި ފިހާރަތަކާއި ކެފޭތަކުން ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކޮށް އެތެރެކުރާ ފަރާތުގެ އަތުން އައިޑީކާޑު ހިފައިގެން ދިޔުމުން ނޫނީ ސިނގިރޭޓް ވަކި ލިމިޓެއްގައި ނޫނީ ނުވިއްކުން! މިގޮތުން 2007 އިން ފެށިގެން އުފަންވާ އެއްވެސް މީހަކަށް ނުވިއްކުންވެސް ހިމެނޭ! އެހެން ރަށްރަށުން އާބާދީއަށް ބަލައި އެއް ފިހާރަ ނޫނީ ދެތިން ފިހާރައިން މި މަގުން މިކަން ވާނެ ގޮތް ހަދަންޖެހޭ!
raajje
02 April 2025
މިކަމުގައި އަޅުގަނޑުގެވަރަށްބައިވަރު ހިޔާލުތައްއެބަހުރި، ނަމަވެސްކޮމެންޓުކުރެވޭލިމިޓުމާމަދުވީމާ ހިޔާލުތައް ހާމަކުރެވޭގޮތެއްނުވޭ، ސިނގެރޭޓުބޯމީހުން ފުލެޓަށް އެޕުލައިކުރީމާ މާކުސްކަނޑާގޮތައްވެސް ހެދިދާނެ، ސިނގެރޭޓުބޯމީހުނަށް ލޯނުދިނުމުގައިވެސް އިތުރުގޮތްތަކެއް ހަދަންޖެހޭ އެއީ އެބައިމީހުން ސިނގެރޭޓުނުބޯ މީހުނަށްވުރެން އަވަހަށް މަރުވުމުގެ ޕުރޮބަބުލިޓީ ހައިވީމާ! މިކަހަލަ ލިމިޓުތަކާއެކު ހޭލުންތެރިކުރުމުގެ ޕުރޮގުރާމްތައްހިންގީމާ މައްސަލަހައްލުވާންފަށާނެ
ފަޅުމަސް
03 April 2025
ޕޮއިންޓު ދޭން ބަލާއިރު، ސިގިރޭޓު ބޯ މީހުންނަށް ދެނެގަންނާނީ ކިހިނެއް؟ މީހަރު މި އުޅެނީ އެއަށް ވުރެ ފާޅު ކަންކަމުގައިވެސް، ވަގު ލިޔުން ހަދަައިގެން ފްލެޓު ހޯދާ މީހުން ނޭނގިގެން..
އަލިބެ….
02 April 2025
ބަޖެޓު ފޫނުބެދި ބަޖެޓަށް ފައިސާ އިތުރުކުރުމުގެ މަޤަސަދުގައި ހުށައެޅި ސަޕްލިމެންޓްރީ ބަޖެޓަކުން ފެށުނު ކަމަކުން އާމްދަނީ ދައްވެ އަތައް ގޮވުމުން، ސިޔާސީ ފައިދާއަށް މިކަން ބޭނުންކުރެވިދާނެކަން ވިސްނި އަލުން މިކަން މި ފެށީ.
raajje
02 April 2025
ކުރިންބުނިހެން ހައްލަކީ ހަމަހޭލުންތެރިކަން އިތުރުކުރުން، ސިޔާސީވާހަކަދަށްކަން ބޭނުންވަރަކަށް މީޑިޔާގެ ވަގުތުތައްގަނެގެން ބޭނުންކުރެވޭ، ދުންފަތާދުރުވާންވީސަބަބުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މީޑިޔާތަކުން ކޮންމެދުވަހަކުވެސް ވަކިވަގުތެއްހާއްސަކުރަންޖެހޭގޮތަށް ގާނޫނުންހަމަޖެއްސިދާނެ، ދުވަސްފެށުމާ ނިންމުމުގައި ގައުމީސަލާމާ ވިދިގެން ދުންފަތުންލިބޭގެއްލުމާގުޅޭ މައުލޫމާތުކޮޅެއްފޮނުވިދާނެ، ޓިކްޓޮކް ޗެނަލެއްހިންގިދާނެ، ހައްލަތީހޭލުންތެރިކުރުވުން