ރައީސް މުއިއްޒު ޕޮޑްކާސްޓް ޝޯގައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
27 މާޗް 2025 - 15:31
އަލަށް ދުންފަތުގެ އިސްތިއުމާލް ކުރަން ފަށާ މީހުން އެކަމުން ދުރުކުރުމަށްޓަކައި، ވަކި އަހަރަށް ވުރެ ފަހުން އުފަންވާ މީހުން ދުންފަތް ބޭނުންކުރުން މަނާވާ ގޮތަށް "ޖެނެރޭޝަން ބޭން" އެއް ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހަމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ނަމުގައި ރައީސް އޮފީހުން ފެށި ޕޮޑްކާސްޓުގެ ފުރަތަމަ ޝޯގައި ރައީސް ވިދާޅުވީ އަލަށް ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާ މީހުން މަދުކޮށް، އެކަން ހުއްޓުވުމަށްޓަކައި "ޖެނެރޭޝަން ބޭން" ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެއީ ގިނަ ގައުމުތަކުގައި މިހާރު ވެސް އަޅަމުން އަންނަ ފިޔަވަޅުތަކެއް ކަމަށާއި ރާއްޖޭގައި އެ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ގޮތުގެ ތަފްސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެއް،" ރައީސް ވިދާޅުވި އެވެ.
"އަށާރަ އަހަރު ވެގެން ގޮސް އެކަމުގެ ތެރެއަށް ދާ ކުދިން އެ ކަމުން ދުރުކޮށްދީ، އެ ކުދިންގެ މުޅި ހަޔާތް ކުރިއަށް އޮތް ތަނުގައި އެކަމުން ސަލާމަތް ވެގެން ތިބެން ބާރު އެޅޭނެ ގޮތްތަކެއް އިރާދަކުރެއްވިޔާ އަޅުގަނޑު ހަމަޖައްސާނަން."
ސަރުކާރުގެ ވިސްނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުން ގެންދިއުންކަން ފާހަގަ ކުރައްވައި، އެ މަނިކުފާނު ވިދާޅުވީ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އަތްފޯރާ ފަށަށް ދަށްކުރުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ. އެކަން ކުރައްވާނެ ގޮތަކީ "ފުޑް ސެކިއުރިޓީ" ނިޒާމުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ. އަނެއް ގޮތަކީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ދިވެހިން އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް އެތެރެކޮށް އަގު ދަށްކުރުމެވެ.
"ޖެނެރޭޝަން ބޭން" އަކީ ވަކި އަހަރަށް ވުރެ ފަހުން އުފަންވާ މީހުން ދުންފަތުގެ އިސްތިއުމާލްކުރުން މަނާކޮށް އަދި އެފަދަ މީހުންނަށް ދުންފަތް ވިއްކުން މަނާ ކުރުމެވެ.
ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ވޭޕް ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު މަނާކުރި ފަހުން ވޭޕް މައްސަލަތަކުގައި ކުރި ޖޫރިމަނާގެ އަދަދު 160،500ރ. އަށްވުރެ ބޮޑުވެފައި އެވެ. ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފިނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ހިލޭ ވޭޕެއް ދީފިނަމަ 10،000ރ އަދި ވޭޕް ވިއްކައިފިނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
މީގެ އިތުރުން 21 އަހަރުނުވާ މީހަކަށް ވޭޕް ވިއްކައިފިނަމަ 50،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ވެސް ބޮޑުކޮށް، ދުންފަތް ގަނެވޭނެ ދަށް އުމުރަކީ 21 އަހަރު ކަމަށް ވެސް ވަނީ މިދިޔަ އަހަރު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާންޗޯ
30 March 2025
ސިގަރޭޓް ބުޔުމުވުރެން ނުބޮވެ ހުއްޓާލީމާ މާ އަރާމު، އަހަރެން މިހާރު 8 އަހަރު ވެއްޖެ ހުއްޓާލީ ތާ، އިންޝާالله ދެން ދުނިޔެ މަތީ ނުބޯނަން
މުހައްމަދު..
29 March 2025
ކަރުދާހުގައި ލިޔެވިދާނެ، ދެން ވެރިކަމަށް އަންނަަން ފައި ނަގާފައި ހުރި "އިސްމާއީލް" އަނެއްކޮޅަށް މިކަންޖަހާނެ ކަމަށް މިހާރުވެސް އެބަ ކިޔާ!
ނަފްސީ ނުވެބަލަ
28 March 2025
ކެންސަރު ބައްޔަކީ ރާއްޖޭގަ ވަރަށް އާއްމު ބައްޔަކަށް ވެފައިން ބައްޔެއް، މި ބަލީގެ ބޭސްފަރުވާއަށް އެކަނިވެސް ދައުލަތުން ބޮޑު ހަރަދެއް ކުރޭ. ވީމާ މިކަން ކޮންޓްރޯލް ކުރަން މަސައްކަތްކުރުން އެއީ ގައުމަށް ކޮށްދެވޭނެ ބޮޑު ކަމެއް ނޫންތޯ.
ބާސިތްް
28 March 2025
ދުންފަތަކީ ރާއްޖޭގަ ވަރަށް ނޯމަލައިޒް ވެފަ އިން ކަމެއް. މިކަން ހުއްޓުވުމަށް ކެރޭ ލީޑަރުން ނުކުމެ ނޫނީ ނުވާނެ. ރައީސް މުއިއްޒުއަށް ސެލިއުޓް.
ޝުއައިބްް
28 March 2025
އަހރެމެންގެ ޅަ ދަރިން މިއިން މިންޖުވޭތޯ އަބަދުމެ ދުއާކުރަމުން މިދަނީ. މިފަދަ ކަމެއް ރައީސް ކުރައްވާ ހަބަރު ލިބުން އިންތިހާ އުފާވި.
ވަސީމާ ލުތުފީ
28 March 2025
ޖެނެރޭޝަން ބޭންއެއް މުހިންމު. އިންތިހާއަށް މިކަން މިއޮތީ ބޮއްސުންލާފައި.
ޒާހިރާާ
28 March 2025
މި ރާއްޖޭގަ މިކަންތަށް މިނިމައިޒްކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ. ކިތަށް ކުއްލި މަރުތޯ އެހިނގަނީ. ކިތަށް ޒުވާނުންގެ ފުރާނަ ދިޔައިމަތޯ މިކަމަށް އިޖާބަދޭންވީ؟؟؟؟؟؟
އާމީން
28 March 2025
ޔާ ﷲ، އަޅަމެންގެ މައްޗަށް އަމްރު މައުރޫފު ހިންގުމަށް ވިސްނުންތޫނު ހިކުމަތްތެރި ވެރިއެއް މިންވަރު ކުރައްވާންދޭވެ.
މުހައިމިން.
28 March 2025
މިކަން ކުރަން ޖެހޭ. ކެންސަރު ބަލި އިންތިހާއަށް ގިނަވެއްޖެ. ދުންފަތާ ހެދި
ނޫހް އިބްރާހިމް
28 March 2025
ކުރަން ލަސްވެސްވެއްޖެ. މި ވަބާއިން ސަލާމަތް ކުރަން ޖެހޭ ގައުމު