ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތުގައި 18 އަހަރު ވުމުން ދުންފަތް ވިއްކޭނެ، އެކަމަކު ގާނޫނު އިސްލާހުކުރަނީ 21 އަހަރު ނުފުރޭ ނަމަ ދުންފަތް ވިއްކުން މަނާކުރަން.
ރައީސް، ކެބިނެޓު ބައްދަލުވުމުގައި: ޒުވާން ޖީލު ދުންފަތުގެ ވަބާއިން ސަލާމަތްކުރަން ސަރުކާރުން އިސްވެ އަންނަނީ ގިނަ ނިންމުންތަކެއް ނިންމަމުން. -- ފޮޓޯ | ރައީސް އޮފީސް
21 އޮކްޓޯބަރ 2024 - 23:29
ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅަން ގެންނަން ޖެހޭ އިސްލާހުތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށް ވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސިއްހަތަށް ގެއްލުންވާ ކަންކަމުން ޒުވާނުން ދުރުކުރުމަށް ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21…
— Dr Mohamed Muizzu (@MMuizzu) October 21, 2024
ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާވާނެ އެވެ. އަދި ވޭޕްކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރުކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާވާނެ އެވެ. މިކަމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް މި ހަފުތާ މަޖިލީހަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.
އަންނަ ނޮވެމްބަރު 1 އިން 15 ގެ ނިޔަލަށް ރާއްޖެ އަށް އެތެރެކުރާ ވޭޕުން ޑިއުޓީ ބޮޑުކުރުމަށް ވެސް ސަރުކާރުން މިއަދު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ އަންނަ މަހުން ފެށިގެން 3ރ. ރުފިޔާ އިން 8ރ. އަށް ބޮޑުކުރަން ހުށަހަޅަން ވެސް ވަނީ ނިންމައިފަ އެވެ. ވަކިވަކި ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީގައި ހިމެނޭ އެޑް ވެލޮރަމް ރޭޓް ވެސް 50 ޕަސެންޓުން 100 ޕަސެންޓަށް ވަނީ މަތިކޮށްފަ އެވެ.
އާއްމުކޮށް ސިނގިރޭޓް ފޮއްޓެއް މިހާރު ވިއްކަނީ 100-110ރ. އާ ދެމެދުގަ އަގެއްގަ އެވެ. ޑިއުޓީގެ ރޭޓުތަކަށް ގެންނަން ނިންމި ބޮޑު ބަދަލާ އެކު އެ އަގަށް 100 އެއްހާ ރުފިޔާ އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވަކިން ސިނގިރޭޓް ވިއްކުމަކީ މިހާރު ވެސް މަނާ ކަމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލު
22 October 2024
އަމަލު ނުކުރާ މޮނިޓަރ ނުކުރާ ޤާނޫނު ތިހުންނަނީ.... މީހުންގުނބޯހައްދަން އަދި މަތި އޮމާންކޮށް މާ އިހްލާތެރެ ބައެއްކަމަށް ދެއްކެންވެގެން ހަދާ ކަރުދާސް ޤާނޫނު
އާލިފް މުހައްމަދު
22 October 2024
މިކަން ކުރަން ލަސްވެސްވެއްޖެ.
ނީލަމް
22 October 2024
ދުންފަތުގެ ވަބާއިން ގައުމު ސަލާމަތް ކުރަން އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއް
މޫސާ ޔައިޝް
22 October 2024
ގައުމަށް ބޭނުންވަނީ މިކަހަލަ ވެރިން. ރައްޔިތުންގެ ހައްގުގައި ކަންކުރާނެ ވެރިން.
ހައޮތަމް
22 October 2024
މީ އަހަރުމެންގެ ދަރިންގެ ދަރިންގެ ހައްގުގައި ކުރި ވަރަށް ރަނގަޅު ކަމެއް.
ލިހާޒް މުހުސިން
22 October 2024
ސާބަހޭ ރައީސް
ކޮތަރޭ
22 October 2024
މިހާރުވެސް ވިއްކާމީހުން އެބަ ވިއްކާ ސްކޫލް ކުދިންނަށްވެސް. ފިހާރައިގެ ސޭޓަކަށް ހުރެފާނެ ގާތް ބިދޭސީއެއް، ނުވަތަ ކޮންމެވެސް ގޮތަކުން ގާތް މީހެއް، އެމީހުން މިހާރުވެސް ވިއްކާ ސްކޫލް ކުދިންނަށް. އަދި ކޮބާ؟ ރަމަޟާން މަހުގެ ރޯމާދުވާލުގައިވެސް ވިއްކާ.
މަނާރަތު މުނީރު
22 October 2024
މިތަނުގެ ފުލުހުންނާއި އަދި ޕަބްލިކް ހެލްތް މީ “ފަރުދީޒިންމާ” އާއި ވަރަށް ދޯޅަ ބައެއް! ތި ޤާނޫނު ތަންފީޒުކުރަނީ “ޖިންނީން” ތޯ؟
ނާނަކަޓާދޮންބެ
22 October 2024
ވޭޕާއި ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށް ރައީސް ތިޔައަޅުއްވާ ފިޔަވަޅުތައް ވަރަށް ރަގަޅު. އެކަމަކު ތިޔަގަވާއިދާއި ގާނޫނު ތަންފީޒު ކުރެވޭތޯ އަމަލު ކުރޭތޯ ބަލަން ތިބޭމީހުން ބޮލާފޮށާއެޅިފަ ތިބެގެން ކުރިއަށް ދެވޭނެބާ. މިހާރުވެސް އަށާރަ ނުފުރޭ ކުދިން\ ސިގިރޭޓު ގަނެގެން ކަންމަތީ ތިބެގެން އެބޮނީ. ފިހާރަތަކުން ވަކަވަކިން އެކަތިން ދޭތިންވެސް ވިއްކަނީ. މިކަން ބަލަންޖެހޭ. އަދި އަގަޔަށް އަޅާ ފާޑުފާޑުގެ ދުންފަތާއި ސްޕާރީވެސް އެބަޖެހޭ ގޮތަކަށް ބަލަން.
1818
22 October 2024
18 އަހަރު ނުވާ ކުއްޖަކު ސިގިރިޓް ބޮއެގެން މިއަދާ ހަމައަށް އެއްވެސް ފިޔަވަޅެއް ނާޅާ! މީ ކޯއްޗެއް ކިޔަވައިގެން ރާއްޖޭގައި ޤާނުނު ހަދާ ބައެއް؟ ތަރައްޤީ އަދި ތަހުޒީބުވެފައިހުރި ޤައުމުތަކުގެ ޤާނުނު ކޮޕީކުރިޔަސް ނުވާނެ! މި ޤާނޫނު ހަދާފައި ހުރި ޤައުމުތަކަކީ، މަސްތުވާތަކެތި އެތެރެކުރުމުން މަރުގެ އަދަބުދޭ އަދި ގާނޫނު ތަންފީޒުކުރަން ކެރޭ ގައުމުތަކެއް! ރާއްޖޭގެ ފުލުހުންނަކީ އަދި ޕަބްލިކް ހެލްތް އަކީ “ފަރުދީޒިންމާ” އާއި ވަރަށް ދޯޅަ ބައެއް!