ފިހާރައަކުން މީހަކު ދެ ސިނގިރޭޓު ގަންނަނީ. --- ހުސެއިން ވަހީދު/ މިހާރު
31 ޖެނުއަރީ 2019 - 18:36
އަންނަ މެއި 31 ވަނަ ދުވަހުން ފެށިގެން ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރުމަށާއި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުން އެކުލަވައިލި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދުގައިވާ ގޮތުން ގަވައިދުގެ މަގްސަދަކީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނާއި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ފުރުސަތު ބޮޑު މީހުންނަށް ލިބޭނެ ގެއްލުން އަންގައިދީ ދުންފަތް ގަނެ ވިއްކުމުގައި އެމީހުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ލާޒިމްކުރުމެވެ.
ގަވައިދުގައިވާ ގޮތުން ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަންގައި ދުންފަތުން ލިބޭ ގެއްލުންތަކުގެ ހަގީގަތް ހާމަވާ މަންޒަރު ނުވަތަ ފޮޓޯ ހިމެނޭ އިންޒާރުގެ ނޯޓިސް ޖެހުމުގައި އަމަލު ކުރާނެ ގޮތްތައް ކަނޑައަޅަން ޖެހެ އެވެ.
ދުންފަތުގެ އިސްތިއުމާލް ކުރަން އަލަށް ފަށާ މީހުންގެ އަދަދު މަދު ކުރުމަކީ ސަރުކާރުގެ ބޭނުމެކެވެ.
ގަވައިދުގައިވާ ގޮތުން ސިނގިރޭޓު ފޮށި ބަންދުކޮށްފައި ހުންނަން ޖެހޭނީ ކޮންމެ ފޮށްޓެއްގައި 20 ސިނގިރޭޓަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. ބިޑި ޕެކް ކޮށްފައި ހުންނަން ވާނީ ކޮންމެ ޕެކެޓެއްގައި 50 ބިޑި އަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. އަދި ބިޑި އުފެއްދުމަށް ބޭނުންވާ ގޮށި ހަދަން ވާނީ އެއްވެސް އެއްޗެއް ޗާޕްކޮށްފައި ނުވާ ނުވަތަ ލިޔެފައި ނުވާ ކަރުދާހެއްގައި ކަމަށް ގަވައިދުގައިވެ އެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު ރައީސް މިއަދު އިފްތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތުގެ އެހެން ބާވަތްތައް ޕެކެޓް ކުރަން ވާނީ ކޮންމެ ޕެކެޓެއްގެ ބަރުދަނުގައި މަދުވެގެން 30 ގްރާމް ހިމެނޭ ގޮތަށް ކަމަށް ވެސް ގަވައިދުގައިވެ އެވެ. މި ކަންކަމާ ހިލާފަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމާއި ވިއްކުމާއި ބަންދު ކުރުމަކީ ވެސް މަނާ ކަމެކެވެ.
ގަވައިދުގައި ބުނީ ދުންފަތުގެ އިސްތިއުމާލް ކުރަން ހިތްވަރު ލިބޭ ގޮތަށް ނުވަތަ އިޝްތިހާރު ވާނެ ގޮތަށް ދުންފަތުގެ ބާވަތްތަކުގައި ލޭބަލް ޖަހައިގެން ނުވާނެ ކަމަށެވެ. އަދި ދުންފަތުގެ އެއްވެސް ބާވަތެއްގައި ހަގީގަތް އޮޅޭ ގޮތަށް ލޭބަލްކޮށްގެން ނުވާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.
ދުންފަތުގެ ބާވަތްތަކުގައި އިންޒާރުގެ މެސެޖްތަކާއި ފޮޓޯ ޖަހާފައި ހުންނަން ވާނީ ފަސޭހަ އިން ފެންނަން ވާނެ ގޮތަކަށް ކަމަށާއި އިންޒާރުގެ މެސެޖާއި ފޮޓޯ މަތީގައި އެހެން ނަމެއް، ނުވަތަ ލޯގޯއެއް ނުވަތަ ކުރެހުމެއް ނުވަތަ ލިޔުން ފަދަ އެއްޗެއް ހުރެގެން ނުވާނެ ކަމަށް ގަވައިދުގައިވެ އެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ބައެއް އިސްބޭފުޅުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއު ކުރި ގަވައިދުގައިވާ ގޮތުން، އެ ގަވައިދުގައި ހުރި ކަންކަމާ ހިލާފުވާ ނަމަ، އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5000ރ.، ތިން ވަނަ ފަހަރަށް، 10،000ރ. އަދި ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.
ގަވައިދުގައި ވަނީ ޖޫރިމަނާގެ އިތުރުން ދުންފަތް މުއާމަލާތް ކުރުމަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމާއި ހުއްދަ ބާތިލް ކުރުމާއި ހުއްދައިގައި ހިމެނޭ ވަކިވަކި ކަންކަން ހިފެހެއްޓުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، މައްސަލަ ކޯޓަށް ހުށަހެޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯދު
19 May 2019
ނުވާނެ ތިކަމެއް ކާކު ތިކަން ބަލަނީ މަގުމަތީގަ ގުއިރޯނު ދެމީމަ ނިކަމެތި ރައްއިތު މީހާ ޖެހެނީ ..މިހާރުވެސް ގާނޫނާ ގަވައިދު ނެތީމަތަ ސިގިރޭޓޫ ބުއިން މަނާ ޖަހަފަ ހުންނަ އިންޒާރު ހުންނަތަންތާ ސިގިރޭޓޫ ބޮނީ
ފާޕަލޮލް
02 February 2019
ސިގިރޭޓް މީ މިގައުމުގެ ބޮޑު ހަލާކު!!
މިބޭބެ
02 February 2019
އެކީއްވެ. މީހުން ސިނގިރޭޓު ބޯލެއް މަދީތަ؟
އަދީބު
02 February 2019
ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް އުފައްދަން ޤާނޫނާއި ޤަވާއިދު. ލޮލް. ބިޑި ބޮނޑިއެއްގައި 50 އަށް ވުރެ މަދުވެގެން ނުވާނެޔޯ. ލޮލް. ބަލަ. މަސްތުވާތަކެތި މަނާ އުސޫލުން، ބިޑި ވެސް އުފެއްދުން މަނާ ކަމުގައި ހަދާބަލަ. އުފައްދަނިކޮށް ފެނިއްޖެނަމަ އަދަބު ދީބަލަ. އަދިވެސް އުފައްދާ މީހުންނަށް ހިތްވަރު ދެވޭތޯ. ތީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދިވެހިންނަށް ކުރާ ޖެއްސުމެއްތަ؟
އިޙްސާސް
02 February 2019
ދުންފަތުގެ ބާވަތްތައް މިޤައުމަށް އެތެރެކުރުންވެސް މަނާ ކުރަންވީ. އިންޒާރުގެ ނޯޓުކޮޅު އިނުމަކުން މިހާރު އުޅޭ މީހުންނަކަށް އަސަރެއް ނުކުރާނެ. އަސަރުކުރާނަމަ ގައިމު ބާރު ސްޕީޑުގައި ވެހިކަލްވެސް ނުދުއްވީސް..
ބައްތެލި
02 February 2019
ސިގިރޭޓަށް ގާނޫނު ހަދަނީކީ ކޮންމެހެން މީހުން ހުއްޓާތޯ އެއް ނޫން ވިއްޔަ. ލާރި ގިނައިން ވައްދަން. ކޮން ބޭކާރު ވާހަކަ ތަކެއް ދައްކާކައްތަ. ހުއްޓުވަންޔާ އެތެރެކުރުން ހުއްޓުވާ
ޙިނި
02 February 2019
ކެފޭ ތަކ ޕަބްލިކްގަ ސިންގިރޭޓު ބުއިން މަނާކުރަންވީ
އައްޑެ
02 February 2019
ސިނގިރޭޓް ކޭސް ވިއްކަން ވީ. އޭރުން ވިޔަފާރި ކުރިޔަށްދާނީ.
ނޫސް ބަލާމީހާ
02 February 2019
ވަކި ސިގިރޭޓްނުވިްކީމާ ލިބޭފއިދާއަކީ މުސަތަޤްބލަށް ވަރަށް ރަނގަޅުކަމެއް.އާންމުކޮށް ސގިރެޓް ބޯމީހުން ގަންނާނީ ފޮށި ހުރިގޮތަށް. ވަކިން ސިގިރެޓް ގަންނމީހުންނަކީ ތަނވަސްކަން ކުޑަމީހުންނާ ކުޑަކުދިން. ކުޑަކުދިންނަށް ހަދިޔާއަކަށް ލިބޭ ކުޑަލާރިކޮޅަކަށް ސިގިރޭޓެއް ނުގަނެވޭނެ. ސިގިރެޓްބޯ ކުޑަކުދިންނކީ ލާރިއެއް ލިބޭއިރަށް ވިއްކާން ބޭނުންވާބައެއް. ސިގިރޭޓެއް ގަނެލައިގެން ބޯބައެއް.
އޮސްކާ
02 February 2019
މިއީ ވަރަށް ތަންދޮރުނޭނގޭ ބަޔެއް ހެދި ގަވައިދެއް. ހުއްޓާލަން ބޭނުންވާ މީހުން މަދުން ސިނގިރޭޓު ބޯންވެގެން ވަކި ވަކިން ގަނޭ، އުމުރުން ހަނގުކުދިންވެސް ގަންނަނީ ގިނައިން ވަކިން. ވަކިން ގަތީމާ އަގުވެސް ބޮޑު ވެފައި އަބަދު އަބަދު ގަނެގެން ބޯންވެސް އުނދަގުވީމާ، ބޮވޭލެ މަދުވޭ. މިހާރު ސީދާ ފޮއްޓެއް ގަންނަންޖެހުނީމާ، ގިނައިން އަތުގައި ހުރެފައި، ގިނައިން ބޮވޭނެ. އޮލްޓެނޭޓިވްއެއް ނެތި މިކަން ކިހިއްނެތް ތަންފީޒުކުރާނީ ކިހިއްނެތް؟