ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

15 ފަހަރު ބަލައިފިން، އެއީ ޕެނަލްޓީއެއް ނޫން: އާޓެޓާ

06 އެޕްރީލް 2025 - 09:26

1 comments

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އިން އާސެނަލްއާ 1-1 އިން އެއްވަރު ކުރި ޕެނަލްޓީއާ ގުޅިގެން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ނުރުހުން ފާޅުކޮށްފި އެވެ.

ލިވަޕޫލް ނިސްބަތްވާ މާސީސައިޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އަށް ލީޑު ނަގައިދިނީ ލިއަންޑްރޯ ޓްރޮސާޑް އެވެ. އެވަޓަން އަށް އެއްވަރު ކޮށްދިނީ ދެ ވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން އިލިމަން އެންޑިއާޔޭ އެވެ.

ރެފްރީ ޑެރެން އިންގްލެންޑް އެވަޓަން އަށް ޕެނަލްޓީ ދިނީ ޑިފެންޑަރު މައިލްސް ލެވިސް ސްކެލީ، އޭރިއާ ތެރެއިން އެވަޓަންގެ ޖެކް ހެރިސަން ގައިމައްޗަށް ވެއްޓިގަތް ކަމަށް ބަލައިފަ އެވެ. ވީއޭއާރުން ވެސް ނިންމީ ފައުލެއް ކަަމަށެވެ.

"އަހަރެން މިހުރީ 100 ޕަސެންޓް ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި. އަހަރެމެން ވަރަށް ބޮޑަށް މެޗު ކޮންޓްރޯލް ކޮށްގެން ތިބީ، ދެ ވަނަ ހާފުގައި ވެސް އެ ގޮތުގައި ކުރިޔަށް ދާން ތިއްބައި ރެފްރީ ނިންމައިފި އިދިކޮޅަށް ޕެނަލްޓީއެއް ދޭން،" ހިތްހަމަ ނުޖެހިފައި ހުރި އާޓެޓާ ބުންޏެވެ.

"އަހަރެން 15 ފަހަރު ބަލައިފިން، އަހަރެން ނުދެކެން އެއީ ޕެނަލްޓީއެއް ކަމަކަށް."

މި މެޗުގެ ކުރިން، ލީގުގައި ބާކީ އަށް މެޗު އޮއްވައި އެއް ވަނައިގައި އޮތް ލިވަޕޫލާއި ދެވަނައިގައި އޮތް އާސެނަލް އާ ދެމެދު 12 ޕޮއިންޓްގެ ފަރަގެއް އޮތެވެ. ނަމަވެސް އެވަޓަން އަތުން މޮޅު ނުވެވުމުން، ލިވަޕޫލަށް ވަނީ އެއް ވަނައިގައި ލީޑު ފުޅާ ކުރަން ފުރުސަތު ލިބިފަ އެވެ. ލިވަޕޫލް މިރޭ ރަށުން ބޭރުގައި ފުލަމްއާ ދެކޮޅަށް ނުކުންނާނެ އެވެ.

މިވަގުތު ލީގުގެ ތާވަލްގައި ލިވަޕޫލް އެއް ވަނައިގައި އޮތީ 30 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އާސެނަލް އަށް ވަނީ 31 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ.

ތިން ވަނައިގައި އޮތް ނޮޓްނަމް ފޮރެސްޓް ވަނީ ރޭ އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެފަ އެވެ. މޯގަން ރޮޖާސް އާއި ޑޮންޔެލް މޭލަން ވިލާ އަށް ލަނޑުތައް ޖަހައިދީފައި ވަނިކޮށް ފަހު ހާފުގައި ފޮރެސްޓްގެ ލަނޑު ޖަހައިދިނީ ގޮޓާ ސިލްވާ އެވެ.

ފޮރެސްޓަށް ވަނީ 31 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. ހަތަރުވަނައިގައި އޮތީ 30 މެޗުން 52 ޕޮއިންޓް ހޯދާފައިވާ ޗެލްސީ އެވެ. ޗެލްސީ މިރޭ ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭނެ އެވެ.

އެސްޓަން ވިލާ ވަނީ ފޮރެސްޓް ބަލިކޮށް، 31 މެޗުން 51 ޕޮއިންޓް ހޯދައިގެން ހަ ވަނައަށް ޖެހިލައިފަ އެވެ. ފަސް ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 51 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ސިޓީ އެވެ. ލީގުގެ 13 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ސިޓީ މިރޭ ނުކުންނާނެ އެވެ.

ލީގުގެ ގަދަ ހަތަރަކާ ދެން އެންމެ ވާދަކުރަނީ ދެ މެޗު މަދުން ކުޅެގެން ހަތް ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑެވެ. ނިއުކާސަލް އަށް ވަނީ 29 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ.

ވުލްވްސް ވަނީ ރޭ ފަހު ވަގުތު 2-1 އިން އިޕްސްވިޗް ޓައުން ބަލިކޮށް މި ސީޒަންގައި ރެލިގޭޝަނުން ސަލާމަތް ވެފަ އެވެ. ރޭގެ މޮޅާ އެކު ވުލްވްސް ވަނީ 31 މެޗުން 32 ޕޮއިންޓް ހަމަކޮށްފަ އެވެ. އިޕްސްވިޗް އޮތީ 20 ޕޮއިންޓާ އެކު 18 ވަނައިގަ އެވެ.

ރެލިގޭޝަން ޒޯނުގައި އޮތީ އިޕްސްވިޗްގެ އިތުރުން ލެސްޓާ ސިޓީ އަދި ފުލުގައި އޮތް ސައުތެމްޓަން އެވެ. ތިރީސް މެޗުން 10 ޕޮއިންޓް ލިބިފައިވާ ސައުތެމްޓަން މިރޭ ޓޮޓެންހަމް އަތުން ބަލިވެއްޖެ ނަމަ އެ ޓީމު ރެލިގޭޓް ވާނެ އެވެ.

މިދިޔަ ސީޒަނުގައި ޗެމްޕިއަންޝިޕްގެ ތަށީ އުފުލާލި ލެސްޓާ ސިޓީ އަށް 17 ޕޮއިންޓް ލިބިފައި ވާއިރު، އެ ޓީމު ވަނީ މިދިޔަ ސީޒަންގައި 19.4 މިލިއަން ޕައުންޑްގެ ގެއްލުމެއް ވެފައި ވާކަން ވެސް އިއުލާން ކޮށްފަ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުލޭ

06 April 2025

100 ފަހަރު ބެލިޔަސް ހެޔޮ. ލީގެއް ލިބެންނެތް މިފަހަރަކު. މައިތިރިވެގެން ހުރޭ. އެހެންނޫނީ ދެންކުރާނީ ދެތިން މެޗަށް ސަސްޕެންޑް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454