އައިޖީއެމްއެޗް.- ފޮޓޯ: މިހާރު
06 އެޕްރީލް 2025 - 11:29
އއ. ރަސްދޫގައި ފިހުނު ދެ މީހުންގެ ތެރެއިން ސަލާމަތްވި ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ހާދިސާގައި އަލިފާން ރޯވީ، ކުރިން ކައިވެނި ކޮށްގެން އުޅުނު ދެ ޒުވާނުންގެ ގައިގަ އެވެ.
އެ ހާދިސާގައި އެންމެ ބޮޑަށް އަނިޔާ ލިބުނު 31 އަހަރުގެ އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ މަރުވެފަ އެވެ. ފިރިހެން މީހާގެ ވެސް ގައިގެ ބޮޑުބައެއް ވަނީ ފިހިފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފިރިހެން މީހާއަށް އަދި ވެސް ފަރުވާ ދެނީ އައިސީޔޫގައި ކަމަށެވެ. އެކަމަކު، މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް ބުންޏަސް އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ފިހުނު ދެ މީހުންނަށް ފަރުވާ ދިނުމުގައި ލަފާ ދޭން މިދިޔަ މަހުގެ ފަހުކޮޅު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ. ޝައިލާޝް ވީ ރަނާދު ވެސް ރާއްޖެ އަ އެވެ.
އެ އާއިލާ އިން ވަނީ ފިރިހެން މީހާއަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ދިއުމަށް އާއްމުންގެ އެހީއަށް އެދިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެ ދެ މީހުންގެ ގައިގައި ރޯވެ ފިހުނަސް އެ މީހުން ތިބި ކޮޓަރީގައި މާބޮޑަށް އަލިފާނެއް ނުހިފަ އެވެ. ރޯވެފައި ވަނީ ކޮޓަރީގެ ދޮރު ފޮތިގަނޑެއްގައި އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަބު
06 April 2025
ދެމީހުން ދެމީހުންނަށް ގައިގައި ރޯކުރީބާ؟؟ އަވަސް ޝިފާއަކަށް އެދެން