07 އެޕްރީލް 2025 - 12:58
ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް އިނގިރޭސިވިލާތް ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އެގައުމުން ވަނީ 70،600 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ މާޗް މަހުގެ ނިޔަލަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް އައިސްފައިވަނީ 70،500 ޓޫރިސްޓުންނެވެ. އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާއިން ވަނީ 77،000 ޓޫރިސްޓުން އައިސްފަ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 670،000 ޓޫރިސްޓުން އައިސްފަ އެވެ. ވޭތުވެދިޔަ ތިން މަހު ވެސް، ކޮންމެ މަހަކު ދެ ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހަށް ވުރެ ގާތްގަނޑަކަށް ހަ ޕަސެންޓުގެ ކުރިއެރުމެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ވަނީ 630،000 ޓޫރިސްޓުން އައިސްފަ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ވެސް އިނގިރޭސިވިލާތް އޮތީ ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ތިން ވަނަ ގައުމުގެ ގޮތުގަ އެވެ. އެގައުމުން އަންނަ ޓޫރިސްޓުން އިތުރުވި އިރު އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ކެމްޕޭން ވަނީ ފަށާފަ އެވެ.
ކްލަބް ލިވަޕޫލްގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް އިޝްތިހާރު ކުރާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ޓޫރިސްޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް ސަރުކާރުން ބުންޏެވެ. އެ އެގްރީމެންޓްގެ ދަށުން ލިވަޕޫލްގެ ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި އެ ކްލަބްގެ އެކި ހަރަކާތްތަކުގައި ތިން އަހަރާއި ހަ މަސް ދުވަހަށް ރާއްޖެ ޕްރޮމޯޓު ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔާލީއަލީ
07 April 2025
ލަންކާގައި އޮތީ ޓުއަރިސްޓުން އައުމަށް ހިތްވަރު ދިނުމުގެ ގޮތުން އެރައިވަލް އަދި ޑިޕާޗާ ޓެކްސް އެކީގައި އުވާލާފަ، މި ރާއްޖެއަށް ގެސްޓުން އަންނަން ހިތަށް އަރުވަލިއަޔަސް 120 ޑޮލަރު ދައްކަން ޖެހޭ، ބަޖެޓު އެއަލައިންތަކެއް މިހާރު ޔޫރަޕުން ނާދޭ، ޓެކްސްތައް ކުޑަކޮށްގެން ނޫނީ މި ރާއްޖޭގެ ޓުއަރިޒަމް ކުރިއަކަށް ނުދާނެ
ލާރި ހަރަދު ކުރާނީ ލާރި ހުރި މީހުން
12 April 2025
ބޭނުމީ 120 ނުލިބެ ވަރުގެ ފަގީރުން މިތަނަށް އިތުރު ކުރާކަށް ނޫން
ްްްޝަޖޫ
07 April 2025
ޕޮއިންޓް ފޯމްއަށް ނުވަތަ ޓެބުލަރ ފޯމެޓަށް އެެއްޗެއް ހަދާލިނަމަ ދޭހަ ވުމަށް ހާދަ ފަސޭހަ ވާނެއޭ. ދެވަަނަ ޕެރެގްރާފް ތިއޮތީ ބޮޑު އޮޅުން ސުވާލިގަނޑެއްގަ.
މާހިރު
07 April 2025
މިދިޔަ ފެބްރުއަރީ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދުވަނީ އޭގެ ކުރީއަހަރަށްވުރެ %1.5 ދަށްވެފައެވެ. އަވަށްޓެރި ސްރީލަންކާއަށް ފަތުރުވެރިން އަންނަވަރު އުޅެނީ ރާއްޖެއަށްވުރެ މާކުރީގައެވެ. މާރޗް މަހުގެ ނިޔަލަށް ރާއްޖެއަށްވުރެ އިތުރަށް 90 ހާހެއްހާ ފަތުރުވެރިން ލަންކާއަށް ޒިޔާރަތްކޮށްފައި ވެއެވެ. އެހެންކަމުން މިއަހަރު ރާއްޖެއަށްވުރެ އެތައްގުނައެއް އިތުރަށް ލައްކާއަށް ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ބެލެވެއެވެ.