މުމްބާއީ އަށް 2008 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާގައި ތާޖް ހޮޓަލުގައި ރޯވެ ދުން އަރަނީ: އެ ހަމަލާގައި 166 މީހުން ވަނީ މަރުވެފައި. --ފޮޓޯ:އޭއެފްޕީ
10 އެޕްރީލް 2025 - 05:58
އިންޑިއާގެ މުމްބާއީގައި 2008 ވަނަ އަހަރު 166 މީހުން މަރާލި ހާދިސާ ރޭވުމުގައި އެހީތެރިވި ކަމަށް އިންޑިއާއިން ތުހުމަތުކުރާ މީހަކު އެމެރިކާއިން އިންޑިއާއާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ޕާކިސްތާނަށް އުފަން ކެނެޑާގެ ރައްޔިތެއް ކަމަށްވާ ތަހައްވުރު ހުސައިން ރަނާ، 64، ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވާއިރު، އޭނާ ބަލައި އިންޑިއާގެ ސެކިއުރިޓީ އޮފިޝަލުންގެ ޓީމެއް އެމެރިކާއަށް ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭނާ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވާ ޕާކިސްތާނުގެ ލަޝްކަރޭ ތައިބާ ޖަމާއަތުގެ މެމްބަރެއް ކަމަށާއި ހަމަލާތައް ރޭވުމުގައި އެހީތެރިކަން ފޯރުކޮށްދިން ކަމަށް އިންޑިއާ އިން ތުހުމަތު ކުރެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ރަނާ އަކީ "ދުނިޔޭގައި ތިބި އެންމެ ނުބައި މީހުންގެ ތެރޭގައި ހިމެނޭ" މީހެއް ކަމަށާއި އޭނާ އިންޑިއާއާ ހަވާލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އިތުރު ހަމަލާއެއްގައި ރޭވުމުގައި ދައުރެއް އަދާކުރި ކަމުގެ ކުށް ސާބިތުވެ އެމެރިކާގައި ހުކުމެއް ތަންފީޒުކުރަމުން ގެންދާ ރަނާ ވަނީ އެމެރިކާގައި އޭނާ ބެހެއްޓުމުގެ އަމުރަކަށް އެދި އެމެރިކާގެ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެން އިންކާރުކޮށްފަ އެވެ.
އިންޑިއާގެ ވިޔަފާރީގެ މަރުކަޒު ކަމަށްވާ މުމްބާއީގައި 2008 ވަނަ އަހަރު އެތައް ދުވަހެއް ވަންދެން އިމާރާތްތަކުގެ ތެރޭގައި މީހުން ރަހީނުކޮށް 10 މީހަކު ވެގެން އެތައް ބަޔަކު މެރި ޓެރަރިސްޓް ހަމަލާ އަކީ އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި ވާދަވެރި ޕާކިސްތާނުގެ އިންޓެލިޖެންސް އިދާރާގެ ބައެއް މީހުންނާއި ލަޝްކަރޭ ތާއިބާގެ އަމަލެކެވެ.
މުމްބާއީގައި ހަމަލާދޭންވީ ތަންތަން ފާހަގަކޮށްދިން ކަމަށުގެ ދައުވާއަށް އިއުތިރާފުވުމުން އެމެރިކާގެ ކޯޓަކުން 2013 ވަނަ އަހަރު 35 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި ޑޭވިޑް ކޯލްމަން ހެޑްލީ އަކީ ރަނާގެ އެކުވެރިއެއް ކަމަށާއި އޭނާއަށް ރަނާ އެހީވި ކަމަށް އިންޑިއާއިން ތުހުމަތުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމު
10 April 2025
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ރަނާ އަކީ "ދުނިޔޭގައި ތިބި އެންމެ ނުބައި މީހުންގެ ތެރޭގައި ހިމެނޭ" މީހެއް ކަމަށާއި..... ޓްރަމްޕް ކައިރީގައި އަހާލަންވީ އެ ނުބައި މީހުންގެ ތެރޭގައި ނަތަންޔާހޫއާއި އޭނައަށް ވާގިވެރިވާ މީހުން ހިމެނޭތޯ؟