ޓެކްސީވެ ޗާލީގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި އެމްއޭސީއެލް އާއި ބީޔޫސީޖީގެ އިސްވެރިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
11 އެޕްރީލް 2025 - 10:01
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.
އެއާޕޯޓުގައި އެންމެ ދުވަސްވީ އެއް އިންފްރާސްޓްރަކްޗާ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ހުޅުލޭ އައިލެންޑް ހޮޓަލުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ އެވެ. މިހާރު ޓެކްސީވޭގެ ގޮތުގައި ބޭނުންކުރާ އެ ތަނަކީ އެއާޕޯޓުގައި އެންމެ ފުރަތަމަ ބޭނުންކުރި ރަންވޭ އެވެ.
"ޓެކްސީވޭ ޗާލީ ރީބިލްޑް" ގެ ގޮތުގައި ފެށި އެ ޕްރޮޖެކްޓްގެ ދަށުން ރަންވޭ ޒަމާނީ ފެންވަރަކަށް ހަދާނެ އެވެ. އެ ރަންވޭގައި 3،200 މީޓަރު ހުންނަ އިރު، އެ ރަންވޭ ތަރައްގީ ކުރާނީ ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގަ އެވެ. އެ މަސައްކަތް ނިންމާލަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުގެ މެދުތެރެއަށެވެ.
އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތްތަކަށް މި ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ކަމަށެވެ.
އިއްޔެ އޮތް ރަސްމިއްޔާތުގައި އެމްއޭސީއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާ ވިދާޅުވި ގޮތުގައި ޓެކްސީވޭ ޗާލީގެ މަސައްކަތް ހަވާލުކުރި ބީޔޫސީޖީ ކުންފުންޏާ އެކު އެމްއޭސީއެލްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އެކި މަޝްރޫއުތައް ހިންގަމުން އަންނަތާ 10 އަހަރުވެއްޖެ އެވެ. އަދި އެ ކުންފުނިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކޯޑް-އެފް ރަންވޭ، ނޫވިލު ސީޕްލޭން ޓާމިނަލް، ވީއައިޕީ/ސީއައިޕީ ޓާމިނަލް، ކާގޯ ޓާމިނަލް އަދި ފިއުލް ފާމްގެ މަސައްކަތްކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
އަމަލީ މަސައްކަތް އިއްޔެ ފެށި ޓެކްސީވޭ-ޗާލީ އަކީ ކުރީގެ ރަންވޭ އަދި މިހާރު ޓެކްސީވޭ ގެ ގޮތުގައި ބޭނުންކުރާ ތަނެވެ. މި ޓެކްސީވޭއަށް ސުނާމީގައި ވަރަށް ބޮޑަށް ގެއްލުންވި އެވެ.
ޝަރީފް ވިދާޅުވީ އެ ތަނުގެ މަރާމާތުތައް އެކި ފަހަރުމަތިން ކުރިޔަސް ޓެކްސީވޭ އަލުން ހެދުމުގެ ބޭނުން ބޮޑުވެފައި އޮތް ކަމަށެވެ. އަދި އަލުން ބިނާކުރެވޭ ޓެކްސީވޭއަކީ އެމަޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ ތަނެއްކަން ފާހަގަ ކުރެއްވި އެވެ.
ޓެކްސީވޭގެ މަރާމާތު ކުރިއަށް ގެންދާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް(ބީޔޫސީޖީ)ގެ ޗެއާމަން ލީ ވެއިޑޮން އެ ރަސްމިއްޔާތުގައި ވިދާޅުވީ އެމްއޭސީއެލްއާ އެކު މަސައްކަތް ކުރި ދިހަ އަހަރު ތެރޭ ދެ ކުންފުނީގެ ގުޅުމަކީ ހަމައެކަނި ކޮންޓްރެކްޓަރަކާއި ކްލަޔަންޓަކަށް ވުރެ، އިތުބާރުބޮޑު ޕާޓްނާޝިޕަކަށް ވެފައިވާ ކަމަށެވެ. އަދި ބީޔޫސީޖީގެ ކޮންމެ ޕްރޮޖެކްޓެއް ވެސް ނިންމާފައި ވާނީ ވަރަށް ރަނގަޅު ފެންވަރުގައި ކަމަށާއި، އެ ޕްރޮޖެކްޓަށް ވެސް އެ ކުންފުނީގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުންގެ ޓީމެއް ނަގާފައިވާނެ ކަމަށް ވިދާޅުވި އެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި މި ޓެކްސީވޭ ނިމުމުން މިހާރަށް ވުރެ ރަނގަޅަށް މަތިންދާބޯޓާއި ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. އަދި އެ މަސައްކަތް ނިމުމުން ފްލައިޓް ޓާން އަރައުންޑް ވަގުތު މަދުކޮށް އޮޕަރޭޝަންސް ހަލުވި ވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
ޓެކްސީވޭ ޗާލީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކުރި އެންމެ ފުރަތަމަ ރަންވޭ އެވެ. އެ ރަންވޭ ވަނީ 1981 ވަނަ އަހަރު ވައިޑް ބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް ތަރައްގީކޮށްފަ އެވެ. އެއަށް ފަހު ރަންވޭ ދިގުކޮށް، އެތައް ފަހަރެއްގެ މަތިން ވަނީ މަރާމާތުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޖީބު
12 April 2025
އާ ޓާމިނަލް ގެ މަސައްކަތް މި އަހަރުވެސް ނުނިމޭނެ ކަމަށް އެބަ އަޑު އިވޭ. 150 އެއްހާ މިލިއަން ޑޮލަރު ހަމަނުޖެހޭތީ
ކޮރަލް
11 April 2025
ވ ގިނަ ލޯން ނަގާފަ ވާ ތަނެކެވެ. ވ ގިނަ ބަޔަކު މިލިއަނަރުން ނަށް ވެފަ ވާ ތަނެކެވެ. ހަދާ ނުނިމޭ ތަނެކެވެ. ކޮރަޕްޝަން އޮތް ތަނެކެވެ. މިނިވަން އޮޑިޓެއް ކޮށް ބަލާށެވެ.
ބަބްސް
11 April 2025
މިހުންނަނީ މުހިންމު ކަންކަން ...
ހުޅުލޭ ބޮޑު މީހާ
11 April 2025
ތިޔަ މަސައްކަތުގެ އަގަކީ ކޮބާ.....އަލައް ހެދި ފިއުލް ފާރމްގެ ބައެއް ހޮޅިތައް ހަލާކުވެ ތެޔޮ ލީކްވޭތަ؟
ޒޫމް
11 April 2025
ތިރަންވޭ އަކީ ފާއިތުވި ދިގު ޒަމާންޔަކުގަ ވަރަށްގިނަ މަރާމާތުތަކެއް ކޮށްފައިވާ ތަނެއް. ރަންވޭ އަޅާފައޮތް ބިންގަނޑުގެ ބާރު ދެރަކަމުން ރަންވޭގެ އެކިތަންތަނުން އަޑިއަށް ގަނބައިގެންގޮސް ބޯޓުތަކަށް ގެއްލުންވާތީ ބޯހޯލްކޮށްގެން އެތައް މީޓަރެއް އަޑިއަށް ކޮންކްރީޓްކޮށް ރަންވޭ ރީސާފަސް ކޮށްފައިވެސް ވޭ. ޓެކްސީވޭ ހަދާއިރު ދިގު މުއްދަތަކަށް ރަނގަޅު ފެންވަރެއްގަ އޮންނާނީ މިބުނި ޕޮއިންޓަށް ވިސްނައިގެން ތިތަން ހެދުމުން.
މހއމ
12 April 2025
އާދެ، ލައްބަ.
އޮނަރަބްލް އަފީފު ދީދީ
11 April 2025
ތިތަން ކިތަންމެވަރަކަށް ތަރައްޤީ ކުރިކަމަށްވިޔަސް ތިތަނަކީ ހުޅަނގު މޫސުމުގައި މަތިންދާ ބޯޓް ޖެއްސޭތަނެއް ނޫން. މާލޭސަރުކާރުން މިވާހަކަ އާންމު ނުކުރި ކަމަށްވިޔަސް ކޮންމެ އަހަރެއްގައި މޫސުން ގޯސްވުމުގެ ސަބަބުން ތިތަނުގައި ނުޖެއްސިގެން ސިލޯނަށް އެތައް ފުލައިޓެއް ޑައިވާޓް ކުރަން ޖެހޭ. ވިސްނާލާ މިވަރު ވާއިރުވެސް މާލޭސަރުކާރުން ބޭނުމެއްނުވޭ އޯލްޓަނޭޓިވް އެއަރޕޯޓެއްގެ ގޮތުގައި އައްޑޫ ގޭން އިންޓަރނޭޝަނަލް އެއަރޕޯޓް ހަދާ އެތަން ތަރައްޤީ ކުރާކަށް.
އަޅި އަލި
11 April 2025
އައްޑޫ ރަންވޭ ހަދާނީ އައްޑު ސިޓީ ކައުންސިލުން!
ކައުންސެލަރު..
11 April 2025
ވަރެއްވެފަދޯ ތިހުންނަނީ ބުރަދާ؟؟
ކަރާކި
12 April 2025
މިހަބަރާ އައްޑޫއާ ދެން ކޮން ގުޅުމެއް؟
މހއމ
12 April 2025
މާލޭ އެއަރޕޯޓް އެހަދަނީ މާލޭ ސިޓީ ކައުންސިލުން ދޯ؟ @އަޅި އަލި