ވިޔަފާރި / ކަސްޓަމްސް

ރޯދަމަހު އެއް ބިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކުރި

މިދިޔަ ރޯދަ މަހު ބާޒާރުމަތީ ފިހާރައެއްގެ ކައިރީގައި މީހަކު މަޑުކޮށްލައިގެން. --ފޮޓޯ: ނިޝާން އަލީ | މިހާރު

14 އެޕްރީލް 2025 - 18:26

މިދިޔަ ރޯދަމަހާ ދިމާވި މާޗު މަހު ރާއްޖެ އަށް އެތެރެކުރި ކާބޯތަކެތީގެ ބާވަތްތައް އިތުރުވިޔަސް، އޭގެ ކުރީ މަހާ އަޅާބަލާއިރު، ޖުމްލަ އިމްޕޯޓު ކުރި އަދަދު އެއްވަރެއްގައި ހުރި ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ އިދާރާ އިން މިއަދު އާންމުކުރި އިމްޕޯޓް، އެކްސްޕޯޓް ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކާބޯތަކެތި ރާއްޖެ އަށް ވަނީ އެތެރެކޮށްފަ އެވެ. އެއީ ބަނގުރަލާއި އޫރުމަސް އަދި ދުންފަތް ނުހިމަނައި، މިދިޔަ މަހު އެތެރެކުރި 968 މިލިއަނާ އަޅާބަލާއިރު، 88 މިލިއަން ރުފިޔާގެ މުދަލުގެ އިތުރުވުމެކެވެ.

ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހާއި އޭގެ ކުރީ މަހު ވެސް ތެލުގެ ބާވަތްތައް ހިމަނައިގެން، ޖުމްލަ އިމްޕޯޓް ހުރީ 4.4 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް ތެޔޮ ނުހިމަނައި، އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ ކުޑަކޮށް ދަށްވެފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު 3.6 ބިލިއަން ރުފިޔާގައި ހުރި އަދަދު މިދިޔަ މަހު ވަނީ 3.5 ބިލިއަން ރުފިޔާ އަށް ވެއްޓިފަ އެވެ.

ކަސްޓަމްސްގެ ހިސާބުތަކުން ފެންނަ ގޮތުގައި، މިދިޔަ މަހު ރާއްޖެ އަށް ވަނީ 867 މިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް އެތެރެކޮށްފަ އެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު، 105 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މިދިޔަ މަހު ވެސް އޭގެ ކުރީ މަހާ އެއްގޮތަށް، ތިން ވަނަ އަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ މެޝިނަރީ އާއި އިލެކްޓްރޯނިކް ސާމާނެވެ. މިދިޔަ މަހު 729 މިލިއަން ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ރާއްޖެ އަށް ވަނީ އެތެރެކޮށްފަ އެވެ.

ޖުމްލަ އިމްޕޯޓެކޭ އެއްފަދައިން، ރާއްޖެ އިން އެކްސްޕޯޓް ކުރި މުދަލުގެ އަގަށް ވެސް މިދިޔަ ދެ މަހު ބަދަލެއް އައިސްފައެއް ނުވެ އެވެ.

މިދިޔަ މަހު ރާއްޖެ އިން 204 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މަހުގެ ބާވަތްތަކެވެ.

ޖުމްލަ އިމްޕޯޓާއި އެކްސްޕޯޓް އެއްވަރެއްގައި ހުއްޓަސް، ފެބްރުއަރީ މަހާ އަޅާބަލާއިރު، ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ.

ކަސްޓަމްސް އަށް މިދިޔަ މަހު ލިބުނު 350 މިލިއަން ރުފިޔާގެ އާމްދަނީ އަކީ އޭގެ ކުރީ މަހު ލިބުނު ވަރަށް ވުރެ، 13 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެ އަށް އެތެރެކުރި މުދަލުގެ 30 ޕަސެންޓު ގެނެސްފައިވަނީ ޔޫއޭއީންނެވެ. އިންޑިއާ އިން 16 ޕަސެންޓު މުދާ އެތެރެކޮށްފައިވާއިރު ޗައިނާއިން 12 ޕަސެންޓުގެ މުދާ ގެނެސްފައިވެ އެވެ. އެތެރެކުރި މުދަލުގެ 8 ޕަސެންޓު ނިސްބަތްވަނީ ސިންގަޕޫރަށެވެ. ރާއްޖެ އިން އެކްސްޕޯޓުކުރާ މުދަލުގެ 58 ޕަސެންޓު ފޮނުވާފައިވަނީ ތައިލެންޑަށެވެ. އެ ލިސްޓުގެ ދެވަނައިގައި އޮތް އިނގިރޭސި ވިލާތަށް ބޭރުކޮށްފައިވަނީ 21 ޕަސެންޓުގެ މުދަލެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454