ޑޮލަރުތަކެއް މެޝިނަކުން ގުނަނީ. އިންޑިއާ މީހަކު ޒެމްބިއާއިން ދެ މިލިއަން ޑޮލަރު ބޭރުކުރަން އުޅެނިކޮށް ވަނީ ހައްޔަރުކޮށްފައި. -- ފޮޓޯ: މިހާރު
21 އެޕްރީލް 2025 - 06:03
އިންޑިއާ މީހަކު ޒެމްބިއާގެ މައި އެއާޕޯޓުން ދެ މިލިއަން ޑޮލަރުގެ ފައިސާ އާއި 500،000 ޑޮލަރުގެ އަގުހުރި ރަނާ އެކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
އުމުރުން 27 އަހަރުގެ މި މީހާ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށް ދާން އުޅެނިކޮށް އަތުލައިގަތީ ކެނެތު ކައުންޑާ އިންޓަނޭޝަނަލް އެއާޕޯޓުން ޑްރަގް އެންފޯސްމަންޓް ކޮމިޝަން (ޑީއީސީ) އިން މަލްޓި އެޖެންސީ ޓީމަކުން ކުރި މަސައްކަތަށް ފަހު ކަމަށެވެ.
އޭނާ ހުއްޓުވާފައިވަނީ 2،320،000 ޑޮލަރާއި ފަސް ލައްކަ ޑޮލަރުގެ އަގުހުރި ރަން ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ހަތް ދަޅާ އެކު ކަމަށް އެ އެޖެންސީން ބުންޏެވެ.
ޒެމްބިއާގެ މީޑިއާތަކުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ރަބަރު ބޭންޑު އަޅުވައި 100 ޑޮލަރުގެ ބަންޑެލިތައް ހަދައި އަޅާފައި ހުރީ ކަޅު ކޮތަޅުތަކަކަށެވެ. އަދި އެ ކޮތަޅުތައް ހުރީ އެހެން ފޮއްޓެއްގެ ތެރެއަށް ލައިފަ އެވެ.
"މި މައްސަލައިގެ ތަހުގީގު ކުރިއަށް އެބަދޭ،" ޑީއީސީ އިން ބުންޏެވެ. "އެކި ގައުމުތަކުގައި ތިބޭ މީހުން ގުޅިގެން، ރާވައިގެން ހިންގާ ޖަރީމާތަކުގައި އުޅޭ މީހުންނަށް ގާނޫނުގެ ދިގު އަތް ފޯރާނެ."
ޒެމްބިއާއިން 2023 ވަނަ އަހަރު ވަނީ މިސްރުގެ ފަސް މީހަކު ހަތިޔާރާއި 127 ކިލޯގެ ރަނާއި 5.7 މިލިއަން ޑޮލަރުގެ ފައިސާ މަތިންދާބޯޓެއްގައި ގެންދަން އުޅެނިކޮށް ވެސް ހައްޔަރުކޮށްފަ އެވެ.
ދެކުނު އެފްރިކާގެ މި ގައުމުގައި ކޮޕަ އާއި ރަން ފަދަ މިނަރަލްސްގެ ރިޒާވްތައް ގިނަ އެވެ. ނަމަވެސް އެގައުމުގެ އިގްތިސާދީ ހީނަރުކަމާ އެކު އޮތީ ފަގީރުކަން އާންމުވެފަ އެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި އެ ގައުމުގެ 60 ޕަސެންޓަށް ވުރެ ގިނަ މީހުން ދިރިއުޅެނީ ފަގީރުކަމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަ
21 April 2025
މިތަނަށް ތިފައިސާ ހިފާގެން އައިނަމަ ކަލޭ ވަޒީރަކަށްވާނެ