21 އެޕްރީލް 2025 - 10:44
ލިވަޕޫލް ރޭ 1-0 އިން ލެސްޓަ ސިޓީ ބަލިކުރި މެޗުގައި ގޯލު ޖެހި ވަގުތަކީ، ހާއްސަ ވަގުތުކޮޅެއް ކަމަށް ގޯލު ޖެހި ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ބުނެފި އެވެ.
މި މެޗުގެ 71 ވަނަ މިނިޓުގައި ކުޅެން އެރި އާނޯލްޑް ވަނީ ފަސް މިނިޓު ތެރޭ ގޯލު ޖަހައި ލިވަޕޫލް މޮޅު ކޮށްދީފަ އެވެ. އޭނާ ބުނީ އެ ގޯލަކީ އޭނާގެ ވާތު ފައިން ޖެހި ފުރަތަމަ ގޯލު ކަމަށާއި އަދި އެއީ އޭނާ ޖަހަން ބޭނުންވެފައި ހުރި ސްޓައިލުގެ ގޯލެއް ކަމަށެވެ.
މި ސީޒަނަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން ޓްރެންޓް އެއްބަސް ވެފައި ވާކަމަށް މީޑިއާގައި ހަބަރު ފެތުރިފައި އޮތް ނަމަވެސް، އެއާ ގުޅިގެން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް މެޗަށް ފަހު އޭނާ ވަނީ ބުނެފަ އެވެ.
"އަހަރެން ކުރިން ވެސް ބުނިހެން، އަހަރެންގެ ކޮންޓްރެކްޓްގެ ހާލަތާ ގުޅޭ ވާހަކައެއް ނުދައްކާނަން، އެއްވެސް ތަފްސީލެއް ދޭކަށް ނެތިން،" ލިވަޕޫލް ލީގު ހޯދުމަށް ފިޔަވަޅަކާ ގާތަށް ޖެހިލި މެޗަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން ޓްރެންޓް ބުންޏެވެ.
"އެކަމަކު މިކަހަލަ ދުވަސްތަކަކީ ހާއްސަ ދުވަސްތަކެއް. ގޯލު ޖެހުމާއި މޮޅުވެގެން ތަށި ހޯދާ ހިސާބަށް ދިޔުން އެއީ އެންމެ އުފާވާ ކަންކަން. ވެން ޑައިކް ބުނީ އެ ހިސާބުން ޖަހަން. އެ ވަގުތުކޮޅަކީ އަހަރެން މި ޖޯޒީ ލައިގެން އައި އެންމެ އުފާވެރި އެއް ވަގުތުކޮޅު. މި ދަނޑުގައި ގޯލުތަކެއް ޖަހައިފިން އެކަމަކު މިއީ ތަފާތު ހާލަތެއްގައި ޓީމު އޮއްވައި ޖެހުނު ގޯލެއް، ވަރަށް ޔަގީން މިއީ ވާތު ފައިން އަހަރެން ޖެހި ފުރަތަމަ ގޯލު. މިއީ އަހަރެން ޖަހަން ބޭނުވި ވައްތަރުގެ ގޯލެއް. އަހަރެމެން މޮޅުވުމާ ވަރަށް ގާތް ވެއްޖެ، ދެން ބޭނުމީ އެންމެ މޮޅެއް. ސަޕޯޓަރުންނާ އެކު މޮޅުވެވޭތީ ވަރަށް ހާއްސަ އިހުސާސެއް ކުރެވެނީ."
ލިވަޕޫލް ލީގުގެ އެއްވަނައިގައި އޮތީ 33 މެޗުން 79 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އާސެނަލް އަށް ވަނީ 66 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް ވަނީ ރޭ 4-0 އިން އިޕްސްވިޗް ޓައުން ބަލިކޮށްފަ އެވެ.
އާސެނަލް އަތުން ބަލިވެ 19 ވަނައިގައި އޮތް ލެސްޓަ ސިޓީ ރެލިގޭޓް ވެފައި ވާއިރު، 18 ވަނައިގައި އޮތް އިޕްސްވިޗް ވެސް ރެލިގޭޓް ވާނެކަން ވަނީ ގާތްގަނޑަކަށް ކަށަވަރު ވެފަ އެވެ.
ލީގުގައި ލިވަޕޫލް ދެން ނުކުންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށެވެ. އެ މެޗުން ތިން ޕޮއިންޓް ހޯދައިގެން، ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލަށް ލީގު ކަށަވަރު ވާނެ އެވެ. މިއީ ލިވަޕޫލް ޕްރިމިއާ ލީގު އުފުލާލާނޭ ދެވަނަ ފަހަރެވެ.
ލިވަޕޫލް ލީގު ކާމިޔާބު ކޮށްފި ނަމަ، އިނގިރޭސި އެއްވަނަ ޑިވިޝަންގެ ތަށި ޖުމްލަ 20 ފަހަރު ކާމިޔާބު ކޮށްގެން، މެންޗެސްޓާ ޔުނަައިޓެޑް އަތުގައި އޮތް ރެކޯޑާ ވެސް ލިވަޕޫލަށް އަރާ ހަމަ ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy